ކޮމްފޯޓް ޓްރެޕް އިފެކްޓް: ފަސޭހަކަމުގެ ދަންތުރައިގައި ދިވެހި މުޖުތަމައު ހަލާކުވަނީތޯ؟
މަސައްކަތެއް ނުކޮށް ފަސޭހައިން ކަންކަން ހާސިލުކުރުމުގެ އާދަ ނުވަތަ 'ކޮމްފޯޓް ޓްރެޕް' ގެ ސަބަބުން ދިވެހި ޒުވާނުންގެ އުފެއްދުންތެރިކަމާއި ހީވާގިކަން ދަނީ ގެއްލެމުން. ބާޒުތަކަކުން ކުރި ދިރާސާއަކުން މިސާލު ދައްކަމުން، ބުރަ މަސައްކަތް ކުރުމުގެ ބަދަލުގައި ފަސޭހަ ވަޒީފާތަކާއި ގޭމްބްލިންގް ފަދަ ކަންކަމަށް ދިވެހިން ހޭނުމަކީ ގައުމުގެ މުސްތަގުބަލަށް އޮތް ބޮޑު ނުރައްކަލެއް. އެހެންކަމުން، މި ނުރައްކާތެރި ވަބާއިން ސަލާމަތްވުމަށް އަލުން ހީވާގި މަސައްކަތްތެރި ބަޔަކަށް ވުމަށް ވަނީ އިލްތިމާސްކޮށްފައި


ކޮމްފޯޓް ޓްރެޕް އިފެކްޓް: ފަސޭހަކަމުގެ ދަންތުރައިގައި ދިވެހި މުޖުތަމައުގެ ގިނަ ބަޔަކު ވަނީ ޖެހިފައި. | ރާއްޖެއެމްވީ ގްރެފިކްސް
އިންސާނީ ފިތުރަތުގައި މަސައްކަތްތެރިކަމާއި ހީވާގިކަމާއި އަދި ގޮންޖެހުންތަކާ ކުރިމަތިލައިގެން ކުރިއަށްދިއުމުގެ ސިފަ ވެ އެވެ. ނަމަވެސް، މިއަދު ދިވެހި މުޖުތަމައަށް ބަލާއިރު، މި ދެންނެވި ސިފަތަކާ ދުރުވެ، 'ކޮމްފޯޓް ޓްރެޕް އިފެކްޓް' ނުވަތަ ފަސޭހަކަމުގެ ދަންތުރައެއްގައި ބަންދުވެ، ބަނދެވިފައިވާކަމުގެ ބިރުވެރި ރަނގަބީލު ދަނީ ޖަހަމުންނެވެ. މިއީ ހަމައެކަނި ނަފްސާނީ އިސްތިލާހެއް ނޫނެވެ. މިއީ މުޅި ގައުމުގެ އުފެއްދުންތެރިކަމާއި، ޒުވާނުންގެ ހަކަތަ ނައްތާލަމުންދާ ނުރައްކާތެރި ވަބާއެކެވެ.
ސައިންސްވެރިން ކުރި ދިރާސާއަކުން މިކަން ވަރަށް ސާފުކޮށް ހާމަވެ އެވެ. އުޑުމަތީގެ ރަސްގެފާނުގެ ގޮތުގައި ބުނާ، ބާރުގަދަ ބާޒުތަކެއް ވަކި ސަރަހައްދެއްގައި ބަންދުކޮށް، އެ އެއްޗެއްސަށް އެއްވެސް މަސައްކަތަކާ ނުލައި ފަސޭހައިން ކާންލިބޭނެ އިންތިޒާމު ހަމަޖެއްސި އެވެ. ބިންމަތިން ކުކުޅާއި ފިއޮއް ފަދަ ތަކެތި ފަސޭހައިން ލިބެން ފެށުމުން، ބާޒުތައް އުދުހުން ހުއްޓާލި އެވެ. ނަތީޖާއެއް ގޮތުން ބާޒުތައް ކަންނެތްވެ، އެ އެއްޗެހީގެ ފިޔަގަނޑު ބޯވެ، އުދުހުމުގެ ގާބިލުކަން ގެއްލިގެން ދިޔަ އެވެ.

ބާޒުތައް އުދުހުން ހުއްޓާލައި ފަސޭހަކަން އިހުތިޔާރު ކުރުމުން، އެ އެއްޗެހީގެ ފިޔަގަނޑު ބޯވެ، އުދުހުމުގެ ގާބިލުކަން ގެއްލިގެން ދިޔަ | ރާއްޖެއެމްވީ ގްރެފިކްސް
މި ދިރާސާގެ އެންމެ ހިތާމަވެރި ބަޔަކީ، އެ ސަރަހައްދުން ފަސޭހައިން ލިބެން ހުރި ކާނާ ހުސްވުމުން، އަމިއްލައަށް މަސައްކަތްކޮށްގެން ކާނާ ހޯދުމުގެ ހިތްވަރު ބާޒުތަކުގެ ކިބައިގައި ނެތުމެވެ. ނަތީޖާއަކަށްވީ، އުދުހިގެން ގޮސް ޝިކާރަކުރުމުގެ ބަދަލުގައި، ގިނަ ބާޒުތަކެއް ބަނޑަށް މަރުވުމެވެ. މިއީ 'ކޮމްފޯޓް ޓްރެޕް' އެވެ. ފަސޭހަ ކަމަށް ހޭނުމުން، އަމިއްލަ ފިތުރަތާއި ގާބިލުކަން ފަނާވެދާ ގޮތުގެ ދިރިހުރި މިސާލެކެވެ.
ކަންމިހެން އޮތް ނަމަވެސް މިއަދު މިރާއްޖެއިން މި ދަންތުރައިގެ އަސަރު ވަރަށް ބޮޑަށް ދަނީ ފެންނަމުންނެވެ. އިހުގެ ދިވެހިންނަކީ ފަތިހު ހޭލައިގެން މަސްދޯނިފަހަރަށް އަރައި، އެންދަމައި، ކަނޑުގެ ގަދަ ރާޅުތަކާ ހަނގުރާމަކޮށްގެން ރިޒުގު ހޯދި ހީވާގި ބައެކެވެ. ދަނޑުވެރިކަން ވެސް ދިވެހީން ކުރީ ހަމަ މި ބީދައިންނެވެ. ނަމަވެސް، މިއަދު ގިނަ މީހުން ޚާއްސަކޮށް ޒުވާނުން ބޭނުންވަނީ އެއްވެސް ބުރަ މަސައްކަތެއް ނުކޮށް، ފިނި ކޮޓަރީގައި ތިބެގެން ފަސޭހައިން ފައިސާ ހޯދާށެވެ. ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކަށް ވަދެ، ހަމައެކަނި 'ފިންގަރ ޖަހާލައިގެން' ނުވަތަ ވައިބަރ ގްރޫޕެއްގައި ހާޒިރީ މާކުކޮށްލައިގެން މުސާރަ ހޯދުމަކީ މިއަދު އާންމު ކަމަކަށް ވަނީ ވެފަ އެވެ.
މި ފަސޭހަކަމުގެ ތެރެއިން އުފެދިފައިވާ އަނެއް ނުރައްކަލަކީ އޮންލައިން ގޭމްބްލިންގް އާއި އެކި ކަހަލަ ގޭމްތަކުން ފައިސާ ހޯދަން އުޅުމެވެ. ގޭގައި އޮށޯވެލައިގެން އޮވެ، ފަސޭހައިން ފައިސާ ލިބޭނެ ކަމަށް ހީކޮށް، މިފަދަ ކަންކަމަށް ދެވިހިފުމުން، ހެނދުނު ހޭލައިގެން ވަޒީފާއަކަށް ދިއުމުގެ ޝައުގުވެރިކަން މުޅިން ގެއްލިގެން ދެ އެވެ. ބުރަ މަސައްކަތެއް ކުރާކަށް ބޭނުމެއް ނުވެ އެވެ. މިއީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމާއި، އިޖުތިމާއީ ޒިންމާދާރުކަން ނައްތާލާ ކަމެކެވެ.

ކޮމްފޯޓް ޓްރެޕް އިފެކްޓްގައި ގިނަ ބަޔަކު މިއަދު ވަނީ ޖެހިފައި. ގިނަ ދިވެހީން ބުރަ މަސައްކަތް ކުރަން ބޭނުންނުވޭ | ރާއްޖެއެމްވީ ގްރެފިކްސް
ހިނީގެ ހީވާގިކަން މިސާލެއްގެ ގޮތުގައި އަޅުގަނޑުމެން ކުޑައިރު ކިޔަވައިދިން ނަމަވެސް، މިއަދު އެ މިސާލުން އިބުރަތް ލިބިގަންނަ މީހުން މަދުކަން މިދަނީ ހާމަވަމުންނެވެ. ކޮމްފޯޓް ޓްރެޕް އިފެކްޓަކީ ދިވެހީންގެ މުސްތަގުބަލަށް އޮތް ބޮޑު ގޮން ޖެހުމަކަށްވާއިރު، ބަފަރޓައިމް ހޯދުން ފަދަ ކަންކަމުން ދުރިހެލިވާން ޖެހެ އެވެ. ފަސޭހަކަމާއި ކަންނެއްކަމަށް ހޭނުމަކީ ބާޒުތަކަށް ދިމާވި ފަދަ ހިތާމަވެރި ނިމުމަކަށް މަގުފަހިވާނެ ކަމެއްނުންތޯ އެވެ. މާދަމާ ސަރުކާރު ބަދަލުވެގެންދާއިރު، ފެނަކަ އާއި އަދިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ވަޒީފާ ހޯދައި، ބުރަ މަސައްކަތް ދޫކޮށްލި މީހުންގެ ވަޒީފާ ގެއްލި، މަގު މަތިވުމުގެ ވެސް ބިރު އެބައޮތް ނޫންތޯ އެވެ.
އެހެންކަމުން އަޅުގަނޑުމެންގެ ފިތުރީ ހީވާގިކަމާއި، ބުރަ މަސައްކަތްކުރުމުގެ ރޫހު އަލުން އާލާކުރަން ޖެހެ އެވެ. ގައުމެއް ކުރިއަރާނީ ހަމައެކަނި ފަސޭހަ ގޮތްތައް ހޯދައިގެންނެއް ނޫނެވެ. އެއީ ބުރަ މަސައްކަތާއި ދަލާއި، ހިތްވަރުން ހޯދާ އެއްޗެކެވެ. އެހެންކަމުން، މި ދަންތުރައިން ސަލާމަތްވެ، އަލުން ހީވާގި މަސައްކަތްތެރި ބަޔަކަށް ވުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭ ކަމެއްނޫންތޯ އެވެ.









