ރައީސް އޮފީހަށް ނޭގި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވިސް މުވައްޒަފުންނާއެކު ފޭކު އޮފީހެއް ނައިޖީރިއާގައި ހިންގީ ކިހިނެއް؟
ނައިޖީރިއާގެ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށް، ސިވިލް ސާވަންޓުން ލައިގެން ހިންގި "ފޭކް" އިދާރާއެއްގެ މައްސަލަ ފެންމަތިވެ، އެ ގައުމުގެ ސަރުކާރުގެ ނިޒާމުގެ ތެރޭގައި އޮތް ކޮރަޕްޝަނާ މެދު ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފައި. ރައީސްގެ ސޮއި ފޯޖުކޮށްގެން އުފެއްދި ކަމަށް ބުނާ މި އިދާރާއަށް ބަޖެޓާއި އޮފީސް ލިބިފައިވަނީ ސަރުކާރުގެ އިސް އޮފިޝަލުންތަކެއްގެ އެހީތެރިކަމާއެކު ކަމަށް ތުހުމަތުކުރެވޭއިރު، މި މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން.

ޕީއެފްއައިޕީސީގެ ޑިރެކްޓަރ ޖެނެރަލް، ޕްރިންސް އަދެނިޔީ އަދެޔެމީ މެތިއު | އިންސްޓަގްރާމް
ސިވިލް ސާވަންޓުން ލައިގެން ގައުމީ ބަޖެޓުން ޖާގަ ލިބިފައިވާ އިދާރާއެއްގެ ގޮތުގައި ފޭކް އިދާރާ އެއް ހިންގިދާނެ ބާވައެވެ؟ އެއީ މިދުވަސްކޮޅު ނައިޖީރިއާގައި ފެންމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލަ އެވެ.
2025 ވަނަ އަހަރުގެ ބޮޑު ބައެއްގައި، "ޕްރެޒިޑެންޝަލް ފޮރިން އިންޓަވެންޝަން ޕްރޮމޯޝަން ކައުންސިލް" (ޕީ.އެފް.އައި.ޕީ.ސީ) އަކީ ނައިޖީރިއާގެ ފެޑަރަލް ސަރުކާރުގެ އެހެން އިދާރާތަކާ އެއްވެސް ތަފާތެއް ހުރި ތަނެއް ނޫނެވެ.
އެ އިދާރާއަކީ އެފްރިކާގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ނައިޖީރިއާއަށް ބޭރުގެ އިންވެސްޓްމަންޓްތައް ޝައުގުވެރިކުރުވުމަށް އުފައްދާފައިވާ ބޮޑީއެއްގެ ގޮތުގައި ދައްކަމުން ދިޔައިރު، އެ ތަނުގެ އޮފީސް ހިންގަމުން ދިޔައީ އަބޫޖާގައި ހުންނަ ސަރުކާރުގެ މިނިސްޓްރީތައް ހިމެނޭ "ފެޑަރަލް ސެކްރެޓޭރިއަޓް" ކޮމްޕްލެކްސްގެ ތެރޭގަ އެވެ.
ސިވިލް ސާވިސްގެ ދާއިމީ މުވައްޒަފުން އެ ކައުންސިލަށް އައްޔަންކޮށްފައިވާއިރު، ސަރުކާރުގެ ރަސްމީ ޑޮމެއިން ".gov.ng" ބޭނުންކޮށްގެން ވެބްސައިޓެއް ވެސް ދިޔައީ ހިންގަމުންނެވެ. އަދި ސަރުކާރުން ވަޒީފާތަކަށް މީހުން ނެގުން ހުއްޓާލާފައި އޮތް ދަނޑިވަޅެއްގައި، 300 އަށްވުރެ ގިނަ މުވައްޒަފުން ނެގުމުގެ ހުއްދަ ވެސް އެ އިދާރާއަށް ލިބުނެވެ. މިހާރު އެ ވެބްސައިޓް ނަގާފައިވީ ނަމަވެސް، އެ ތަނުގެ އިންސްޓަގްރާމް އެކައުންޓް އަދިވެސް ފެންނަން އެބަހުއްޓެވެ.
އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ ހައިސިއްޔަތުން ޕްރިންސް އަދެނީއީ އަދެޔެމީ މެތިއު ވަނީ ކެބިނެޓް މިނިސްޓަރުންނާއި، މާލީ އިދާރާތަކުގެ އިސްވެރިންނާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ އެޖެންސީގެ ވެރިޔާގެ އިތުރުން ބޭރުގެ ޑިޕްލޮމެޓުންނާ ވެސް ބައްދަލުކުރައްވާފަ އެވެ. އަދި 2026 ވަނަ އަހަރުގެ ގައުމީ ބަޖެޓް ފާސްކުރިއިރު، އެ ކައުންސިލަށް 1.3 ބިލިއަން ނައިރާ (950,000 ޑޮލަރު ނުވަތަ 700,000 ޕައުންޑް) ކަނޑައަޅާފައި އޮތެވެ.
ނަމަވެސް، މިދިޔަ މަހު ސަރުކާރުން ކުއްލިއަކަށް ބުނީ އެއީ ހަދައިގެން އުޅޭ ފޭކު އިދާރާއެއް ކަމަށެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި، ޕީ.އެފް.އައި.ޕީ.ސީ އަކީ އެއްވެސް ގާނޫނަކުން، ރިޔާސީ ގަރާރަކުން ނުވަތަ ސަރުކާރުގެ އެއްވެސް ރަސްމީ ލިޔުމަކުން އުފައްދާފައިވާ ތަނެއް ނޫނެވެ.
އެ އިދާރާއަކީ ސައްހަ ތަނެއްގެ ގޮތުގައި ދެއްކުމަށް ބޭނުންކޮށްފައިވަނީ އޮޅުވާލައިގެން ހަދާފައިވާ އެންމެ ލިޔުމެއް ކަމަށް އޮފިޝަލުން ވިދާޅުވެ އެވެ. އެއީ ރައީސް ބޯލާ ޓިނޫބޫ، އެ ކައުންސިލްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އަދެޔެމީ އައްޔަންކުރެއްވި ކަމަށް ބުނާ ސިޓީއެކެވެ. ތަހުގީގު ކުރާ ފަރާތްތަކުން ބުނާ ގޮތުގައި އެ ސިޓީގައި ވަނީ ރައީސްގެ ޗީފް އޮފް ސްޓާފް ފެމީ ގްބަޖަބިއަމީލާގެ ސޮއި ފޯޖުކޮށްފަ އެވެ.
އަދެޔެމީ މި ތުހުމަތުތަކަށް އިންކާރު ކުރެ އެވެ.
އޭނާ ބުނާ ގޮތުގައި އެ ކައުންސިލަކީ 2024 ވަނަ އަހަރު ގާނޫނީ އިމުގެ ތެރެއިން އުފެއްދި ތަނެއް ކަމަށާއި، އޭނާ އައްޔަންކުރީ ވެސް ރަނގަޅަށެވެ. އަދި ސަރުކާރުގެ އިސް އޮފިޝަލުން އޭނާގެ ވަޒީފާ ކަށަވަރުކޮށްދިނުމަށް ރިޝްވަތަށް އެދުނު ކަމަށާއި، ފަހުން ކައުންސިލްގެ ފައިސާ އަތުލަން އުޅުނު ކަމަށް އޭނާ ތުހުމަތު ކުރި އެވެ. ރައީސް އޮފީހުން ވަނީ މި ވާހަކަތައް ދޮގުކޮށްފަ އެވެ.
ފުރާނައަށް ނުރައްކާވެދާނެތީ ފިލައިގެން އުޅުނު ނަމަވެސް، ފޯޖަރީއާއި ޝަޚުސު އޮޅުވާލުމުގެ ދައުވާތަކަށް ޖަވާބުދާރީވުމަށް މި މަހުގެ ފަހުކޮޅު ކޯޓަށް ހާޒިރުވާނެ ކަމަށް އަދެޔެމީ ވަނީ ބުނެފަ އެވެ. ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ނަމަވެސް، މި މައްސަލައަކީ ހަމައެކަނި އޮޅުވާލައިގެން އުފެއްދި ސިޓީއެއްގެ މައްސަލައަށްވުރެ ބޮޑު މައްސަލައަކަށް މިހާރު ވަނީ ވެފަ އެވެ.
ތަހުގީގު ކުރާ ފަރާތްތަކުން މިހާރު ބަލަމުންދަނީ އަދެޔެމީގެ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމަށް ނައިޖީރިއާގެ ދައުލަތުގެ ނިޒާމު ބޭނުންކޮށްފައިވާ މިންވަރާއި، އެކަމަށް ހުއްދަ ދިން އިސްވެރިންނަކީ ކޮބައިކަމެވެ.
ނައިޖީރިއާގައި ޕީ.އެފް.އައި.ޕީ.ސީ އިން ކުރި ފަދަ ކަމެއް ކުރުމަށްޓަކައި، އެ އިދާރާއަކީ ސަރުކާރުގެ އެންމެ ބާރުގަދަ އޮފީސްތަކުގެ ތެރެއިން ފާސްވެގެން އުފެދެންޖެހޭ ތަނެކެވެ. އޭގެ ތެރޭގައި ސަރުކާރުގެ އިސް އެޑްމިނިސްޓްރޭޓަރުގެ ގޮތުގައި ހުންނަވާ ސެކްރެޓަރީ ޓު ދަ ގަވަރްމަންޓް އޮފް ދަ ފެޑަރޭޝަނާއި، ސިވިލް ސާވިސްގެ ވެރިޔާއާއި، ދައުލަތުގެ އެކައުންޓްތައް ބަލަހައްޓަވާ އެކައުންޓެންޓް ޖެނެރަލާއި، ބަޖެޓް އޮފީހުގެ އިތުރުން، ޚަރަދުތައް ގާނޫނަކުން ފާސްކުރަންޖެހޭ ގާނޫނު ހަދާ މަޖިލިސް ހިމެނެ އެވެ.
ބަބަޗީރު ލަވާލް އަކީ މި ދެންނެވި ނިޒާމުގެ އެންމެ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ ކުރީގެ ރައީސް މުހައްމަދު ބުހާރީގެ ދައުރުގައި، އިދާރާތަކަށް ޖާގައާއި ދަރަޖަ ކަނޑައަޅާ އޮފީސް ކަމަށްވާ ސެކްރެޓަރީ ޓު ދަ ގަވަރްމަންޓް އޮފް ދަ ފެޑަރޭޝަންގެ މަގާމު އަދާކުރައްވާފަ އެވެ.
"އާންމު ނިޒާމެއްގެ ތެރެއިން އެ އޮފީހަށް ނޭނގި މިފަދަ ފޭކް އެޖެންސީއެއް ނުހިންގޭނެ،" އޭނާ ބީބީސީއަށް ކިޔައިދިނެވެ. "ބަޖެޓް އޮފީހަށް ނޭނގި އަމިއްލައަށް ބަޖެޓް ކޯޑެއް ނުހެދޭނެ. މީގައި ސަރުކާރުގެ އެތެރޭގެ އޮފިޝަލުންގެ ބައިވެރިވުން އޮންނާނެކަން ޔަގީން."
"މިފަދަ ކޮރަޕްޝަންގެ އަމަލުތަކަށް ސައްހަކަން ހޯދައިދޭނެ ބަޔަކު ނިޒާމުގެ ތެރޭގައި ތިބެންޖެހޭނެ އެވެ." އޭނާ ވިދާޅުވި އެވެ.
އޮލުސެއުން އޮނިގްބިންޑޭ ވެސް ގަބޫލުކުރަނީ މިފަދަ ގޮތަކަށެވެ.
އޭނާއަކީ ނައިޖީރިއާގެ ދައުލަތުގެ ކަންކަން ހާމަކަން ބޮޑު ގޮތެއްގައި ހުރޭތޯ ބަލާ "ބަޖްއިޓް" (BudgIT) ޖަމިއްޔާގެ ކޯ-ފައުންޑަރެވެ. އެ ޖަމިއްޔާއިން ފާހަގަކުރި ގޮތުގައި 2023، 2024 ނުވަތަ 2025 ވަނަ އަހަރުގެ ބަޖެޓުގައި ވެސް ޕީ.އެފް.އައި.ޕީ.ސީގެ ނަމެއް ނެތެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ބަޖެޓުގައި އެ އިދާރާގެ އަމިއްލަ ބަޖެޓް ކޯޑަކާއެކު ފެންމަތިވި އެވެ.
"މި އެޖެންސީ ބަޖެޓަށް އައީ ސަރުކާރުގެ އެގްޒެކެޓިވް ގޮފީގެ ތެރެއިން،" އޭނާ ވިދާޅުވި އެވެ. މީގެ މާނައަކީ އެއީ ގާނޫނު ހަދާ މަޖިލީހުން އައި ކަމެއް ނޫން ކަމާއި، ސީދާ ރައީސްގެ ފަރާތްޕުޅުން އައި ކަމެއް ކަމެވެ. "އެޖެންސީގެ ވެރިޔާއަށް އެކަނި މިކަމެއް ނުކުރެވޭނެ. މިއީ ސީދާ ރައީސް އޮފީހުން (ސްޓޭޓް ހައުސް) އައިސްފައިވާ ކަމެއް،" އޭނާ ބީބީސީ އަށް މައުލޫމާތު ދެމުން ވިދާޅުވި އެވެ.
އޮނިގްބިންޑޭ ވަނީ ސައްހަ އިދާރާއެއް އުފެދުމަށް ފުރިހަމަވާންޖެހޭ މަރުހަލާތައް ކިޔައިދީފަ އެވެ. އޭގެ ތެރޭގައި ފެޑަރަލް ސެކްރެޓޭރިއަޓުން އޮފީހެއް ލިބުމާއި، ސިވިލް ސާވިސްގެ ހުއްދަ ލިބުމާއި، ބަޖެޓް ކޯޑެއް އޮތުމާއި، ބޭންކް އެކައުންޓެއް ހުޅުވުމަށް ގިނަ ހުއްދަތަކެއް ހޯދުން ހިމެނެއެވެ. އެހެންކަމުން މިއީ ހަމައެކަނި "އޮޅުވާލައިގެން އުޅޭ އެކަކު" ކުރި ކަމެއް ކަމަށް ބުނާ ވާހަކަ ގަބޫލުނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ހުރިހާ މަރުހަލާއެއް ކަނޑަތުކޮށް ނިމޭއިރު، އެއީ ފޭކް ތަނެއް ކަމަށް ބުނުމަކީ ބުއްދި ގަބޫލުކުރާ ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ. "އޭނާއަށް ކޮންމެވެސް ބައެއްގެ އެހީތެރިކަން ލިބުނު. ސަރުކާރުން މިކަމުގައި ބައިވެރިވީ ކޮން ބައެއްކަން ތެދުބަހުން ހާމަކުރަންޖެހޭ."
ސަރުކާރުން މިކަމުގައި ދައްކާ ވާހަކަ ވެސް ވަނީ އެކި ފަހަރު އެކި ގޮތަށް ބަދަލުވެފަ އެވެ. ސަރުކާރުގެ ތަރުޖަމާނު ފުރަތަމަ ވިދާޅުވީ އަދެޔެމީ ވަނީ މަކަރާއި ހީލަތުން ނައިޖީރިއާގެ މަރުކަޒީ ބޭންކުގައި އެކައުންޓެއް ހުޅުވާފައި ކަމަށެވެ. ނަމަވެސް ފަހުން އެކައުންޓެންޓް ޖެނެރަލްގެ އޮފީހުން ބުނީ އެފަދަ އެކައުންޓެއް އެކްޓިވޭޓް ނުކުރާ ކަމަށާއި، ދައުލަތުގެ އެއްވެސް ފައިސާއެއް ދޫކޮށްފައި ނުވާނެ ކަމަށެވެ.
ދައުލަތުގެ ޚަޒާނާއިން ފައިސާ ބޭރު ނުވި ނަމަވެސް، މި ހާދިސާއިން ހާމަވަނީ ނައިޖީރިއާގައި ސަރުކާރުގެ އިދާރާއެއްގެ ސިފަ ޖައްސައިގެން ކަންކަން ކުރުން ފަސޭހަ ކަމެވެ. މިއީ ބޭރުގެ އިންވެސްޓަރުން ހޯދުމަށް މަސައްކަތް ކުރަމުންދާ ގައުމަކަށް ވާއިރު، މި ކައުންސިލަކީ ވެސް އެ މަގްސަދުގައި އުފެއްދި ތަނެއް ކަމަށް ވަނީ ދައްކާފަ އެވެ.
މި އިދާރާއަށް އޮފީހާއި، މުވައްޒަފުންނާއި، ބަޖެޓް ލައިނެއް ލިބުނީ ކިހިނެއްތޯ އާއި، މިނިވަން ތަހުގީގަކަށްވުރެ އެތެރޭގެ ތަހުގީގަކަށް އިސްކަންދެނީ ކީއްވެތޯ ބީބީސީން ރައީސް އޮފީހާ ސުވާލުކުރި އެވެ. ނަމަވެސް ރައީސްގެ ތަރުޖަމާނު ބަޔޯ އޮނަނޫގާ މި ސުވާލުތަކަށް ޖަވާބެއް ނުދެއްވާ ކަމަށް ބީބީސީ އިން ބުނެފައިވެ އެވެ.
ރައީސް ޓިނޫބޫ ވަނީ 30 ދުވަހުގެ ތެރޭގައި މިކަން ތަހުގީގުކޮށް ރިޕޯޓެއް ހުށަހެޅުމަށް ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަނަށް އަންގަވާފަ އެވެ. އޭގެ ތެރޭގައި މިކަމުގައި އެހީތެރިވި "ދައުލަތުގެ އެއްވެސް އޮފިޝަލެއްގެ ދައުރު" އޮތްތޯ ބެލުން ހިމެނެ އެވެ. ނަމަވެސް، މި ތަހުގީގަށް އަމުރުކުރެއްވިއިރު، އަދެޔެމީގެ މައްސަލައިގައި ހެކިވެރިއެއްގެ ގޮތުގައި ހިމެނޭ ގްބަޖަބިއަމީލާ އަށް "100 އިންސައްތަ އިތުބާރު" އޮތް ކަމަށް ރައީސް ވިދާޅުވުމުން ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އިދިކޮޅު ޕާޓީތަކާއި، އިސް ވަކީލުންނާއި، އެކްޓިވިސްޓުން ދަނީ މިނިވަން ޖުޑީޝަލް އިންކުއަރީއަކަށް ގޮވާލަމުންނެވެ.
ނައިޖީރިއާއަކީ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކަށް އާ ގައުމެއް ނޫނެވެ. ނަމަވެސް އާންމުކޮށް މިފަދަ މައްސަލަތައް ނިމެނީ ގިނަ ބައެއްގެ ނަންތައް ހާމަވެ، އެކަމަކު އެއްވެސް މީހަކަށް އަދަބެއް ނުލިބި އެވެ.
ޓިނޫބޫ 2023 ގައި ވެރިކަމާ ހަވާލުވެވަޑައިގަތީ އިސްލާހީ ބަދަލުތައް ގެންނާނެ ކަމުގެ ވައުދާއެކުގައެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި 7,000 އަށްވުރެ ގިނަ މީހުން ކުށްވެރިވެ، 500 ބިލިއަނަށްވުރެ ގިނަ ނައިރާ ހޯދާފައިވާ ކަމަށް ސަރުކާރުން ބުނެ އެވެ. ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ މިއީ ހަމައެކަނި އިންޓަނެޓް މެދުވެރިކޮށް މަކަރު ހަދާ ކުދިކުދި މީހުން ކަމަށާއި، ސިޔާސީ ގޮތުން ނުފޫޒުގަދަ މީހުންނާ ހަމައަށް ތަހުގީގު ނުދާ ކަމަށެވެ.
ޕީ.އެފް.އައި.ޕީ.ސީގެ މައްސަލަ ތަފާތުވަނީ ފައިސާގެ އަދަދަކުން ނޫނެވެ. އެއީ ކުރީގެ ބޮޑެތި ސްކޭމްތަކާ އަޅާބަލާއިރު ކުޑަ އަދަދެކެވެ. ނަމަވެސް މިކަން ކުރި ގޮތް ތަފާތެވެ. މިއީ ހަމައެކަނި ކޮންޓްރެކްޓަކުން ފައިސާ ކެއުމެއް ނޫނެވެ. މިއީ އެއްވެސް އަސާސެއް ނެތި ސަރުކާރުގެ މުޅި އޮފީއެއް އުފެއްދި މައްސަލައެކެވެ.
އޮނިގްބިންޑޭ ސިފަކުރާ ގޮތުގައި މިއީ "ބަޖެޓް ތައްޔާރުކުރުމުގެ ނިޒާމު ފުނޑުފުނޑުވެފައިވާ ކަމުގެ ނިޝާނެކެވެ." އޭނާ މިކަން ގުޅުވަނީ ސަރުކާރުގެ އިދާރާތައް އިންތިހާއަށް އިތުރުވަމުންދާ ދިއުމާ އެވެ. 2012 ވަނަ އަހަރުގެ ރިވިއުއަކުން ނައިޖީރިއާގެ އެޖެންސީތައް މަދުކުރަން ލަފާދީފައި އޮތް ނަމަވެސް، މިހާރު އެ އަދަދު ވަނީ ދެގުނަވެ، 1,200 އަށްވުރެ މައްޗަށް އަރާފަ އެވެ.
"މިއީ ދަރަނި ބޮޑު ގައުމެއްގައި ދައުލަތުގެ ވަސީލަތްތައް ބޭކާރުކުރުން،" އޭނާ ވިދާޅުވި އެވެ.
ތަހުގީގު ފުޅާވަމުން ގޮސް ފިލައިގެން އުޅޭ އަދެޔެމީ ހޯދުމަށް ފުލުހުން ވަނީ އޯޔޯ ސްޓޭޓްގައި ހުންނަ އޭނާގެ އާއިލީ ގެއަށް ގޮސް، އޭނާގެ އުމުރުން ދުވަސްވީ ބައްޕަ، ޗީފް އަދެތުންޖީ އަދެނީއީ ހިފަހައްޓާފަ އެވެ.
އަދެޔެމީ ޖުލައި 27 ވަނަ ދުވަހު އަބޫޖާގެ ކޯޓަށް ހާޒިރުވާން ޖެހޭއިރު، ގްބަޖަބިއަމީލާ އާއި އިތުރު 10 މީހަކު ވަނީ ދައުލަތުގެ ހެކިންގެ ގޮތުގައި ހިމަނާފަ އެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ ކޮމިޝަނުގެ ރިޕޯޓް ވެސް އޭގެ ފަހުން ލިބޭނެ ކަމަށް ބެލެވެ އެވެ.
މި ހުރިހާ ކަމެއްގެ ތެރެއިން ވެސް އޮތީ އެންމެ ސުވާލެކެވެ. އެއީ، ފޭކް އެޖެންސީއަކަށް އޮފީހާއި، މުވައްޒަފުންނާއި، ދައުލަތުގެ ފައިސާ ލިބުމަށް މަގުފަހިކޮށްދިން އޮފިޝަލުން ހޯދޭނެތޯ ނުވަތަ މި ހުރިހާ ކަމެއް ނިމިގެންދާނީ، އަދިވެސް ފިލައިގެން ހުރެ އޭނާގެ އިދާރާ އަކީ ސައްހަ ތަނެއް ކަމަށް ބުނަމުންދާ އެންމެ މީހެއްގެ ބޮލުގައި އަޅުވާފައިތޯ އެވެ؟
މަސްދަރު: ބީބީސީ




