ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތައް ތަހުގީގު ކުރުމަށް ފަންނީ މާހިރުންގެ ޓީމެއް ޔަމަނަށް ފޮނުވުމަށް އދ. އިން ނިންމައިފި އެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ޖަރީމާތަކުގެ ފުރިހަމަ ތަޙުގީގެއް ހިންގުމަށް އދ. އިން ނިންމާފައި ވަނީ، ސްވިޓްޒަލެންޑްގެ ޖެނީވާގައި ހުކުރު ދުވަހު ބޭއްވި އދ. ގެ އިންސާނީ ޙައްޤުތަކާ ބެހޭ ކައުންސިލްގެ ބައްދަލުވުމުގައި ފާސްކުރި ޤަރާރަކުންނެވެ.
މިޤަރާރުގެ ދަށުން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ކަމަށް ބުނާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާއި، ހަނގުރާމައިގެ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ޚިލާފް ކަންކަމުގެ ފުރިހަމަ ތަޙުގީގެއް ހިންގުމަށް، ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރުމުގެ ބައިނަލްއަޤްވާމީ އަދި ސަރަޙައްދީ މާހިރުންގެ މައްޗަށް ޤާބިލް ޓީމެއް ހަރަކާތްތެރިވާނެ އެވެ.
މިތަޙުޤީޤުގައި ތުހުމަތު ކުރެވޭ ޤާނޫނާ ޚިލާފް ޖަރީމާތަކާ ގުޅޭ ހެކި ހޯދައި، އެކަންކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކުރާނެ ކަމަށް އދ. ގެ މިޤަރާރުގައި ވެއެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރޭގައި ހަރަކާތްތެރިވި ފަރާތްތަކުގެ ތެރޭގައި ހުޅަނގުގެ ބާރުތަކާއި، ސައުދީ އަރަބިއްޔާގެ އިތުރުން އަރަބި ބައެއް ޤައުމުތައް ހިމެނެއެވެ.
ސައުދީން އިސްނަގައިގެން ހެދި ހުޅަނގު-އަރަބި އިއްތިޙާދުން ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަދެފައި ވަނީ، އެޤައުމުގެ އިދިކޮޅު ހޫޘީންނާ ދެކޮޅަށް ހަނގުރާމަކުރި ޔަމަނުގެ ސަރުކާރަށް ތާޢިދުކުރާ ފައުޖުތަކަށް އެހީތެރިވުމަށް ކަމަށް ބުނެ އެވެ.
މިހަނގުރާމާގައި ސައުދީ އާއި ގުޅިފައިވާ ފައުޖުތަކުން ޔަމަނުގެ ރައީސް އަބްދް-ރަބޫ މަންސޫރު ޙާދީގެ ފައުޖުތަކަށް މަދަދު ދިނުމަށް ކަމަށް ބުނެ ދިން ހަމަލާތައް، ސްކޫލްތަކާއި ބާޒާރުތައް އަދި ހަސްފަތާލުތަކަށާއި، އާއްމުންނަށް އަމާޒުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ޔަމަނުގެ ވެރިރަށް ސަންޢާ އާއި އެޤައުމުގެ އުތުރުގެ ބޮޑު ސަރަޙައްދެއްގެ ކޮންޓްރޯލް ހޯދާފައިވާ އެޤައުމުގެ ހޫޘީންގެ ހަނގުރާމަވެރި ފައުޖުތަކުން ވެސް ހަނގުރާމައިގެ ކުށްތަކަށް އަރައިގަނެފައިވާ ކަމަށް އދ. އިން ތުޙުމަތު ކުރެއެވެ.
އދ. ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، 2015ވަނަ އަހަރުގެ މާޗް މަހުގެ ފަހުން ޔަމަނުގެ ދާޚިލީ ހަނގުރާމާގައި ވަޔާއި އެއްގަމު މަގުން ދިން ހަމަލާތަކުގައި 8،000 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އޭގެ ތެރެއިން 60 އިންސައްތައަކީ އާއްމު ރައްޔިތުންނެވެ. މީގެ އިތުރުން މިހަނގުރާމައިގެ ތެރޭގައި 48،000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް އދ.ގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މީގެ އިތުރުން މިހަމަނުޖެހުންތަކާއި ގުޅިގެން 20 މިލިއަނަށް ވުރެ ގިނަ މީހުންނަށް އިންސާނީ އެހީތެރިކަމަށް ޖެހި، މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު އިންސާނީ ކާރިޡާ އަށް މެދުވެރިވެފައިވާ ކަމަށް އދ. އިން ބުނެއެވެ. މީގެ އިތުރުން ކުރިމަތިވި ކޮލެރާ ފެތުރުމުގެ ސަބަބުން ހަތް ލައްކަ އަށްވުރެ ގިނަ މީހުންނަށް އަސަރު ކޮށްފައިވާ ކަމަށް އދ. ގެ ހިސާބުތަކުން ދައްކައެވެ.
ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ މައްސަލަ އދ. އަށް ހުށަހަޅާފައި ވަނީ ޔޫރަޕްގެ އިއްތިޙާދު (އީޔޫ) އަށް ނިސްބަތްވާ ބައެއް ޤައުމުތަކާއި ކެނަޑާ އިންނެވެ. އެޤައުމުތަކުން ހުށަހެޅީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ޖަރީމާތައް ތަޙުޤީޤު ކުރުމަށް ރަސްމީ ހައިސިއްޔަތާއެކު އިންކުއަރީ ކޮމިޝަނެއް އެކުލަވާލުމަށެވެ.
އެހުށަހެޅުމަށް އެންމެ ބޮޑަށް ދެކޮޅު ހެދީ ސައުދީ އަރަބިއްޔާ އިންނެވެ. އެގޮތުން އީޔޫގެ ބައެއް ޤައުމުތަކާއި ކެނަޑާގެ ހުށަހެޅުމަށް ތާޢީދު ކުރާ ފަރާތްތަކާއެކު ވިޔަފާރީގެ ގުޅުން ކަނޑާލާނެ ކަމުގެ އިންޒާރު ވެސް ސައުދީން ދީފައި ވެއެވެ. މީގެ އިތުރުން މިމައްސަލާގައި ހުޅަނގުގެ ބޮޑެތި ބާރުތައް ކަމަށްވާ އެމެރިކާ، އިނގިރޭސިވިލާތް އަދި ފްރާންސް އިން ސައުދީ އަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައި ވެއެވެ. މިތިން ޤައުމަކީ ޔަމަނުގެ ދާޚިލީ ހަނގުރާމައިގެ ތެރެއަށް ވަނުމަށް، ހުޅަނގު-އަރަބި އިއްތިޙާދަށް މަދަދު ދީފައިވާ ޤައުމުތަކެވެ.
އެހުށަހެޅުމަށް ދެކޮޅު ހެދުމަށް ފަހު، އަރަބި ޤައުމުތަކުން ވަނީ ޔަމަނު ސަރުކާރުން އެކުލަވާލާފައިވާ ތަޙުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ހަނގުރާމައިގެ ޖަރީމާތަކުގެ ތަޙުޤީޤު ހިންގުމުގެ މާހިރުންގެ މައްޗަށް އެކުލެވޭ އދ.ގެ ޓީމެއް ފޮނުވުމަށް ހުށަހެޅިއެވެ.
އީޔޫގެ ބައެއް ޤައުމުތަކާއި ކެނަޑާގެ ހުށަހެޅުމަށް ވުރެ، ނިކަމެތި ހުށަހެޅުމެއް ފާސްކުރުމާ ގުޅިގެން އިންސާނީ ޙައްޤުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އދ.ގެ އިންސާނީ ޙައްޤުތަކާ ބެހޭ އިސްވެރިޔާ ޒައިދް ރަޢަދް އަލް ހުސެއިން ވެސް، އީޔޫގެ ބައެއް ޤައުމުތަކާއި ކެނަޑާ އިން ހުށަހެޅި ގޮތަށް އިންކުއަރީ ކޮމިޝަނެއް އެކުލަވާލުމަށް ކައުންސިލްގެ މެމްބަރުންގެ ކިބައިން އެދިވަޑައިގެންނެވި އެވެ. އޭނާގެ އޮފީހުން ވަނީ ޔަމަނު ސަރުކާރުން ކުރާ ތަޙުޤީޤުގެ މިނިވަންކަމާ މެދު ސުވާލު އުފައްދާފައެވެ.