އުރުދުންގެ އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިވެފައި: އީރާން
އީރާނުގެ އައްސޭރިފަށަށް އެމެރިކާއިން ދިން ހަމަލާތަކުގެ ރައްދުގައި، އުރުދުންގައި ހުރި އެމެރިކާގެ އަލް-އަޒްރަގް އެއާބޭސްއަށާއި ކޮމާންޑް ސެންޓަރަށް އީރާނުގެ އައި.އާރު.ޖީ.ސީ އިން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި އެމެރިކާގެ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު، އެމެރިކާއިން އިތުރު އުދުވާނެއް ހިންގައިފިނަމަ ސަރަހައްދުގައި ހުރި އެ ގައުމުގެ ހުރިހާ މަރުކަޒުތަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

އުރުދުންގައި އޮންނަ އެމެރިކާގެ އަލް އަޒްރަގް (މުވައްފަގް ސަލްތީ) ބޭސް. | ޕްރެސްޓީވީ
އީރާނުގެ ބިމަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ދެވަނަ ބުރުގައި، ހުޅަނގު އޭޝިއާގައި ހުންނަ އެމެރިކާގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރަކަށާއި އުރުދުންގައި އޮންނަ އަލް-އަޒްރަގް އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލުން ހަމަލާދީފައިވާ ކަމަށް އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އިން ބުނެފިއެވެ.
އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރު.ޖީ.ސީ) ގެ އެއަރޯސްޕޭސް ފޯސްއިން މި ހަމަލާތައް ދީފައިވަނީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު އެ ގައުމުގެ ގަޑިން 14:20 ގައެވެ. މި ހަމަލާތައް ދީފައިވަނީ ބަހްރޭނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަމާޒުފަތްތަކަށް ބުދަ އަދި ބުރާސްފަތި ދުވަހު އީރާނުން ދިން ފުރަތަމަ ރައްދު ހަމަލާތަކަށް ފަހު، މަދު ގަޑިއިރުތަކެއްގެ ތެރޭގަ އެވެ.
އައި.އާރު.ޖީ.ސީ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިދިކޮޅު ފަރާތްތަކުން އިތުރު ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި ދުޝްމަނުންގެ އެހެން މަރުކަޒުތަކަށް އީރާނުގެ ރައްދު ހަމަލާތައް ފުޅާކުރާނެ ކަމަށް ކުރިންވެސް އިންޒާރު ދީފައިވާނެ ކަމަށެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ކުޑަކުދިން މަރަމުންދާ އެމެރިކާގެ އަސްކަރިއްޔާއިން ހިންގަމުންދާ އުދުވާނާ ދެކޮޅަށް، ހަމަލާ ދިނުމުގެ ދެވަނަ މަރުހަލާގައި އެ އިންޒާރު މިހާރު އަމަލީ ގޮތުން ތަންފީޒުކޮށްފައިވާ ކަމަށެވެ.
އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި، ހުޅަނގު އޭޝިއާގައި ހުންނަ ދުޝްމަނުންގެ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރާއި، އުރުދުންގައި ހުންނަ އަލް-އަޒްރަގް އެއާބޭސްއަށް 10 ބެލިސްޓިކް މިސައިލް ފޮނުވާލައި، އެ ތަންތަން ވަނީ ސުންނާފަތިކޮށްލާފަ އެވެ.
އަލް-އަޒްރަގް އެއާބޭސްއަކީ އުރުދުންގައި އެމެރިކާ ސިފައިން ބޭނުންކުރާ މުހިންމު މަރުކަޒެކެވެ. އައި.އާރު.ޖީ.ސީގެ ބަޔާނުގައި އިންޒާރު ދީފައިވަނީ އެމެރިކާގެ އުދުވާނީ ހަމަލާތައް ކުރިއަށްދާނަމަ، އިތުރު ހަމަލާތައް ދޭނެ ކަމަށެވެ.
ޓެރަރިސްޓް އެމެރިކާގެ އަސްކަރިއްޔާއިން އަލުން ހަމަލާއެއް ދީފިނަމަ، ސަރަހައްދުގައި ހުރި އެމެރިކާގެ ބާކީ ހުރި މަރުކަޒުތަކަށްވެސް އީރާނުގެ ވަރުގަދަ ހަމަލާތައް އަމާޒުވާނެ ކަމަށް އައި.އާރު.ޖީ.ސީގެ ބަޔާނުގައި ބުނެފައިވެ އެވެ.
މި މިސައިލް ހަމަލާތައް ދީފައިވަނީ ތެހެރާނާއި ވޮޝިންޓަނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މި ނުތަނަވަސްކަން ބޮޑުވީ ބުދަ އަދި ބުރާސްފަތި ދުވަހު އެމެރިކާ ސިފައިން އީރާނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް އެއްވެސް ޖެހިލުމެއްނެތި، ޣައިރު ގާނޫނީ ހަމަލާތަކެއް ދިނުމާ ގުޅިގެންނެވެ.
އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބަންދަރު އައްބާސް، ގޭޝްމް އައިލެންޑް، ކޮނާރަކް، ޗަބަހާރު އަދި މަހްޝަހްރު ހިމެނޭ ގޮތަށް ގިނަ ސަރަހައްދުތަކެއްގައި ގޮވުންތަކުގެ އަޑު އިވިފައިވެ އެވެ. މީގެ އިތުރުން ތެހެރާނާއި މަޝްހަދު ގުޅުވައިދޭ ރޭލު ދަގަނޑަށާއި، އީރާނުގެ އިރުމަތީ ސަރަހައްދުގައި ހުރި ބްރިޖުތަކަށްވެސް ހަމަލާތައް އަމާޒުވެފައިވެ އެވެ.
އީރާނުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، އެމެރިކާގެ ޓެރަރިސްޓް ހަމަލާތަކުގައި އީރާނުގެ އަސްކަރިއްޔާގެ މީހުންނާއި އާންމުން ހިމެނޭހެން މަދުވެގެން 14 މީހުން ޝަހީދުވެ، 78 މީހުން ވަނީ ޒަޚަމްވެފަ އެވެ.
މީގެ ރައްދުގައި އައި.އާރު.ޖީ.ސީ އިން ވަނީ ބުދަ ދުވަހު ބަހްރައިނާއި ކުވެއިތުގައި ހުރި އެމެރިކާގެ އަސްކަރީ 85 އަމާޒަކަށް ވަރުގަދަ ހަމަލާތަކެއް ދީފަ އެވެ. މީގެ ތެރޭގައި ބަހްރައިނުގައި ހުންނަ ޕޯޓް ސަލްމާނާއި އެމެރިކާގެ ފިފްތް ފްލީޓްގެ ސަރަހައްދާއި، ކުވެއިތުގައި ހުންނަ ކޭމްޕް އަރިފްޖާން އާއި އަލީ އަލް ސާލިމް އެއާބޭސްގެ އިތުރުން ބަހްރައިނުގެ ޖުފެއިރު އަދި ޝެއިޚް އީސާގައި ހުރި މަރުކަޒުތައް ހިމެނެ އެވެ.
އައި.އާރު.ޖީ.ސީ އިން ބުނި ގޮތުގައި، އެމީހުންގެ އޮޕަރޭޝަންތަކަށް ހުރަސްއަޅަން މަސައްކަތް ކުރި އެމެރިކާގެ އެމް.ކިއު-9 ރީޕަރ ޑްރޯންއެއްވެސް ވަނީ ވައްޓާލާފަ އެވެ.
އީރާނުގެ އިސް މަޝްވަރާވެރިޔާ މުހައްމަދު ބާގިރު ޣާލިބާފް، އެ ގައުމުގެ ސިޔާސަތު ސާފުކޮށްދެއްވަމުން ވިދާޅުވީ، ހަމަލާއެއް ދީފިނަމަ ރައްދު ހަމަލާ ލިބޭނެ ކަމަށެވެ. އަދި ހުރްމުޒް ކަނޑުއޮޅި ހުޅުވޭނީ އީރާނުން ނިންމާ ގޮތެއްގެ މަތިން ކަމަށާއި، އެމެރިކާގެ ބިރުދެއްކުންތަކަށް އީރާނުން ފަސްނުޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައި.އާރު.ޖީ.ސީ އިން ވަނީ އެމީހުންގެ މިސައިލްތަކަކީ އަމާޒަށް ވާސިލްވުމުގެ ގާބިލްކަން ހުރި، ދުޝްމަނުންގެ ސަރަހައްދުތަކުގެ ފުންމިނަށް ހަމަލާދެވޭ ފަދަ ވަރުގަދަ ހަތިޔާރުތަކެއްކަން ސާބިތުކޮށްދީފަ އެވެ. ސަރަހައްދުގައި އެމެރިކާއާއި ބައިވެރި ގައުމުތަކުން ބޭނުންކުރާ މުހިންމު މަރުކަޒެއް ކަމަށްވާ އަލް-އަޒްރަގް އެއާބޭސް ސުންނާފަތިކޮށްލުމަކީ، އީރާނުގެ އަސްކަރީ ރައްދު ހަމަލާތައް އާދަޔާ ހިލާފަށް ވަރުގަދަވެފައިވާ ކަމުގެ ހެއްކެކެވެ.





