Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުގައި އުޅުނު ފަރާތްވެސް އިސްރާއީލުން ޝަހީދު ކޮށްލައިފި

9 ޖުލައި 2026 | ބުރާސްފަތި 02:16

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ދެއްކުމުގެ އިންތިޒާމުތަކުގައި އުޅުނު މިސްރުގެ އެހީދޭ ކޮމިޓީގެ އިސް އޮފިޝަލަކާއި ދެ ކުޑަކުދިން ހިމެނޭހެން ހަތަރު މީހަކު، އިސްރާއީލުން ދިން ރަހުމުކުޑަ ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލައިފި. ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން ވެސް އިސްރާއީލުން އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ހާހަކަށްވުރެ ގިނަ މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިން.

ރާއްޖެ އެމްވީ | 9 ޖުލައި 2026 | ބުރާސްފަތި 02:16
ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އިސްރާއީލުން މެދުނުކެނޑި ހަމަލާތައް ދެމުންދިޔަ ނަމަވެސް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ ގްރޫޕް ޖީގައި މިސްރާއި އީރާން ބައްދަލުކުރި މެޗު ބެލުމަށްޓަކައި، ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޖަމާވެފައި.

ފަލަސްތީނުގެ ޣައްޒާ ސިޓީއަށް އިސްރާއީލުން މެދުނުކެނޑި ހަމަލާތައް ދެމުންދިޔަ ނަމަވެސް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ ބުރުގެ ގްރޫޕް ޖީގައި މިސްރާއި އީރާން ބައްދަލުކުރި މެޗު ބެލުމަށްޓަކައި، ގިނަ އަދަދެއްގެ ފަލަސްތީނު ރައްޔިތުން ޖަމާވެފައި. | ގެޓީ އިމޭޖަސް

ޣައްޒާގައި ވޯލްޑް ކަޕް މެޗުތައް ބެލުމަށް ސްކްރީންތައް ބެހެއްޓުމުގެ މަސައްކަތުގައި އިސްކޮށް އުޅުނު ފަލަސްތީނުގެ އެހީދޭ ޖަމާއަތެއްގެ އިސް އޮފިޝަލަކު، މިސްރާއި އާޖެންޓީނާ ބައްދަލުކުރި މެޗު ފެށެން ކުޑަވަގުތުކޮޅަކަށް ވެފައި ވަނިކޮށް އިސްރާއީލުން ދިން ހަމަލާއެއްގައި މަރާލައިފި ކަމަށް އެ ސަރަހައްދުގެ ސިއްހީ އޮފިޝަލުން ހާމަކޮށްފި އެވެ.

އަރަބި ޓީމަކުން އާޖެންޓީނާ ބަލިކޮށްފާނެ ކަމުގެ އުންމީދުގައި، އުފާވެރި މާހައުލެއްގައި މެޗު ބަލަން ތައްޔާރުވަމުން ދަނިކޮށް ދިން މި ހަމަލާއަކީ، މިދިޔަ އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަކަށް އައި ފަހުން ވެސް، އިސްރާއީލުން މެދުކެނޑުމެއް ނެތި އާންމުންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ އިތުރު އުދުވާނެކެވެ.

އަންގާރަ ދުވަހުގެ އިރުއޮއްސުނު ވަގުތު ޣައްޒާ ސިޓީގެ ސަބްރާ އަވަށުގައި ދުއްވާފައި ދިޔަ ކާރަކަށް އަމާޒުކޮށް ދިން މި ބޮމުގެ ހަމަލާގައި، ޣައްޒާގައި ހުންނަ އިޖިިޕްޝަން ކޮމިޓީގެ އޮފިޝަލެއް ކަމަށްވާ މުހައްމަދު އަލް-ވަހީދީ އާއި، އެ ސަރަހައްދުން ހިނގާފައި ދިޔަ 10 އަހަރުގެ ހަމްޒާ އަލް-ދޭރީ އާއި އޭނާގެ 8 އަހަރުގެ ކޮއްކޮ ފާރީ ވަނީ ޝަހީދުވެފަ އެވެ. މީގެ އިތުރުން ކާރު ދުއްވަން އިން 33 އަހަރުގެ އަހުމަދު ދަގްމުޝް ވެސް މި ހަމަލާގައި ޝަހީދުވި ކަމަށް، ހަތަރު މީހުންގެ ހަށިގަނޑު ގެންދެވުނު ޝިފާ ހޮސްޕިޓަލުގެ ޑިރެކްޓަރު ޑޮކްޓަރު މުހައްމަދު އަބޫ ސަލްމިއްޔާ ވިދާޅުވި އެވެ.

އިސްރާއީލު ސިފައިން ބުނި ގޮތުގައި، ފުޓްބޯޅަ މެޗުތައް ދެއްކުމުގެ އިންތިޒާމުތަކުގައި އުޅުނު އަލް-ވަހީދީއަކީ އެމީހުންގެ އަމާޒެއް ނޫނެވެ. އެ ހަމަލާއަކީ ހަމާސްގެ ހަނގުރާމަވެރިއަކަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށާއި، ކާރު ދުއްވަން އިން ދަގްމުޝްއަކީ އެމީހުން ހޯދަން ބޭނުންވި މީހާާތޯ ބަލަމުންދާ ކަމަށް އިސްރާއީލުން ބުނެފައިވެ އެވެ.

ނަމަވެސް ޑޮކްޓަރު އަބޫ ސަލްމިއްޔާ ވިދާޅުވި ގޮތުގައި، ދަގްމުޝްއަކީ ޓެކްސީ ޑްރައިވަރެކެވެ. އަދި އޭނާއަކީ އެއްވެސް ހަނގުރާމަވެރި ޖަމާއަތަކާ ގުޅުން އޮންނަ މީހެއް ކަމަށް އެނގިފައެއް ނުވެ އެވެ.

މި ހަމަލާ ދިނުމުގެ ބައިގަޑިއިރު ކުރިން ވެސް އިސްރާއީލުން ވަނީ އެ މަގަށް ހަމަލާއެއް ދީފަ އެވެ. ނަމަވެސް އެ ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.

އަލް-ވަހީދީ މަސައްކަތް ކުރަމުންދިޔަ ކޮމިޓީއަކީ މިސްރު ސަރުކާރުގެ އެހީދޭ ގޮފީގެ ދަށުން ހިންގާ، ޣައްޒާގެ ރައްޔިތުންނަށް ކާބޯތަކެއްޗާއި ބޯހިޔާވަހިކަން ފޯރުކޮށްދޭ އިދާރާއެކެވެ. ޣައްޒާގެ އެކި ސަރަހައްދުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ފުޓްބޯޅަ މެޗުތައް ދެއްކުމުގެ އިންތިޒާމު ހަމަޖެއްސީ ވެސް އެ ކޮމިޓީންނެވެ.

އިސްރާއީލާއި ހަމާސްއާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް މެދުވެރިއެއްގެ ދައުރު އަދާކުރި މިސްރަކީ، ފަލަސްތީނުގެ ގިނަ އަދަދެއްގެ ރައްޔިތުން ހިޖުރަކޮށްގެން ދިރިއުޅެމުންދާ ގައުމެކެވެ.

މި މުބާރާތް ފެށުނީއްސުރެ ޣައްޒާގައި މިސްރު ޓީމަށް ސަޕޯޓްކުރާ މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެއީ އެ ޓީމުގެ ކޯޗު ހުސާމް ހަސަން، ނޫސްވެރިންގެ ބައްދަލުވުންތަކުގައާއި ދަނޑުމަތީގައި ފަލަސްތީނުގެ ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން އަޑުއުފުލަމުންދާތީ އެވެ. މިދިޔަ ހުކުރު ދުވަހު އޮސްޓްރޭލިއާ އަތުން މިސްރު މޮޅުވި މެޗު އޭނާ ހަދިޔާކުރީ މިސްރާއި ފަލަސްތީނުގެ ރައްޔިތުންނަށެވެ. އަދި އެ މެޗަށްފަހު އޭނާ ވަނީ ދަނޑުމަތީގައި ފަލަސްތީނުގެ ދިދަ ވިހުރުވާފަ އެވެ.

ހޯމަ ދުވަހު އާޖެންޓީނާ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް، ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދުނިޔެއިން މިއަށްވުރެ ބޮޑަށް މަސައްކަތް ކުރުމަށް ހަސަން ވަނީ ގޮވާލާފަ އެވެ.

"އަޅުގަނޑު ގޮވާލަން، ހުރިހާ މީޑިއާ އޮފިޝަލުންނާއި ދުނިޔޭގެ ހުރިހާ ކުޅިވަރު ކުޅުންތެރިންނަށް، އެމީހުންނަކީ ކޮންމެ ބަޔަކަށް ވީނަމަވެސް، އަޅުގަނޑުމެން އެންމެން ގުޅިގެން އެއް މެސެޖެއް ދެމާ ހިނގާ. އެއީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ދިނުމަށާއި، އެމީހުންގެ އަމިއްލަ މިނިވަން ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ދިނުމަށް،" ހަސަން ވިދާޅުވި އެވެ.

އިސްރާއީލު ސިފައިން ބުނަމުންދަނީ އެމީހުންގެ ހަމަލާތައް އަމާޒުކުރަނީ ހަނގުރާމަވެރިންނަށް ކަމަށެވެ. ނަމަވެސް އޮކްޓޯބަރު މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އަމަލީގޮތުން ހިނގަން ފެށި ފަހުން ވެސް، މަދުވެގެން 1,084 މީހުން މަރުވެފައިވާއިރު، އޭގެ ތެރޭގައި 258 ކުޑަކުދިން ހިމެނެ އެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި އިސްރާއީލުގެ ފަސް ސިފައިން ވަނީ މަރުވެފަ އެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިސްރާއީލާއި ހަމާސްއާ ދެމެދު ކުރިއަށްދާ ހަނގުރާމައިގައި ފަލަސްތީނުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 73,110 އަށް އަރާފަ އެވެ. ހަމާސްއިން ހިންގާ ސަރުކާރުގެ ދަށުން މަސައްކަތްކުރާ މި މިނިސްޓްރީގެ ތަފާސްހިސާބުތަކަކީ އދ. ގެ އިދާރާތަކާއި މިނިވަން މާހިރުން އިތުބާރުކުރާ ސައްހަ މައުލޫމާތުތަކެކެވެ. މި ހިސާބުތަކުގައި އާންމުންނާއި ހަނގުރާމަވެރިން ވަކިން ފާހަގަކޮށްފައި ނުވި ނަމަވެސް، މަރުވި މީހުންގެ ދެބައިކުޅަ އެއްބަޔަކީ އަންހެނުންނާއި ކުޑަކުދިން ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ޣައްޒާއިސްރާއީލް-ފަލަސްޠީންވޯލްޑް ކަޕް

އިތުރަށް ކިޔާލަން

08 ޖުލައި 2026

ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟

08 ޖުލައި 2026
ފީފާ އިން އާޖެންޓީނާއަށް ބުރަވީތަ؟
08 ޖުލައި 2026

ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި

08 ޖުލައި 2026
ޑރ. އަބޫ ސަފިއްޔާއަށް އިސްރާއީލުގެ ޖަލުގައި އަނިޔާކުރާ މައްސަލައިގައި އދ.އިން ކަންބޮޑުވުން ފާޅުކޮށްފި
08 ޖުލައި 2026

މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!

08 ޖުލައި 2026
މިސްރުގެ ސަލާހް ގައުމީޓީމަށް ކުޅުނު ފަހު މެޗު - ވީއޭއާރުގެ ސުވާލު އުފެދޭ ނިންމުމާއި، ރެފްރީ އާޖެންޓިނާ ކޮޅަށް ޖެހިފައިވާ ކަމަށް ކުރެވޭ ތުހުމަތުތައް!
07 ޖުލައި 2026

ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި

07 ޖުލައި 2026
ބަލޯގަންގެ ރަތްކާޑުގެ އަދަބު ލުއިކުރުމާ ގުޅިގެން ފީފާގެ ރައީސް އިންފަންޓީނޯ ގެ މައްސަލަ ބެލުމަށް ޔޫރަޕްގެ ޕާލަމެންޓުގެ މެމްބަރުން ގޮވާލައިފި
07 ޖުލައި 2026

އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ

07 ޖުލައި 2026
އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ތިން މީހަކު ޝަހީދުވެއްޖެ
07 ޖުލައި 2026

މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ

07 ޖުލައި 2026
މެލޭޝިއާގެ ހޮޓަލެއްގައި ގައުމުތަކެއްގެ ދިދަތައް ހުރި އިރު އެތަނުގައި ޗައިނާގެ ދިދަ ނެތުމުން ޗައިނާގެ ފަތުރުވެރިއަކު ޝަކުވާކުރާ ވީޑިއޯއެއް ވައިރަލް ވެއްޖެ
07 ޖުލައި 2026

ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟

07 ޖުލައި 2026
ބަލޯގަންގެ ސަސްޕެންޝަން އުވާލުމަކީ ފީފާގެ ރައީސް ގެ މަގާމަށް ނުރައްކާވެދާނެ ފަދަ ބޮޑު މައްސަލައަކަށް ވެދާނެ ހެއްޔެވެ؟
06 ޖުލައި 2026

އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ

06 ޖުލައި 2026
އިސްރާއީލުގެ ފުލުހަކު ފަލަސްތީނު މީހުން ތިބި ކާރެއްގެ ތެރެއަށް ސްޓަން ގްރެނޭޑެއް  އެއްލުމަށްފަހު، ކާރުގެ ދޮރު ބަންދުކޮށްގެން ހިފަހައްޓައިގެން ހުންނަ ބިރުވެރި މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެއްޖެ
06 ޖުލައި 2026

އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި

06 ޖުލައި 2026
އެމެރިކާގެ ބަލޯގަންގެ ސަސްޕެންޝަން އުވާލުމުން އެއީ ފީފާ އިން "ރަތް ރޮނގު ހުރަސްކުރުން" ކަމަށް ޔުއެފާ އިން ބުނެފި
06 ޖުލައި 2026

ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި

06 ޖުލައި 2026
ޣައްޒާ ގައި ވެރިކަން ހިންގަމުންދިޔަ އިދާރާ ހަމާސް އިން އުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް