ރަޝިޔާގެ ސަސްޕެންޝަން އުވާލަން ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރަޝިޔާގެ ސަސްޕެންޝަން އުވާލުމަށް ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު، މިއަހަރު ފީފާ އިން ބާއްވަން ނިންމާފައިވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް އިން ރަޝިޔާ ފެންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނޭ. ފީފާ އިން ބުނެފައި ވަނީ މިއީ އެ އިދާރާގެ މެމްބަރު ހުރިހާ ޤައުމަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށް.


ރަޝިޔާގެ ރައީސް ޕުޓިން އާއި ފީފާގެ ރައީސް އިންފަންޓީނޯ. | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ސަސްޕެންޝަން އުވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ރަޝިޔާ އިން 2022 ވަނަ އަހަރު ޔޫކްރެއިންއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން ފީފާ އިން ވަނީ ރަޝިޔާ ސަސްޕެންޑު ކޮށްފައި އެވެ. އޭގެ ފަހުން މި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދުނިޔޭގެ ފުޓުބޯޅައިގެ އެއްވެސް މުބާރާތަކުން ރަޝިޔާ ފެނިފައި ނުވެ އެވެ.
ރަޝިޔާގެ ސަސްޕެންޝަން އުވާލުމަށް ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައިވާއިރު، މިއަހަރު ފީފާ އިން ބާއްވަން ނިންމާފައިވާ 15 އަހަރުން ދަށުގެ ވޯލްޑް ކަޕް އެންޑް ފެސްޓިވަލް އިން ރަޝިޔާ ފެންނާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ. ފީފާ އިން ބުނެފައި ވަނީ މިއީ އެ އިދާރާގެ މެމްބަރު ހުރިހާ ޤައުމަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއް ކަމަށެވެ.
މިދިޔަ ބުދަ ދުވަހު ފީފާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، އަޒަރުބައިޖާންގައި އޮންނަ މި މުބާރާތުގެ ފުރަތަމަ ޑިވިޝަން ޚާއްސަ ކުރެވިފައި ވަނީ ފިރިހެން ކުދިންގެ ޓީމު ތަކަށް ކަމަށެވެ. އަދި 2027 ވަނަ އަހަރު ބާއްވާ ދެ ވަނަ މުބާރާތް ހަމައެކަނި އަންހެން ޓީމު ތަކަށް ޚާއްސަ ކޮށްފައިވާއިރު، 2028 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ދެ ޖިންސުގެ ޓީމު ތަކަށް ވަކި ވަކި މުބާރާތްތައް ބާއްވާނެ ކަމަށް ފީފާ އިން ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ ދާދި ފަހުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ރަޝިޔާގެ ސަސްޕެންޝަން އުވާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށާއި، އެކަމުން ޙާސިލު ކުރެވުނު އެއްވެސް ނަތީޖާއެއް ނެތް ކަމަށް އިންފަންޓީނޯ ވިދާޅުވެފައިވެ އެވެ. އިންފަންޓީނޯ ވިދާޅުވީ ރަޝިޔާގެ ފިރިހެން އަދި އަންހެން ކުދިންނަށް ފުޓުބޯޅަ ކުޅެވޭނެ ގޮތް ތަކެއް ވާން ޖެހޭނެ ކަމަށެވެ.
އިންފަންޓީނޯ މިހެން ވިދާޅުވެފައިވާއިރު، އަޒަރުބައިޖާންގައި އޮންނަ މުބާރާތުގައި ރަޝިޔާ ފެންނާނެ ކަމަށް ގިނަ ބަޔަކު ދެކެ އެވެ. އަޒަރުބައިޖާންގައި މި މުބާރާތް ފެށުމަށް ނިންމާފައި ވަނީ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އެވެ. ނުވަ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި މުބާރާތް ނިމޭނީ، އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހު އެވެ.
ފީފާ އިން ރަޝިޔާ ސަސްޕެންޑު ކުރުމުގެ ކުރިން، 2018 ވަނަ އަހަރު ރަޝިޔާ އިން ވަނީ އެ ޤައުމުގައި ވޯލްޑް ކަޕް ބާއްވައިފަ އެވެ. ނަމަވެސް 2022 ވަނަ އަހަރުގެ ސަސްޕެންޝަންގެ ސަބަބުން، އެ އަހަރުގެ ވޯލްޑް ކަޕް އަދި މިއަހަރުގެ ވޯލްޑް ކަޕްގައި ވެސް ރަޝިޔާ އަށް ވާދަ ކުރެވޭ ގޮތެއް ނުވި އެވެ.





