ފިލިޕީންސަށް އައި ބާރުގަދަ ބިންހެލުމުގައި 19 މީހުން މަރުވެ، ގިނަ ބަޔަކު ޒަޚަމްވެއްޖެ
ފިލިޕީންސްގެ މިންޑަނާއޯއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، 130 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި. މި ހާދިސާއާ ގުޅިގެން އަވަށްޓެރި ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، ފަހުން ވަނީ އެ އިންޒާރުތައް ކެންސަލްކޮށްފައި. ރައީސް މާކޯސް ވަނީ ކާރިސާގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކުރުމަށް އަމުރުކުރައްވައި، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދެއްވާފައި.

ޖިއޮލޮޖިކަލް ގޮތުން ބަލާއިރު ބިންހެލުންތައް ގިނަ "ޕެސިފިކް ރިންގް އޮފް ފަޔަރ" ސަރަހައްދުގައި ފިލިޕީންސް އޮންނާތީ، އެ ގައުމަކީ އާންމުކޮށް ބިންހެލުންތައް އަންނަ ގައުމެއް. | ރޮއިޓާސް
ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންދަނާއޯގެ އައްސޭރިފަށަށް އައި ރިކްޓަރ މިންގަނޑުން 7.8 ގެ ބާރުގަދަ ބިންހެލުމާ ގުޅިގެން، މަދުވެގެން 19 މީހުން މަރުވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ.
މި ބިންހެލުން އައިސްފައިވަނީ އެ ގައުމުގެ ގަޑިން ހޯމަ ދުވަހުގެ ހެނދުނު 07:37 (ޖީއެމްޓީން އާދީއްތަ ދުވަހުގެ 23:37) ގައެވެ. މި ބިންހެލުމާ ގުޅިގެން ފިލިޕީންސްގެ އިތުރުން އިންޑޮނޭޝިއާ، ޖަޕާން އަދި އޮސްޓްރޭލިއާއަށް ސުނާމީގެ އިންޒާރު ނެރުނު ނަމަވެސް، އޭގެ ގަޑިއިރުތަކެއް ފަހުން ބައެއް ގައުމުތަކުގެ އިންޒާރު ވަނީ ކެންސަލްކޮށްފައެވެ.
އާންމުވެފައިވާ ވީޑިއޯތަކާއި ފޮޓޯތަކުން އިމާރާތްތައް ބިންމާ ހަމަވަމުންދާ މަންޒަރު ފެންނައިރު، އޭގެ ތެރޭގައި މަޝްހޫރު ފާސްޓް ފުޑް ރެސްޓޯރަންޓެއް ކަމަށްވާ "ޖޮލިބީ" ގެ އައުޓްލެޓެއް އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރު ފެންނަ ވީޑިއޯއެއްވެސް ހިމެނެއެވެ.
ލޯކަލް އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ސައުތު ކޮޓަބާޓޯ، ސުލްތާން ކުދަރާތު، ސަރަންގާނީ ޕްރޮވިންސްގެ އިތުރުން ޖެނެރަލް ސަންޓޯސް ސިޓީން މަދުވެގެން 134 މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ. ނަމަވެސް މި އަދަދުތަކަކީ އެ ގައުމުގެ ގައުމީ ކާރިސާތަކާ ބެހޭ އިދާރާއިން އަދި ކަށަވަރުކުރަން ޖެހޭ އަދަދުތަކެކެވެ.
ފިލިޕީންސްގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް ކައުންސިލުން އާންމުކުރާ ރަސްމީ އަދަދުތައް އާންމުކުރަނީ ހާދިސާ ހިނގާތާ ގާތްގަނޑަކަށް އެއް ދުވަސް ފަހުންނެވެ. އެ އިދާރާއިން އަދަދުތައް ކަށަވަރުކުރަނީ ފުލުހުންނާއި، ލޯކަލް އޮފިޝަލުން އަދި ކާރިސާތަކުގައި އެހީތެރިކަން ފޯރުކޮށްދޭ އިދާރާތަކުން ލިބޭ މައުލޫމާތުތައް ދިރާސާކުރުމަށްފަހުއެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ކާރިސާއާ ގުޅިގެން ދޭންޖެހޭ އިޖާބަ ދިނުމުގައި ސަރުކާރުގެ އިދާރާތަކުން ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
"ސަރުކާރުން މިދަނީ ފިޔަވަޅުތައް އަޅަމުން. އަދި މިންދަނާއޯގެ ރައްޔިތުން އެކަނިވެރިއެއް ނުކުރާނަން،" ރައީސް މާކޯސް ވައުދުވެވަޑައިގެންނެވިއެވެ.
މީގެ އިތުރުން، ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތަކުގެ ކިޔެވުން މެދުކަނޑާލުމަށްވެސް ރައީސް މާކޯސް ވަނީ އަމުރުކުރައްވާފައެވެ. ފާހަގަކޮށްލެވޭ ގޮތުގައި މި ބިންހެލުން އައީ ފިލިޕީންސްގެ އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުނު ފުރަތަމަ ދުވަހުއެވެ.
ޑާވާއޯ އޮކްސިޑެންޓަލް ޕްރޮވިންސްގެ ޕްރައިމަރީ ސްކޫލަކުން އާންމުކުރި ވީޑިއޯއެއްގައި، ބިންހެލުމުގެ ސަބަބުން ބިރުން ތިބި ގިނަ އަދަދެއްގެ ދަރިވަރުން ބިންމަތީގައި އިށީނދެގެން ތިބި މަންޒަރު ފެނެއެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ދަރިވަރުންގެ ފަހަތުގައި ހުރި ފިލާ ޖަހާފައިވާ ހިޔާވަހިކަމެއް ބިންހެލުމުގެ ތެރޭގައި ވެއްޓެއެވެ. ނަމަވެސް އެ ސްކޫލުން ބުނި ގޮތުގައި އެއްވެސް ކުއްޖަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
މައި ބިންހެލުމަށްފަހު، ރިކްޓަރ މިންގަނޑުން 1.3 އާއި 6.7 އާ ދެމެދުގެ ބާރުމިނުގެ 130 އަށްވުރެ ގިނަ ލޮޅުން (އެފްޓަރޝޮކްސް) ވަނީ ރެކޯޑްކުރެވިފައެވެ.
އައްސޭރިފަށުގެ ސަރަންގާނީ ޕްރޮވިންސްގައި ބިންހެލުމުގެ ސަބަބުން ކަރަންޓާއި މުވާސަލާތީ ޚިދުމަތްތައް ވަގުތީގޮތުން މެދުކެނޑުނު ނަމަވެސް، ފަހުން ވަނީ އެ ޚިދުމަތްތައް އަލުން އިއާދަކޮށްފައެވެ.
ބިންހެލުން އައި ސަރަހައްދާ އެންމެ ކައިރީގައި އޮންނަ ޖެނެރަލް ސަންޓޯސް ސިޓީއަކީ ފިލިޕީންސްގެ "ޓޫނާ ކެޕިޓަލް" ނުވަތަ ކަނޑުމަހުގެ ވިޔަފާރީގެ މަރުކަޒުގެ ގޮތުގައި މަޝްހޫރު ރަށެކެވެ. މިއީ ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ހޯދުމަށްފަހު ފަހުން ސިޔާސީ ދާއިރާއަށް ނުކުމެވަޑައިގެންނެވި މެނީ ޕަކިއާއޯގެ އުފަން ރަށްވެސް މެއެވެ.
ޖިއޮލޮޖިކަލް ގޮތުން ނުތަނަވަސް ސަރަހައްދެއް ކަމަށްވާ "ރިންގް އޮފް ފަޔަރ" ގައި ފިލިޕީންސް އޮންނާތީ، އެ ގައުމަށް ބިންހެލުން އައުމަކީ އާންމު ކަމެކެވެ. އާންމުކޮށް އަންނަ ބިންހެލުންތަކަކީ ކުދި ބިންހެލުންތަކެއް ނަމަވެސް، ބައެއް ބިންހެލުންތަކުގައި މީހުންގެ ފުރާނަ ގެއްލިފައިވެއެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު މެދުތެރޭ ވިސާޔަސް ސަރަހައްދަށް އައި 6.9 ގެ ބާރުގަދަ ބިންހެލުމުގައި 70 އަށްވުރެ ގިނަ މީހުން މަރުވިއެވެ.
ހޯމަ ދުވަހުގެ ހެނދުނު އައި ބިންހެލުމާ ގުޅިގެން، ޖަޕާނުގެ އައްސޭރިފަށަށް އެއް މީޓަރުގެ އުސްމިނުގެ ސުނާމީ ރާޅު އަރާފާނެ ކަމުގެ އިންޒާރު އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދިނެވެ.
އޭގެ ފަހުން ޖަޕާނުގެ ދެކުނުގެ އޮކިނާވާ ޕްރިފެކްޗަރއަށް މަދު ސެންޓިމީޓަރެއްގެ އުސްމިނުގެ ސުނާމީ ރާޅެއް އަރާފައިވާއިރު، ދުރުގައި އޮންނަ އޮގަސަވާރާ ޖަޒީރާތަކަށް 20 ސެންޓިމީޓަރު (0.7 ފޫޓު) ގެ ރާޅެއް އަރާފައިވާ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.
މީގެ އިތުރުން އިންޑޮނޭޝިއާ، ޕަލާއޫ އަދި ފިލިޕީންސްގެ އައްސޭރިފަށުގެ އެކި ސަރަހައްދުތަކަށްވެސް ސުނާމީގެ އަސަރުކޮށްފައިވެއެވެ. ކަމާބެހޭ އިދާރާތަކުން ބުނި ގޮތުގައި އެ ސަރަހައްދުތަކަށް އެރި ރާޅުތަކުގެ އުސްމިން ހުރީ މަދު ސެންޓިމީޓަރަކާއި 1.4 މީޓަރު (4.6 ފޫޓު) އާ ދެމެދުގައެވެ.






