ހިރިމަރަދޫގެ ހިތްދަތި ހަގީގަތް: ސިޔާސީ ވަކި މަންފާއަކަށް ރާއްޖޭގެ ޗާޓުން އެރަށް ވަނީ ގެއްލުވާލާފައި!
ހިރިމަރަދޫގެ ރައްޔިތުންނަކީ ހަނިމާދޫގެ ރައްޔިތުން ކަމަށް ރައީސް މުއިއްޒު ކަނޑައަޅުއްވައި، ހިރިމަރަދޫ ކައުންސިލް އުވާލުމާ ގުޅިގެން އެ ރަށުގެ ރައްޔިތުން އަސާސީ ޚިދުމަތްތަކުން މަހުރޫމްވެ ބޮޑެތި ތަކުލީފުތަކެއް ވަނީ އުފުލަން ޖެހިފައި. ސިޔާސީ މަންފާއެއް ހާސިލްކުރުމަށް ރޭވި މި ނިންމުމުގެ ސަބަބުން، ހިރިމަރަދޫގައި މީހުން ދިރިއުޅެމުންދާ އިރުވެސް އެ ރަށް މިހާރު ވަނީ އިދާރީ ޗާޓުން އުނިކުރެވި، ޚިދުމަތް ދޭނެ ރަސްމީ އިދާރާއެއް ނެތް ހާލަތުގައި. ހަނިމާދޫއަށް ބަދަލުވުމަށް އެކަށީގެންވާ އިންތިޒާމުތަކެއް ހަމަނުޖެހި މިފަދަ ނިންމުމެއް ނިންމުމަކީ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން ވީ ބޮޑު އިހުމާލެއް ކަމަށް ގިނަ ބަޔަކު ދެކޭ.


ހދ.ހިރިމަރަދޫ ރައްޔިތުން ރައީސް ޑރ.މުހައްމަދު މުއިއްޒަށް މަރުހަބާ ދެންނެވުމަށް ބަނދަރު މައްޗަށް އެއްވެފައި. | ރައީސް އޮފީސް
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ މަގްސަދަކީ ރައްޔިތުންނާ ގާތުން ޚިދުމަތް ދިނުމާއި، ރަށްރަށުގެ ތަރައްގީގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމެވެ. ނަމަވެސް، ފަހަކަށް އައިސް ފެންނަމުންދަނީ ސިޔާސީ ވަކި މަގްސަދުތަކެއް ހާސިލްކުރުމަށްޓަކައި ރައްޔިތުންގެ އިހުސާސްތަކަށް ބެލުމެއް ނެތް ނިންމުންތައް ނިންމަމުންދާ މަންޒަރެވެ. މީގެ އެންމެ ހިތްދަތި މިސާލަކީ ހދ. ހިރިމަރަދޫގެ ރައްޔިތުންނަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތަކެވެ.
ހދ. ހިރިމަރަދޫގެ ރައްޔިތުން އެރަށުގައި ދިރިއުޅެމުން ދަނިކޮށް، އެމީހުންނަކީ ހދ. ހަނިމާދޫގެ ރައްޔިތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަނޑައެޅުއްވީ 30 ޑިސެންބަރު 2025 ގަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން، 18 މެއި 2026 ގައި ހިރިމަރަދޫ ކައުންސިލް ރަސްމީކޮށް އުވާލެވުނެވެ.
ގާތްގަނޑަކަށް 300 އެއްހާ މީހުންގެ އާބާދީއެއް އޮތް އެ ރަށުގެ ކައުންސިލަކީ ރައްޔިތުންނަށް ގިނަގުނަ ޚިދުމަތްތަކެއް ދެމުންދިޔަ ތަނެކެވެ. އެގޮތުން ޕްރީސްކޫލާއި ގުރުއާން ކްލާސް ހިންގުމާއި، ގޭސް ފޯރުކޮށްދިނުން ފަދަ އަސާސީ ކަންކަން ބަލަހައްޓަމުން ދިޔައީ ކައުންސިލުންނެވެ. ކައުންސިލް އުވާލުމާއެކު، މިއަދު އެރަށުގެ ރައްޔިތުންގެ ކަންކަން ބަލަހައްޓާނެ ވެރިއެއް ނުވަތަ ޚިދުމަތް ދޭނެ ރަސްމީ އިދާރާއެއް ނެތި، އެ ރަށް ވަނީ ރާއްޖޭގެ އިދާރީ ޗާޓުން ގެއްލިފަ އެވެ.
ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫ އަށް ބަދަލުކުރަން ނިންމުމަކީ ސިޔާސީ ގޮތުން ރޭވިގެން ކުރި ކަމެއް ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ. ހަނިމާދޫ ކައުންސިލްގެ ރައީސް އަލީ އިބްރާހިމް ފާހަގަކުރެއްވި ގޮތުގައި، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައި ކަނޑައެޅީ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ހާސިލްކުރުމަށެވެ. އެއީ ހިރިމަރަދޫގެ ވޯޓާއެކު ހަނިމާދޫ ކައުންސިލްގެ މެޖޯރިޓީ ހޯދުމުގެ މަގްސަދުގަ އެވެ. ނަމަވެސް، އިންތިޚާބުން ބޭނުންވި ނަތީޖާ ނުލިބުމުން، މިކަމުގައި އިސްކޮށް އުޅުނު ސިޔާސީ ވެރިން މިއަދު ވަނީ ރައްޔިތުންގެ ހާލަތަށް ބެލުމެއް ނެތި ފިލާފަ އެވެ.
ކަންމިހެން އޮތްއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިރިމަރަދޫގައި ޒަމާނީ ފެންވަރުގެ މިސްކިތަކާއި، ފެނާއި ނަރުދަމާގެ ނިޒާމު ފަދަ މުހިންމު މަޝްރޫއުތައް ނިންމާފައިވެ އެވެ. ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރާއެކު މިއަދު އެ ރައްޔިތުން ޖެހެނީ ބޭސް ގުޅައެއް ނުވަތަ އަސާސީ އެހެން ވެސް ޚިދުމަތެއް ހޯދަން ޖެހޭ ހާލަތުގައި ބޮޑު ކަނޑެއް ހުރަސްކޮށް ހަނިމާދޫ އަށް ދަތުރުކުރާށެވެ. މީގެ އިތުރުން، ހިރިމަރަދޫގެ ބަޖެޓު ހަމަނުޖެހުމުގެ ސަބަބުން ހަނިމާދޫ ކައުންސިލަށް ވެސް ވަނީ ބޮޑެތި މާލީ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
ސިޔާސީ މަންފާއަށް ރައްޔިތުންގެ ހައްގުތަކާއި އިހުސާސްތައް ގުރުބާން ކުރަމުންދާއިރު، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫ އަށް ބަދަލުވެވޭނެ ދުވަހެއް ވެސް އަދި ނޭނގެ އެވެ. އެރަށުގެ ރައްޔިތުންގެ ގޯތިގެދޮރު އެޅުމަށް ހަނިމާދޫއިން ދޫކޮށްފައިވާ ބިމަކީ ޗަކަ ބިމަކަށް ވާތީ، އެތަނުގައި މީހުން ދިރިއުޅެވޭ ފެންވަރަށް ތަރައްގީ ކުރުމަށް އަދި 4 ނުވަތަ 5 އަހަރު ނަގާނެ ކަމަށް ލަފާކުރެވެ އެވެ. އަސާސީ ޚިދުމަތްތައް ގާއިމްނުކޮށް، ރައްޔިތުންގެ ދިރިއުޅުން މިފަދަ ނާޒުކު ފައްތަރަކަށް ވައްޓާލުމަކީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް ވީ ބޮޑު އިހުމާލެއްނުންތޯ އެވެ.
ރަށެއްގެ އާބާދީ އެހެން ރަށަކަށް ބަދަލުކުރަންވާނީ ރައްޔިތުންގެ ރުހުމާއެކު، އެކަށީގެންވާ ވަސީލަތްތައް ގާއިމްކުރުމަށްފަހުގަ އެވެ. ހިރިމަރަދޫގެ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން ބޭނުންވޭތޯ ބެލުމަށް އެއްވެސް އިންސާފުވެރި ވޯޓެއް ނަގާފަނުވާއިރު، މިއަދު ހިރިމަރަދޫގެ ރައްޔިތުން ތިބީ އަމިއްލަ ރަށުގައި ތިބެމެ، އަސާސީ ޚިދުމަތްތަކުންނާއި، ތަރައްގީން މަހުރޫމްވެފަ އެވެ. ދިރިއުޅުން ހުއްޓިފަ އެވެ.




