އެމްބާޕޭ އާއި ހާލަންޑް ހުކުރު ދުވަހު ބައްދަލު ކުރާއިރު، ދެކުޅުންތެރިންގެ ތަފާތު ފެންނަނީ ކިހިނެއް؟
ވޯލްޑް ކަޕްގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފައިވާ ފްރާންސާއި ނޯވޭ ބައްދަލުކުރާ މެޗަށް ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވާއިރު، މިއީ އެމްބާޕޭ އާއި ހާލަންޑްގެ ކުރިމަތިލުމަކަށް ވާނެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދެ ޓީމުވެސް އެ ދެ ކުޅުންތެރިންނަށް ބޮޑަށް ބަރޯސާވާއިރު، ހާލަންޑްގެ ލަނޑު ޖެހުމުގެ ރޭޓް މަތިވެފައި އެމްބާޕޭގެ ކުޅުން ދަނޑުގެ ހުރިހާ ސަރަހައްދެއްގައިވެސް ފާހަގަކުރެވޭ.

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އާލިންގް ހާލަންޑް އަދި ކީލިއަން އެމްބާޕޭ، މީގެއިން ކޮންމެ ކުޅުންތެރިއަކު ވަނީ މިހާތަނަށް ހަތަރު ލަނޑު ކާމިޔާބުކޮށްފައި. | ގެޓީ އިމޭޖަސް
ދުނިޔޭގެ ފުޓްބޯޅައިގައި މިވަގުތު ތިބި އެންމެ މޮޅު ދެ ފޯވާޑުން ކަމަށްވާ ފްރާންސްގެ ކީލިއަން އެމްބާޕޭ އާއި ނޯވޭގެ އާލިން ހާލަންޑް، ހުކުރު ދުވަހު ބޮސްޓަން ސްޓޭޑިއަމްގައި ބައްދަލުކުރާނެ އެވެ.
ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި މި ދެ ގައުމުން ކުޅުނު ފުރަތަމަ ދެ މެޗުވެސް ވަނީ ކާމިޔާބުކޮށްފަ އެވެ. މި ކާމިޔާބީގައި އެމްބާޕޭ އާއި ހާލަންޑްގެ ދައުރު ބޮޑުއިރު، ދެ ކުޅުންތެރިން ވެސް ވަނީ ކުޅުނު ކޮންމެ މެޗެއްގައި ދެ ލަނޑު ޖަހައި، މުބާރާތުގައި މިހާތަނަށް ޖުމްލަ ހަތަރު ލަނޑު ހަމަކޮށްފަ އެވެ. މިވަގުތު ރަން ބޫޓުގެ ރޭހުގެ ކުރީގައި އުޅެނީ ފަސް ލަނޑު ޖަހާފައިވާ ލިއޮނަލް މެސީ އެވެ.
ގްރޫޕް އައި (I) ގެ އެއްވަނަ މަގާމު ކަށަވަރުކުރުމުގެ ފުރުސަތު ދެ ގައުމަށް ވެސް އޮތްއިރު، ދެ ޓީމު ވެސް މިހާރު ވަނީ މުބާރާތުގެ ގަދަ 16 އިން ޖާގަ ކަށަވަރުކޮށްފަ އެވެ. އެހެންނަމަވެސް، މި މެޗަކީ ގްރޫޕްގެ އެއްވަނަ ހޯދައި، މުބާރާތުގެ ކުރިއަށް އޮތް މަރުހަލާތަކުގައި ފަސޭހަ މަގަކުން ދިއުމަށްޓަކައި ކުޅޭ މުހިންމު މެޗަކަށް ވާތީ، ދެ ކުޅުންތެރިން ވެސް ފުރަތަމަ އެގާރައިގައި ހިމެނޭނެ ކަމަށް ބެލެވެ އެވެ.
ވޯލްޑް ކަޕްގެ މި ފޯރިގަދަ ކުރިމަތިލުމުގެ ކުރިން، ބީބީސީ ސްޕޯޓްސް އިން ވަނީ މި ދެ ކުޅުންތެރިން އެމީހުންގެ ގައުމީ ޓީމަށް ކިހާ މުހިންމުތޯ ބަލާލާފަ އެވެ.
މި ދެ ކުޅުންތެރިންނަކީ އެމީހުން ކުޅޭ ކްލަބުތަކުގައި މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިން ކަމަށްވީ ނަމަވެސް، ގައުމީ ޓީމަށް ބަލާއިރު އެމްބާޕޭ އާއި ހާލަންޑްގެ މުހިންމުކަން މާ ބޮޑެވެ.
2022 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން، އެމްބާޕޭ ހިމަނައިގެން ކުޅުނު މެޗުތަކުގެ 69.8 އިންސައްތަ ފްރާންސުން ކާމިޔާބުކޮށްފައިވާއިރު، އޭނާ ނުލައި ކުޅުނު މެޗުތަކުން އެ ގައުމަށް މޮޅުވެވިފައިވަނީ އެންމެ 50 އިންސައްތަ މެޗުންނެވެ.
ފްރާންސްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު އޮތް އެމްބާޕޭގެ ސަބަބުން އެ ޓީމުގެ އެޓޭކްތައް ވަރުގަދަވެ އެވެ. އެގޮތުން، އޭނާ ޓީމުގައި ހިމެނޭއިރު މެޗަކަށް އެވްރެޖްކޮށް 2.3 ލަނޑު ފްރާންސުން ޖަހާއިރު، އޭނާ ނެތް މެޗުތަކުގައި އެ އަދަދު ހުރީ 1.9 ގަ އެވެ.
ނޯވޭގެ ސްކޮޑަށް ބަލާއިރު، އެމްބާޕޭއަށްވުރެ ބޮޑަށް ހާލަންޑަށް އެ ޓީމު ބަރޯސާވާކަން ތަފާސްހިސާބުތަކުން ހާމަވެ އެވެ.
2022 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން، ހާލަންޑް ހިމަނައިގެން ކުޅުނު މެޗުތަކުގެ 64.5 އިންސައްތަ ނޯވޭއިން ކާމިޔާބުކުރިއިރު، އޭނާ ނުލައި ކުޅުނު މެޗުތަކުން އެ ގައުމަށް މޮޅުވެވިފައިވަނީ އެންމެ 33.3 އިންސައްތަ މެޗުންނެވެ.
މިފަހަރުގެ ވޯލްޑް ކަޕުން ފެނިގެންދިޔަ ގޮތުގައި، ބޮޑެތި މުބާރާތްތަކުގެ ޕްރެޝަރަކީ މި ދެ ކުޅުންތެރިންނަށް މާ ބޮޑު ކަމެއް ނޫނެވެ.
މުޅި ދުނިޔޭގެ ސަމާލުކަން މެސީއަށް ހުއްޓިފައިވީ ނަމަވެސް، ވޯލްޑް ކަޕްގެ ލަނޑު ލިސްޓުގެ އެއްވަނައިގައި އޮތް މެސީއާ އެމްބާޕޭ އަރާ ހަމަކުރުމަކީ ވުން ވަރަށް ގާތް ކަމެކެވެ.
އުމުރުން 39 އަހަރުގެ މެސީއަށްވުރެ އެމްބާޕޭ ފަހަތުގައި އޮތީ އެންމެ ދެ ލަނޑުންނެވެ. އެމްބާޕޭ ވަނީ ވޯލްޑް ކަޕްގައި ކުޅުނު 16 މެޗުން 16 ލަނޑު ޖަހާފަ އެވެ. އެންމެ މުހިންމު ކަމަކީ، އެމްބާޕޭއަކީ މެސީއަށްވުރެ 12 އަހަރު ހަގު ކުޅުންތެރިއަކަށް ވުމެވެ. މިއީ މެސީގެ ފަހު ވޯލްޑް ކަޕަށް ވުން ގާތްއިރު، އެމްބާޕޭއަށް ކުރިއަށް އަދި ގިނަ ފުރުސަތުތަކެއް އެބައޮތެވެ.
ހާލަންޑް އޭނާގެ ފުރަތަމަ ވޯލްޑް ކަޕްގައި ކުޅެމުންދާއިރު، އޭނާ ފެންނަނީ މި މުބާރާތަށް ވަރަށް ބޮޑަށް ހޭނިފައިވާ ތަނެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި، ކުޅުނު ފުރަތަމަ ދެ މެޗުގެ ތެރެއިން ކޮންމެ މެޗެއްގައި އެއް ލަނޑަށްވުރެ ގިނަ ލަނޑު ޖެހި ހަވަނަ ކުޅުންތެރިއަކީ ހާލަންޑެވެ. ވޭތުވެދިޔަ 50 އަހަރު ތެރޭގައި މި ޝަރަފު ހާސިލުކުރި ދެވަނަ ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މީގެ ކުރިން މި ކާމިޔާބީ ހޯދީ 2018 ވަނަ އަހަރު އިންގްލެންޑްގެ ހެރީ ކޭން އެވެ.
ނޯވޭގެ ގައުމީ ޓީމުގައި ހާލަންޑްގެ ފޯމު ހުރީ އާދަޔާޚިލާފު މަތީގަ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ކުޅުނު ރަސްމީ ފަހު 12 މެޗުގައި ވެސް ލަނޑު ޖަހާފަ އެވެ. މީގެ ތެރޭގައި އެންމެ ފަހުން ކުޅުނު ހަ މެޗުން ޖެހި 16 ލަނޑު ހިމެނެ އެވެ.
ބައިނަލްއަގުވާމީ މައިދާނުގައި އެމްބާޕޭއަށްވުރެ ހާލަންޑްގެ ލަނޑު ޖެހުމުގެ ރޭޓް މައްޗެވެ. އެމްބާޕޭ 100 މެޗުން 60 ލަނޑު ޖަހާފައިވާއިރު، ހާލަންޑް ވަނީ އެންމެ 52 މެޗުން 59 ލަނޑު ހަމަކޮށްފައެވެ. މިއީ އެމްބާޕޭއަށްވުރެ 48 މެޗު މަދުން ކުޅެގެން ހޯދާފައިވާ ނަތީޖާއެކެވެ.
މި ދެ ކުޅުންތެރިންގެ ކުޅުން ތަފާތުވަނީ ކިހިނެއް؟
މި މުބާރާތުގެ "ހީޓް މެޕް" ތަކަށް ބަލާއިރު، ދަނޑުމަތީގައި މި ދެ ކުޅުންތެރިން އެންމެ ހަރަކާތްތެރިވާ ސަރަހައްދުތައް އެނގެ އެވެ. މި ސީޒަނުގައި ކްލަބު ލެވެލްގައި އެމްބާޕޭ ވަނީ ހާލަންޑަށްވުރެ ގިނަ ހަމަލާ އުފައްދައި، ބޯޅައިގައި ގިނައިން ޖަހާ، ފުރުސަތުތައް ތަނަވަސްކޮށްދީފަ އެވެ. ނަމަވެސް، 2025-26 ވަނަ ސީޒަނުގައި އެންމެ ގިނަ އެސިސްޓް ހެދީ މެންޗެސްޓާ ސިޓީގެ ފޯވާޑް ހާލަންޑެވެ.
ޑްރިބްލް ކުރުމުގައި ވެސް މި ދެ ކުޅުންތެރިންގެ ބޮޑު ތަފާތެއް އެބަހުއްޓެވެ. މި ވޯލްޑް ކަޕްގެ ފުރަތަމަ ދެ މެޗުގައި އެމްބާޕޭ 14 ފަހަރު ޑްރިބްލް ކުރަން މަސައްކަތް ކުރިއިރު، ހާލަންޑް މިކަން ކޮށްފައިވަނީ އެންމެ ފަހަރަކު އެވެ.
ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފައި ލަނޑަށް ބަދަލުކުރުމުގައި ކުރި ހޯދަނީ ހާލަންޑެވެ. ވޭތުވެދިޔަ ހަތަރު ސީޒަނުގެ ލީގު މެޗުތަކަށް ބަލާއިރު، ހާލަންޑް ވަނީ އޭނާ ފޮނުވާލި ހަމަލާތަކުގެ 23.43 އިންސައްތަ ލަނޑަށް ބަދަލުކޮށްފައެވެ. އެމްބާޕޭގެ މި އަދަދު ހުރީ 18.24 އިންސައްތައިގަ އެވެ.
ދިފާއީ މަސައްކަތުގައި އެމްބާޕޭ އުޅެނީ ހާލަންޑަށްވުރެ ފަހަތުގަ އެވެ. މި ސީޒަނުގައި ރެއާލް މެޑްރިޑަށް ކުޅުނު އެމްބާޕޭއަކީ، ޔޫރަޕްގެ ގަދަ ފަސް ލީގުގައި މަދުވެގެން 900 މިނެޓު ކުޅުނު 1،483 ކުޅުންތެރިންގެ ތެރެއިން ދިފާއީ ގޮތުން އެންމެ ދަށް ނަތީޖާއެއް ދެއްކި އެއް ކުޅުންތެރިޔާއެވެ. އޭނާ އޮތީ މި ލިސްޓުގެ 1،481 ވަނައިގަ އެވެ.
ހާލަންޑަށް ނޯވޭ ގޮވައިގެން ދެވޭނީ ކިހާ ހިސާބަކަށް؟
މި ދެ ކުޅުންތެރިންގެ މުހިންމުކަން އެންމެ ބޮޑަށް ހާމަވަނީ ޓީމުން ޖަހާ ލަނޑުތަކުގައި އެމީހުންގެ ހިއްސާ އޮންނަ މިންވަރުންނެވެ.
2022 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ފްރާންސުން ޖެހި ލަނޑުތަކުގެ 44 އިންސައްތައިގައި އެމްބާޕޭގެ ހިއްސާ އެބައޮތެވެ (33 ލަނޑާއި 17 އެސިސްޓް). ހަމަ އެ މުއްދަތުގައި ނޯވޭގެ ލަނޑުތަކުގެ 43.9 އިންސައްތަ ހިއްސާކުރީ ހާލަންޑެވެ (39 ލަނޑާއި 4 އެސިސްޓް).
މި މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ އެއް ގައުމަކީ ފްރާންސެވެ. ހާލަންޑް އަމިއްލައަށް ވެސް ގަބޫލުކުރާ ގޮތުގައި ހުކުރު ދުވަހުގެ މެޗުން ނޯވޭ ބަލިކޮށް، ފްރާންސުން މުބާރާތުގެ ތަށި އުފުލާލާނެ އެވެ.
އެހެންނަމަވެސް، ހާލަންޑް ފަދަ ނުރައްކާތެރި ފޯވާޑަކު ހުރި ނޯވޭ ޓީމަކީ ފްރާންސަށް ލަދުގަންނަވާލެވޭނެ ފަދަ ގާބިލުކަން ހުރި ޓީމެކެވެ. ހާލަންޑް ހުރިހާ ހިނދަކު، ނޯވޭގެ އުންމީދުތަކުގައި ހިފެހެއްޓުމެއް ނެތެވެ.
މަސްދަރު: ބީބީސީ





