Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް

ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވަނީ

މޭކަރފީލްޑްގެ ބައި-އިލެކްޝަން އެންޑީ ބާންހަމް ކާމިޔާބުކުރެއްވުމާ ގުޅިގެން، ލޭބަރ ޕާޓީގެ ލީޑަރޝިޕް ބަދަލުކުރުމަށް ބޮޑުވަޒީރު ކިއަރ ސްޓާމަރއަށް އޮތް ފިއްތުންތައް ވަނީ އިތުރުވެފައި. ނަމަވެސް ސްޓާމަރ ވިދާޅުވީ އޭނާ މަގާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށާއި، ލީޑަރޝިޕް އިންތިޚާބެއް ބާއްވައިފިނަމަ އަލުން ވާދަކުރައްވާނެ ކަމަށް. މި މައްސަލައިގައި ކެބިނެޓް ވަޒީރުންގެ މެދުގައި ޚިޔާލުތަފާތުވުންތައް އުފެދިފައިވާއިރު، އަންގާރަ ދުވަހު ބާއްވާ ކެބިނެޓް ބައްދަލުވުމަކީ ސަރުކާރުގެ ކުރިމަގު ކަނޑައެޅުމުގައި ނާޒުކު ވަގުތަކަށް ވާނެ.

ރާއްޖެ އެމްވީ | 20 ޖޫން 2026 | ހޮނިހިރު 09:18
އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުރި ހައުސިންގް ޑިވެލޮޕްމަންޓް މަޝްރޫއަކަށް 2026 ޖޫން 19 ވީ ހުކުރު ދުވަހު ކުރެއްވި ޒިޔާރަތުގެ ތެރެއިން، ބޮޑުވަޒީރު ކިއަރ ސްޓާމަރ އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ.

އިނގިރޭސިވިލާތުގެ ލަންޑަނުގައި ހުރި ހައުސިންގް ޑިވެލޮޕްމަންޓް މަޝްރޫއަކަށް 2026 ޖޫން 19 ވީ ހުކުރު ދުވަހު ކުރެއްވި ޒިޔާރަތުގެ ތެރެއިން، ބޮޑުވަޒީރު ކިއަރ ސްޓާމަރ އެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

މޭކަރފީލްޑްގެ ބައި-އިލެކްޝަންގައި އެންޑީ ބާންހަމް ބޮޑު ކާމިޔާބީއެއް ހޯއްދަވައި، ޕާޓީގެ ލީޑަރޝިޕަށް ޗެލެންޖް ކުރުމަށް މަގު ފަހިކުރެއްވުމާ ގުޅިގެން، ބޮޑުވަޒީރުކަމުން ވަކިވެވަޑައިގަންނަވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސަރ ކިއަރ ސްޓާމަރއަށް ކުރިމަތިވަމުންދާ ފިއްތުންތައް އިތުރުވެއްޖެއެވެ.

ލޭބަރ ޕާޓީގެ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން ދަނީ، ޕާޓީގެ ތެރޭގައި ހަމަނުޖެހުން އުފެދިދާނެ ފަދަ ލީޑަރޝިޕް އިންތިޚާބަކަށް ދިއުމުގެ ބަދަލުގައި، ގްރޭޓަރ މެންޗެސްޓަރގެ ކުރީގެ މޭޔަރު ބާންހަމްއާ ވެރިކަން ހަވާލުކުރައްވާނެ ޕްލޭނެއް އިޢުލާނުކުރެއްވުމަށް ސްޓާމަރއަށް ބާރުއަޅަމުންނެވެ.

ނަމަވެސް، ބޮޑުވަޒީރު ސްޓާމަރ ވިދާޅުވީ އޭނާގެ މަގާމަށް އަންނަ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލައްވާނެ ކަމަށާއި، މަގާމުން "ވަކިވެވަޑައިނުގަންނަވާނެ" ކަމަށެވެ.

ބާންހަމްގެ އަރިސް ބޭފުޅުން ވަނީ، މި ހަފުތާ ބަންދުގައި މިކަމާ މެދު ފުންކޮށް ވިސްނަވައި، ކެބިނެޓް ވަޒީރުންނާއި، މަޖިލިސް މެންބަރުން އަދި އާއިލާގެ ބަސް އެއްސެވުމަށް ސްޓާމަރއަށް ގޮވާލައްވާފައެވެ.

ބާންހަމްގެ ޓީމާއި، ލީޑަރޝިޕަށް ވާދަކުރައްވާފާނެ ކަމަށް ބެލެވޭ ވެސް ސްޓްރީޓިންގްގެ ޓީމުން ބުނެފައިވަނީ، ބޮޑުވަޒީރުގެ ނިންމެވުން ބަދަލުކުރެއްވުމަށް ފުރުސަތު ދިނުމުގެ ގޮތުން މި ހަފުތާ ބަންދުގައި މީޑިއާއަށް އެއްވެސް އިންޓަވިއުއެއް ނުދޭނެ ކަމަށެވެ.

ބޮޑުވަޒީރު ސްޓާމަރ ވަނީ ހުކުރު ދުވަހުގެ ބައެއް ވަގުތުތަކުގައި ކެބިނެޓް ވަޒީރުންނަށް ފޯނުން ގުޅުއްވައި، ސަރުކާރުގެ އިސް ޓީމުގެ ތާއީދު އޮތް މިންވަރު ބައްލަވާފައެވެ.

އެ ގޮޮތުން ބޮޑުވަޒީރު މަގާމުން ވަކިވެވަޑައިގަންނަވާނެ ތާވަލެއް އެކުލަވާލެއްވުމަށް ޓްރާންސްޕޯޓް ސެކްރެޓަރީ ހެއިޑީ އެލެގްޒެންޑަރ ލަފާދެއްވި ކަމަށް ބީބީސީއިން ވަނީ ރިޕޯޓު ކޮށްފައެވެ.

އެލެގްޒެންޑަރގެ ތަރުޖަމާނު ވިދާޅުވީ، ހެއިޑީ އާއި ބޮޑުވަޒީރު މިއަދު މެންދުރުފަހު ވާހަކަދެއްކެވީ ކެބިނެޓްގެ ވަޒީރުންނާ ބޮޑުވަޒީރު ކުރެއްވި މަޝްވަރާތަކުގެ ތެރެއިން ކަމަށެވެ. އަދި އެއީ އަމިއްލަ ސިއްރު ބައްދަލުވުމެއް ކަމުން، ދެކެވުނު ވާހަކައިގެ ތަފްސީލު ހާމަނުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޗާންސެލަރ ރޭޗަލް ރީވްސް ވަނީ މޭކަރފީލްޑްގެ ނަތީޖާ އިޢުލާނުކުރިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި ބޮޑުވަޒީރާ ވާހަކަދައްކަވައި، އޭނާއަށް ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވާފައެވެ.

ނިމިދިޔަ މަހުގެ އިންތިޚާބުތަކުގައި ލޭބަރ ޕާޓީއަށް ލިބުނު ދަށް ނަތީޖާއާ ގުޅިގެން، ހޯމް ސެކްރެޓަރީ ޝަބާނާ މަހްމޫދާއި އެނާޖީ ސެކްރެޓަރީ އެޑް މިލިބޭންޑް ހިމެނޭހެން ބައެއް ވަޒީރުން ވަނީ އިސްތިއުފާ ދެއްވާނެ ތާރީޚެއް ކަނޑައެޅުއްވުމަށް ސްޓާމަރއަށް ބާރުއަޅުއްވާފައެވެ.

ބާންހަމް ބައި-އިލެކްޝަން ކާމިޔާބުކުރެއްވި ފަހުން، މަހްމޫދާއި ސްޓާމަރއާ ދެމެދު އެއްވެސް ވާހަކައެއް ދެކެވިފައި ނުވާކަން ވަނީ އެނގިފައެވެ.

ބޮޑުވަޒީރަށް ކުރިމަތިވާނެ އެންމެ ނާޒުކު ވަގުތަކަށް ވާނީ، އަންނަ އަންގާރަ ދުވަހު ބާއްވާ ކެބިނެޓްގެ ހަފުތާ ބައްދަލުވުމެވެ. މަގާމުން ވަކިވެވަޑައިގަންނަވާނެ ތާވަލެއް ކަނޑައަޅުއްވާނެތޯ ބީބީސީން ސުވާލުކުރުމުން ސްޓާމަރ ވިދާޅުވީ، އޭނާ އިންތިޚާބުވީ މީގެ ދެ އަހަރު ކުރިން ބޭއްވި އާންމު އިންތިޚާބުގައި ރައްޔިތުން ދިން މެންޑޭޓަކާއެކު ގައުމަށް ޚިދުމަތް ކުރުމަށް ކަމަށެވެ.

އޭނާ ވަނީ ގައުމުގެ އިގްތިސާދީ ހަމަޖެހުން ގާއިމުކޮށް، އިމިގްރޭޝަންގެ މައްސަލަތައް "ކޮންޓްރޯލްގެ ދަށަށް" ގެނެސްފައިވާ ކަމަށާއި، އަދިވެސް ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް އޭނާ އިތުރަށް ވިދާޅުވީ، "ލީޑަރޝިޕް އިންތިޚާބެއް ބާއްވާނަމަ، އަޅުގަނޑު ވާދަކުރާނަން. އަޅުގަނޑު ކުރިމަތިލާނަން، އަދި ތަކުރާރުކޮށް މި ބުނަނީ އަޅުގަނޑު މިކަމުން ދުރަށް ނުދާނެ" ކަމަށެވެ. މެންދުރުގެ ވަގުތެއްގައި ލޭބަރ ޕާޓީގެ މުވައްޒަފުންނާ ފޯނުން ވާހަކަދައްކަވަމުން ސްޓާމަރ ވިދާޅުވީ، ޕާޓީން މިވަގުތު އޮންނަންވާނީ "އެއްބައިވަންތަކަންމަތީ" ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ބޮޑަށް ސަމާލުވާންޖެހޭ ކަމަކީ، އެކަކު އަނެކަކާ ދިމާކޮށް، ޕާޓީ އާއި އަޅުގަނޑުމެންގެ ހަރަކާތް ބައިބައިކޮށްލައި، ޕާޓީ އާއި ގައުމު ހަލަބޮލިކަމެއްގެ ތެރެއަށް ވައްޓާނުލުން.

އެއީ ދުވަހަކުވެސް ކާމިޔާބުވި ގޮތެއް ނޫން. ކުރީގެ ސަރުކާރުން ކަންތައް ކުރީ އެގޮތަށް. އަޅުގަނޑުމެން އެކަމުން އިބުރަތް ހާސިލުކުރަންޖެހޭ،" ސްޓާމަރ ވިދާޅުވިއެވެ.

މީގެ ކުރިން އޭނާ ވިދާޅުވެފައިވަނީ، ބާންހަމް ބައި-އިލެކްޝަން ކާމިޔާބުކުރެއްވުމާ ގުޅިގެން ހުސްވެފައިވާ ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުކަން ކާމިޔާބުކުރުމަށް ޕާޓީން މިހާރު ސަމާލުކަން ދޭންޖެހޭ ކަމަށެވެ. އެ އިންތިޚާބު އޮންނާނީ ޖުލައި މަހުގެ 30 ވަނަ ދުވަހުއެވެ.

ބާންހަމް ރަސްމީކޮށް މަޖިލިސް މެންބަރުކަމުގެ ހުވާ ކުރައްވާނީ އަންނަ ހޯމަ ދުވަހު ޕާލަމެންޓުގައެވެ. މޭކަރފީލްޑްގައި ބާންހަމް ހޯއްދެވި ބޮޑު ކާމިޔާބީގައި، ލޭބަރ ޕާޓީއަށް ލިބުނު ވޯޓުގެ އިންސައްތަ 10 އިންސައްތަ އިތުރުވެފައިވާއިރު، ރިފޯމް ޔޫކޭގެ ކެންޑިޑޭޓަށްވުރެ 9،000 އަށްވުރެ ގިނަ ވޯޓު އޭނާ ވަނީ ހޯއްދަވާފައެވެ. މިއާއެކު އޭނާގެ ސަޕޯޓަރުން ދަނީ ލީޑަރޝިޕަށް ވާދަކުރެއްވުމަށް ބާރުއަޅަމުންނެވެ.

އެޝްޓަން ޓައުން ފުޓްބޯޅަ ކްލަބް ދަނޑުގައި އުފާފާޅުކުރައްވަމުން ބާންހަމް ވިދާޅުވީ، މިއީ "އޮއިވަރު ބަދަލުކޮށްލުމަށް ލިބުނު ފުރުސަތެއް" ކަމަށާއި، ގައުމުގެ ކަންކަން އަލުން ރަނގަޅަށް ހިނގަން ފަށާފައިވާކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދޭންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކެމްޕޭނުގެ "ޖޯޝާއެކު" ކުރިއަށް ވަޑައިގެން، އިނގިރޭސި ސިޔާސީ މަސްރަހު އަބަދަށްޓަކައި ބަދަލުކޮށްލައްވާނެ ކަމަށެވެ.

ބާންހަމްގެ އަރިސް ބޭފުޅެއް ކަމަށްވާ ކުރީގެ ޓްރާންސްޕޯޓް ސެކްރެޓަރީ ލުއީސް ހޭގް ވިދާޅުވީ، އޭނާ އުންމީދު ކުރައްވަނީ "އިންތިޒާމުވެފައިވާ، އަމާން ބަދަލުވުމަކަށް" ކަމަށެވެ.

ބްރެކްނެލް ދާއިރާގެ ލޭބަރ މެންބަރު ޕީޓަރ ސްވޮލޯ މީގެ ކުރިން ބޮޑުވަޒީރަށް ތާއީދުކޮށް ސިޓީއެއްގައި ސޮއިކުރެއްވި ނަމަވެސް، ހުކުރު ދުވަހުގެ ރޭ ބީބީސީ ނިއުސްނައިޓްގައި ވިދާޅުވީ، ބޮޑުވަޒީރު އިސްތިއުފާ ދެއްވަންވީ ވަގުތު ޖެހިއްޖެ ކަމަށް މިހާރު ގަބޫލުކުރައްވާ ކަމަށެވެ.

"ސާފުކޮށް ބުނާނަމަ، ދިފާއީ ދާއިރާއަށް އިންވެސްޓްކުރާނެ ޕްލޭނަކަށް ވަގުތުން ވަގުތަށް އެއްބަސްނުވެވުމަކީ ކެތްތެރިކަން ކޮޅުންލީ ސަބަބު،" އޭނާ ވިދާޅުވިއެވެ. އަދި ލީޑަރުކަމަށް ބާންހަމްއަށް ތާއީދުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ބެސެޓްލޯ ދާއިރާގެ މެންބަރު ޖޯ ވައިޓް ބީބީސީ ރޭޑިއޯ 5 ލައިވްގައި ވިދާޅުވީ، ބޮޑުވަޒީރުގެ މަގާމާ މެދު "ވަރަށް ފަރުވާތެރިކަމާއެކު ވިސްނަވަންޖެހޭ" ކަމަށާއި، އެކަމަށް މި ހަފުތާ ބަންދު އެބައޮތް ކަމަށެވެ.

ނަމަވެސް، ލޭބަރ ޕާޓީގެ ބައެއް މެންބަރުން ދަނީ ސްޓާމަރގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ. ޖަސްޓިސް މިނިސްޓަރ ކެތަރިން އެޓްކިންސަން ބީބީސީގެ 'އެނީ ކުއެސްޗަންސް' ޕްރޮގްރާމުގައި ވިދާޅުވީ، ބޮޑުވަޒީރަކީ "ސާބިތުކަމާއި އަޒުމް" ހުރި ބޭފުޅެއް ކަމަށާއި، އޭނާ މަގާމުން ވަކިވެވަޑައިނުގަންނަވާނެ ކަމަށެވެ.

"ކޮންޒަވޭޓިވް ޕާޓީގެ ވެރިކަމުގައި ބޮޑުވަޒީރުން ތަރުތީބެއް ނެތި ބަދަލުވަމުންދިޔަ މަންޒަރު އަޅުގަނޑުމެން ދުށިން. އެއީ ރީތި މަންޒަރެއް ނޫން. އަޅުގަނޑުމެންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލެވޭކަށް ނެތް - ކުރަން ހުރި މަސައްކަތް މާ ގިނަ،" އޭނާ ވިދާޅުވިއެވެ.

ނުވަ އަހަރުގެ މެދުކެނޑުމަކަށްފަހު ބާންހަމް އަލުން މަޖިލީހަށް ވަޑައިގަތުމަކީ، ލޭބަރ ޕާޓީގެ ލީޑަރުކަމަށް ވާދަކުރުމުގެ ފުރުސަތު އޭނާއަށް ލިބިގެންދާނެ ކަމެކެވެ. ގްރޭޓަރ މެންޗެސްޓަރގެ މޭޔަރުގެ މަގާމުގައި ހުންނެވިއިރު އޭނާއަށް އެ ފުރުސަތެއް ނެތެވެ.

ލީޑަރޝިޕް އިންތިޚާބެއް ބޭއްވުމަށްޓަކައި، ބާންހަމް ނުވަތަ އެހެން ކެންޑިޑޭޓަކަށް ވެސް ލޭބަރ ޕާޓީގެ 81 މަޖިލިސް މެންބަރުންގެ ތާއީދު ބޭނުންވެއެވެ. ބާންހަމްއަށް މި އަދަދު ފަސޭހަކަމާއެކު ލިބޭނެ ކަމަށް ބެލެވެއެވެ.

ވެސް ސްޓްރީޓިންގް ވިދާޅުވީ އިންތިޚާބެއްގައި ވާދަކުރުމަށް ބޭނުންވާ މެންބަރުންގެ ތާއީދު އޭނާއަށް އެބައޮތް ކަމަށެވެ. ނަމަވެސް، ޕާޓީގެ ތާއީދު ބާންހަމްއަށް ބޮޑުވާނަމަ އޭނާ ފަހަތަށް ޖެހިވަޑައިގަތުން އެކަށީގެންވެއެވެ.

ލޭބަރ ޕާޓީގެ ގަވާއިދު ބުނާގޮތުން، މިހާރުގެ ލީޑަރުގެ ހައިސިއްޔަތުން ސްޓާމަރއަށް ވޯޓު ކަރުދާހުގައި ނަން ހިމެނުމަށް އެއްވެސް މެންބަރެއްގެ ތާއީދެއް ބޭނުމެއް ނުވާނެއެވެ.

ރިފޯމް ޔޫކޭގެ ލީޑަރު ނައިޖެލް ފަރާޖް ވިދާޅުވީ، އޭނާގެ ޕާޓީއަށް ދެވަނަ ލިބުމަކީ "މާޔޫސްކުރުވަނިވި" ނަތީޖާއެއް ކަމަށެވެ. ނަމަވެސް، "ބާންހަމްއަށް ވޯޓުދީގެން ސްޓާމަރ ބޭރުކުރުމުގެ" މެސެޖަށް ރައްޔިތުންގެ ސަމާލުކަން ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ.

މޭކަރފީލްޑްގެ އިތުރުން، ސްކޮޓްލޭންޑްގައި ވެސް ދެ ބައި-އިލެކްޝަނެއް ކުރިއަށްދިޔައެވެ.

އެސްއެންޕީން އާބްރޯތު އެންޑް ބްރޯޓީ ފެރީގެ ގޮނޑި ދިފާއުކުރި ނަމަވެސް، އެބަރޑީން ސައުތުގެ ގޮނޑި ވަނީ ކޮންޒަވޭޓިވް ޕާޓީ އަތުން ބަލިވެފައެވެ. މިއީ ފާއިތުވި 50 އަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި ސްކޮޓްލޭންޑްގެ ބައި-އިލެކްޝަނަކުން ކޮންޒަވޭޓިވް ޕާޓީއަށް ލިބުނު ފުރަތަމަ ކާމިޔާބީއެވެ.

އެ ދާއިރާގައި ހުންނަވައި ވާހަކަދައްކަވަމުން ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބޭޑެނޮކް ވިދާޅުވީ، ނޯތު ސީއިން ތެލާއި ގޭސް ނެގުމަށް ތާއީދުކުރުމަށް ވޯޓުލީ މީހުން ސިޔާސީވެރިންނަށް "މެސެޖެއް ދީފި" ކަމަށެވެ.

އޭނާ ލޭބަރ ޕާޓީއަށް ފާޑުވިދާޅުވަމުން ވިދާޅުވީ، އެ ޕާޓީން އުޅެނީ އަމިއްލަ ޕާޓީގެ މައްސަލަތަކުގެ ތެރޭގައި ބެދިފައި ކަމަށާއި، ދިރިއުޅުމުގެ ޚަރަދުތަކާއި ރައްޔިތުންގެ ދިރިއުޅުމަށް އަސަރުކުރާ ކަންކަމަށް އެމީހުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް ކަމަށެވެ.

އެންޑީ ބަރންހަމްކިއަރ ސްޓާމާމޭކަރފީލްޑްލޭބަރ ޕާޓީ - ޔޫކޭވެސް ސްޓްރީޓިންގްރިފޯމް ޔޫކޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

ބޮޑު ވަޒީރުގެ ރޭހަށް ނިކުންނަވާނެ ކަމަށް ބެލެވޭ ބާންހަމް، ބައި އިލެކްޝަން ކާމިޔާބު ކުރައްވައިފި

20 ޖޫން 2026
ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

ބޮޑު ވަޒީރު ސްޓާމާ ފެއިލް ވެފައިވާ ކަމަށް ވިދާޅުވެ، ޑިފެންސް ސެކްރެޓަރީ ހީލީ އިސްތިއުފާ ދެއްވައިފި

13 ޖޫން 2026
ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަވެރިކަން ފެށިއްޖެ ނަމަ، ވާދަ ކުރާނެ ކަމަށް ބޮޑު ވަޒީރު ސްޓާމަރ ސަޕޯޓަރުންނަށް އަންގަވައިފި

ލޭބަރ ޕާޓީގެ ލީޑަރުގެ މަގާމަށް ވާދަވެރިކަން ފެށިއްޖެ ނަމަ، ވާދަ ކުރާނެ ކަމަށް ބޮޑު ވަޒީރު ސްޓާމަރ ސަޕޯޓަރުންނަށް އަންގަވައިފި

07 ޖޫން 2026
ބާންހަމްގެ ވިސްނުން ހުރީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް

ބާންހަމްގެ ވިސްނުން ހުރީ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވުމަށް ފަހު، އަވަސް އިންތިޚާބެއް ބޭއްވުމަށް

31 މެއި 2026
ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ

ބޮޑު ވަޒީރު ސްޓާމާގެ މުސްތަޤުބަލާ މެދު ނިންމަވަން ޖެހޭނީ އަމިއްލަ ނިންމުމެއް: މިނިސްޓަރު ނޭންޑީ

18 މެއި 2026

އަހަރުތަކުން މިއަދު

19 ޖޫން
"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި
20251 އަހަރު ކުރިން
ދުނިޔެ

"އިސްރާއީލާ ގުޅުން ކަނޑާލާ": ޕާކިސްތާނުން އީރާނަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަޤީންކަން ދީފި

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ
20242 އަހަރު ކުރިން
ރާއްޖެ

އަލަށް ކުށްކުރާ ކުޑަކުދިން ޖަލަށްލުމަކީ އެކުދިން އަލިފާނުން ރައްކާތެރިކުރަން އަލިފާން ގެންގުޅޭ ތަނަކަށް ގެންދިއުން ކަހަލަ ކަމެއް: ޕީޖީ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި ފިރިހެނަކު ނިޔާވެއްޖެ

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން "ހަމަ ހިޓާޗީ"ގެ ނަމުގައި ޕްރޮމޯޝަނެއް ފަށައިފި

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ
20215 އަހަރު ކުރިން
ރާއްޖެ

މާލޭ ގުދަނެއްގެ ތެރެއިން ބޮޑު ހަރުފައެއް ފެނިއްޖެ

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޑރ. ޖަމީލާއި ވަކީލް ސަލީމްގެ ފަރާތުން ހުތުރު މަންޒަރުތަކެއް!

ސަޢީދު: އެންމެ ބޭކާރު ވަޒީރު
20188 އަހަރު ކުރިން
ރިޕޯޓު

ސަޢީދު: އެންމެ ބޭކާރު ވަޒީރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު