އެމެރިކާ މިހާރު އޮތީ މާ ނުރައްލާތެރި އަދި ދަށް ޙާލަތެއްގައި ކަމަށް ވިދާޅުވެ، އޮބާމާގެ ފާޑު ކިޔުން އީރާންގެ އެއްބަސްވުމަށް އަމާޒު ކޮށްފި
އޮބާމާ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ފެނުމުން އުފާ ކުރައްވާ ކަމަށާއި، އެކަން ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް. ނަމަވެސް، މި ހަނގުރާމަ ފެށުމުގެ އަސްލު ސަބަބަކީ އީރާން އިން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައި އޮތް އޮތުން ކަމަށް އޭނާ ފާހަގަ ކުރެއްވި.


އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ. | ގެޓީ އިމޭޖަސް
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާން އާއެކު ޤާއިމު ކުރި އެއްބަސްވުމަށް، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ފާޑު ވިދާޅުވެއްޖެ އެވެ.
ހުކުރު ދުވަހު އެންބީސީގެ "ޓުޑޭ ޝޯ" ގައި ވާހަކަ ދައްކަވަމުން އޮބާމާ ވިދާޅުވީ، ޓްރަމްޕް އީރާން އަށް ހަމަލާ ދޭން ފެށުމުގެ ކުރިން އޮތް ހާލަތަށް ވުރެ، މިހާރު އެމެރިކާ އޮތީ މާ ނުރައްކާތެރި އަދި ދަށް ހާލަތެއްގައި ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
މި މައުލޫމާތު އޮބާމާ ހިއްސާ ކުރެއްވީ، އޭނާގެ ރިޔާސީ ދައުރުގައި 2016 ވަނަ އަހަރު އަމަލު ކުރަން ފެށި އީރާންގެ ނިއުކްލިއާ އެއްބަސްވުން ނުވަތަ ޖޭޕީސީއޯއޭ އަށް ހާއްސަ ބައެއް އޮބާމާ ޕްރެޒިޑެންޝަލް ސެންޓަރުގައި ހިމަނާފައިވާކަން ޕްރޮގްރާމްގެ ހޯސްޓް ފާހަގަ ކުރުމާ ގުޅިގެންނެވެ.
ޓްރަމްޕް ވަނީ އޮބާމާގެ އެ އެއްބަސްވުން އުވާލައްވައި، އޭގެ ބަދަލުގައި 14 ނުކުތާގެ މައްޗަށް އެކުލެވޭ "މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިން" އެއްގައި އީރާން އާއެކު ސޮއި ކުރައްވާފައި އެވެ. މި އައު އެއްބަސްވުމުގައި 60 ދުވަހުގެ ހަނގުރާމަ ހުއްޓާލުމާއި، ހޯރްމޫޒް ކަނޑު އޮޅި އަލުން ހުޅުވާލުން އަދި ބަދަލުގެ ގޮތުގައި 300 ބިލިއަން ޑޮލަރު ދިނުން ފަދަ ކަންކަން ހިމެނެ އެވެ.
އޮބާމާ ވިދާޅުވީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ފެނުމުން އުފާ ކުރައްވާ ކަމަށާއި، އެކަން ދެމި އޮންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، މި ހަނގުރާމަ ފެށުމުގެ އަސްލު ސަބަބަކީ އީރާން އިން ނިއުކްލިއާ ހަތިޔާރު ނުއުފެއްދުމަށް އެއްބަސްވެފައި އޮތް އޮތުން ކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.
ޓްރަމްޕްގެ ސަރުކާރުން ނުވަތަ ސަރުކާރުގެ ކުރީގެ ވަގުތެއްގައި އެ އެއްބަސްވުމުން ވަކިވުމުގެ ސަބަބުން އީރާން އިން އެމީހުންގެ ނިއުކްލިއާ ގާބިލުކަން އިތުރު ކުރި ކަމަށް އޮބާމާ ތުހުމަތު ކުރެއްވި އެވެ. މީގެ އިތުރުން، ބިލިއަނުން ޑޮލަރު ހޭދަކޮށް، އެމެރިކާގެ އަސްކަރިއްޔާ އަށް ބޮޑު ބުރައެއް އުފުލަން ޖެހި، ގިނަ ބަޔަކު މަރުވުމަށް ފަހު، މިހާރު މި ތިބެވުނީ ކުރިން ވެސް ތިބި ހިސާބުގައި ކަމަށާއި، ބޮޑަށް ބެލެވެނީ ހާލަތު ކުރިއަށް ވުރެ ގޯސްވެފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ.
މި ފާޑުކިޔުންތަކާ ގުޅިގެން ޑޮނަލްޑް ޓްރަމްޕް ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަރުގަދަ ރައްދެއް ދެއްވާފައި އެވެ. ޓްރަމްޕްގެ އައު އެއްބަސްވުމަކީ ގޯސް އެއްބަސްވުމެއް ކަމަށް ބުނާ މީހުންނަކީ "މޮޔައިން" ކަމަށް އޭނާ ސިފަ ކުރެއްވި އެވެ. ޓްރަމްޕް ވިދާޅުވީ އޭނާ އީރާންއާ މެދު ހަރުކަށި ނޫން ކަމަށް ބުނާ މީހުންނަކީ، ހަސަދަވެރިން ނުވަތަ ކަންކަން ނޭނގޭ ބައެއް ކަމަށެވެ. އަދި އޭނާގެ ސިޔާސަތު ތަކުގެ ސަބަބުން އެމެރިކާގެ ހިއްސާގެ ބާޒާރު ރެކޯޑު މިންވަރަކަށް މައްޗަށް ގޮސް، ތެލުގެ އަގު ދަށަށް ގޮސްފައިވާކަން ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.
ފްރާންސްގައި ބޭއްވުނު ޖީ7 ސަމިޓުގައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވަނީ މި އެއްބަސްވުމުގައި ސޮއި ކުރެއްވި ސަބަބު އިތުރަށް ސާފު ކޮށްދެއްވާފައި އެވެ. ޓްރަމްޕް ވިދާޅުވީ އޭނާ ބޭނުންފުޅުވީ އިގްތިސާދީ ބޮޑު ކާރިސާ އަކުން ސަލާމަތްވާން ކަމަށެވެ. ހަނގުރާމަ ކުރިއަށް ގެންދިޔަ ނަމަ، އެފަދަ ކާރިސާއެއް ކުރިމަތިވީސް ކަމަށާއި، ސުލްހައިގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ހިއްސާގެ ބާޒާރު ވަރަށް ބޮޑަށް ކުރި އަރައިގެން ދާކަން އޭނާ ފާހަގަ ކުރެއްވި އެވެ.
މި އެއްބަސްވުމަކީ އެމެރިކާ އަލުން ވަރުގަދަ ކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ޓްރަމްޕް ވަނީ ސިފަ ކުރައްވާފައި އެވެ.







