އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާކުރުމަށް އިޒްރޭލުން އެދުމުން ވައިޓް ހައުސްއިން އެކަމަށް އިންކާރުކޮށްފި
މި އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގެ މަސްލަހަތަށް ގެއްލުންވާކަމަށް ބުނެ އެ ގައުމުގެ އޮފިޝަލުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ބޮޑުވަޒީރު ނަތަންޔާހޫ ވިދާޅުވީ އިޒްރޭލުން އަމަލުކުރާނީ އެ ގައުމުގެ އަމިއްލަ ސިޔާސަތުތަކާ އެއްގޮތަށް ކަމަށް. މީގެއިތުރުން، ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލުމާ ގުޅޭގޮތުން މި ފަހުމުނާމާގައި ހިމެނޭ މާއްދާތަކަށް އަމަލުކުރުމަށްވެސް އިޒްރޭލުން ވަނީ ދެކޮޅު ހަދާފައި.

2025 ޑިސެމްބަރު 29 ވަނަ ދުވަހު ފްލޮރިޑާގެ ޕާމް ބީޗުގައި ހުންނަ ޓްރަމްޕްގެ މާ-އަ-ލާގޯ ރެސިޑެންސަށް ޓްރަމްޕް (ކަނާތްޕަރާތުގައި) ނަތަންޔާހޫ އަށް މަރުހަބާ ދަންނަވަނީ. | ގެޓީ އިމޭޖަސް
އީރާނާއި އެމެރިކާއާ ދެމެދު ދާދިފަހުން ސޮއިކުރި ފަހުމުނާމާ (އެމްއޯޔޫ) މުރާޖައާ ކުރުމަށް އިޒްރޭލުން ހުށަހެޅި ރަސްމީ ހުށަހެޅުމެއް އެމެރިކާގެ ވައިޓް ހައުސްއިން އިންކާރުކޮށްފި ކަމަށް އިޒްރޭލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.
އިޒްރޭލުގެ ޗެނަލް 12 ގެ ކޮރެސްޕޮންޑެންޓް ޔާރޮން އަވްރަހަމް ރިޕޯޓްކޮށްފައިވާ ގޮތުގައި، ވޮޝިންޓަނާއި ތެހެރާނާ ދެމެދު ވެފައިވާ އެއްބަސްވުން މުރާޖައާ ކުރުމަށް އިޒްރޭލު ސަރުކާރުން ރަސްމީކޮށް އެދުނު ނަމަވެސް، އެމެރިކާއިން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. އަދި މި ފަހުމުނާމާގެ ފުރިހަމަ ތަފްސީލުތައް އިޒްރޭލުގެ އޮފިޝަލުންނަށް އަދިވެސް އެނގިފައި ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާއިން އިޒްރޭލުގެ ހުށަހެޅުމަށް އިންކާރުކޮށްފައި މިވަނީ، އެ އެއްބަސްވުމާ މެދު އިޒްރޭލުގެ އޮފިޝަލުން ފާޅުގައި ސުވާލު އުފައްދައި ފާޑުކިޔުންތައް އިތުރުވެފައިވާ ދަނޑިވަޅެއްގައެވެ. އިޒްރޭލުން ބުނަމުންދަނީ މި އެއްބަސްވުމުގެ ސަބަބުން އީރާނާ މެދު ތެލް އަވީވުން ގެންގުޅޭ ސިޔާސަތަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، އީރާނާއި އެމެރިކާއާ ދެމެދު ވެފައިވާ ފަހުމުނާމާގެ ތަފްސީލުތައް އޭނާއަށް "ޔަގީން ނުވާ" ކަމަށެވެ.
އިޒްރޭލުގެ އިބްރާނީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި އެއްބަސްވުމާ މެދު އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެ، އެކަމާ ދެކޮޅަށެވެ.
އިޒްރޭލުގެ އައި24 (i24) ޓީވީ ޗެނަލުން ބުނި ގޮތުގައި، މި ފަހުމުނާމާގައި ހިމެނޭ ބައެއް މާއްދާތަކަށް، ހާއްސަކޮށް ލުބުނާނުން ފޭބުމާއި އެ ގައުމަށް ދޭ ހަމަލާތައް ހުއްޓާލުމާ ގުޅޭ ކަންކަމަށް އިޒްރޭލުގެ އޮފިޝަލުން ދެކެނީ ނުހަނު ނޭދެވޭ ގޮތަކަށެވެ.
އައި24 އަށް މައުލޫމާތު ދިން ނަން ހާމަނުކުރާ މަސްދަރަކުން ވަނީ މި އެއްބަސްވުމަކީ އިޒްރޭލަށް ލިބުނު "ލަދުވެތިކަމެއް" ގެ ގޮތުގައި ސިފަކޮށްފައެވެ.
މީގެއިތުރުން، މި އެއްބަސްވުމަށް އަމަލުކުރުމަށް އިޒްރޭލުން ބޭނުންނުވާކަން އެ ގައުމުގެ އޮފިޝަލުން ވޮޝިންޓަނަށް އަންގާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅޭގޮތުން ނަތަންޔާހޫ ވިދާޅުވީ، އީރާނާއެކު އެއްބަސްވުން ގާއިމުކުރީ ޓްރަމްޕް ކަމަށާއި، އެއީ އޭނާގެ ނިންމުމެއް ކަމަށެވެ. އަދި އިޒްރޭލުން އަމަލުކުރާނީ އެ ގައުމުގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރެވޭ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދެމުންދިޔަ ހަމަލާތައް ހުއްޓާލުމަށް އެމެރިކާގެ ރައީސް އިއުލާން ކުރެއްވީ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ.
މި އިއުލާން ކުރެވުނީ، މުޅި ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ މަސްލަހަތުތަކަށް އީރާނުން ވަރުގަދަ ރައްދު ހަމަލާތަކެއް ދީ، ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންނަށް ސްޓްރެޓީޖިކް ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެންނެވެ.
ދީފައިވާ ރައްދު ހަމަލާތަކުގެ އިތުރުން، ލުބުނާނުގައި ގާއިމުކޮށްފައިވާ ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރޭލުން ޚިލާފުވުމުންވެސް އީރާނުން ވަނީ އެކަމަށް ރައްދު ދީފައެވެ.
އީރާނުން އަބަދުވެސް ބުނަމުންދަނީ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގައި ލުބުނާނު ހިމެނޭ ގޮތަށް ހުރިހާ ދިމާއަކުން ހަމަލާތައް ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިޒްރޭލުން ލުބުނާނަށް ހަމަލާދީ ނުވަތަ އެ ގައުމުން އަލަށް ހިފާފައިވާ ބިންތަކުން ނުފައިބާ ތިބުމަކީ މި ފަހުމުނާމާއާ ޚިލާފުވުން ކަމަށް އީރާނުން ވަނީ ބުނެފައެވެ.






