އިޓަލީގެ ބޮޑުވަޒީރު މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެއްޖެ ކަމަށް މެލޯނީ ވިދާޅުވެއްޖެ
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވި އިންޓަވިއުއެއްގައި އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިދާޅުވެ، މެލޯނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފި. މި މައްސަލައިގައި ދެ ގައުމުގެ ގުޅުން ގޯސްވެ، އިޓަލީގެ ޚާރިޖީ ވަޒީރު އެމެރިކާއަށް ކުރައްވަން އޮތް ދަތުރުފުޅު ކެންސަލްކުރައްވާފައިވާއިރު، އިޓަލީގެ ސިޔާސީ ލީޑަރުން ގެންދަވަނީ މެލޯނީގެ ދިފާއުގައި ޓްރަމްޕަށް ރައްދު ދެއްވަމުން. މި ހަމަނުޖެހުންތަކުގެ ސަބަބުން ކުރިން ގާތް ގުޅުމެއް އޮތް ދެ ލީޑަރުންގެ މެދުގައި އޮތް އިތުބާރު ވަނީ ވަރަށް ބޮޑަށް ގެއްލިފައި.

ފަރަންސޭސިވިލާތުގެ އެވިއަންގައި ކުރިއަށް ދިޔަ ޖީ7 ސަމިޓުގެ ހަވާސާގައި، އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ ބުދަ ދުވަހު އެމެރިކާގެ ރައީސާ ބައްދަލުކުރައްވަނީ. | ރޮއިޓާސް
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާއެކު ފޮޓޯއެއް ނެގުމަށް އެކަމަނާ "އާދޭސްކުރެއްވި" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޓަލީގެ ޓީވީއަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވުމާ ގުޅިގެން، އެކަމާ ހައިރާންވެވަޑައިގަންނަވާ ކަމަށް މެލޯނީ ވިދާޅުވެއްޖެއެވެ. މި މައްސަލައާ ގުޅިގެން ދެ ގައުމުގެ ލީޑަރުންގެ މެދުގައި މިހާރު ވަނީ ބޮޑު ބަހުގެ ހަމަލާތަކެއް ބަދަލުކުރަން ފަށާފައެވެ.
މެލޯނީ ވިދާޅުވީ ޓްރަމްޕްގެ އެ ވާހަކަތަކަކީ ކަނޑައެޅިގެން "ހަދައިގެން ދައްކާފައިވާ" ދޮގު ވާހަކަތަކެއް ކަމަށެވެ. އަދި މި ހަމަނުޖެހުންތަކާ ގުޅިގެން އިޓަލީގެ ޚާރިޖީ ވަޒީރު އެންޓޯނިއޯ ތަޖާނީ އަންނަ ހަފުތާގެ ކުރީކޮޅު އެމެރިކާއަށް ކުރެއްވުމަށް ހަމަޖެހިފައި އޮތް ދަތުރުފުޅު މިހާރު ވަނީ ކެންސަލް ކުރައްވާފައެވެ.
ފާޅުކަން ބޮޑު ގޮތެއްގައި ދެ ގައުމުގެ މެދުގައި ބަދަލުކުރެވެމުންދާ ބަހުގެ ހަމަލާތަކުން ހާމަވަނީ، އީރާނާ ދެކޮޅަށް ހަނގުރާމަ ކުރުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށްފަހު، ފާއިތުވި މަސްތަކުގައި ދެ ބޭފުޅުންގެ ދެމެދުގައި އޮތް ގާތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ މިންވަރެވެ.
މި ހަފުތާގައި ފްރާންސްގެ އިރުމަތީގައި އޮންނަ އެވިއަން-ލެ-ބެއިންސްގައި ބޭއްވި ޖީ7 ސަމިޓުގައި ޓްރަމްޕާއި މެލޯނީ ވަރަށް ގާތްކޮށް ވާހަކަދައްކަވަން ތިއްބަވަނިކޮށް ފެނިފައިވެއެވެ. އަދި އެއަށްފަހު މެލޯނީ ނޫސްވެރިންނަށް ވިދާޅުވީ ދެ ބޭފުޅުންގެ ގުޅުމަށް ބަދަލެއް ނާންނަ ކަމަށާއި، އެއްވެސް ކަހަލަ ހިތްހަމަނުޖެހުމެއް ނެތް ކަމަށެވެ.
ނަމަވެސް، އޭގެ ފަހުން އިޓަލީގެ "ލާ7" (La7) ޓީވީ ޗެނަލަށް ފޯނުން ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ތުހުމަތު ކުރެއްވި ގޮތުގައި، މެލޯނީ ވަނީ އޭނާއާއެކު ފޮޓޯއެއް ނެގުމަށް އާދޭސްކުރައްވާފައެވެ. "އެކަމަނާ އަޅުގަނޑު ކައިރީގައި ފޮޓޯއެއް ނަގައިދޭން އާދޭސްކުރި؛ އަޅުގަނޑު އެކަމަނާއާ މެދު ދެރަވި،" ޓްރަމްޕް ވިދާޅުވިއެވެ.
އެވިއަންގައި ބޭއްވި ސަމިޓުގެ ތެރެއިން ދެ ލީޑަރުން އެކުގައި ތިއްބަވާ މަންޒަރު ފެންނަ ގިނަ ވީޑިއޯތަކެއް ވަނީ އާންމުވެފައެވެ. އޭގެ ތެރޭގައި ކުޑަ ސޯފާއެއްގައި ދެ ބޭފުޅުން ވަރަށް ޝައުގުވެރިކަމާއެކު ވާހަކަދައްކަވަން ތިއްބެވި މަންޒަރާއި، ވާހަކަދައްކަވަމުން މެލޯނީ ހިނިތުންވެވަޑައިގެން އިންނެވި މަންޒަރު ފެނެއެވެ.
"އަޅުގަނޑު އެކަމަނާއާ ވާހަކަދެއްކުމުން އެކަމަނާ ހުންނެވީ ވަރަށް އުފަލުން ކަމަށް ލަފާކުރެވޭ،" ޓްރަމްޕް ވިދާޅުވިއެވެ. ލާ7 ޗެނަލުން ޓްރަމްޕްގެ އަސްލު އިނގިރޭސި އޯޑިއޯ ބޭނުންކުރުމުގެ ބަދަލުގައި، އޭނާގެ ވާހަކަތައް ގެނެސްދިނީ އިޓަލީ ބަހުން އަޑު އަޅައިގެންނެވެ.
މި ވާހަކަތަކާ ގުޅިގެން މެލޯނީ ވަނީ އިންސްޓަގްރާމްގައި އެކަމަނާގެ ހަތް މިލިއަން ފޮލޯވަރުންނާ މުޚާތަބު ކުރައްވައި، ކުރު ބަޔާނެއް ދެއްވާފައެވެ. އެކަމަނާ ވިދާޅުވީ ޓްރަމްޕްގެ ވާހަކަތަކުން "ސިހުން ލިބިވަޑައިގެންފައިވާ" ކަމަށެވެ.
"އެމެރިކާގެ ރައީސް އެ ގައުމުގެ އެކުވެރިންނާ މެދު މިފަދަ ގޮތަކަށް އަމަލުކުރައްވަނީ ކީއްވެގެން ކަމެއް އަޅުގަނޑަކަށް ނޭނގެ،" މެލޯނީ ވިދާޅުވިއެވެ. އަދި މިފަދަ ކަމެއް ހިނގި މިއީ ފުރަތަމަ ފަހަރު ނޫން ކަމަށްވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެލޯނީ އިތުރަށް ވިދާޅުވީ، "ހުޅަނގުގެ ދުޝްމަނުންނާއި އެމެރިކާގެ ދުޝްމަނުންނާ މެދު ޓްރަމްޕް މިފަދަ ހަރުކަށިކަމެއް ނުދައްކަވައި، އެ ގައުމުތަކުގެ ލީޑަރުންނަށް މާ ބޮޑަށް ދޫދެއްވާތީ އެކަމާ ހިތާމަކުރާ" ކަމަށެވެ.
"ނަމަވެސް އެމަނިކުފާނު ހަނދާން ބަހައްޓަވަންޖެހޭ އެއް ކަމެއް އެބައޮތް: އަޅުގަނޑުވެސް އަދި އިޓަލީއަކީވެސް ދުވަހަކުވެސް އާދޭސްކުރާނެ ބައެއް ނޫން،" މެލޯނީ ވިދާޅުވިއެވެ.
ޓްރަމްޕްގެ މި އާދަޔާ ޚިލާފް ވާހަކަތަކާ ގުޅިގެން މެލޯނީއަށް ލިބިވަޑައިގެންނެވި ސިހުން މި އައީ، ކުރިން ގާތް ސިޔާސީ ގުޅުމެއް އޮތް ދެ ބޭފުޅުންގެ ދެމެދުގައި މައްސަލަތައް ޖެހި ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ.
2022 ވަނަ އަހަރު އިންތިޚާބުވެވަޑައިގެންނެވި މެލޯނީއަކީ، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ބޭއްވި ޓްރަމްޕްގެ ރައީސްކަމުގެ ހުވާކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ވިލާތުގެ ހަމައެކަނި ލީޑަރެވެ. އޭރު ވިލާތުގެ އިއްތިހާދުގެ އެހެން ގައުމުތަކުން މެލޯނީއާ މެދު ދެކުނީ އެމެރިކާގެ ރައީސާ ގުޅުން ބަދަހިކޮށްދޭނެ މެދުވެރިއެއްގެ ގޮތުގައެވެ.
ނަމަވެސް، އީރާނާ ދެކޮޅަށް އެމެރިކާއިން ކުރާ ހަނގުރާމައާ ދެކޮޅަށް މެލޯނީ ފާޅުގައި ވާހަކަދައްކަވަން ފެއްޓެވުމުން، މިދިޔަ އޭޕްރީލް މަހު ޓްރަމްޕް ވަނީ އިޓަލީގެ "ކޮރިއޭރޭ ޑެލާ ސޭރާ" ނޫހަށް ދެއްވި އިންޓަވިއުއެއްގައި ރައްދު ދެއްވާފައެވެ. އެ އިންޓަވިއުގައި ޓްރަމްޕް ވިދާޅުވީ "އެކަމަނާއަކީ ހިތްވަރުގަދަ ބޭފުޅެއް ކަމަށް އަޅުގަނޑު ހީކުރިން، އެކަމަކު އަޅުގަނޑަށް ކުރެވުނީ ކުށްހީއެއް" ކަމަށެވެ.
ޓްރަމްޕްގެ އެންމެ ފަހުގެ އިންޓަވިއުއާ ގުޅިގެން، އިޓަލީގެ ރައީސް ސާޖިއޯ މަޓަރެއްލާ ވަނީ ވަގުތުން މެލޯނީއަށް ފޯނުން ގުޅުއްވައި ހިތްވަރު ދެއްވާފައެވެ. އަދި އިޓަލީގެ ސިޔާސީ މަސްރަހުގެ އެކި ފިކުރުތަކުގެ ބޭފުޅުން ގެންދަވަނީ މެލޯނީގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ސެނެޓަރެއް ކަމަށްވާ ފިލިއްޕޯ ސެންސީ ވިދާޅުވީ، އިޓަލީގެ ބޮޑުވަޒީރާ މެދު އެފަދަ ބޮޑާ ގޮތަކަށް ވާހަކަދެއްކުމުގެ ހައްގު އެއްވެސް މީހަކަށް ލިބިގެންނުވާ ކަމަށެވެ.
"ފައިވް ސްޓާ މޫވްމަންޓް" ގެ ލީޑަރު ޖިސެއްޕޭ ކޮންޓޭ ވިދާޅުވީ، އިޓަލީއަކީ މިފަދަ އިހާނެތި ބަސްތަކެއް ރައްދުވާންޖެހޭ ގައުމެއް ނޫން ކަމަށެވެ. އަދި ވޮޝިންޓަނުގެ ރުހުން ހޯދުމަކީ ގައުމީ ކަރާމާތާއި މަސްލަހަތު ގުރުބާންކޮށްފައި ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މެލޯނީގެ އަމިއްލަ ޕާޓީ ކަމަށްވާ "ބްރަދާސް އޮފް އިޓަލީ" ގެ ސެނެޓް ގްރޫޕް ލީޑަރު ލޫސިއޯ މަލާން ފާހަގަކުރެއްވި ގޮތުގައި، ޓްރަމްޕްގެ މި ވާހަކަތަކަކީ ވިލާތުގެ އެކި ލީޑަރުންނަށް އަމާޒުކޮށް އޭނާ ދެމުންދާ ހުތުރު ހަމަލާތަކުގެ ބައެކެވެ. އަދި މީގެ ސަބަބުން ގެއްލުންވަނީ ޚުދު ޓްރަމްޕްގެ އަބުރާއި ގަދަރަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މަލާން އިތުރަށް ވިދާޅުވީ، ޖީ7 ސަމިޓުގެ ވީޑިއޯތަކުން ފެންނަނީ ޓްރަމްޕް އެ ވިދާޅުވާ ވާހަކަތަކާ މުޅިން ތަފާތު މަންޒަރެއް ކަމަށެވެ. އަދި ޓްރަމްޕް އެހާ ބޮޑަށް ކޯފާވީ، އެމެރިކާއިން ބޭނުންވާ ކޮންމެ ކަމަކަށް "އާނބަސް" ބުނުމުގެ ބަދަލުގައި، ބޭނުންޖެހޭ ހާލަތްތަކުގައި ވޮޝިންޓަނަށް "ނޫނެކޭ" ބުނުމުގެ ހިތްވަރު މެލޯނީގެ ކިބައިގައި ހުރުމުން ކަމަށް ބެލެވޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަރުކާރު ކޯލިޝަންގައި ހިމެނޭ "ލީގް" ޕާޓީގެ މަޓެއޯ ސަލްވީނީ ކުރުކޮށް ވިދާޅުވީ، "ޖޯޖިއާއަށް ހަމަލާދޭ ކޮންމެ މީހަކީ އަޅުގަނޑުމެން އެންމެންނަށް ހަމަލާދޭ މީހެއް" ކަމަށެވެ.
މަސްދަރު: ބީބީސީ







