އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، އެ ގައުމުގެ ހިފާފައިވާ ބިންތަކުން ފޭބުމުން ނޫނީ ހަނގުރާމަ ނިމުމަކަށް ނާންނާނެ: އީރާން
އީރާނާއި އެމެރިކާއާ ދެމެދު ވެވޭ ހަނގުރާމަ ހުއްޓާލުމުގެ ފަހުމުނާމާގައި އަންނަ ހުކުރު ދުވަހު ސޮއިކުރުމަށް ހަމަޖެހިފައިވާކަން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ އިއުލާންކުރައްވައިފި. މި އެއްބަސްވުމުގެ ދަށުން ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާލައި އިޒްރޭލު ސިފައިން އެ ގައުމުގެ ބިންތަކުން ފޭބުމަކީ މަޖުބޫރު ކަމެއް ކަމަށާއި، މީގެ އިތުރުން އީރާނުގެ ފައިސާ ދޫކުރުމާއި ބްލޮކޭޑްތައް އުވާލުމަށް ވެސް ވަނީ ހިމަނާފައި. މި ފަހުމުނާމާއަށްފަހު ނިއުކްލިއާ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅޭގޮތުން ދާއިމީ ހައްލެއް ހޯދުމަށް 60 ދުވަހުގެ މަޝްވަރާތަކެއް ކުރިއަށްދާނެ.

ތެހެރާންގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމޭޓުންނާއެކު 2026 ޖޫން 16 ވީ އަންގާރަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވާހަކަފުޅު ދައްކަވަނީ. | ޕްރެސްޓީވީ
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، އެ ގައުމުގެ ހިފާފައިވާ ބިންތަކުން ފޭބުމުން ނޫނީ ހަނގުރާމަ ނިމުމަކަށް ނާންނާނެ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވިދާޅުވެއްޖެއެވެ. އަރާގްޗީ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އިޒްރޭލުން ލުބުނާނަށް ދޭ ކޮންމެ ހަމަލާއަކީ ނުވަތަ އެ ގައުމުން އަލަށް ހިފާފައިވާ ބިންތަކުގައި އިޒްރޭލު ސިފައިން ތިބުމަކީ، އީރާނާއި އެމެރިކާއާ ދެމެދު ސޮއިކުރުމަށް ހަމަޖެހިފައިވާ ފަހުމުނާމާއާ ޚިލާފު ކަމެއް ކަމަށެވެ.
އަންގާރަ ދުވަހު ތެހެރާންގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އަރާގްޗީ ވިދާޅުވީ، މި ފަހުމުނާމާގެ އެންމެ މުހިންމު މާއްދާއަކީ ލުބުނާން ހިމެނޭހެން ހުރިހާ ފްރަންޓެއްގައި ކުރިއަށްދާ ހަނގުރާމަ ވަގުތުން އަދި ދާއިމީކޮށް ހުއްޓާލުން ކަމަށެވެ. އެހެންކަމުން، ލުބުނާނަށް ދެމުންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަކީ މި ފަހުމުނާމާގެ މުހިންމު ބައެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ވަނީ އެއްވެސް މަގުބޫލު ސަބަބެއް ނެތި އީރާނާ ދެކޮޅަށް އުދުވާނީ ހަމަލާތަކެއް ދޭން ފަށާފައެވެ. ހަމައެއާއެކު، ބައިނަލްއަގުވާމީ މުޖުތަމައުން ގާއިމުކޮށްފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުންތަކާ ޚިލާފަށް، އިޒްރޭލުން ވަނީ ލުބުނާނަށް ދޭ ހަމަލާތައް ވެސް ވަރުގަދަކޮށްފައެވެ.
އީރާނުން ތަކުރާރުކޮށް ބުނަމުންދަނީ، ވޮޝިންޓަނާއެކު ގާއިމުކުރާ ކޮންމެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ލުބުނާން ހިމެނޭހެން ހުރިހާ ދިމާލަކަށް ހިނގަންވާނެ ކަމަށެވެ. އަދި ސަރަހައްދީ ސުލްހައާއި ހަމަޖެހުން ގާއިމުކުރެވޭނީ މި އެއްބަސްވުން ފުރިހަމައަށް ތަންފީޒުކޮށްގެން ކަމަށް ވެސް އީރާނުން ބުނެއެވެ.
އޭޕްރިލް މަހުގެ 7 ވަނަ ދުވަހާ ހަމައަށް އެމެރިކާއާއި އިޒްރޭލުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުގެ ހަތިޔާރު އެޅި ބާރުތަކުން ވަނީ ހަމަލާދިން ފަރާތްތަކުގެ މަސްލަހަތު އޮތް ތަންތަނަށް ރައްދު ހަމަލާދީފައެވެ. މީގެ އިތުރުން ލުބުނާނުގައި އިޒްރޭލުން ވެފައިވާ އިލްތިޒާމްތަކާ ޚިލާފުވުމުން ވެސް އީރާނުން ވަނީ ރައްދު ދީފައެވެ.
އާދިއްތަ ދުވަހު އީރާނުގެ ޚާރިޖީ ވުޒާރާއިން އިއުލާންކުރި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި ވެވޭ ފަހުމުނާމާ މިހާރު ވަނީ ފައިނަލް ކުރެވިފައެވެ. އަދި އަންނަ ހުކުރު ދުވަހު ސްވިޒަލޭންޑްގައި މި ފަހުމުނާމާގައި ރަސްމީކޮށް ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ.
"ލުބުނާނުގެ ހަނގުރާމައާއި، ޒަޔަނިސްޓް ދައުލަތުން ލުބުނާނުގެ ދެކުނަށް ދެމުންދާ ހަމަލާތައް އީރާނުގެ ހަނގުރާމައާ ގުޅިފައިވާތީ، މި ދެ ފްރަންޓަކީ އެކަތި އަނެކައްޗާ ލާމެހިފައިވާ ދެ ކަންތައް. އެހެންކަމުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ހުއްޓާލުމުގެ ޝަރުތެއްގެ ގޮތުގައި ލުބުނާނުގެ ހަނގުރާމަ ހުއްޓާލުން އީރާނުން އެންމެ ކުރީއްސުރެ ދެކެމުން އައީ،" އަރާގްޗީ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި، ލުބުނާނަށް ދިން ހަމަލާތައް ވަރުގަދަކުރި ފަހުން އިޒްރޭލުން ހިފާފައިވާ ހުރިހާ ބިންތަކަކުން އެ ގައުމުގެ ސިފައިން ފައިބަން ޖެހޭނެ ކަމަށެވެ.
"ހަނގުރާމަ ނިމުމުގެ މާނައަކީ އިސްތިއުމާރު ނިމުމަކަށް އައުން. މި ހަނގުރާމައިގެ ތެރޭގައި އިޒްރޭލުން ހިފާފައިވާ ބިންތަކުން އެ ގައުމުގެ ސިފައިން ނުފައިބާހާ ހިނދަކު، ހަނގުރާމަ ފުރިހަމައަށް ނިމުނު ކަމަކަށް ނުބެލެވޭނެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، މި ފަހުމުނާމާގައި ހިމެނޭ ފަރާތްތަކާ މެދު ތެހެރާނުން ދެކޭ ގޮތް ވެސް އޭނާ ސާފުކޮށްދެއްވިއެވެ.
"އަޅުގަނޑު މިތަނުގައި ފާހަގަކޮށްލަން ބޭނުންވާ މުހިންމު ނުކުތާއަކީ، އަޅުގަނޑުމެން ދެކޭ ގޮތުގައި މި ފަހުމުނާމާގެ ދެ ފަރާތަކީ އެއްކޮޅުން އެމެރިކާއާއި އިޒްރޭލު، އަދި އަނެއްކޮޅުން އީރާނާއި ލުބުނާނުގެ ހިޒްބުالله މުޖާހިދުން. ލުބުނާނުގެ ހަނގުރާމަ ހުއްޓާލުމަކީ މުޅި ހަނގުރާމަ އެއްކޮށް ނިމުމަކަށް ގެނައުމުގެ ވަކިނުކުރެވޭނެ ބައެއް،" އަރާގްޗީ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު ވިދާޅުވި ގޮތުގައި، ފަހުމުނާމާ ފައިނަލްވުމާ ގުޅިގެން، ތެހެރާން ގަޑިން ހޯމަ ދުވަހުގެ ހެނދުނުން ފެށިގެން ހަނގުރާމަ ނިމިފައިވާކަން ވަނީ އިއުލާންކޮށްފައެވެ. ނަމަވެސް، ރަސްމީކޮށް މި ފަހުމުނާމާއަށް އަމަލުކުރަން ފަށާނީ ހުކުރު ދުވަހު ސޮއިކުރުމުގެ މަރުހަލާ ނިމުމުންނެވެ.
އަރާގްޗީ އިއުލާންކުރެއްވި ގޮތުގައި، ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި އީރާނާއި އެމެރިކާއާ ދެމެދު ބާއްވާ އާ ބުރުގެ މަޝްވަރާތައް ވެސް ހުކުރު ދުވަހު ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ފެށޭނެއެވެ.
"ބޮޑަށް ބެލެވެނީ ހުކުރު ދުވަހު، ފަހުން އިއުލާންކުރާ ތަނެއްގައި މި ފަހުމުނާމާގައި ރަސްމީކޮށް ސޮއިކުރެވޭނެ ކަމަށް. އަދި ހަމަ އެ ދުވަހު، ދާއިމީ އެއްބަސްވުމަކަށް އައުމަށްޓަކައި އީރާނާއި އެމެރިކާއާ ދެމެދު އާ މަޝްވަރާތައް ފެށޭނެ،" އޭނާ ވިދާޅުވިއެވެ.
ނިއުކްލިއާ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތަކަށް ދާއިމީ އެއްބަސްވުމުގައި ހައްލު ހޯދާނެ
ޚާރިޖީ ވަޒީރު ވިދާޅުވީ، ކުރިމަތިވި އުދުވާނީ ހަމަލާތަކުގެ ސަބަބުން މަޝްވަރާތައް ދެ މަރުހަލާއަކަށް ބަހާލުމަށް ތެހެރާނާއި ވޮޝިންޓަނުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުރަތަމަ މަރުހަލާގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނީ ހަނގުރާމަ ހުއްޓާލުމާއި، ހުރްމުޒް ކަނޑުއޮޅީގެ މައްސަލައާއި، އީރާނުގެ ބަނދަރުތަކާއި އުޅަނދުފަހަރަށް އެމެރިކާއިން ކުރިމަތިކޮށްފައިވާ ޣައިރު ގާނޫނީ ބްލޮކޭޑް ނިމުމަކަށް ގެނައުމަށެވެ. މީގެ އިތުރުން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ދޫކުރުމާއި، އަލުން އާރާސްތުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ކުރެވުނު މަޝްވަރާތަކުން މި ފަހުމުނާމާ ވަނީ އެކުލަވާލެވިފައެވެ.
އަރާގްޗީ ވިދާޅުވި ގޮތުގައި، ފަހުމުނާމާގައި ސޮއިކުރުމަށްފަހު، ފުރިހަމަ އެއްބަސްވުމަކަށް އައުމަށްޓަކައި 60 ދުވަހުގެ މުއްދަތަށް މަޝްވަރާތައް ކުރިއަށްދާނެއެވެ.
"ދާއިމީ އެއްބަސްވުމުގައި، ނިއުކްލިއާ މައްސަލައާއި ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ގުޅޭގޮތުން ގޮތްތަކެއް ނިންމައި، ފަހުގެ ނިންމުމަކަށް އާދެވޭނެ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ތެހެރާނާއި ވޮޝިންޓަނާ ދެމެދު މެދުވެރިއެއްގެ ދައުރު އަދާކުރުމުގައި ޕާކިސްތާނުން ވެދިން އެހީތެރިކަމަށްޓަކައި އަރާގްޗީ ވަނީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ.







