ކެލިފޯނިއާގައި ވެއްޓުނު ބީ-52 ބޮން އަޅާ ބޯޓުގައި ތިބި 8 މީހުން މަރުވެއްޖެ
އެމެރިކާގެ އެޑްވާޑްސް އެއަރ ފޯސް ބޭހުގައި ކުރިއަށްދިޔަ ޓެސްޓު މިޝަނެއްގެ ތެރެއިން ބީ-52 މަރުކާގެ ބޮން އަޅާ ބޯޓެއް ވެއްޓި، އޭގައި ތިބި އަށް މީހުން ވަނީ މަރުވެފައި. ބޯޓުގެ ރޭޑާ ނިޒާމު ޒަމާނީ ކުރުމުގެ މަސައްކަތުގައި ހިނގި މި ހާދިސާގައި ބޯޓު އެއްކޮށް އަނދާފައިވާއިރު، މަރުވި މީހުންގެ ތެރޭގައި އަސްކަރީ އޮފިސަރުންނާއި ބޯއިންގް ކުންފުނީގެ މުވައްޒަފުން ހިމެނޭ. މި ހިތާމަވެރި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ ތަހުގީގެއް ފަށާފައި.

2026 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ހުޅަނގު ދެކުނުގައި އޮންނަ އާރް.އޭ.އެފް ފެއަރފޯޑުން އެމެރިކާގެ އެއަރ ފޯސްގެ ބީ-52 ސްޓްރެޓޯފޯޓްރެސް ބޮންއަޅާ ބޯޓެއް އުދުއްސާލަނީ. | އޭއެފްޕީ
އެމެރިކާގެ ކެލިފޯނިއާގައި ހުންނަ އެއަރ ފޯސް ބޭސް އަކުން ހޯމަ ދުވަހު ފުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި، އެމެރިކާގެ ބީ-52 މަރުކާގެ ބޮން އަޅާ ބޯޓެއް ވެއްޓި ރޯވުމުގެ ސަބަބުން އޭގައި ތިބި 8 މީހުން މަރުވެއްޖެ ކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ.
ލޮސް އެންޖެލިސްގެ އުތުރުން 60 މޭލު (95 ކިލޯމީޓަރު) ދުރުގައި އޮންނަ އެޑްވާޑްސް އެއަރ ފޯސް ބޭހަށް މި ބަރު ބޮން އަޅާ ބޯޓު ވެއްޓި އަލިފާންގަނޑަކަށް ބަދަލުވީ، އަސްކަރީ އޮފިސަރުންނާއި ސަރުކާރުގެ މުވައްޒަފުންގެ އިތުރުން މަދަނީ ކޮންޓްރެކްޓަރުން ހިމެނޭ ޓީމަކާއެކު އާންމުކޮށް ކުރިއަށްގެންދާ ޓެސްޓު މިޝަނެއްގައި އުޅެނިކޮށެވެ.
މި ހާދިސާގައި އެއްވެސް މީހަކު ސަލާމަތްވުމުގެ ފުރުސަތެއް ނެތް ކަމަށް އޮފިޝަލުން ވިދާޅުވެފައިވާއިރު، ބޯޓު ވެއްޓުނު ސަރަހައްދުން ފެންނަ މަންޒަރުތަކުން އެނގޭ ގޮތުގައި ބޯއިންގް ކުންފުނިން އުފައްދާފައިވާ އެ ބޮޑު ބޯޓު އޮތީ އެއްކޮށް އަނދައި އަޅިއަށް ވެފައެވެ.
"އެޑްވާޑްސް އެއަރ ފޯސް ބޭހަށް މިވަނީ ވަރަށް ހިތާމަވެރި ހާދިސާއަކާ ކުރިމަތިވެފައި. މި ހާދިސާގައި އެމެރިކާގެ ގާބިލު އަށް ދަރިއަކު އަޅުގަނޑުމެންނަށް ވަނީ ގެއްލިފައި،" އެއަރ ފޯސް ބޭހުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ކާނަލް ޖޭމްސް ހޭއިސް ވިދާޅުވިއެވެ.
ކާނަލް ހޭއިސް ވިދާޅުވި ގޮތުގައި، 1950 ގެ އަހަރުތަކުން ފެށިގެން އެމެރިކާގެ އަސްކަރިއްޔާއިން ބޭނުންކުރަމުން އަންނަ "ބީ-52 ސްޓްރެޓޯފޯޓްރެސް" މަރުކާގެ މި ބޯޓު ދަތުރުކުރަމުންދިޔައީ ރޭޑާ ނިޒާމު ޒަމާނީ ކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ ދަށުން ހަދަންޖެހޭ ޓެސްޓުތަކެއް ހެދުމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބޯޓު ނައްޓާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓި އަލިފާން ރޯވި ކަމަށާއި، ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާ ޓީމުތަކުން ވަގުތުން މަސައްކަތް ފެށި ނަމަވެސް، އެއްވެސް މީހަކު ސަލާމަތް ކުރެވެން ނެތްކަން މާގިނައިރުތަކެއް ނުވެ ކަށަވަރުވި ކަމަށެވެ.
"ބޯޓު ވެއްޓުނު މަންޒަރު ފެންނަ ފޫޓޭޖްތައް ބެލުމަށްފަހު، މިއީ އެއްވެސް މީހަކަށް ސަލާމަތް ނުވެވޭނެ ފަދަ ނުރައްކާތެރި އެކްސިޑެންޓެއްކަން ވަނީ ކަށަވަރުވެފައި،" ހޭއިސް ވިދާޅުވިއެވެ.
މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް އެނގިފައި ނުވާއިރު، ސަލާމަތީ ކަންކަމާ ގުޅޭ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ.
އެމެރިކާ އަސްކަރިއްޔާގެ މުހިންމު އޮޕަރޭޝަން ސެންޓަރެއް ކަމަށްވާ އެޑްވާޑްސް އެއަރ ފޯސް ބޭސްގައި މި ހާދިސާ ހިނގާފައިވަނީ މެންދުރުގެ ކެއުމުގެ ވަގުތުގައި ކަމަށާއި، މި ހާދިސާގެ އަސަރު ސަރަހައްދުން ބޭރަށް ފޯރާފައި ނުވާ ކަމަށް ހޭއިސް ނޫސްވެރިންނަށް މައުލޫމާތު ދެއްވިއެވެ.
މި އެކްސިޑެންޓާ ގުޅިގެން އެއަރފީލްޑް ބަންދުކޮށް، އެ ސަރަހައްދަށް އަންނަން ހުރި ހުރިހާ ބޯޓުތަކެއް އެހެން އެއަރޕޯޓްތަކަށް ޑައިވާޓް ކުރަމުންދާ ކަމަށް އެ ބޭހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެއެވެ.
މަރުވި މީހުންގެ އާއިލާތަކަށް އެކަން އެންގުމުގެ މަސައްކަތް ކުރިއަށްދާތީ، އެ މީހުންގެ ވަނަވަރު ހާމަކުރާނީ އެ މަސައްކަތް ނިމުމުން ކަމަށާއި، އެކަމަށް މުޅި ދުވަސް ހޭދަވެދާނެ ކަމަށް ހޭއިސް ވިދާޅުވިއެވެ.
ބޯއިންގް ކުންފުނިން ބުނި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އެ ކުންފުނީގެ ދެ މުވައްޒަފުން ހިމެނެއެވެ.
ބީ-52 އަކީ 1954 ވަނަ އަހަރު ފުރަތަމަ އުދުއްސާލި، އަދި ސޯވިއެޓް ޔޫނިއަނާ ދެކޮޅަށް ކުރާ ހަނގުރާމަތަކަށް ފަރުމާކުރި ބަރު ބޮން އަޅާ ބޯޓެކެވެ. ފިނި ހަނގުރާމަ ނިމުނު ފަހުންވެސް، މި ބޯޓުތައް ބޭނުންކުރުމަށްޓަކައި މެދުނުކެނޑި އައީ ޒަމާނީ ބަދަލުތައް ގެންނަމުންނެވެ.
ބޮމާއި ކްރޫޒް މިސައިލް ފަދަ ތަފާތު ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ މި ބޮޑު ބޯޓުގެ ފިޔަގަނޑުގެ ފުޅާމިނުގައި 185 ފޫޓު (56 މީޓަރު) ހުންނައިރު، ދިގުމިނުގައި 159 ފޫޓު (48 މީޓަރު) ހުރެއެވެ.
އެމެރިކާގެ އެއަރ ފޯސްގެ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އާންމުކޮށް މި ބޯޓުގައި ފަސް މީހުންގެ ކްރޫއެއް ތިބެއެވެ. އެއީ އެއަރކްރާފްޓް ކޮމާންޑަރަކާއި، ޕައިލެޓަކާއި، ރޭޑާ ނެވިގޭޓަރަކާއި، ނެވިގޭޓަރެއްގެ އިތުރުން އިލެކްޓްރޯނިކް ވޯފެއަރ އޮފިސަރެކެވެ.
މި ބޯޓަކީ ނިއުކްލިއަރ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އަދި މެދުނުކެނޑި 8،800 މޭލުގެ ރޭންޖަކަށް ދަތުރުކުރުމުގެ ފުރުސަތު އޮންނަ ބޯޓެކެވެ.
އެމެރިކާއިން ވަނީ ވިއެޓްނާމް، ގަލްފް، އިރާގު، އަފްޣާނިސްތާން، އަދި އެންމެ ފަހުން އީރާނާ ގުޅުންހުރި ހަމަނުޖެހުންތަކުގައިވެސް މި މަރުކާގެ ބޯޓުތައް ބޭނުންކޮށްފައެވެ.
މަސްދަރު: އޭއެފްޕީ







