އެއަރ އިންޑިއާ ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުން
އިންޑިއާގެ އަހުމަދުއާބާދުން ލަންޑަނަށް ދަތުރުކުރި އެއަރ އިންޑިއާގެ ބޯޓު ވެއްޓި 250 މީހުން މަރުވި ހާދިސާއަށް އަހަރެއް ފުރުނުއިރުވެސް، ތަހުގީގީ ފައިނަލް ރިޕޯޓް ނެރެން އަދި ތައްޔާރު ނޫންކަމަށް އޮފިޝަލުން ހާމަކޮށްފި. މި ހާދިސާގައި ބޯޓުގެ އިންޖީނަށް ތެޔޮ ދިއުން ހުއްޓުނީ ކެޕްޓަންގެ އަމަލަކުން ކަމަށް ބައެއް މީޑިއާތަކުން ތުހުމަތުކުރި ނަމަވެސް، ޕައިލެޓުންގެ ޖަމިއްޔާތަކާއި އާއިލާއިން އެކަން ދޮގުކުރޭ. އިންޑިއާގެ އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯއިން ބުނީ ހާދިސާގެ ހެކިތައް ދިރާސާކުރުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ރިޕޯޓް އާންމުކުރާނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ފުރިހަމަ ތަހުލީލުތަކެއް ކުރުމަށްފަހު ކަމަށް.

މި ހާދިސާގައި ބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން އެކަކު ފިޔަވައި އެންމެން މަރުވެފައިވާއިރު، ބިމުގައި ތިބި މީހުންގެ ތެރެއިން އިތުރު 19 މީހަކު ވަނީ މަރުވެފައި. | އީޕީއޭ
އެއަރ އިންޑިއާގެ ބޯޓު ވެއްޓި 250 މީހުން މަރުވި ހާދިސާގެ ތަހުގީގަށް އިތުރު ވަގުތު ބޭނުންވާކަމަށް އޮފިޝަލުން ވިދާޅުވެއްޖެއެވެ. މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ހޯދުމަށް މަސައްކަތްކުރާ ތަހުގީގީ ޓީމުން ބުނީ، ހާދިސާގެ ފައިނަލް ރިޕޯޓް އާންމުކުރުމަށް އަދި ތައްޔާރު ނޫން ކަމަށެވެ.
އިންޑިއާގެ އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަން ބިއުރޯ (އޭއައިއައިބީ) އިން މިދިޔަ ހުކުރު ދުވަހު، މި ހާދިސާއަށް އަހަރެއް ފުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ހާދިސާއާ ގުޅުންހުރި ހެކިތައް ދިރާސާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، ނަމަވެސް އެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.
މި ބަޔާނުގައި ތަހުގީގާ ގުޅޭ އިތުރު ތަފުސީލެއް ދީފައެއް ނުވެއެވެ. އަދި ފައިނަލް ރިޕޯޓް ނެރޭނެ ވަކި ތާރީޚެއްވެސް ހާމަކޮށްފައެއް ނުވެއެވެ.
12 ޖޫން 2025 ގައި އިންޑިއާގެ އަހުމަދުއާބާދުން ފުރައިގެން ލަންޑަނަށް ދަތުރުކުރި ބޮއިންގ 787 ޑްރީމްލައިނަރ މަރުކާގެ ބޯޓު، އުދުއްސާލިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވެއްޓެން މެދުވެރިވި ސަބަބާ މެދު އާންމުންގެ މެދުގައި ވަނީ ތަފާތު ވާހަކަތަކެއް ފެތުރިފައެވެ.
މި ބޯޓު ވެއްޓިފައިވަނީ އެއަރޕޯޓާ ގާތްގަނޑަކަށް 6 ކިލޯމީޓަރު (3.7 މޭލު) ދުރަށެވެ. ބޯޓު ވެއްޓުނީ ބައިރަމްޖީ ޖީޖީބޯއީ މެޑިކަލް ކޮލެޖާއި ސިވިލް ހޮސްޕިޓަލުގެ ޑޮކްޓަރުން ދިރިއުޅޭ އިމާރާތަކަށް ކަމަށްވާއިރު، ބޯޓު ވެއްޓުމާއެކު ބޮޑު ގޮވުމެއް ވަނީ ގޮވާފައެވެ.
މި ހާދިސާގައި ބޯޓުން ދަތުރުކުރި 241 މީހުން މަރުވުމުގެ އިތުރުން، ބޯޓު ވެއްޓުނު ސަރަހައްދުގައި ތިބި 19 މީހަކުވެސް ވަނީ މަރުވެފައެވެ. މަރުވި ފަސިންޖަރުންނާއި ފަޅުވެރިންގެ ތެރޭގައި އިންޑިއާގެ 169 ރައްޔިތުންނާއި އިނގިރޭސިވިލާތުގެ 53 ރައްޔިތުން ހިމެނެއެވެ.
މި ހާދިސާއިން ސަލާމަތްވީ އެންމެ މީހެކެވެ. އެއީ އިނގިރޭސިވިލާތުގެ ލެސްޓަރަށް ނިސްބަތްވާ ވިޝްވާޝްކުމާރު ރަމޭޝްއެވެ.
"ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި، ތަހުގީގީ ޓީމުން ވަނީ މި އެކްސިޑެންޓާ ގުޅުންހުރި ފަންނީ، އޮޕަރޭޝަނަލް، އޯގަނައިޒޭޝަނަލް އަދި އިންސާނީ ކަންތައްތަކާ ގުޅޭ ހުރިހާ ދާއިރާއެއް ވަރަށް ފުންކޮށް ދިރާސާކޮށްފައި،" އޭއައިއައިބީގެ ބަޔާނުގައި ވެއެވެ. "ބޯޓުގެ ސިސްޓަމްތަކާއި، ފްލައިޓް ރެކޯޑަރުގެ މައުލޫމާތާއި، އިންޖީނާ ގުޅުންހުރި ބައިތަކާއި، މެއިންޓެނަންސް އަދި އޮޕަރޭޝަނަލް ރެކޯޑުތަކުގެ އިތުރުން ތަހުގީގަށް މުހިންމު އެހެނިހެން ހެކިތައް ދިރާސާކުރުމުގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ލިބިފައި."
އެ އިދާރާއިން އިތުރަށް ބުނީ، އެއްކުރެވިފައިވާ ހެކިތަކާއި އެކި ދިރާސާތަކުން ލިބުނު ނަތީޖާތައް މިހާރު ދަނީ ވަރަށް ފުރިހަމައަށް އެއްކޮށްލައިގެން ތަހުލީލު ކުރަމުން ކަމަށެވެ.
އޭއައިއައިބީން ބުނި ގޮތުގައި، ފައިނަލް ރިޕޯޓް އާންމުކުރާނީ ތަހުގީގުގެ ހުރިހާ މަސައްކަތްތަކެއް ނިމި، ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ކުރަންޖެހޭ ރިވިއުތަކާއި މަޝްވަރާތައް ނިމުމުންނެވެ. އަދި މި ހާދިސާގެ ކޮންމެ ކަމެއްވެސް ބަލަމުންދަނީ ނުހަނު ފަރުވާތެރިކަމާއެކު ކަމަށް އެ އިދާރާއިން ބުންޏެވެ.
މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވަމުން އޭއައިއައިބީން ބުނީ، އެކްސިޑެންޓް ތަހުގީގު ކުރުމުގެ ހަމައެކަނި ބޭނުމަކީ، މިފަދަ ހާދިސާތަކުން ފިލާވަޅު ލިބިގަނެ، އޭވިއޭޝަން ސަލާމަތީ ކަންކަން ވަރުގަދަކުރުން ކަމަށެވެ. އަދި މިއީ ވަކި ބައެއްގެ ބޮލުގައި އިލްޒާމް އެޅުވުމަށް ކުރާ ކަމެއް ނޫންކަން އެ އިދާރާއިން ފާހަގަކުރިއެވެ.
ބައިނަލްއަގުވާމީ އޭވިއޭޝަން ގަވާއިދުތައް ބުނާގޮތުން، ހާދިސާއަށް އަހަރެއް ފުރޭ ދުވަހު އޭއައިއައިބީން ތަހުގީގުގެ އަޕްޑޭޓެއް ދޭންޖެހެއެވެ.
ނަމަވެސް، މިފަހަރުގެ ރިޕޯޓުން ވަކި ގޮތެއް ނިމޭނެކަމާމެދު ގިނަ ބަޔަކު ކުރިންވެސް ތިބީ ޝައްކެއްގެ މަތީގައެވެ. މިދިޔަ މެއި މަހު އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން، ތަހުގީގު އޮތީ "ފަހު މަރުހަލާގައި" ކަމަށާއި، ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި ފައިނަލް ރިޕޯޓް ލިބޭނެ ކަމަށް ވިދާޅުވުމުން، ތަހުގީގުގެ މިސްރާބާ މެދު ވަނީ އޮޅުންބޮޅުންތަކެއް އުފެދިފައެވެ.
މިދިޔަ އަހަރުގެ ޖުލައި 12 ގައި އާންމުކުރި ޕްރިލިމިނަރީ ރިޕޯޓުގައި ބުނެފައިވަނީ، ބޯޓު އުދުއްސާލިތާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި، ފިއުލް-ކޮންޓްރޯލް ސްވިޗްތައް ކުއްލިއަކަށް "ކަޓް-އޮފް" ހާލަތަށް ބަދަލުވި ކަމަށެވެ. މީގެ ސަބަބުން އިންޖީނަށް ތެޔޮ ދިއުން ހުއްޓި، ބޯޓުން މުޅިން ކަރަންޓު ކެނޑުނު ކަމަށް އެ ރިޕޯޓުގައިވެއެވެ.
ކޮކްޕިޓްގެ އޯޑިއޯ ރެކޯޑިންތަކުން އިވޭގޮތުގައި، އެއް ޕައިލެޓަކު އަނެއް ޕައިލެޓާ ސުވާލުކުރަނީ އެހެން ހެދީ ކީއްވެގެންތޯއެވެ. ޖަވާބުގައި އަނެއް ޕައިލެޓް ބުނަނީ އޭނާ އެކަން ނުކުރާ ކަމަށެވެ. ނަމަވެސް އެ ވާހަކަ ދެއްކީ ކޮން ޕައިލެޓެއްކަން ތަހުގީގު ކުރާ ފަރާތްތަކަށް އަދި ދެނެގަނެވިފައެއް ނުވެއެވެ.
މި ރިޕޯޓް އާންމުވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ހުރިހާ ސަމާލުކަމެއް ޕައިލެޓުންނަށް ހުއްޓުނެވެ. ވޯލް ސްޓްރީޓް ޖަރނަލް އަދި ރޮއިޓަރސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ތަހުގީގުން ލިބުނު އާ މައުލޫމާތުތަކުން އިނގިލި ދިއްކުރެވެނީ ބޯޓުގެ ސީނިއަރ ޕައިލެޓް، ކެޕްޓަން ސުމީތު ސަބަރްވާލްއަށެވެ.
ނަން ހާމަނުކުރާ މަސްދަރުތަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ، ދެ ޕައިލެޓުންގެ މެދުގައި ދެކެވުނު ވާހަކަތަކުގެ ރެކޯޑިންތަކުން ބޮޑަށް ބުރަވެވެނީ، އިންޖީނަށް ތެޔޮ ދިއުން ހުއްޓުވާލީ ކެޕްޓަން ކަމަށެވެ.
މި މީޑިއާ ރިޕޯޓްތަކާ ގުޅިގެން އިންޑިއާގެ ޕައިލެޓުންގެ ޖަމިއްޔާތަކުން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ވަނީ މީޑިއާގެ ކަވަރޭޖަށް ފާޑުކިޔައި، ސީނިއަރ ޕައިލެޓުގެ ސަބަބުން ހާދިސާ ހިނގި ކަމަށް ބުނާ ވާހަކަތަކާއި އޭއައިއައިބީގެ މަސައްކަތްތައްވެސް ބަލައިނުގަންނަ ކަމަށް ބުނެފައެވެ.
މި ހަފުތާގައި ސަބަރްވާލްގެ ބައްޕަ ބީބީސީއަށް ދިން އިންޓަވިއުއެއްގައި ބުނީ، އޭނާގެ ދަރިފުޅުގެ އަބުރު ރައްކާތެރިކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.
"ކޮންމެ އެކްސިޑެންޓެއް ހިނގިޔަސް، ހުރިހާ އިލްޒާމެއް މި އަޅުވަނީ ޕައިލެޓުގެ ބޮލުގައި. ކީއްވެގެން؟ އެއީ މި މައްސަލަ ނިންމާލަން އޮތް އެންމެ ފަސޭހަ ގޮތް ކަމަށްވާތީ. އޭނާ މިއަދު ދުނިޔޭގައެއް ނެތް، އަމިއްލަ ނަފްސު ދިފާއުކުރާކަށް،" އުމުރުން 90 އަހަރުގެ ޕުޝްކަރް ރާޖް ބުންޏެވެ.







