'ޕަލަސްޓައިން އެކްޝަން' މަނާކުރުމަކީ ސައްހަ ނިންމުމެއް ކަމަށް ކޯޓް އޮފް އެޕީލްއިން ހުކުމްކޮށްފި
ޕަލަސްޓައިން އެކްޝަން ޖަމާއަތް މަނާކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމަކީ އިހުތިޖާޖު ކުރުމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށް ބުނެ ހައިކޯޓުން ކުރިން ކުރި ހުކުމް ކޯޓް އޮފް އެޕީލްއިން ބާތިލްކޮށްފި. އެ ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނިންމެވީ އެ ޖަމާއަތުން ގާނޫނާ ޚިލާފު އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭތީ، އެއީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައެޅުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް. މި ނިންމުމާ ގުޅިގެން އެ ޖަމާއަތަށް ތާއީދުކުރާ ފަރާތްތަކަށް 14 އަހަރުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮތްއިރު، މިހާތަނަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފައި.

ޕަލަސްޓައިން އެކްޝަން ނަމަކަށް ކިޔާ އެކްޓިވިސްޓް ގްރޫޕަކާއި ސަރުކާރާ ދެމެދު އުފެދިފައިވާ ގާނޫނީ މައްސަލައިގައި ހައިކޯޓުން ގޮތެއް ނިންމުމާ ގުޅިގެން، 2026 ޖޫން 15 ވީ ހޯމަ ދުވަހު ލަންޑަންގެ މަރުކަޒީ ސަރަހައްދުގައި ހުންނަ ރޯޔަލް ކޯޓްސް އޮފް ޖަސްޓިސްގެ ބޭރުގައި މުޒާހަރާ ކުރަމުންދިޔަ މީހުން ފުލުހުން ނެރެނީ. | ގެޓީ އިމޭޖަސް
"ޕަލަސްޓައިން އެކްޝަން" އަކީ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅައި، އެ ޖަމާއަތް އިނގިރޭސި ސަރުކާރުން މަނާކުރި ކުރުމަކީ ގާނޫނީ ގޮތުން ސައްހަ ނިންމުމެއް ކަމަށް ކޯޓް އޮފް އެޕީލްއިން ހުކުމްކޮށްފިއެވެ.
ގައުމީ ސަލާމަތާ ގުޅޭގޮތުން ފަހުގެ ތާރީޚެއްގައި ނެރުނު އެންމެ މުހިންމު އެއް ހުކުމުގައި، އެ ގައުމުގެ އެންމެ އިސް ފަސް ފަނޑިޔާރުން ވަނީ ހައިކޯޓުގެ ކުރީގެ ނިންމުން ބާތިލްކޮށްފައެވެ. ހައިކޯޓުން ކުރިން ނިންމާފައިވަނީ، އެ ޖަމާއަތް މަނާކުރުމަކީ އިހުތިޖާޖު ކުރުމުގެ ހައްގަށް އުނިކަން އަންނަ ކަމެއް ކަމަށާއި، ވަޒީރުން އެ ނިންމުން ނިންމާފައިވަނީ ގޯސްކޮށް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހު ހައިކޯޓުން އެފަދަ ނިންމުމެއް ނިންމި ނަމަވެސް، އިތުރު ގާނޫނީ ބަހުސްތަކަށް ފުރުސަތު ދިނުމަށާއި ސަރުކާރުން މައްސަލަ އިސްތިއުނާފު ކުރުމަށް ވަގުތު ދިނުމުގެ ގޮތުން، ޕަލަސްޓައިން އެކްޝަން އޮތީ މަނާކުރެވިފައެވެ.
ނަމަވެސް، ހޯމަ ދުވަހު ބޭއްވި އަޑުއެހުމުގައި ކޯޓް އޮފް އެޕީލްގެ ފަސް ފަނޑިޔާރުން ނިންމެވީ، އެ ޖަމާއަތް މަނާކުރުމަށް ސަރުކާރުން ނިންމި ނިންމުމަކީ ހަމަހަމަ އުސޫލެއްގެ މަތިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ލޭޑީ ޗީފް ޖަސްޓިސް ބެރޮނެސް ކާރް ވިދާޅުވީ، ޕަލަސްޓައިން އެކްޝަނަކީ އަނިޔާވެރިކަމެއް ނެތް އިހުތިޖާޖު ކުރާ ގްރޫޕެއްގެ ގޮތުގައި ސިފަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، ޕަލަސްޓައިން އެކްޝަނުން ބާރުދެނީ ޓެރަރިޒަމްގެ ދަރަޖައަށްދާ ފަދަ ގާނޫނާ ޚިލާފު އަނިޔާވެރި އަމަލުތަކަށް ކަމަށާއި، އެއީ "ސަފްރަޖެޓްސް" (އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރި ޖަމާއަތް) ފަދަ ބައެއް ނޫން ކަމަށެވެ.
މި ޖަމާއަތް މަނާކުރުމާ ގުޅިގެން، ޕަލަސްޓައިން އެކްޝަންގެ މެންބަރަކަށްވުން ނުވަތަ އެ ޖަމާއަތަށް ތާއީދުކުރުމަކީ ޖިނާއީ ކުށެކެވެ. އަދި މި ކުށަށް 14 އަހަރާ ހަމައަށް ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.
މިދިޔަ އަހަރުގެ ޖުލައި މަހު މި މަނާކުރުން އަމަލީ ގޮތުން ހިންގަން ފެށި ފަހުން، ބޭއްވި އެކި މުޒާހަރާތަކުން މިހާތަނަށް އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.






