ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
މި ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ މާލެ ސިޓީ ކައުންސިލްގެ މެމްބަރު އަޙްމަދު ޤާލިބް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ. ހުޅުމާލެ ހޮސްޕިޓަލާއި އައިޖީއެމްއެޗުން ޚިދުމަތް ހޯދުމުގައި ރައްޔިތުން ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހޭއިރު، ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެދުމަށް އެތައް މަހެއް މަޑުކުރަންޖެހޭކަން އޭނާ ފާހަގަކުރެއްވި. މި ދަތިތަކުގެ ސަބަބުން އާންމުންނަށް އަމިއްލަ ކްލިނިކްތަކަށް ބަރޯސާވާން މަޖުބޫރުވެ، ރައްޔިތުން އިތުރަށް ނިކަމެތިވަމުންދާ ކަމަށް ޤާލިބް ވިދާޅުވި.


މާލެ ސިޓީ ކައުންސިލްގެ ހުޅޫމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް، ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަނީ. | ރާއްޖެ އެމްވީ
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރާއްޖޭގެ ސިއްހީ ނިޒާމު މިއިން ޒަމާނަކު ދަށަށް ނުދާ މިންވަރަށް ފަހަތަށް ގޮސްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޤާލިބް ވަނީ މިހާރުގެ ސަރުކާރުން ސިއްހީ ދާއިރާއަށް އިހުމާލުވަމުންދާ ކަމަށް ބުނެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ޤާލިބް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމަށްޓަކައި ވީ އެންމެ ބޮޑު އެއް ވައުދަކީ ކުރީ ސަރުކާރުގެ ވާހަކަ ނުދައްކައި، ކަންކަމަށް ދާއިމީ ހައްލެއް ނުވަތަ "ޓޯޓަލް ސޮލިއުޝަން" އެއް ގެނެސްދިނުން ކަމަށެވެ. ނަމަވެސް މިއަދު ފެންނަމުންދަނީ އޭގެ އިދިކޮޅު މަންޒަރު ކަމަށާއި، އެގޮތުން ހުޅުމާލެ ހޮސްޕިޓަލުގައި ހުރި މައްސަލަތަކަކީ ވެސް އަންދާޒާ ކޮށްލެވޭ ވަރަށް ވުރެ ބޮޑެތި މައްސަލަތަކެއް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
ހުޅުމާލޭގެ އާބާދީ ވަރަށް ބާރު ސްޕީޑެއްގައި އިތުރުވަމުންދާއިރު، އެ އާބާދީއާ އެކަށީގެންވާ ފެންވަރުގެ ސިއްހީ ހިދުމަތެއް ފޯރުކޮށްދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށް ޤާލިބް ވިދާޅުވި އެވެ. ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ހޯދަންދާ ރައްޔިތުން އުޅެންޖެހޭ ހާލާއި، އެ މީހުން ގަނޑަތެޅެންޖެހޭ މިންވަރު ސަރުކާރުގެ އިސްވެރިންނަށް އިހުސާސް ނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލުގަ ހުރި މައްސަލަ ތަކަކީ އަންދާޒާ ކޮށްލެވޭ ވަރަށް ވުރެ ބޮޑު މައްސަލަ އެެއް. ބާރު ސްޕީޑް ގަ ހުޅުމާލޭގަ މީހުން އާބާދުވާއިރު، އާބާދީއާ އެކަށީގެންވާ ހިދުމަތެެއް ހުޅުމާލެ ހޮސްޕިޓަލުން ފޯރުކޮށްދިނުމުގެ މަސައްކަތެއް ސަރުކާރުން ނުކުރޭ. ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތް ހޯދަންދާ ރައްޔިތުމީހާ ގަނޑަތެޅެން ޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ. އެބޭފޫލުންނަށް ކަންކަން ފަސޭހަގޮތަކަށް ހަމަޖެހިފަ އޮންނާތީ ކަންނޭނގެ އެހެން ވަނީ. އާއްމު ރައްޔިތަކު ޑޮކްޓަރަކަށް ދައްކަން ގޮއްސިއްޔާ އެތަށް ގަޑީރެއް ހޭދަ ކުރަންޖެހޭ. އަވަސް ފަރުވާ އެއް ބޭނުން ވެގެން ދިޔަސް ހަމަ މިހާލުގަ ރައްޔިތުން އުޅެންޖެހެނީ. މިރާއްޖޭގެ ތާރީހުގަ ސިއްހީ ނިޒާމް ފެއިލް ނުވާ ވަރަަށް މި ސަރުކާރު އައި ފަހުން ސިއްހީ ނިޒާމި މިވަނީ ފެެއިލްވެފަ.މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް
ރާއްޖޭގެ ސިއްހީ ނިޒާމާ ގުޅޭގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޤާލިބް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައިވެސް ސިއްހީ ނިޒާމު ފެއިލް ނުވާ މިންވަރަށް މި ސަރުކާރު އައި ފަހުން މިވަނީ ފެއިލްވެފައި ކަމަށެވެ. މި މައްސަލައަކީ ހަމައެކަނި ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ކަމެއް ނޫން ކަމަށާއި، އައިޖީއެމްއެޗް އިން ހިދުމަތް ހޯދާ ރައްޔިތުންވެސް އުޅެން ޖެހެނީ ވަރަށް ހާލުގައި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމެންޓެއް ހޯދުމަށް ނަން ނޯޓުކުރާތާ އެތައް ދުވަހެއް ފަހުން ނޫނީ ފުރުސަތު ނުލިބޭ ކަމަށާއި، އެމްއާރްއައި އެއް ފަދަ މުހިންމު ޓެސްޓެއް ހަދަން ޖެހުނަސް ސަރުކާރުގެ ހޮސްޕިޓަލަކުން އެކަން ކުރެވެނީ އެތައް މަހެއް ފަހުން ކަމަށް ޤާލިބް ވިދާޅު ވިއެވެ. މިފަދަ ދަތިތަކުގެ ސަބަބުން ގިނަ ރައްޔިތުންނަށް މިއަދު މަޖުބޫރުވެފައިވަނީ އަމިއްލަ ކްލިނިކްތަކާއި ހޮސްޕިޓަލްތަކުން ބޭސްފަރުވާ ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަމިއްލަ ތަންތަނުން ހިދުމަތް ހޯދާއިރު ދައްކަންޖެހޭ ފައިސާގެ އަދަދު ބޮޑުވުމުގެ ސަބަބުން، އާންމު ރައްޔިތުން އިތުރަށް ނިކަމެތިވަމުންދާ ކަމަށް ވިދާޅުވެ ޤާލިބް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ސިއްހީ ނިޒާމު މިހާ ބޮޑަށް ބޮއްސުންލައިގެން ގޮސްފައިވާއިރު، ރައްޔިތުންގެ ޝަކުވާތަކަށް ސަރުކާރުން އެކަށީގެންވާ ސަމާލުކަމެއް ނުދޭކަން އޭނާގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.






