ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާއިން ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިހޯއްދަވައިފި. މެންބަރު މީކާއިލް އަހުމަދު ނަސީމާ ވާދަކުރައްވައި ކާމިޔާބީ ހޯއްދެވުމާ ގުޅިގެން، މިއީ ރާއްޖޭގެ އިސްލާހީ މަސައްކަތަށް ލިބުނު މޮޅެއްގެ ގޮތުގައި ރައީސް ނަޝީދު ވަނީ ސިފަކުރައްވާފަ. ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެން ބޭއްވި މި އިންތިޚާބުގެ ވޯޓުލުން ކުރިއަށްދިޔައީ ވަރަށް ވާދަވެރި މާހައުލެއްގަ.


ރައީސް ޞާލިހާއި ރައީސް ނަޝީދު ރަށްވެހި ފަތިސް ކެމްޕޭންގެ ތެރޭގައި | ޝިފާޒް/އެކްސް
އެމްޑީޕީގެ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިޚާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަށް ވޯޓު ދެއްވި މެންބަރުންނަށް އެމަނިކުފާނު ޝުކުރު ދަންނަވައިފި އެވެ.
ހުކުރު ދުވަހު ބޭއްވި މި އިންތިޚާބުގެ ވަގުތީ ނަތީޖާ އިން ދައްކާގޮތުން، ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. އެމަނިކުފާނާ މި އިންތިޚާބުގައި ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި އެމްޑީޕީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ބޮޑުބަދަލުގެ ކެމްޕެއިން ޓީމަށް ޝުކުރު ދަންނަވާ ކަމަށެވެ. މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެ ޕޯސްޓުގައި އެމަނިކުފާނު ވަނީ މީކާއިލް އަށް ވެސް މަރުހަބާ ވިދާޅުވެފަ އެވެ.
އިންތިޚާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައި ވަނީ ހުކުރު ދުވަހުގެ މެންދުރު 02:30 އިން ރޭގަނޑު 09:00 އާ ހަމަ އަށެވެ. ދެ ފަހަރެއްގެ މަތިން ވޯޓު ފޮށި ބަންދުކުރާ ވަގުތު އިތުރު ކޮށްފައިވާއިރު އެންމެ ފުރަތަމަ ވޯޓު ފޮށި ބަންދު ކުރުމަށް ނިންމީ ރޭގަނޑު 08:00 އަށެވެ. އެއަށްފަހު އެ އިންތިޚާބުގެ ވޯޓުލުން 08:30 އަށް ކުރިއަށް ދާނެ ކަމަށް އެ ޕާޓީ އިން ބުރާސްފަތި ދުވަހު ވަނީ އިއުލާނު ކޮށްފަ އެވެ.
ހުކުރު ދުވަހު ދެވަނަ ފަހަރަށް އެ ވަގުތު އެ ޕާޓީ އިން އިތުރު ކޮށްފައި ވަނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވެފައިވާތީ އެވެ. އެހެންކަމުން ރޭގަނޑު 09:00 އާ ހަމައަށް ވޯޓު ލުން ކުރިއަށް ގެންގޮސްފައި ވެ އެވެ.
މި އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ވެސް ކުރިއަށް ގެންގޮސްފައި ވަނީ ވަރަށް ވާދަވެރިކަމާއެކު ވަރަށް ފޯރީގަ އެވެ.
މިއީ އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި އިންތިހާބެވެ. ކުރިން ޗެއަރޕާސަން ކަމުގައި ހުންނެވި ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިވަގުތު ވަގުތީ ޗެއަރޕާސަންގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސަ އެވެ.







