އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟
އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ނިމި، ޕާޓީގެ ލީޑަރޝިޕަށް އައި ބަދަލާއެކު ރައީސް މުއިއްޒުގެ ސަރުކާރު ޒިންމާދާރުކުރުވުމުގެ މަސައްކަތް ވަރުގަދަކުރުމަށް އެ ޕާޓީން ވަނީ ތައްޔާރުވެފަ. ސަރުކާރުގެ ސިޔާސަތުތަކާ މެދު އާންމުންގެ ޝަކުވާތައް އިތުރުވެފައިވާ މި ދަނޑިވަޅުގައި، ރައީސް ނަޝީދުގެ އިރުޝާދުގެ ދަށުން މަގުމަތީގެ ހަރަކާތްތަކާއި ސިޔާސީ ޕްރެޝަރު ބޮޑުވާނެ ކަމަށް ބެލެވޭ. މީގެ އިތުރުން، އިދިކޮޅު އެހެން ބާރުތަކާ ގުޅިގެން ސަރުކާރު ހަމަމަގަށް އެޅުވުމަށް އެމްޑީޕީން އަމަލީ މަސައްކަތްތަކެއް ފެށުމަކީ މިހާރު އޮތް އެންމެ ބޮޑު ފުރުސަތު.


ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ރައީސް ނަޝީދު. | ވިރާސީި
އެމްޑީޕީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ޕާޓީއެވެ. އުސޫލުތަކަކާއި ހަމަތަކެއް އެކުލެވިގެން އެންމެ އޮގަނައިޒްކޮށް ހިންގަމުން އަންނަ ޕާޓީއެވެ. މިއަދު މިދެކޭ ޒަމާނީ ޑިމޮކްރަސީގެ އިސްލާހީ ބަދަލުތައް ގެނައުމުގައި އެންމެ އިސްކޮށް އުޅުނު ގިނަ މީހުންނާއި އެކަމުގައި ޝާމިލްވި އެންމެ އާދައިގެ މީހުންވެސް ގިނަ ޕާޓީމެއެވެ. އެހެންކަމުން އަބަދުވެސް ބޮޑެތި ބަދަލުތައް ގެނައުމަށް ނުވަތަ އާއްމު ރައްޔިތުންނަށް ބޭނުންވާ ހެޔޮ ގޮތްތަކަށް އެދި އާއްމުން އެދޭ ޕާޓީއަކީ އެމްޑީޕީއެވެ. ބުނެ އުޅެއެވެ. ސަރުކާރު ހަމަމަގަށް އެޅުވޭނީ އެމްޑީޕީއަށެވެ. އެޕާޓީން އިސްވެ މަސައްކަތް ކޮށްގެންނެވެ.
މިވަގުތަކީވެސް އެފަދަ ގޮވުންތައް ގިނަ ދުވަސްވަރެކެވެ. މުއިއްޒުގެ ސަރުކާރުގެ ކަންކަން ހުރިގޮތުން އެސަރުކާރު ޒިންމާދާރު ކުރަން ޖެހޭކަމަށް ގޮވާ އަޑު މިވަނީ ގަދަވެފައެވެ. ގައުމު އޮތް ހާލަތުގެ ސަބަބުން އެކަން ކުރާނެ ބަޔަކަށް ރައްޔިތުން ތިބީ އެދިއެދިއެވެ. ބަދަލަކަށް ގެނައި މުއިއްޒުގެ ވެރިކަން ގޯސްވެ އެވެރިކަން ބަދަލުކުރަން ވެއްޖެ ކަމަށް ރައްޔިތުން އެދަނީ ބުނަމުންނެވެ.
މިކަމުގައި ފާހަގަ ކޮށްލެވޭ އެއްބޭފުޅަކީ ކުރީގެ ރައީސް ޔާމީނެވެ. ބައެއް އެހެން ސިޔާސީ ލީޑަރުން އަދި ކުޑައިކޮށް ހިމޭނުން ތިއްބަސް ރައީސް ޔާމީން ވަނީ ސަރުކާރު ޒިންމާދާރު ކުރުމަށް އެމްޑީޕީ ވަރަށް ބޮޑަށް ހަރަކާތްތެރިވާން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އެމްޑީޕީގެ އާއްމު މެންބަރުންގެ ވެސް ބަހަކީ އެއީއެވެ. އެމްޑީޕީ އެކްޓިވްވުން އަވަސްކުރަން ޖެހޭކަމަށެވެ.
ރައްޔިތުން ކިތަންމެ ބޭނުންވިއަސް ހިސާބަކަށް އެމްޑީޕީން އިހު ހުރި ވަރަށް އެކްޓިވް ނުވެވި އޮތީ އެޕާޓީގެ އެތެރޭގެ އިންތިޚާބު ނުނިމި އޮތުމުންނެވެ. އެތެރޭގެ އިންތިޚާބުތަކުގައި ވާދަވެރި އެމްޑީޕީގެ، އެންމެ އިސް އެއް މަގާމަށް މީހަކު އައްޔަން ކުރުމުގެ މަސައްކަތް ކުރިއަށް ދާތީއެވެ. އެކަމަށްޓަކައި ކުރިއަށްދިޔަ ވާދަވެރި ބޮޑު ކެންޕޭނެވެ. އެ ކެމްޕޭނުގައި ބޮޑުން އުޅެންޖެހުނުލެއް ބުރަކަމެވެ. ކެންޕޭނުގެ ވާދައިގައި އެއްލަމުންދިޔަ ބަސްތަކާއި ދައްކަމުންދިޔަ ވާހަކަތަކެވެ.
އެކަމަކު މިހާރު އެވަނީ އެއިންތިޚާބު ނިމި ޕާޓީގެ ޗެއަރޕާސަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިޚާބު ވެފައެވެ. އިންތިޚާބުގައި ވާދަކުރެއްވި މީކާއިލް އަހުމަދު ނސީމާއި އެބޭފުޅާއަށް ތާއީދު ކުރެއްވި ޕާޓީގެ އިސްބޭފުޅުން އެވަނީ ބަލި ގަބޫލު ކުރައްވާ ރައީސް ނަޝީދަށް މަރުހަބާ ދަންނަވާފައެވެ. އަދި އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް ތައްޔާރަށް ތިބި ކަމާއި އަވަހަށް މަސައްކަތްތަކައިގެން ކުރިއަށް ދިއުމަށް ގޮވާލައްވާފައެވެ. ރައީސް ނަޝީދުވެސް އެވަނީ މީކާއީލްގެ ހިތްވަރަށް ތައރީފް ކުރައްވާ ޝުކުރު އަދާކުރައްވާފައެވެ.
ކުރިންވެސް ބުނެވުނު ގޮތަށް އެމްޑީޕީގެ ލީޑަރޝިޕަށް ބަދަލުތަކެއް މިއައީ ރައްޔިތުން އެމްޑީޕީގެ އަވަސް ހަރަކާތްތަކަށް ބޭނުންވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އެބަދަލާއެކު ލީޑަރޝިޕަށް ވަޑައިގެންނެވި ރައީސް ނަޝީދަކީ އެކަމަށް ފަރިތަ ބޭފުޅެކެވެ. ޚާއްޞަކޮށް މަގުމަތީ ހަރަކާތްތައް ގިނަ ކުރައްވަން ތާއީދު ކުރައްވާ އަމަލީގޮތުން އެފަދަ ހަރަކާތްތައް ރާއްވަވާ ހިންގަވާ އަދި ބައިވެރިވެވަޑައިގަންނަވާ ބޭފުޅެކެވެ. އުފެދޭ ސުވާލަކީ މި ބޮޑު ބަދަލާއެކު ދެންވާނީ ކިހިނެއް ހެއްޔެވެ. އެމްޑީޕީގެ ލީޑަރޝިޕަށް މިއައި ބަދަލާއެކު ރައީސް މުއިއްޒަށާއި މުއިއްޒުގެ ސަރުކާރަށް ދެންވާނީ ކިހިނެއް ހެއްޔެވެ.
ފުރަތަމަ އިންޒާރު ރައީސް ނަޝީދު އެވަނީ ދެއްވާފައެވެ. ސަރުކާރުގެ ކުންފުނިތަކުން ސިޔާސީ ގޮތުން މީހުން ވަޒީފާއިން ވަކިކުރާނަމަ އެކުންފޮނިތައް ހިސޯރުކުރައްވާނެ ކަމަށެވެ. ނަޝީދު މިމޭރުމުން ވިދާޅުވެފައި މިވަނީ ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެނޑިޑޭޓަށް ތާއީދުކުރި ބައެއް މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑް ކުރުމުންނެވެ. އަދި ވެމްކޯއިން ޕެންޝަން ފަންޑަށް ފައިސާ ޖަމާ ނުކުރާތީ އިހުތިޖާޖްކުރި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައި ވަނިކޮށެވެ. މީގެ އިތުރުން ފެނަކައިގެ މުވައްޒަފުންތަކެއް ވަކިކުރާނެ ކަމުގެ އިޝާރާތްތަކެއް ދެމުންދާ ދަނޑިވަޅެއްގައެވެ.
ނަޝީދުގެ މިއިންޒާރާއެކު މަސައްކަތް ފަށައިގަތުމުގެ އަމަލީ މަސައްކަތް ރައީސް ނަޝީދު އެވަނީ ފަށްޓަވާފައެވެ. ބޮޑު ބަދަލާއެކު ކުރިއަށް ވަޑައިގަތުމުގެ ކުރިން ރައީސް ނަޝީދު އެވަނީ އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންނާ ވަކިވަކިން ބައްދަލު ކުރައްވަން ފަށްޓަވާފައެވެ. އެހެންކަމުން ބެލެވޭގޮތުގައި ލަސްތަކެއް ނުވެ އެމްޑީޕީގެ ހަރަކާތްތައް އިތުރުވެ މުއިއްޒާއި ސަރުކާރު ޖަވާބު ދާރީ ކުރުވުމުގެ މަސައްކަތް ފެށިގެންދާނެއެވެ. ތިން ރައީސުން އެކުވެ ފެށި މަސައްކަތް ވެސް ހަލުވި ދުވެލީގައި ކުރިއަށްގޮސް ރައީސް ނަޝިދު ވިދާޅުވެއިފައިވާ ގޮތަށް މިއަހަރު ނިމުމުގެ ކުރިން ވެސް ގާނޫނީ އިމުގެ ތެރެއިން މުއިއްޒުގެ ވެރިކަން ބަދަލު ކުރުމުގެ މަސައްކަތް ފެށިގެން ދިއުމަކީ ކައިރި ކަމެކެވެ.
މަޖިލީހުގެ ބައި އިލެކްޝަންއިން ލިބުނު ނާކާމިޔާބީ އާއި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވިކިކުރަން ޖެހުނު ހާލަތާއި ޕީއެންސީގެ އެތެރޭގެ ބައެއް ނިންމުންތަކުގައި މުއިއްޒު ބޭނުންވާ ގޮތް ނޫން ގޮތްގޮތަށް ނިމޭން ފެށުމަކީ މިކަމަށް ހިތްވަރު ލިބޭނޭ ކަންކަމެވެ. ރައްޔިތުންގެ ޝަކުވާއާއި މަތިބަރު ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންގެ މުހުތާދުތަކަށް ހޭހަން ކޮށްނުދެވި މުއިއްޒުގެ ސަރުކާރު އިތުރަށް ބަލިކަށިވުމަކީ ގާތްކަމެކެވެ. ޑޮލަރުގެ އަގު ތިރިކޮށް ނުދެވި، ތަކެތީގެ އަގާއި ޚިދުމަތްތަކުގެ އަގު އިންތިހާއަށް ބޮޑުވަމުންދާ ދިއުމާއި ދައުރު ދެބަޔަށް އެޅުނުއިރު ބޮޑު މަޝްރޫއެއް ނުފެށި ވައުދުތައް ނުފުއްދޭތީ، ބޮޑުވެފައިވާ ރައްޔިތުންގެ ޝަކުވާ ބޮޑު އެމްޑީޕީގެ ބޮޑުބަދަލާ ގުޅިލާމެހުމަކީ ދުރުކަމެއް ނޫނެވެ. ނަތީޖާއެއްގެ ގޮތުން އަނެއްކާ ވެސް ބިރުފަހަނައަޅައި ގޮސް އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބި ހެދިހާއެއްޗެއް ހެދިގެން ނުތިބެ މަގުމަތީ ހަރަކާތްތަކުގައި ބައިވެރިވާ މީހުން އިތުރުވެގެންދާނެއެވެ. ސަރުކާރާ ދެކޮޅަށް ބަސްބުނެ އާއްމު ރައްޔިތުން ވެސް ނުކުމެ އިހުނަށްވުރެ ސަރުކާރާ ދެކޮޅަށް ނުކުތުން އިތުރުވެގެން ދާނެއެވެ.
ކޮންމެއަކަސް އެމްޑީޕީއަކީ އިންތިޚާބުތަކުގައި ކިތައްމެ ވާދަވެރިވި ކަމާއެކު ކެމްޕޭންކުރި ނަމަވެސް އިންތިޚާބު ނިމުމުން އެކަތިގަނޑަކަށްވެ އެކީ އެއްވާނަކަށް މަސައްކަތް ކުރާ ޕާޓީއެކެވެ. އެހެންކަމުން ރައްޔިތުންގެ ވިންދާ އެއްގޮތަށް ރައީސް ނަޝީދުގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެން ކުރިމަތިވާނީ ބޮޑެތި ޕްރެޝަރ ތަކެކެވެ. އެމްޑީޕީގެ އެ ހަރަކާތްތަކަށް ނުވަތަ އެމްޑީޕީގެ "އެކްޓިވް" ކަމަށް އެދި އެދި ހުންނެވި ރައީސް ޔާމީންގެ ޕީއެންއެފްގެ ހަރަކާތްތައް ވެސް އެކުވެ މުއިއްޒަށް ވަރުގަދަ ފައިޓެއް ކުރިމަތިވުމަކީ ކައިރި ކަމެކެވެ.






