ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސަށް އެމެރިކާ އިން ވިސާ ނުދިން
ފީފާ ވޯލްޑް ކަޕާ ގުޅޭ ހަރަކާތްތަކުގައި ބައިވެރިވުމަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބަށް ނުލިބުނު މައްސަލަ ބޮޑުވެއްޖެ. މީގެ އިތުރުން އީރާނާއި ސޯމާލިއާ ފަދަ ގައުމުތަކުގެ އޮފިޝަލުންނަށް ވެސް ވިސާގެ ދަތިތަކާ ކުރިމަތިލާންޖެހިފައިވާއިރު، ފީފާއިން ބުނެފައިވަނީ މިއީ މިނިވަން ދައުލަތްތަކުގެ ނިންމުންތަކެއް ކަމުން އެކަމަށް ބަސްބުނުމުގެ ބާރު އެ އިދާރާއަށް ނޯންނާނެ ކަމަށް.

ފަލަސްތީން ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް. | އޭއެފްޕީ
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވި ގޮތުގައި، ފީފާ ވޯލްޑް ކަޕަށް އެމެރިކާއަށް އެތެރެވުމަށް ބޭނުންވާ ވިސާ އޭނާއަށް ވަނީ ނުލިބިފައެވެ. ހުޅަނގު އޭޝިއާގައި ނުތަނަވަސްކަން ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތުގައި ބައިވެރިވުމަށް ހުއްދަ ލިބިފައިވާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގައި ހުރަސްތަކެއް ކުރިމަތިވުމަކީ ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.
ޖިބްރީލް ރަޖޫބް ހޮނިހިރު ދުވަހު ވިދާޅުވީ، އެމެރިކާއަށް ދަތުރުކޮށް ވޯލްޑް ކަޕްގައި ބައިވެރިވާ އެހެން ގައުމުތަކުގެ ފުޓްބޯޅަ ފެޑެރޭޝަންތަކުގެ ވެރިންނާ ބައްދަލުކުރުމަށް ބޭނުންވާ ހުއްދަ ލިބެންދެން އޭނާ އަދިވެސް ހުންނެވީ މެކްސިކޯ ސިޓީގައި ކަމަށެވެ.
މެކްސިކޯ އާއި ދެކުނު އެފްރިކާ ބައްދަލުކުރި ވޯލްޑް ކަޕްގެ ފުރަތަމަ މެޗު ބަލާލުމަށް ރަޖޫބް ބުރާސްފަތި ދުވަހު ދަނޑަށް ވަޑައިގެންނެވި ނަމަވެސް، ވޯލްޑް ކަޕަށް އެކްރެޑިޓްވެފައިވާ ފަރާތަކަށް ވީނަމަވެސް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ އޭނާއަށް ލިބިފައެއް ނުވެއެވެ.
މި މުބާރާތާ ގުޅުންހުރި ބައެއް އެހެން ފަރާތްތަކަށް ވެސް ވިސާ ނުލިބުމާއި، ނުވަތަ އެމެރިކާގެ ކަމާބެހޭ އިދާރާތަކުގެ ހުއްދަ ނުލިބި ލަސްވަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ.
ފަލަސްތީނަކީ ވޯލްޑް ކަޕަށް ކޮލިފައިވި ގައުމަކަށް ނުވި ނަމަވެސް، ކުޅިވަރުގެ ޒަރީއާއިން ބައިނަލްއަގުވާމީ އެއްބައިވަންތަކަން ދެއްކުމުގެ ގޮތުން، ދުނިޔޭގެ ހުރިހާ ގައުމެއްގެ ފުޓްބޯޅަ އެސޯސިއޭޝަންތަކުގެ ވެރިންނަށް ފީފާއިން އާންމުކޮށް ދައުވަތު އަރުވައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މީގެ ކުރިން ވަނީ މި މުބާރާތަކީ ހުރިހާ އެންމެން ބައިވެރިކުރާނެ މުބާރާތެއްކަން ފާހަގަކުރައްވާފައެވެ.
"..... ފީފާ ވޯލްޑް ކަޕަށް ކެނެޑާ، މެކްސިކޯ އަދި އެމެރިކާއިން ހުރިހާ އެންމެންނަށް ވެސް މަރުހަބާ ކިޔާނެ. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ އެކަން ކަށަވަރު ކުރުމަށް،" އިންފަންޓީނޯ މިދިޔަ އަހަރު ވިދާޅުވެފައިވެއެވެ.
ނަމަވެސް، އެކި ގައުމުތަކުގެ ބައިވެރިންނަށް ވިސާ ހޯދުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓުތަކާއެކު، އެ ވައުދުތަކާމެދު ވަނީ ސުވާލު އުފެދިފައެވެ. މީޑިއާ ރިޕޯޓުތައް ބުނާގޮތުން ސޯމާލިއާގެ ރެފްރީއަކަށާއި، އިރާގުގެ ގައުމީ ޓީމާއެކު ދަތުރުކުރި ފޮޓޯގްރާފަރަކަށް ވެސް ވަނީ އެމެރިކާއަށް އެތެރެވުމުގައި މައްސަލަތަކެއް ކުރިމަތިވެފައެވެ.
މީގެ އިތުރުން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ބާއްވާ އެއް ގައުމުގެ ހައިސިއްޔަތުން އޮތް ޒިންމާތަކާ ޚިލާފަށް، އެމެރިކާއިން ވަނީ މިދިޔަ ހަފުތާގައި އީރާނުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ބައެއް އޮފިޝަލުންނާއި މުވައްޒަފުންނަށް ވިސާ ދިނުމަށް އިންކާރުކޮށްފައެވެ.
މި މައްސަލައާ ގުޅޭގޮތުން މި ހަފުތާގައި ވާހަކަދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ، ވިސާއާ ގުޅުންހުރި ގޮންޖެހުންތައް ހައްލުކުރުމަށް ފީފާއިން މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް، މިނިވަން ދައުލަތްތަކުގެ ސަރުކާރުތަކުން ނިންމާ ނިންމުންތަކުގެ މައްޗަށް ބަސްބުނުމުގެ ބާރު ފީފާއަށް ނޯންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ވިސާގެ މި މައްސަލަ ފެންމަތިވެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނާމެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އަދި އިޒްރޭލުން ޣައްޒާގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ސަރަހައްދީ ފެންވަރުގައާއި ބައިނަލްއަގުވާމީ ކުޅިވަރު އިދާރާތަކުގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުވެފައިވާ ވަގުތެއްގައެވެ.
މިދިޔަ އަހަރު ވޮޝިންގޓަނުން ވަނީ ފަލަސްތީނުގެ ޕާސްޕޯޓު ގެންގުޅޭ ފަރާތްތަކަށާއި، ފަލަސްތީނުގެ އޮތޯރިޓީގައި މަސައްކަތްކޮށްފައިވާ ފަރާތްތަކަށް އެމެރިކާއަށް އެތެރެވުމުގައި އިތުރު ހުރަސްތަކެއް ކުރިމަތިކޮށްފައެވެ.
ރަޖޫބަށް ކުރިމަތިވި މި މައްސަލައިގެ ސަބަބުން، ފީފާގެ ތެރޭގައި ފަލަސްތީނުގެ ފުޓްބޯޅަ އިދާރާތަކާއި އިޒްރޭލާ ދެމެދު އޮތް ޒަމާންވީ ދެބަސްވުންތަކުގެ ބަހުސް އަލުން ފެށިގެންދާނެ ކަމަށް ބެލެވެއެވެ.
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބިންތަކުގައި ހަދާފައިވާ އާބާދީތަކަށް ނިސްބަތްވާ ކްލަބުތަކަށް އިޒްރޭލުގެ ގައުމީ ލީގުގައި ކުޅުމުގެ ފުރުސަތު ދިނުމަކީ ފީފާގެ ގަވާއިދުތަކާ ޚިލާފު ކަމެއް ކަމަށް ބުނެ، ފަލަސްތީނުގެ ފުޓްބޯޅަ އޮފިޝަލުން ތަކުރާރުކޮށް ވަނީ އެކަން ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން، ފަލަސްތީނުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ދަތުރުފަތުރަށް އިޒްރޭލުން ހުރަސްއަޅަމުންދާތީ، އެ ގައުމާ މެދު ފިޔަވަޅު އެޅުމަށް ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާއަށް ގޮވާލާފައެވެ.
އެ އެސޯސިއޭޝަނުން އިތުރަށް ބުނި ގޮތުގައި، އިޒްރޭލުން ޣައްޒާގައި ހިންގަމުންދާ ގަތުލުއާންމުގެ ސަބަބުން އެ ސަރަހައްދުގެ ކުޅިވަރު އިންފްރާސްޓްރަކްޗަރ ވަނީ ސުންނާފަތިވެފައެވެ. އެގޮތުން ކުޅިވަރު ކުޅޭ ތަންތަނުގެ 80 އިންސައްތަ ހަލާކުވެފައިވާއިރު، މަދުވެގެން 565 ކުޅުންތެރިން ޝަހީދުކޮށްލާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ހާމަކުރެއެވެ.






