މެސީ، މަރަޑޯނާ ނުވަތަ ޕެލޭ؟ ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން
ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ކުޅުންތެރިން ހޮވުމަކީ އުނދަގޫ މަސައްކަތަކަށް ވީނަމަވެސް، މި ލިސްޓުގައި ހިމެނޭ ކުޅުންތެރިންނަކީ މުބާރާތުގެ ތަށި ހޯދުމާއި ތާރީޚީ ރެކޯޑުތައް އާކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ލެޖެންޑުން. މީގެ ތެރޭގައި ފައިނަލްގައި ހެޓްރިކް ހެދި ޖެފް ހާސްޓާއި އެމްބާޕޭގެ އިތުރުން، ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ކާމިޔާބީ ހޯދި ބެކެންބާ ފަދަ ތަރިން ހިމެނޭ. މި ލިސްޓުން ޖާގަ ހޯދި ކަފޫ، ރޮސީ އަދި ޒިދާން ފަދަ ކުޅުންތެރިންނަކީ އެފަރާތްތަކުގެ ހުނަރާއި ލީޑަޝިޕުން ފުޓްބޯޅައިގެ ދުނިޔޭގައި އެ ފަރާތްތަކުގެ ނަން ފޮހެވިގެން ނުދާނެ ފަދަ ނަމޫނާ ދެއްކި ކުޅުންތެރިން.

ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑް ޕެލޭ ވަނީ ފީފާ ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގައި ކުޅެ، އޭގެ ތެރެއިން ތިން މުބާރާތް ކާމިޔާބުކޮށްފައި. އަދި ވޯލްޑް ކަޕްގައި އޭނާ ކުޅުނު 14 މެޗުގައި ޖުމްލަ 12 ލަނޑު ވަނީ ކާމިޔާބުކޮށްފައި. | ގެޓީ އިމޭޖަސް
މިއީ ބުރަ މަސައްކަތެކެވެ. ގަރުނަކާ ގާތްކުރާ މުއްދަތެއްގެ ތެރޭގައި ބޭއްވި 22 މުބާރާތެއްގައި ކުޅުނު އެތައް ހާސް ކުޅުންތެރިންގެ ތެރެއިން، ވޯލްޑް ކަޕްގެ ތާރީޚުގައި ފާހަގަކޮށްލެވޭ އެންމެ މޮޅު 10 ލެޖެންޑުން ހޮވުމަކީ ފަސޭހަ ކަމެއް ނޫނެވެ.
މި ލިސްޓުގެ ކުރީގައި ހިމެނޭ ހަ ނުވަތަ ހަތް ކުޅުންތެރިންނަކީ ކޮބައިކަން ވަރަށް ސާފެވެ. އެ ކުޅުންތެރިން ތަރުތީބުކުރާނެ ގޮތަކާ މެދު ބަހުސް ކުރެވިދާނެ ނަމަވެސް، އެންމެ ބޮޑު ޚިޔާލު ތަފާތުވުންތަކެއް އުފެދޭނީ ލިސްޓުގެ ބާކީ ހުރި މަގާމުތަކަށް ހޮވާ ކުޅުންތެރިންނާ މެދުގައެވެ.
މިސާލަކަށް، ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި މިރޮސްލާވް ކްލޯސާ ފަދަ ކުޅުންތެރިއަކު މި ލިސްޓުން ބާކީކޮށްލުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، މި ލިސްޓުގައި އޭނާ ހިމެނޭނީ 11 ވަނައިގައެވެ.
މީގެ އިތުރުން ބްރެޒިލްގެ ހުނަރުވެރި ވިންގަރ ގަރިންޗާ އާއި، އިޓަލީގެ ފުޓްބޯޅަ އައިކަން ރޮބާޓޯ ބާޖިއޯގެ އިތުރުން 1958 ވަނަ އަހަރުގެ މުބާރާތުގައި އެކަނިވެސް 13 ލަނޑު ޖެހި ފްރާންސްގެ ފޯވާޑް ޖަސްޓް ފޮންޓެއިންއަށް ވެސް މި ލިސްޓުން ޖާގައެއް ނެތެވެ.
ފުޓްބޯޅައިގެ މާހިރުން ކަމަށްވާ ނެދަލޭންޑްސްގެ ޔޯހާން ކްރައިފް އާއި، ޕޯޗުގަލްގެ ފޯވާޑް ޔޫސެބިއޯ އަދި ޖަރުމަނުގެ ލަނޑުޖަހާ މެޝިން ގާޑް މުލާ ފަދަ ކުޅުންތެރިންނަށް ވެސް މި ލިސްޓުން ޖާގަ ނުލިބުނެވެ. ފަހަރުގައި 20 ކުޅުންތެރިންގެ ލިސްޓެއް ނަމަ މިކަން މިއަށްވުރެ ފަސޭހަވީސް ކަންނޭނގެއެވެ. އަދި 2010 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕެއިން ޓީމަކީ މުޅި ޓީމުގެ މޮޅު ކުޅުން ފާހަގަކުރެވުނު ޓީމަކަށް ވުމުން، އެ ޓީމުގެ ވަކި ކުޅުންތެރިއަކު މި ލިސްޓުގައި ހިމަނާފައެއް ނުވެއެވެ.
އެހެންވީމާ، މި ލިސްޓުގައި ހިމެނެނީ ކޮން ކުޅުންތެރިންނެއް ހެއްޔެވެ؟ ވޯލްޑް ކަޕްގެ މުބާރާތާ އެންމެ ބޮޑަށް ގުޅިފައިވާ 10 ލެޖެންޑުން ތިރީގައި މިވަނީ ހޮވާފައެވެ. މިކަމާ މެދު ޚިޔާލު ތަފާތުވުމަކީ ހަމަ ވަރަށް އެކަށީގެންވާ ކަމެކެވެ.
10. ސަރ ޖެފް ހާސްޓް، އިންގްލެންޑް (1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން)
މިއީ އެންމެންނަށްވެސް އެނގޭ މަޝްހޫރު ވާހަކައެކެވެ. 1966 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލުގައި ހާސްޓް ކުޅޭނެ ކަމަކަށް އެއްވެސް މީހަކު އުންމީދެއް ނުކުރެއެވެ. އެއީ ގްރޫޕް ސްޓޭޖުގައި އަނިޔާވި އިންގްލެންޑްގެ ތަރި ޖިމީ ގްރީވްސް ފިޓްވެ، ހުޅަނގު ޖަރުމަނާ ދެކޮޅަށް ކުޅޭ ފައިނަލް މެޗުގައި އޭނާ ފެށުމަށް ގިނަ ބަޔަކު ބާރުއަޅަމުން ދިޔުމުންނެވެ.
ނަމަވެސް، އޭރުގެ ކޯޗު ސަރ އަލްފް ރަމްސީ އިތުބާރު ކުރީ އޭގެ މަދު މަސްތަކެއް ކުރިން ބައިނަލްއަގުވާމީ ފުޓްބޯޅައަށް ތައާރަފުވި ހާސްޓަށެވެ. އެ ނިންމުމުގެ ނަތީޖާ ތާރީޚުން ފެންނަން އެބައޮތެވެ. ވެސްޓް ހޭމްގެ ފޯވާޑް ހާސްޓް ވަނީ އެ މެޗުގައި ފުރިހަމަ ހެޓްރިކެއް ހަދައި، އިންގްލެންޑްގެ އަމިއްލަ ފަސްގަނޑުގައި އެ ގައުމަށް ފުރަތަމަ އަދި ހަމައެކަނި ވޯލްޑް ކަޕް ތަށި ހޯދައިދީފައެވެ.
ހާސްޓަކީ އެ ޓީމުގައި ހުރި އެންމެ ހުނަރުވެރި ނުވަތަ އެންމެ މަޝްހޫރު ކުޅުންތެރިޔާ ކަމަށް ނުވިޔަސް، ވޯލްޑް ކަޕް ފައިނަލެއްގައި ހެޓްރިކް ހެދުމަކީ އާދައިގެ ކަމެއް ނޫނެވެ. އެއީ މީގެ ހަތަރު އަހަރު ކުރިން ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފައިނަލުގައި ފްރާންސްގެ ކީލިއަން އެމްބާޕޭ ނޫނީ އެހެން ކުޅުންތެރިއަކަށް ކުރެވިފައިވާ ކަމެއް ނޫނެވެ. އަދި އެމްބާޕޭ ހެޓްރިކް ހެދި ނަމަވެސް އެ މެޗުން އޭނާގެ ޓީމުވީ ބައްޔެވެ.
ހާސްޓްގެ އެ ކާމިޔާބީއާ ނުލައި، އިންގްލެންޑްގެ ފުޓްބޯޅަ ތާރީޚުގެ އެންމެ ފާހަގަކޮށްލެވޭ ހަނދާންތަކެއް ނުއުފެދުނީހެވެ.
9. ކަފޫ، ބްރެޒިލް (1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން)
މި މަގާމަށް ކަފޫ ހޮވުމުގައި ކެވިން ބްރިޖަސްގެ ދިރާސާ ހޯދުންތައް މުހިންމު ދައުރެއް އަދާކުރިއެވެ. އޭނާގެ 'އިން ސާޗް އޮފް ދަ ބިއުޓިފުލް ގޭމް' ޑޮކިއުމެންޓްރީއަކީ ބަލާލުން ވަރަށް މުހިންމު އެއްޗެކެވެ.
މި ޑޮކިއުމެންޓްރީގައި ކޮމެޑީއަން ކެވިން ބްރިޖަސް ބްރެޒިލްގެ ކޮޕަކަބާނާއަށް ގޮސް، ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ފައިނަލުގައި ކުޅުނު ހަމައެކަނި ކުޅުންތެރިޔާ ކަމަށްވާ ލެޖެންޑަރީ ކަފޫއާ ބައްދަލުކުރެއެވެ.
މި ހުނަރުވެރި ފުލްބެކް ވަނީ 1994 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީ ބަލިކޮށް ބްރެޒިލުން ތަށި އުފުލާލި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. އޭގެ ހަތަރު އަހަރު ފަހުން 1998 ގެ ފައިނަލުގައި ފްރާންސް އަތުން ބަލިވި އިރުވެސް އޭނާ ހުއްޓެވެ. އަދި 2002 ވަނަ އަހަރު ޖަޕާނާއި ދެކުނު ކޮރެއާގައި ބޭއްވި މުބާރާތުގައި ބްރެޒިލްގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ އޭނާ ވަނީ ތަށި އުފުލާލާފައެވެ.
ކަފޫއަކީ ވޯލްޑް ކަޕްގެ ޝާހީ ޝަޚްސިއްޔަތެކެވެ. ހަތަރު މުބާރާތެއްގައި 16 މެޗުން މޮޅުވެފައިވާ އިރު، އޭނާއަށްވުރެ ގިނަ މެޗުން މޮޅުވެފައިވަނީ ހަމައެކަނި ކްލޯސާއެވެ. އޭނާއަކީ އަމިއްލަ އަސްލު ހަނދާން ނައްތާނުލާ ލެޖެންޑެކެވެ. 2002 ވަނަ އަހަރު ތަށި އުފުލާލުމުގެ ކުރިން އޭނާގެ ރީނދޫ ޖާޒީގައި "100% ޖާޑިމް އިރީން" ލިޔެފައިވަނީ އޭނާ ބޮޑުވި ސައޮ ޕައުލޯގެ ފަގީރު އަވަށަށް ދިން މެސެޖެއްގެ ގޮތުގައެވެ.
8. ޕައޮލޯ ރޮސީ، އިޓަލީ (1982 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން)
ރޮސީގެ ވޯލްޑް ކަޕްގެ ކާމިޔާބީ ފެށުނީ ބްރެޒިލާ ދެކޮޅަށް ކުޅުނު ތާރީޚީ މެޗުންނެވެ. ބާސެލޯނާގައި ކުޅުނު އެ މެޗަކީ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި އޮތް ބްރެޒިލްގެ ރީނދޫ ޖާޒީއާއި އިޓަލީގެ ނޫ ޖާޒީ ބައްދަލުކުރި ފޯރިގަދަ ކުރިމަތިލުމެކެވެ.
އިޓަލީގެ އެންމެ ބޮޑު ބާރަކީ އެ ޓީމުގެ ޑިފެންސް ކަމަށް ބެލެވުނު ނަމަވެސް، ރޮސީ ވަނީ އެ މެޗުގައި ހެޓްރިކެއް ހަދައި އެންމެން ހައިރާންކޮށްލާފައެވެ. އޭނާ ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައި، ދެވަނަ ހާފުގައި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައެވެ.
އެއީ މެޗު ފިކްސިންގެ މައްސަލައެއްގައި ދެ އަހަރުގެ ސަސްޕެންޝަނަކަށްފަހު އެނބުރި އައިސް ރޮސީ އިޓަލީއަށް ޖަހައިދިން ފުރަތަމަ ލަނޑުތަކެވެ. އެ މައްސަލައަށް އޭނާ އަބަދުވެސް އިންކާރު ކުރިއެވެ.
ސެމީ ފައިނަލުގައި ޕޮލެންޑް އަތުން އިޓަލީ މޮޅުވި މެޗުގެ ދެ ލަނޑުވެސް ޖެހީ ރޮސީއެވެ. އަދި ފައިނަލުގައި ހުޅަނގު ޖަރުމަނު 3-1 އިން ބަލިކޮށް 1938 ވަނަ އަހަރަށްފަހު އިޓަލީއަށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މެޗުގެ ފުރަތަމަ ލަނޑުވެސް ޖެހީ އޭނާއެވެ.
މި މުބާރާތުގައި ރޮސީ ޖެހި ހަ ލަނޑާއެކު އޭނާ ވަނީ ގޯލްޑަން ބޫޓާއި ގޯލްޑަން ބޯލްގެ އިތުރުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑްވެސް ހޯދާފައެވެ.
7. ޒައިނުއްދީން ޒިދާން، ފްރާންސް (1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން)
"ޒިދާން ރައީސްއަކަށް!" މިފަދަ އަޑުތަކާއެކު، 1998 ވަނަ އަހަރު ފްރާންސުން ވޯލްޑް ކަޕް ކާމިޔާބުކުރުމުން އެއް މިލިއަނަށްވުރެ ގިނަ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާފާޅުކުރިއެވެ. އެ ވަގުތު އާކް ޑި ޓްރިއުމްފްގައި ޒިދާންގެ ފޮޓޯއާއެކު "މާސީ، ޒިޒޫ" (ޝުކުރިއްޔާ ޒިޒޫ) މި މެސެޖު ދިއްލާލާފައި ހުއްޓެވެ.
މާސޭގެ ފަގީރު ސަރަހައްދެއްގައި ބޮޑުވި، އަލްޖީރިއާގެ ދަރިކޮޅަށް ނިސްބަތްވާ ޒިދާންއަކީ ތަފާތު ސަގާފަތްތަކުގެ ކުޅުންތެރިން ހިމެނޭ ފްރާންސް ޓީމަށް ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ ޝަރަފު ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރު އަދާކުރި ކުޅުންތެރިޔާއެވެ.
ފްރާންސްގެ ޑިފެންޑަރު ލިލިއަން ތުރާމް ބުނި ގޮތުގައި، މެޗުގެ ނަތީޖާ ބަދަލުކޮށްލާނެ ކުޅުންތެރިއަކީ ޒިދާންކަން މުޅި ޓީމަށްވެސް އެނގެއެވެ.
ޒިދާންގެ ވޯލްޑް ކަޕް ތާރީޚަކީ މުހިންމު ލަނޑުތަކާއި، ހިތްގައިމު ކުޅުމުގެ އިތުރުން ކޮންޓްރޯލުން ނެއްޓިގެން ދެއްކި ރަތް ކާޑުތަކުގެ މަސްހުނިގަނޑެކެވެ. 2006 ވަނަ އަހަރުގެ ފައިނަލުގައި އިޓަލީގެ މާކޯ މަޓަރާޒީ ގައިގައި ބޮލުން ޖެހި ހާދިސާ އެންމެންވެސް ހަނދާން ހުރެއެވެ. އަދި 1998 ވަނަ އަހަރުގެ ގްރޫޕް ސްޓޭޖުގައި ސައުދީ އަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުގައި ރަތް ކާޑު ދެއްކުމުން އޭނާއަށް ދެ މެޗު ގެއްލުނެވެ.
ނަމަވެސް ކުއާޓާ ފައިނަލުގައި އެނބުރި އައިސް، އިޓަލީ އާއި ކްރޮއޭޝިއާ ބަލިކުރުމުގައި އޭނާ އެހީތެރިވިއެވެ. އަދި ބްރެޒިލާ ދެކޮޅަށް ކުޅުނު ފައިނަލުގައި ބޮލުން ދެ ލަނޑު ޖަހައި، ފްރާންސަށް ތަށި ހޯދައިދިނުމުގައި އެންމެ އިސް ދައުރެއް އަދާކުރިއެވެ.
6. ކީލިއަން އެމްބާޕޭ، ފްރާންސް (2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ޗެމްޕިއަން)
އެމްބާޕޭގެ ވޯލްޑް ކަޕްގެ ތާރީޚު އަދިވެސް ދަނީ ލިޔެވެމުންނެވެ. އުމުރުން އެންމެ 25 އަހަރުގައި، ކުރިއަށް އޮތް ދެތިން މުބާރާތެއްގައި ކުޅުމުގެ ފުރުސަތު އޮތް މި ތަރި، ފުޓްބޯޅައިން ރިޓަޔާ ކުރާއިރު މި ލިސްޓުގެ އެންމެ ކުރިއަށް އެރުމަކީ އެކަށީގެންވާ ކަމެކެވެ.
2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑް ކަޕްގައި އުމުރުން އެންމެ 19 އަހަރުގައި އޭނާ ވަނީ އާދަޔާ ހިލާފު ކުޅުމެއް ދައްކާފައެވެ. އޭނާއަކީ ފްރާންސްގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ލަނޑު ޖެހި އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި 1958 ވަނަ އަހަރު ޕެލޭއަށްފަހު، ނޮކައުޓް މެޗެއްގައި ދެ ލަނޑު ޖެހި ފުރަތަމަ ޒުވާން ކުޅުންތެރިޔާގެ އިތުރުން، ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެސް އޭނާ ހޯދިއެވެ.
އެމްބާޕޭގެ ކެރިއަރުގެ އެންމެ އުސްމިން ފެނިގެންދަނީ ވޯލްޑް ކަޕްތަކުގައެވެ. ޕީއެސްޖީ އާއި މިހާރު ރެއާލް މެޑްރިޑުގައި ގިނަ ލަނޑުތަކެއް ޖެހި ނަމަވެސް، ޗެމްޕިއަންސް ލީގެއް ކާމިޔާބު ނުކުރެވޭތީ، އޭނާގެ އެންމެ މޮޅު ކުޅުން ފެންނަނީ ފްރާންސް ގައުމީ ޓީމާއެކު ދުނިޔޭގެ އެންމެ ބޮޑު މުބާރާތުގައެވެ.
2022 ވަނަ އަހަރުގެ ފައިނަލުގައި އާޖެންޓީނާއާ ދެކޮޅަށް އޭނާ ދެއްކި ކުޅުމާއި ހެދި ހެޓްރިކަކީ، ދެވަނަ ފަހަރަށް ވޯލްޑް ކަޕް ތަށި ހޯދުމަށް ހައްގު ކުޅުމެކެވެ. ނަމަވެސް އެ ދުވަހު އޭނާއާ ކުރިމަތިލާން ޖެހުނީ ލިއޮނަލް މެސީ އާއި އޭނާގެ ވަރުގަދަ ޓީމާއެވެ.
5. ފްރާންޒް ބެކެންބާ، ހުޅަނގު ޖަރުމަނު (1974 ގެ ޗެމްޕިއަން ކުޅުންތެރިއެއްގެ ގޮތުގައި، އަދި 1990 ގެ ޗެމްޕިއަން ކޯޗެއްގެ ގޮތުގައި)
1966 ވަނަ އަހަރުގެ ރަނަރަޕް އަދި 1970 ވަނަ އަހަރުގެ ތިންވަނަ ހޯދުމަށްފަހު، ފްރާންޒް ބެކެންބާ އެންމެ ފަހުން 1974 ވަނަ އަހަރު ވޯލްޑް ކަޕް ތަށީގައި އަތްލިއެވެ. އެއީ ހުޅަނގު ޖަރުމަނުގެ ކެޕްޓަނެއްގެ ގޮތުގައި ހުރެ، މުބާރާތް ކާމިޔާބުކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވުނު ނެދަލޭންޑްސް ބަލިކުރުމަށްފަހުއެވެ.
ޑިފެންސްގައި ހުރެ ކުޅުން ބައްޓަންކުރުމުގެ ހުނަރު ލިބިފައިވާ ބެކެންބާ ވަނީ، ކްރައިފްގެ ނެދަލޭންޑްސް ޓީމުން ކުޅުނު 'ޓޯޓަލް ފުޓްބޯޅަ' ހުއްޓުވުމުގައި އިސް ދައުރެއް އަދާކޮށްފައެވެ. އެ މެޗުގެ ދެވަނަ މިނެޓުގައި، ޖަރުމަނުގެ ކުޅުންތެރިއެއްގެ ފައިގައި ބޯޅަ ނުޖެހެނީސް ލިބުނު ޕެނަލްޓީއަކުން ނެދަލޭންޑްސް ކުރި ހޯދި ނަމަވެސް، ބެކެންބާގެ ލީޑަޝިޕްގައި ޖަރުމަނުން ވަނީ މެޗު ކާމިޔާބުކޮށްފައެވެ.
އެއީ ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ކުޅުނު ފަހު ވޯލްޑް ކަޕެވެ. ނަމަވެސް 'ޑާ ކައިޒާ' ގެ ނަމުން މަޝްހޫރުވި ބެކެންބާ ވަނީ ކޯޗެއްގެ ގޮތުގައި އެނބުރި އައިސް، ޖެހިޖެހިގެން ދެ ފައިނަލަށް ޖަރުމަނު ގެންގޮސްދީފައެވެ.
1986 ވަނަ އަހަރު އާޖެންޓީނާ އަތުން ބަލިވި ނަމަވެސް، އޭގެ ހަތަރު އަހަރު ފަހުން 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި މުބާރާތުގައި އާޖެންޓީނާ ބަލިކޮށް އޭނާ ވަނީ ބަދަލު ހިފާފައެވެ. މިއާއެކު އޭނާ ވެގެންދިޔައީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ޝަޚްސިއްޔަތަށެވެ.
4. ލިއޮނަލް މެސީ، އާޖެންޓީނާ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި
މި ޖީލުގެ އެންމެ މޮޅު ދެ ކުޅުންތެރިން، ނުވަތަ ފަހަރުގައި ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު ދެ ކުޅުންތެރިންނަށް ވެސް، ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި ކެރިއަރު ނިމިދާނެ ކަމަށް ބެލެވުނު ދުވަސްތަކެއް ދިޔައެވެ.
ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯގެ އުމުރުން 30 އަހަރުން މަތިވެފައިވާއިރު، އޭރު އެއިން އެއްވެސް ކުޅުންތެރިއަކަށް ވޯލްޑް ކަޕް ތަށީގައި އަތްލެވޭ ގޮތެއް ނުވެއެވެ. އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ހައިރާންކުރުވަނިވި ގޮތަކަށް އާޖެންޓީނާ ބަލިވުމުން، މެސީއަށް މުބާރާތުން އަވަހަށް ވަކިވާންޖެހިދާނެ ކަމުގެ ބިރު ވެސް އޮތެވެ.
ނަމަވެސް، މެސީ ކުޅުނު ފަސްވަނަ ވޯލްޑް ކަޕްގައި އޭނާ ވަނީ މުޅި މުބާރާތުގެ މިސްރާބު އާޖެންޓީނާއަށް ކާމިޔާބު ލިބޭނެ މަގަށް ބަދަލުކޮށްލާފައެވެ. މީގެ ކުރިން 2014 ވަނަ އަހަރުގެ ފައިނަލަށް އާޖެންޓީނާ ގެންގޮސްދިން މެސީ، ގަތަރު މުބާރާތުގައި މެކްސިކޯއާ ދެކޮޅަށް ލަނޑެއް ޖަހައި އިތުރު ލަނޑެއް ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ. އޭގެ ފަހުން ގަދަ 16 ގައި އޮސްޓްރޭލިއާ ކޮޅަށް ލަނޑު ޖެހިއިރު، ކުއާޓާ ފައިނަލުގައި ނެދަލޭންޑްސްއާ ދެކޮޅަށް އަދި ސެމީ ފައިނަލުގައި ކްރޮއޭޝިއާާ ދެކޮޅަށް ވެސް ޕެނަލްޓީން ލަނޑު ކާމިޔާބުކުރިއެވެ.
ފްރާންސާ ދެކޮޅަށް ކުޅުނު ފޯރިގަދަ ފައިނަލް މެޗުގައި ވެސް މެސީގެ ޖާދޫ ފެނިގެންދިޔައެވެ. މި ކުރުސަމާސާ ކުޅުންތެރިޔާ ފައިނަލުގައި ދެ ލަނޑު ޖަހައި، މުޅި މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ހަތަކަށް އިތުރުކުރިއެވެ. އަދި ޕެނަލްޓީ ޝޫޓްއައުޓްގައި ވެސް ލަނޑު ކާމިޔާބުކޮށް، 1986 ވަނަ އަހަރު ޑިއޭގޯ މަރަޑޯނާގެ ހިތްވަރުގަދަ ކުޅުމާއެކު އާޖެންޓީނާއިން ހޯދި ކާމިޔާބީއަށް ފަހު، ފުރަތަމަ ފަހަރަށް އެ ގައުމަށް ވޯލްޑް ކަޕް ތަށި ހޯދައިދިނެވެ.
3. ރޮނާލްޑޯ، ބްރެޒިލް، 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި
މިއީ ނާކާމިޔާބީއަށް ފަހު އަލުން ކާމިޔާބީގެ އުސްމިނަށް ވާސިލުވުމުގެ ނަމޫނާ ވާހަކައެކެވެ. ކެފޫއެކޭ އެއްފަދައިން، 1994 ވަނަ އަހަރު ބްރެޒިލުން ވޯލްޑް ކަޕް ކާމިޔާބުކުރިއިރު ފޯވާޑް ރޮނާލްޑޯ ސްކޮޑުގައި ހިމެނުނެވެ. ނަމަވެސް އޭރު އުމުރުން އެންމެ 17 އަހަރުގެ ރޮނާލްޑޯއަށް އެ މުބާރާތުގައި ކުޅޭނެ ފުރުސަތެއް ނުލިބެއެވެ.
އޭގެ ހަތަރު އަހަރު ފަހުން، 1998 ވަނަ އަހަރުގެ މުބާރާތުގައި އޭނާ ފެނުނީ އާދަޔާ ހިލާފު މޮޅު ކުޅުމަކާއެކުގައެވެ. ބާރު ދުވެއްޔާއި، ހުނަރުވެރިކަމާއި، ލަނޑު ޖެހުމުގެ ފަންނުވެރިކަމާއެކު އޭނާ އޭރު ބެލެވުނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައެވެ.
އެ މުބާރާތުގައި ރޮނާލްޑޯ ހަތަރު ލަނޑު ޖަހައި ބްރެޒިލް ފައިނަލަށް ގެންގޮސްދިނެވެ. ނަމަވެސް ފައިނަލް މެޗުގެ ކުރިން އޭނާއަށް ދިމާވި ސިއްހީ މައްސަލައެއްގެ ސަބަބުން (ފިޓް ޖެހުން) އާއި، އޭނާ ކުޅޭނެތޯ ނުވަތަ ނޫންތޯ އުފެދުނު އޮޅުންބޮޅުންތަކުގެ ތެރޭގައި، ފްރާންސް އަތުން ބްރެޒިލް ބަލިވި މެޗުގައި ރޮނާލްޑޯގެ ފަރާތުން ފެނުނީ ވަރަށް އާދައިގެ ކުޅުމެކެވެ.
އޭގެ ފަހުން 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ދިޔަ ދުވަސްތަކުގައި، ކަކުލަށް ލިބުނު ސީރިއަސް އަނިޔާއެއްގެ ސަބަބުން އޭނާއަށް އިންޓަ މިލާނާއި ބްރެޒިލް ގައުމީ ޓީމުގައި ވެސް ކުޅެވުނީ ވަރަށް މަދު މެޗެކެވެ. އެހެންކަމުން 2002 ގެ މުބާރާތުގައި އޭނާއަށް ކުޅެވިދާނެތޯ ވެސް އޮތީ ސުވާލު އުފެދިފައެވެ.
އެހެންނަމަވެސް، ޖަޕާނާއި ދެކުނު ކޮރެއާގައި ބޭއްވި އެ މުބާރާތުގައި ރޮނާލްޑޯ ވަނީ އޭނާގެ ހުނަރުވެރިކަން އަލުން ސާބިތުކޮށްދީފައެވެ. މުޅި މުބާރާތުގައި އަށް ލަނޑު ޖެހިއިރު، ޖަރުމަނާ ދެކޮޅަށް ކުޅުނު ފައިނަލް މެޗުގައި ޖެހި ދެ ލަނޑާއެކު، ޕެރިހުގައި ލިބުނު ހިތްދަތި ހަނދާންތައް އޭނާ ފޮހެލިއެވެ. އޭގެ ހަތަރު އަހަރު ފަހުން ޖަރުމަނުގައި ބޭއްވި މުބާރާތުގައި ރޮނާލްޑޯ ވަނީ ވޯލްޑް ކަޕްގައި އޭނާ ޖެހި ލަނޑުގެ އަދަދު 15 އަށް އިތުރުކޮށް، އޭރުގެ ރެކޯޑެއް ގާއިމުކޮށްފައެވެ.
2. ޑިއޭގޯ މަރަޑޯނާ، އާޖެންޓީނާ، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި
މި ލިސްޓުގެ ދެވަނައިގައި އޭނާ ހިމެނުނު ކަމުގައި ވިޔަސް، މަރަޑޯނާއަށް ވުރެ ބޮޑު މަގުބޫލުކަމެއް ހޯދި އެހެން ކުޅުންތެރިއަކު ނެތެވެ. މިއީ އޭނާ ވޯލްޑް ކަޕްގައި ހޭދަކުރި ދުވަސްތަކުން ސާފުކޮށް ފެންނަން އޮތް ހަގީގަތެކެވެ.
އާޖެންޓީނާއިން ނެދަލޭންޑްސް ބަލިކޮށް ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބުކުރި 1978 ވަނަ އަހަރު، އުމުރުން އެންމެ 17 އަހަރުގެ މަރަޑޯނާ ހުރީ ސްކޮޑުން ބާކީކޮށްފައެވެ. އޭނާއަށް ވޯލްޑް ކަޕްގެ ފުރަތަމަ ތަޖުރިބާ ލިބުނީ އޭގެ ހަތަރު އަހަރު ފަހުންނެވެ. ނަމަވެސް ބްރެޒިލާ ދެކޮޅަށް ކުޅުނު ފޯރިގަދަ މެޗުގައި، އިދިކޮޅު ކުޅުންތެރިއަކަށް ހަމަލާދިނުމުގެ ސަބަބުން މަރަޑޯނާއަށް ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލިއިރު، އެ މުބާރާތުން އާޖެންޓީނާ ކެޓީއެވެ.
މަރަޑޯނާގެ ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ މުބާރާތަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕެވެ. ފުޓްބޯޅަ ތާރީޚުގައި ކުޅުންތެރިއަކު ދެއްކި އެންމެ މޮޅު ކުޅުން ފެނިގެންދިޔަ އެ މުބާރާތުގައި، އެންމެ ބޮޑަށް ފާހަގަކުރެވެނީ ކުއާޓާ ފައިނަލުގައި އިންގްލެންޑް ކޮޅަށް އޭނާ ޖެހި ދެ ލަނޑެވެ.
އޭގެ ތެރެއިން ފުރަތަމަ ލަނޑަކީ އަތުން ޖެހި މަޝްހޫރު 'ހޭންޑް އޮފް ގޯޑް' ލަނޑެވެ. ދެވަނަ ލަނޑަކީ އޭނާގެ ފުރިހަމަ ހުނަރު ދައްކުވައިދިން ލަނޑެކެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ނިކުމެ، އިންގްލެންޑްގެ ހުރިހާ ކުޅުންތެރިން ކަޓުވާލުމަށްފަހު، ގޯލްކީޕަރު ޕީޓާ ޝިލްޓަން ވެސް ނައްޓާލާފައި ޖެހި އެ ލަނޑަކީ ފުޓްބޯޅައިގެ ލާމަސީލު މިސާލެކެވެ.
ސެމީ ފައިނަލުގައި ބެލްޖިއަމް ކޮޅަށް ވެސް ދެ ލަނޑު ޖެހުމަށްފަހު، ފައިނަލުގައި ހުޅަނގު ޖަރުމަނު ބަލިކޮށް އާޖެންޓީނާއަށް ތަށި ހޯދައިދިނުމުގައި ކެޕްޓަނެއްގެ ގޮތުން މަރަޑޯނާ އިސް ދައުރެއް އަދާކުރިއެވެ. އޭނާ އެ މުބާރާތް ނިންމާލީ ފަސް ލަނޑު ޖަހައި، އިތުރު ފަސް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީގެންނެވެ.
އޭގެ ފަހުން 1990 ވަނަ އަހަރުގެ ފައިނަލުން ބަލިވުމުން މަރަޑޯނާގެ ލޮލުން ކަރުނަ ފޭދުނެވެ. އަދި 1994 ވަނަ އަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މަނާ ބޭހަކަށް ޕޮޒިޓިވްވުމާ ގުޅިގެން ގެއަށް ފޮނުވާލުމުން، 'ދަ ގޯލްޑަން ބޯއި' ގެ ވޯލްޑް ކަޕް ކެރިއަރު ނިމިގެންދިޔައީ އޭނާގެ މުޅި ހަޔާތުގައި ވެސް ހިޔަންޏެއް ފަދައިން އެކުވެފައިވާ ހަމަނުޖެހުމާއި ފަޟީހަތުގެ ތެރޭގައެވެ.
1. ޕެލޭ، ބްރެޒިލް، 1958، 1962 އަދި 1970 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި
މި ލިސްޓުގެ އެއްވަނައިގައި ކުޅިވަރުގެ ލެޖެންޑް ޕެލޭ ނޫން އެހެން ކާކު ހުންނާނެ ހެއްޔެވެ؟ ތަފާތު ތިން ދިހަ އަހަރެއްގެ ތެރޭގައި ތިން ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ކުޅުންތެރިއަކީ އޭނާއެވެ. އެތައް ޖީލެއްގެ މީހުންގެ މެދުގައި ފުޓްބޯޅައިގެ އެންމެ މަޝްހޫރު ނަމަކީ ވެސް ޕެލޭއެވެ.
މަރަކާނާ ސްޓޭޑިއަމްގައި 1950 ވަނަ އަހަރު އުރުގުއޭ އަތުން ބްރެޒިލް ބަލިވުމުން، ބައްޕައަށްޓަކައި ވޯލްޑް ކަޕް ކާމިޔާބުކޮށްދޭނެ ކަމަށް ޕެލޭ ބުނި ވާހަކައަކީ މަޝްހޫރު ވާހަކައެކެވެ. އޭގެ ފަހުން 1958 ވަނަ އަހަރު، އުމުރުން އެންމެ 17 އަހަރުގައި އޭނާ ދުނިޔޭގެ ސަމާލުކަމަށް އައީ ސެމީ ފައިނަލުގައި ފްރާންސް ކޮޅަށް ހެޓްރިކް ހަދައި، އަދި ފައިނަލުގައި ސްވިޑަން ބަލިކުރި މެޗުގައި ދެ ލަނޑު ޖަހައިގެންނެވެ.
އޭގެ ހަތަރު އަހަރު ފަހުން ބްރެޒިލުން ތަށި ދިފާއުކުރިއިރު ވެސް ޕެލޭ ޓީމުގައި ހިމެނުނެވެ. ނަމަވެސް ފުރަތަމަ މެޗުގައި ލަނޑު ޖެހުމަށްފަހު، އަނިޔާގެ ސަބަބުން މުބާރާތުގެ ބޮޑު ބައެއް އޭނާއަށް ގެއްލުނެވެ. 1966 ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައި ހުރިއިރު، އިދިކޮޅު ކުޅުންތެރިންގެ ފަރާތުން ލިބުނު އަނިޔާވެރި ހަމަލާތަކުގެ ސަބަބުން، ދެން ދުވަހަކުވެސް ވޯލްޑް ކަޕްގައި ނުކުޅޭނެ ކަމަށް އޭނާ ބުންޏެވެ.
އެހެންނަމަވެސް، 1970 ވަނަ އަހަރު ޕެލޭ އަލުން އެނބުރި އައެވެ. މެކްސިކޯގައި ބޭއްވި އެ މުބާރާތުގައި މުޅި ގައުމުގެ އުންމީދުތައް ކޮނޑުގައި އަޅައިގެން ނިކުމެ، އޭނާ ވަނީ އާދަޔާ ހިލާފު ހުނަރުވެރި ކުޅުމެއް ދައްކާފައެވެ. ބްރެޒިލްގެ ރީނދުލާއި ފެހި ކުލައިގެ ޖާޒީގައި ފައިނަލަށް ދަތުރުކޮށް، އިޓަލީ 4-1 އިން ބަލިކުރި މެޗުގައި ޕެލޭ ފުރަތަމަ ލަނޑު ޖަހައިދީ، އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.
ޝައްކެއްވެސް ނެތް ގޮތުގައި، ޕެލޭއަކީ ވޯލްޑް ކަޕްގެ ތާރީޚު ދުށް އެންމެ ވަރުގަދަ އަދި އެންމެ ޝަރަފުވެރި ތަރިއެވެ.






