Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ވޯލްޑް ކަޕް

ޔޫރަޕުގެ 16 ޓީމުގެ ތެރެއިން 2026 ވޯލްޑްކަޕްގެ އެންމެ ބޮޑު ފުރުސަތު ބޮޑީ ކޮން ގައުމަކަށް؟

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޔޫރަޕްގެ ގަދަބާރުތައް ތައްޔާރުވަމުންދާއިރު، މުބާރާތް ކާމިޔާބުކުރުމުގެ އެންމެ ފުރުސަތު ބޮޑު ގައުމަކީ ފްރާންސް ކަމަށް ބެލެވޭ. މި މުބާރާތުގައި ޔޫރަޕުން ވާދަކުރާ 16 ޓީމުގެ ތެރޭގައި ގިނަ ދުވަސްތަކަކަށްފަހު ކޮލިފައިވި ނޯވޭ އާއި އޮސްޓްރިއާ ފަދަ ގައުމުތައް ހިމެނޭއިރު، މިއީ ރޮނާލްޑޯ އާއި މޮޑްރިޗް ފަދަ ތަޖުރިބާކާރު ތަރިންގެ ފަހު މުބާރާތަށް ވުން ގާތް. ޖަރުމަނާއި އިންގްލެންޑުން ކުރީގެ ނާކާމިޔާބީތައް ފަހަތަށް ޖައްސާލަން މަސައްކަތް ކުރާއިރު، އިޓަލީ މިފަހަރުވެސް މުބާރާތުން ފެނިގެންނެއް ނުދޭ.

ރާއްޖެ އެމްވީ | 9 ޖޫން 2026 | އަންގާރަ 07:08
ލިބުނު އަނިޔާއިން ޔަމާލް މިހާރު މުޅިން ރަނގަޅުވެ، މުބާރާތުގެ ފުރަތަމަ މެޗުގައި ފެންނާނެ ކަމަށް ރިޕޯޓްތައް ބުނޭ.

ލިބުނު އަނިޔާއިން ޔަމާލް މިހާރު މުޅިން ރަނގަޅުވެ، މުބާރާތުގެ ފުރަތަމަ މެޗުގައި ފެންނާނެ ކަމަށް ރިޕޯޓްތައް ބުނޭ. | ރޮއިޓާސް

2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތީ ޔޫރަޕްގެ ކޮން ގައުމަކަށް ހެއްޔެވެ؟

ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ ތާރީޚަށް ބަލާއިރު، ޔޫރަޕަށްވުރެ ކުރި ހޯދާފައިވާ އެހެން ބައްރެއް ނެތެވެ. އާޖެންޓީނާ، ބްރެޒިލް އަދި އުރުގުއޭ ފިޔަވައި، މިހާތަނަށް މި ތަށި އުފުލާލާފައިވަނީ ހަމައެކަނި ޔޫރަޕްގެ ޓީމުތަކުންނެވެ.

ޔޫއެފާ ސަރަހައްދުން ކޮލިފައިވި 16 ޓީމަށް އަލްޖަޒީރާއިން މިވަނީ ނަޒަރެއް ހިންގާލާފައެވެ. މީގެ ތެރޭގައި ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ހަތަރު ގައުމެއް ހިމެނެއެވެ. ފަސްވަނަ ގައުމަކީ އިޓަލީ ނަމަވެސް، ޖޫން 11 ގައި މުބާރާތް ފެށޭއިރު، ޖެހިޖެހިގެން ތިންވަނަ ފަހަރަށް އިޓަލީ މިވަނީ މުބާރާތުން ބޭރުވެފައެވެ.

⚽️ އޮސްޓްރިއާ

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 8 ފަހަރު (1934، 1954، 1958، 1978، 1982، 1990، 1998، 2026)

އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 29 މެޗު، 12 މޮޅު، 4 އެއްވަރު، 13 ބަލި (ޖެހި ގޯލު: 43، ބައިކޮޅަށް ވަން ގޯލު: 47)

ފީފާ ރޭންކިން: 24

ލަފާކުރެވޭ ނަތީޖާ: ގްރޫޕް ސްޓޭޖުން ކެޓުން

ވޯލްޑް ކަޕްގައި ގަވާއިދުން ފެންނަމުންދިޔަ އޮސްޓްރިއާ، ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތަށް މި އެނބުރި އައީ 28 އަހަރުގެ މެދުކެނޑުމަކަށް ފަހުއެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ވަގުތީ ކޯޗު ރަލްފް ރަންގްނިކްގެ އިރުޝާދުގެ ދަށުން ކުޅޭ އޮސްޓްރިއާ ޓީމުގެ އެންމެ ބޮޑު އުންމީދަކީ ތަޖުރިބާކާރު ފޯވާޑް މާކޯ އާނައުޓޮވިޗްއެވެ.

ކޮލިފައިންގައި އާނައުޓޮވިޗް އަށް ގޯލު ޖަހާފައިވާއިރު، އޭނާގެ އެހީތެރިކަމާއެކު އޮސްޓްރިއާ ވަނީ ބޮސްނިއާ އެންޑް ހެރްޒެގޮވިނާ އަދި ރޫމޭނިއާ ފަހަތަށް ޖައްސާލުމަށްފަހު ގްރޫޕްގެ އެއްވަނަ ހޯދާފައެވެ.

ކެޕްޓަން އަދި ސެންޓަރ ބެކް ޑޭވިޑް އަލަބާ އާއި، މިޑްފީލްޑަރު މާސެލް ސަބިޓްޒާގެ އިތުރުން ނުރައްކާތެރި މިޑްފީލްޑަރު މައިކަލް ގްރެގޮރިޗް އަކީ ޔޫރޯ 2024 ގައި ފްރާންސާއި ނެދަލެންޑްސްއަށްވުރެ ކުރި ހޯދި ޓީމުގެ މުހިންމު ކުޅުންތެރިންނެވެ.

މިދިޔަ ޔޫރޯގެ ދެވަނަ ބުރުގައި ތުރުކީ އަތުން ބަލިވެ އޮސްޓްރިއާ ކެޓިއިރު، 1954 ވަނަ އަހަރުގެ ފަހުން ބޮޑު މުބާރާތެއްގެ ނޮކްއައުޓް މެޗަކުން އެ ގައުމު މޮޅުވެފައެއް ނުވެއެވެ. ގްރޫޕް ޖޭގައި އޮސްޓްރިއާގެ ފުރަތަމަ މެޗުގައި އަލަށް ވާދަކުރާ އުރުދުންއާ ބައްދަލުކުރާއިރު، ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއެވެ. ގްރޫޕްގެ ފަހު މެޗުގައި އެ ގައުމު ނުކުންނާނީ އަލްޖީރިއާއާ ދެކޮޅަށެވެ.

⚽️ ބެލްޖިއަމް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 15 ފަހަރު (1930، 1934، 1938، 1954، 1970، 1982، 1986، 1990، 1994، 1998، 2002، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 51 މެޗު، 21 މޮޅު، 10 އެއްވަރު، 20 ބަލި (ޖެހި ގޯލު: 69، ބައިކޮޅަށް ވަން ގޯލު: 74)

ފީފާ ރޭންކިން: 8 ލަފާކުރެވޭ ނަތީޖާ: ކުއާޓާ ފައިނަލުން ކެޓުން

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުން ބެލްޖިއަމް ކެޓުމަކީ އެ ގައުމުގެ "ރަން ޖީލަށް" ލިބުނު ބޮޑު ހައިރާންކަމެކެވެ. އެއީ 2018 ވަނަ އަހަރު ސެމީ ފައިނަލަށް ދަތުރުކޮށް، ތިންވަނަ ހޮވި މެޗުން މޮޅުވެ، އެ ގައުމުގެ ތާރީޚީ އެންމެ ރަނގަޅު ނަތީޖާ ހޯދާފައި ވަނިކޮށެވެ.

ކެވިން ޑި ބްރޭނާ އާއި ރޮމެލޫ ކާކޫ ފަދަ ހުނަރުވެރި ކުޅުންތެރިން އަދިވެސް ޓީމުގައި ތިބިއިރު، ޖެރެމީ ޑޮކޫ އާއި ޗާލްސް ޑި ކެޓެލެއާ ފަދަ އުއްމީދީ ކުޅުންތެރިންގެ ސަބަބުން ޓީމަށް ވަނީ އިތުރު ދިރުމެއް ލިބިފައެވެ.

ގްރޫޕް ސްޓޭޖުގައި މިސްރާއި އީރާނުގެ ފަރާތުން ބޮޑު ގޮންޖެހުމެއް ކުރިމަތިވާނެ ކަމަށް ބެލެވޭއިރު، ނިއުޒީލެންޑަށް މި ވަރުގަދަ ގްރޫޕުން ޕޮއިންޓެއް ހޯދުމަކީވެސް ބޮޑު ކާމިޔާބީއަކަށް ވާނެއެވެ.

⚽️ ބޮސްނިއާ އެންޑް ހެރްޒެގޮވިނާ

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 2 ފަހަރު (2014، 2026)

އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖް

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 3 މެޗު، 1 މޮޅު، 0 އެއްވަރު، 2 ބަލި (ޖެހި ގޯލު: 4، ބައިކޮޅަށް ވަން ގޯލު: 4)

ފީފާ ރޭންކިން: 65

ލަފާކުރެވޭ ނަތީޖާ: ގްރޫޕް ސްޓޭޖުން ކެޓުން

ޕްލޭއޮފްގައި ވޭލްސް އާއި އިޓަލީގެ މައްޗަށް ޕެނަލްޓީ ޖަހައިގެން ހޯދި ކާމިޔާބީއާއެކު ބޮސްނިއާ މިވަނީ ވޯލްޑް ކަޕަށް ކޮލިފައިވެފައެވެ. އެ ޓީމުގެ އެޑިން ޒެކޯ އާއި ކެރިމް އަލަޖްބެގޮވިޗްގެ ފޯވާޑް ލައިނަކީ މި ފަހަރުގެ މުބާރާތުގައި ފެންނާނެ އެންމެ ޝައުގުވެރި އެއް ޖޯޑެވެ.

ޒެކޯގެ އުމުރަކީ 40 އަހަރެވެ. އޭނާގެ ޕާޓްނަރު އަލަޖްބެގޮވިޗްގެ އުމުރަކީ އެންމެ 18 އަހަރެވެ. ޒެކޯ ބައިނަލްއަގުވާމީ ފުޓްބޯޅައަށް ތައާރަފްވިއިރު އަލަޖްބެގޮވިޗް އުފަންވެސް ނުވެއެވެ.

މެންޗެސްޓާ ސިޓީގެ ކުރީގެ ފޯވާޑް ޒެކޯ ޓީމުގެ ކެޕްޓަންކަން ކުރާއިރު، ރެޑްބުލް ސަލްޒްބާގްގައި އަލަޖްބެގޮވިޗް ދެއްކި މޮޅު ކުޅުމުގެ ސަބަބުން ބަޔާ ލެވަކޫސަނުން ވަނީ އޭނާއާއެކު ފަސް އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

⚽️ ކްރޮއޭޝިއާ

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 7 ފަހަރު (1998، 2002، 2006، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 30 މެޗު، 13 މޮޅު، 8 އެއްވަރު، 9 ބަލި (ޖެހި ގޯލު: 43، ބައިކޮޅަށް ވަން ގޯލު: 33)

ފީފާ ރޭންކިން: 10 ލަފާކުރެވޭ ނަތީޖާ: ކުއާޓާ ފައިނަލުން ކެޓުން

2018 ވަނަ އަހަރުގެ ރަނަރަޕް އަދި ގަތަރު ވޯލްޑް ކަޕްގެ ތިންވަނަ ހޯދި ނަމަވެސް، ކްރޮއޭޝިއާގެ ތަރި، އުމުރުން 40 އަހަރުގެ ލޫކާ މޮޑްރިޗަށް ވަގުތު މިވަނީ ކުޑަވެފައެވެ.

ކޯޗު ޒްލަޓްކޯ ޑަލިޗްގެ އުންމީދަކީ، ކުރިއަށް އޮތް އަހަރުތަކުގައި ޓީމުގެ ފަހަތް ބަލަހައްޓާނެ ހުނަރުވެރި ދެ ޒުވާނުން ކަމަށްވާ 24 އަހަރުގެ ޖޮސްކޯ ގްވާޑިއޯލް އާއި 19 އަހަރުގެ ލޫކާ ވުސްކޮވިޗްގެ ޖޯޑެވެ.

އިނގިރޭސިވިލާތާއި، ގާނާ އަދި ޕެނަމާ ހިމެނޭ މި ގްރޫޕަކީ މުޅި މުބާރާތުގައިވެސް ފެންނާނެ އެންމެ ވާދަވެރި ގްރޫޕަށް ވުން އެކަށީގެންވެއެވެ.

⚽️ ޗެކް ރިޕަބްލިކް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 10 ފަހަރު (1934، 1938، 1954، 1958، 1962، 1970، 1982، 1990، 2006، 2026)

އެންމެ ރަނގަޅު ނަތީޖާ: ރަނަރަޕް

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 33 މެޗު، 12 މޮޅު، 5 އެއްވަރު، 16 ބަލި (ޖެހި ގޯލު: 47، ބައިކޮޅަށް ވަން ގޯލު: 49)

ފީފާ ރޭންކިން: 43 ލަފާކުރެވޭ ނަތީޖާ: ގްރޫޕް ސްޓޭޖުން ކެޓުން

ކޯޗު މިރޮސްލާވް ކޫބެކްގެ އިރުޝާދުގެ ދަށުން 20 އަހަރަށްފަހު ޗެކް ރިޕަބްލިކް ވޯލްޑް ކަޕަށް އެނބުރި އައި ނަމަވެސް، ކުރީގެ މަޝްހޫރު ތަރިން މިހާރު އެ ޓީމަކު ނެތެވެ. ބަޔާ ލެވަކޫސަންގެ ފޯވާޑް ޕެޓްރިކް ޝިކް އަކީ ޔޫރޯ 2020 ގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާއަށް ވާއިރު، މި ފަހަރުވެސް ޓީމަށް ދިރުމެއް ގެނެސްދޭނެ ކަމަށް ބެލެވެނީ އޭނާއެވެ.

ދެކުނު ކޮރެއާ، ދެކުނު އެފްރިކާ އަދި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ މެކްސިކޯ އަތުން މޮޅުވެގެން ނޫނީ ޗެކް ރިޕަބްލިކަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތެއް ނެތެވެ.

⚽️ އިންގްލެންޑް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 17 ފަހަރު (1950، 1954، 1958، 1962، 1966، 1970، 1982، 1986، 1990، 1998، 2002، 2006، 2010، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަން ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 74 މެޗު، 32 މޮޅު، 22 އެއްވަރު، 20 ބަލި (ޖެހި ގޯލު: 104، ބައިކޮޅަށް ވަން ގޯލު: 68) ފީފާ ރޭންކިން: 4 ލަފާކުރެވޭ ނަތީޖާ: ކުއާޓާ ފައިނަލުން ކެޓުން

ހެރީ ކޭން އަކީ އިންގްލެންޑްގެ އޮތް ހަމައެކަނި ބޮޑު އުންމީދެވެ.

އިންގްލެންޑަށް އެންމެ ގިނަ ގޯލު ޖަހައިދީފައިވާ ކޭން (113 މެޗުން 79 ގޯލު) އަކީ ހަމައެކަނި ގޯލު ޖަހާ ކުޅުންތެރިއެއް ނޫނެވެ. އޭނާއަކީ ފަހަތަށް ފައިބައި ކުޅުން ބިނާކުރުމުގައިވެސް މުހިންމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.

ޖެހިޖެހިގެން ތިންވަނަ ސީޒަނުގައި ޖަރުމަނު ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު އޭނާ ހޯދާފައިވަނީ މި ސީޒަނުގައި 36 ގޯލު ޖަހައިގެންނެވެ.

އުމުރުން 32 އަހަރުގެ ކޭންއަށް މިއީ އިންގްލެންޑަށް ދެވަނަ ވޯލްޑް ކަޕް ތަށި ހޯދައިދޭން ލިބޭ ފަހު ފުރުސަތަށް ވުން އެކަށީގެންވެއެވެ. ނަމަވެސް ނޮކްއައުޓް ބުރާ މެދު ވިސްނުމުގެ ކުރިން، "މަރުގެ ގްރޫޕް" ކަޑައްތުކޮށް، އިނގިރޭސިންގެ ބަދުނަސީބު ކަމަށްވާ ޕެނަލްޓީގެ މަރުހަލާއިން ސަލާމަތްވާން ޖެހެއެވެ.

⚽️ ފްރާންސް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 17 ފަހަރު (1930، 1934، 1938، 1954، 1958، 1966، 1978، 1982، 1986، 1998، 2002، 2006، 2010، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ދެ ފަހަރު ޗެމްޕިއަންކަން

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 73 މެޗު، 39 މޮޅު، 14 އެއްވަރު، 20 ބަލި (ޖެހި ގޯލު: 136، ބައިކޮޅަށް ވަން ގޯލު: 85)

ފީފާ ރޭންކިން: 3 ލަފާކުރެވޭ ނަތީޖާ: ޗެމްޕިއަންކަން ހޯދުން

ކޮންމެ މަގާމަކަށް ބެލިޔަސް ހުނަރުވެރި ކުޅުންތެރިންގެ ބޮޑު ފައުޖެއް އޮތް ފްރާންސަކީ ތިންވަނަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އެންމެ ބޮޑު ފުރުސަތެއް އޮތް ގައުމެވެ.

ކީލިއަން އެމްބާޕޭ ޓީމުގެ ކުރީގައި ހުންނައިރު، އޭނާއަށް އެހީތެރިވާނީ ބެލޮންޑިއޯ ކާމިޔާބުކުރި އޮސްމާން ޑެމްބެލޭ އާއި ޕީއެސްޖީގެ ޑެސިރޭ ޑޫއޭއެވެ. މި ދެ ކުޅުންތެރިންނަކީވެސް ޖެހިޖެހިގެން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނެވެ.

12 އަހަރުގެ ޚިދުމަތަށްފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް މި މުބާރާތަށްފަހު މަގާމުން ވަކިވާނެއެވެ. އޭނާގެ އުންމީދަކީ 1982 އާއި 1990 އާ ދެމެދު ހުޅަނގު ޖަރުމަނުން އަދި 1994 އާއި 2002 އާ ދެމެދު ބްރެޒިލުން ހެދި ރެކޯޑާ އެއްވަރުކޮށް، ޖެހިޖެހިގެން ތިން ވޯލްޑް ކަޕް ފައިނަލް ކުޅުމެވެ.

2018 ވަނަ އަހަރުގެ ކާމިޔާބީއާއެކު ޑެޝޯމްޕް ވެފައިވަނީ ކުޅުންތެރިއެއްގެ ގޮތުގައާއި ކޯޗެއްގެ ގޮތުގައި މި މުބާރާތް ކާމިޔާބުކުރި މަދު މީހުންގެ ތެރެއިން އެކަކަށެވެ.

⚽️ ޖަރުމަނު

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 21 ފަހަރު (1934، 1938، 1954، 1958، 1962، 1966، 1970، 1974، 1978، 1982، 1986، 1990، 1994، 1998، 2002، 2006، 2010، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ހަތަރު ފަހަރު ޗެމްޕިއަންކަން ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 112 މެޗު، 68 މޮޅު، 21 އެއްވަރު، 23 ބަލި (ޖެހި ގޯލު: 232، ބައިކޮޅަށް ވަން ގޯލު: 130)

ފީފާ ރޭންކިން: 10 ލަފާކުރެވޭ ނަތީޖާ: ސެމީ ފައިނަލުން ކެޓުން

ޖެހިޖެހިގެން ތިން ވޯލްޑް ކަޕުން ބޭރުވި ފުރަތަމަ ޗެމްޕިއަން ގައުމުގެ ގޮތުގައި އޮތް އިޓަލީ، ޖަރުމަނުގެ މިހާރުގެ ހާލަތަށް ހިތްހަމަ ޖެހޭނެ ކަމަކަށް ނުފެނެއެވެ.

ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު އެންމެ ފަހުގެ ދެ މުބާރާތުގައިވެސް ގްރޫޕް ސްޓޭޖުން ކެޓުމަކީ އެ ގައުމަށް ކުރިމަތިވެފައިވާ ބޮޑު ކްރައިސިސްއެކެވެ.

ޖޫލިއަން ނާގަލްސްމަންގެ އިރުޝާދުގެ ދަށުން ކުޅޭ ޓީމު، އައިވަރީ ކޯސްޓާއި، އިކުއެޑޯ އަދި އަލަށް ވާދަކުރާ ކުރަސާއޯ ހިމެނޭ ގްރޫޕުން ކުރިއަށް ނުގޮސްފިނަމަ، ޖަރުމަނުގެ ފުޓްބޯޅައަށް ބޮޑު ބަދަލެއް އަންނާނެކަން ޔަގީނެވެ.

ފްލޯރިއަން ވާޓްޒް އާއި ޖަމާލް މުސިއާލާ އަކީ ޓީމުގެ މުސްތަގުބަލު ކަމަށްވާއިރު، ޖޯޝުއާ ކިމިކް އާއި އެންޓޯނިއޯ ރޫޑިގާ އަކީ ޓީމުގެ ތަޖުރިބާކާރު ތަނބުތަކެވެ.

⚽️ ނެދަލެންޑްސް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 12 ފަހަރު (1934، 1938، 1974، 1978، 1990، 1994، 1998، 2006، 2010، 2014، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ތިން ފަހަރު ރަނަރަޕް

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 55 މެޗު، 30 މޮޅު، 14 އެއްވަރު، 11 ބަލި (ޖެހި ގޯލު: 96، ބައިކޮޅަށް ވަން ގޯލު: 52)

ފީފާ ރޭންކިން: 7 ލަފާކުރެވޭ ނަތީޖާ: ކުއާޓާ ފައިނަލުން ކެޓުން

އަބަދުވެސް ފައިނަލާ ހަމައިން ނާކާމިޔާބުވާ ނެދަލެންޑްސް އެންމެ ފަހުން ފައިނަލް ކުޅުނީ 2010 ގައެވެ.

ވާޖިލް ފެން ޑައިކް ޓީމުގެ ފަހަތް ބަލަހައްޓާއިރު، މެމްފިސް ޑިޕާއި އާއި ފްރެންކީ ޑި ޔޮންގް އަކީ ޑަޗް ފުޓްބޯޅައިގެ ހުނަރުވެރިކަން ދައްކުވައިދޭ ކުޅުންތެރިންނެވެ.

ކޯޗު ރޮނާލްޑް ކޫމަން ވަނީ އޭނާގެ އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުން ކަމަށް ބުނެފައެވެ. ނަމަވެސް އެކަން ކުރުމުގެ ގާބިލްކަން އޭނާގެ ޓީމުގައި ހުރިތޯ މިއީ އުފެދޭ ސުވާލެކެވެ.

އެހެންނަމަވެސް، ވަކިވަކި ތަރިންނަށްވުރެ ބޮޑަށް ޓީމެއްގެ ގޮތުގައި ކުޅެގެން ނެދަލެންޑްސްއަށް ބޮޑެތި ޓީމުތައް ސިއްސުވާލެވިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ގްރޫޕް ސްޓޭޖުގައި އެ ގައުމު ނުކުންނާނީ ޖަޕާން، ސްވިޑަން އަދި ޓިއުނީޝިއާއާ ދެކޮޅަށެވެ.

⚽️ ނޯވޭ

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 4 ފަހަރު (1938، 1994، 1998، 2026)

އެންމެ ރަނގަޅު ނަތީޖާ: ގަދަ 16 ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 8 މެޗު، 2 މޮޅު، 3 އެއްވަރު، 3 ބަލި (ޖެހި ގޯލު: 7، ބައިކޮޅަށް ވަން ގޯލު: 8)

ފީފާ ރޭންކިން: 32 ލަފާކުރެވޭ ނަތީޖާ: ގަދަ 32 އިން ކެޓުން

ކޮލިފައިންގައި އާލިން ހާލަންޑް ޖެހި 16 ގޯލާއި، މާޓިން އޮޑެގާޑް ތަނަވަސްކޮށްދިން ހަތް ފުރުސަތާއެކު ނޯވޭ މިވަނީ 28 އަހަރަށްފަހު ވޯލްޑް ކަޕަށް އެނބުރި އައިސްފައެވެ.

ކޮލިފައިން ގްރޫޕްގައި އިޓަލީގެ މައްޗަށް ދެ ފަހަރުވެސް ކުރި ހޯދި ނަމަވެސް، ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސް، ސެނެގާލް އަދި އިރާގާ ދެކޮޅަށް ކުޅެން ޖެހުމަކީ ބޮޑު ގޮންޖެހުމެކެވެ.

މި ގޮންޖެހުންތަކުން ސަލާމަތްވެވިއްޖެނަމަ، ކޮލިފައިންގެ އަށް މެޗުން 37 ގޯލު ޖެހި ނޯވޭއަށް ފުރަތަމަ ފަހަރަށް ގަދަ 16 ގެ މަރުހަލާ ފަހަނައަޅައި ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

⚽️ ޕޯޗުގަލް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 9 ފަހަރު (1966، 1986، 2002، 2006، 2010، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 35 މެޗު، 17 މޮޅު، 6 އެއްވަރު، 12 ބަލި (ޖެހި ގޯލު: 61، ބައިކޮޅަށް ވަން ގޯލު: 41)

ފީފާ ރޭންކިން: 6 ލަފާކުރެވޭ ނަތީޖާ: ކުއާޓާ ފައިނަލުން ކެޓުން

ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބްރޫނޯ ފެނާންޑޭޒް ހިމެނޭ ޓީމަކީ ކޮންމެ މެޗަކުންވެސް މޮޅުވުމުގެ ގާބިލްކަން އޮތް ޓީމެކެވެ.

މިޑްފީލްޑްގައި ޖޮއާއޯ ނެވޭސް އާއި ވިޓީނިއާ މުހިންމު ދައުރެއް އަދާކުރާއިރު، މި މުބާރާތަކީ ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަދާއީ މުބާރާތަށް ވެގެންދާނެއެވެ. މިއީ އޭނާ ވާދަކުރާ ހަވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، މިއީ ރެކޯޑް އަދަދެކެވެ. ރޮނާލްޑޯގެ ޒަމާންވީ ވާދަވެރިޔާ އާޖެންޓީނާގެ ލިއޮނަލް މެސީ ވެސް މި ރެކޯޑާ އަރާ ހަމަކުރާނެއެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯގެ ކާމިޔާބު ކެރިއަރުގައި މަދުވާ ހަމައެކަނި ތަށި ކާމިޔާބު ކުރެވޭނެތޯ ނިންމުމުގައި، ކޯޗު ރޮބާޓޯ މާޓިނޭޒް، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ފަރާތުން އެންމެ ފަހު ފަހަރަށް ނެރެދޭނެ ކުޅުމަކަށް ބަރޯސާވާނެއެވެ.

މާޓިނޭޒްގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅުނު 30 މެޗުގައި ރޮނާލްޑޯ ވަނީ 25 ލަނޑު ޖަހާފައެވެ.

⚽️ ސްކޮޓްލޭންޑް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 9 (1954، 1958، 1974، 1978، 1982، 1986، 1990، 1998، 2026)

އެންމެ ރަނގަޅު ނަތީޖާ: ގްރޫޕް ސްޓޭޖް

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 23 މެޗު، 4 މޮޅު، 7 އެއްވަރު، 12 ބަލި (ޖެހި ގޯލް: 25، ވަން ގޯލް: 41)

ފީފާ ރޭންކިން: 43

ލަފާކުރާ ނަތީޖާ: 32 ޓީމުގެ ބުރުން ކެޓުން

ސްކޮޓްލޭންޑް 1998 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވީ، ކޮލިފައިންގެ ފަހު ދުވަހު ޑެންމާކް އަތުން ހޯދި އުނދަގޫ މޮޅާއެކުގައެވެ.

ސްކޮޓްލޭންޑްގެ ފުޓްބޯޅަ އަލުން ކުރިއަރަން ފަށާފައިވަނީ 2020 އަދި 2024 ވަނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމާ އެކުގައެވެ. މިއީ އެ ގައުމުން ވޯލްޑް ކަޕްގައި ވާދަކުރާ އަށްވަނަ ފަހަރެވެ. މީގެ ކުރިން 1974 އިން 1990 އާ ދެމެދު އެ ގައުމުން ވަނީ ޖެހިޖެހިގެން ފަސް ފަހަރު ވޯލްޑް ކަޕްގެ ފައިނަލް ބުރުގައި ކުޅެފައެވެ.

ކެޕްޓަން އެންޑީ ރޮބަޓްސަން އާއި ޖޯން މެކްގިން އަދި ސްކޮޓް މެކްޓޮމިނޭ ފަދަ ޗެމްޕިއަންސް ލީގުގެ ތަޖުރިބާކާރު ކުޅުންތެރިން އެ ޓީމުގައި ތިބި ނަމަވެސް، ހައިޓީ، މޮރޮކޯ އަދި ބްރެޒިލް ހިމެނޭ ގްރޫޕުން އެ ޓީމަށް ލިބޭނެ ކަމަށް ބެލެވެނީ އެންމެ ރަނގަޅުވެގެން ވެސް ތިންވަނަ އެވެ.

ދެވަނަ ބުރަށް ދިއުމަށް ތިން ޕޮއިންޓް ފުދޭނެ ކަމަށް ބެލެވޭއިރު، މިއީ ސްކޮޓްލޭންޑްގެ ތާރީޚުގައި ވޯލްޑް ކަޕެއްގައި ނުވަތަ ޔޫރޯއެއްގައި ވެސް އެ ގައުމަށް މިހާތަނަށް ހާސިލްކުރެވިފައި ނުވާ ކާމިޔާބީއެކެވެ.

⚽️ ސްޕެއިން

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 17 (1934، 1950، 1962، 1966، 1978، 1982، 1986، 1990، 1994، 1998، 2002، 2006، 2010، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ޗެމްޕިއަންކަން

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 67 މެޗު، 31 މޮޅު، 17 އެއްވަރު، 19 ބަލި (ޖެހި ގޯލް: 108، ވަން ގޯލް: 75)

ފީފާ ރޭންކިން: 1

ލަފާކުރާ ނަތީޖާ: ދެވަނަ ހޯދުން

ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި އޮތުމުގެ އިތުރުން ޔޫރަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން، މި މުބާރާތް ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ސްޕެއިނެވެ.

ލަމީން ޔަމާލް އަކީ އެ ޓީމުގެ އެންމެ ފާހަގަކޮށްލެވޭ ތަރިއެވެ. ބާސެލޯނާއާއެކު ޖެހިޖެހިގެން ދެވަނަ ފަހަރަށް ލަ މީގާ ކާމިޔާބުކުރުމަށްފަހު، އޭނާ ވަނީ ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދާފައެވެ.

ސްޕެއިނުން މިހާތަނަށް ވޯލްޑް ކަޕް ކާމިޔާބުކުރި ހަމައެކަނި ފަހަރަކީ 2010 ވަނަ އަހަރު ޖަރުމަނުގައެވެ. އެއީ ޔޫރަޕްގެ ތަށި ހޯދިތާ ދެ އަހަރު ފަހުންނެވެ. ކޯޗު ލުއިސް ޑި ލަ ފުއެންޓޭ އުންމީދު ކުރަނީ މިފަހަރު ވެސް އެ ތާރީޚު ތަކުރާރުވާނެ ކަމަށެވެ.

2022 އަދި 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން ކެޓުމާ ގުޅިގެން، ސްޕެއިން (ލަ ރޯހާ) އަށް މިފަހަރު ޖެހޭނީ އެ ނާކާމިޔާބީން އަރައިގަނެ، ވަރުގަދަ ކުޅުމެއް ދައްކާށެވެ.

އުރުގުއޭ، ސައުދީ އަރަބިއްޔާ އަދި ކޭޕް ވާޑޭ އަކީ ފަސޭހަ ޓީމުތަކެއް ނޫން ނަމަވެސް، ގްރޫޕް ސްޓޭޖުގައި ސްޕެއިނަށް އެ ޓީމުތަކުގެ ފަރާތުން ބޮޑު ނުރައްކަލެއް ކުރިމަތިވާނެ ކަމަކަށް ނުބެލެވެއެވެ.

⚽️ ސްވިޑަން

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 13 (1934، 1938، 1950، 1958، 1970، 1974، 1978، 1990، 1994، 2002، 2006، 2018، 2026)

އެންމެ ރަނގަޅު ނަތީޖާ: ދެވަނަ ހޯދުން

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 51 މެޗު، 19 މޮޅު، 13 އެއްވަރު، 19 ބަލި (ޖެހި ގޯލް: 80، ވަން ގޯލް: 73)

ފީފާ ރޭންކިން: 42

ލަފާކުރާ ނަތީޖާ: ގްރޫޕް ސްޓޭޖުން ކެޓުން

އާސެނަލްގެ ވިކްޓަރ ގިޔޮކެރޭސް އާއި ލިވަޕޫލްގެ އެލެގްޒެންޑަރ އިސާކް އިސްވެ ތިބެ ކުރިއަށްލައިގެން ކުޅޭ ސްވިޑަންގެ އެޓޭކަކީ ކޮންމެ ޓީމަކަށް ވެސް ބިރުވެރި ހަމަލާތަކެއް ދެވޭނެ ފެންވަރުގެ އެޓޭކެކެވެ.

ނަމަވެސް، 2018 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އެ ގައުމު ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫއެފާ ނޭޝަންސް ލީގުގެ ތެރެއިން ލިބުނު ފުރުސަތެއްގައެވެ.

އާދައިގެ ކޮލިފައިން ބުރުގައި ސްވިޑަން ދިޔައީ ގްރޫޕްގެ އެންމެ ފުލަށެވެ. އެހެންކަމުން ޕްލޭއޮފްގެ ފުރުސަތެއް ހޯދުމަށް އެ ގައުމަށް ބަރޯސާވާން ޖެހުނީ ދެ އަހަރު ދުވަހުގެ ބައްރުގެ މުބާރާތުގައި ދެއްކި ކުޅުމަށެވެ.

މީގެ އިތުރުން، ޓީމުގެ ކޯޗަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، މަގާމުން ވަކިކުރި ޑެންމާކްގެ ކޯޗު ޔޯން ޑާލް ތޯމަސަންގެ ބަދަލުގައި އިނގިރޭސި ކޯޗު ގްރަހަމް ޕޮޓާ ވަނީ ޓީމާ ހަވާލުވެ، ޔޫކްރޭން އަދި ޕޮލެންޑް ބަލިކޮށް ޕްލޭއޮފް ކާމިޔާބުކޮށްދީފައެވެ.

ޕޮޓާގެ އިރުޝާދުގެ ދަށުން ސްވިޑަން ހޯދާފައިވާ އާ ހިތްވަރުގެ ވަރުގަދަކަން ބަލާލުމަށް ޓިއުނީޝިއާ، ނެދަލޭންޑްސް އަދި ޖަޕާނާ ދެކޮޅަށް ކުޅޭ މެޗުތައް ވަރުގަދަ އިމްތިހާނަކަށް ވާނެއެވެ.

⚽️ ސްވިޒަލޭންޑް

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 13 (1934، 1938، 1950، 1954، 1962، 1966، 1994، 2006، 2010، 2014، 2018، 2022، 2026)

އެންމެ ރަނގަޅު ނަތީޖާ: ދެވަނަ ހޯދުން

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 41 މެޗު، 14 މޮޅު، 8 އެއްވަރު، 19 ބަލި (ޖެހި ގޯލް: 55، ވަން ގޯލް: 73)

ފީފާ ރޭންކިން: 19

ލަފާކުރާ ނަތީޖާ: 32 ޓީމުގެ ބުރުން ކެޓުން

ސްވިޒަލޭންޑުން ވަނީ ތިން ފަހަރެއްގެ މަތިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް 1930، 1934 އަދި 1954 ވަނަ އަހަރު ހޯދި ފަދަ ކާމިޔާބީއެއް ތަކުރާރު ކުރަން ބޭނުންނަމަ، މިހާރު ވޯލްޑް ކަޕްގައި އެ ޓީމުގެ ނަތީޖާތައް ހުރި ގޮތް ބަދަލުކުރަން ޖެހެއެވެ.

ސްވިސް ޓީމު ވަނީ އެންމެ ފަހުގެ ހަ ވޯލްޑް ކަޕަށް ވެސް ކޮލިފައިވެފައެވެ. ނަމަވެސް އޭގެ ތެރެއިން ފަސް ފަހަރު އެ ޓީމު ކެޓީ ގަދަ 16 ގެ ބުރުންނެވެ.

އެހެންނަމަވެސް، 2024 ވަނަ އަހަރުގެ ޔޫރޯގައި އެ ޓީމު ސެމީ ފައިނަލަށް ނުގޮސް ކެޓީ އިނގިރޭސިވިލާތް އަތުން ޕެނަލްޓީ ޖަހައިގެން ވަރަށް ހަނި ގޮތަކަށެވެ.

ގަތަރު، ބޮސްނިއާ އަދި މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެނެޑާ އަތުން ސްވިޒަލޭންޑް ބަލިވާނެ ކަމަކަށް ނުބެލެވެއެވެ. ކޮލިފައިންގައި ބަލިނުވެ، އަދި ބައިކޮޅަށް އެންމެ ދެ ގޯލް ވަދެފައިވާ ސްވިޒަލޭންޑަކީ މި ގްރޫޕްގެ އެއްވަނަ ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމެވެ.

⚽️ ތުރުކީ

ވޯލްޑް ކަޕްގައި ބައިވެރިވި އަދަދު: 3 (1954، 2002، 2026)

އެންމެ ރަނގަޅު ނަތީޖާ: ތިންވަނަ

ވޯލްޑް ކަޕްގެ ޖުމްލަ ރެކޯޑް: 10 މެޗު، 5 މޮޅު، 1 އެއްވަރު، 4 ބަލި (ޖެހި ގޯލް: 20، ވަން ގޯލް: 17)

ފީފާ ރޭންކިން: 22

ލަފާކުރާ ނަތީޖާ: 32 ޓީމުގެ ބުރުން ކެޓުން

ތުރުކީގެ ކްލަބްތަކަކީ ޔޫރަޕްގެ މުބާރާތްތަކުގައި އަބަދުވެސް ވަރުގަދަ ވާދައެއް ކުރާ ޓީމުތަކަކަށް ވާއިރު، އެ ގައުމަށް މިހާތަނަށް ވޯލްޑް ކަޕްގެ ފުރުސަތެއް ލިބުނީ އެންމެ ތިން ފަހަރު ކަމަށް ވުމީ ހައިރާންވާންޖެހޭ ކަމެކެވެ.

ތުރުކީގެ ލީގަކީ ސަޕޯޓަރުންގެ ފޯރިގަދަ ސަޕޯޓަށް މަޝްހޫރު ލީގަކަށް ވާއިރު، އެ ގައުމުގެ ސަޕޯޓަރުން އުންމީދު ކުރަނީ ގައުމީ ޓީމުގައި ތިބި ހުނަރުވެރި ކުޅުންތެރިންގެ ބޭނުން ހިފައި ދުނިޔޭގެ ފެންވަރުގައި ރަނގަޅު ކުޅުމެއް ދައްކާނެ ކަމަށެވެ.

ތުރުކީން އުންމީދު ކުރަނީ އުމުރުން 21 އަހަރުގެ އުއްމީދީ ދެ ތަރިންގެ އެހީގައި ބައިނަލްއަގުވާމީ މައިދާނުގައި ދާއިމީ ކާމިޔާބީތަކެއް ހޯދުމަށެވެ.

ޕްލޭމޭކަރު އާރްދާ ގުލާ އަކީ ރެއާލް މެޑްރިޑްގައި ވިދަމުން އަންނަ ތަރިއެކެވެ. ނަމަވެސް ތުރުކީ ޓީމުގައި އޭނާއަށްވުރެ ބޮޑަށް ޔުވެންޓަސްގެ ވިންގަރ ކެނާން ޔިލްޑިޒްގެ ހުނަރު ފާހަގަވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

އެމެރިކާ، ޕެރަގުއޭ އަދި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅޭ މެޗުތަކަކީ ތުރުކީގެ އަމާޒަށް އޮތް އިމްތިހާނެކެވެ. ނަމަވެސް ކޯޗު ވިންޗެންޒޯ މޮންޓެލާ އާއި ފޯރިގަދަ ސަޕޯޓަރުން އެންމެ މަދުވެގެން ވެސް އުންމީދު ކުރާނީ 32 ޓީމުގެ ބުރަށް ދަތުރުކުރުމަށެވެ.

2026 ވޯލްޑް ކަޕުވަރލްޑް ކަޕް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

08 ޖޫން 2026
ޔަމާލް، ވިލިއަމްސް އަދި މުނޯޒް ވޯލްޑް ކަޕް ފުރަތަމަ މެޗަށް ފިޓް

ޔަމާލް، ވިލިއަމްސް އަދި މުނޯޒް ވޯލްޑް ކަޕް ފުރަތަމަ މެޗަށް ފިޓް

08 ޖޫން 2026
"މިއީ އަހަރެމެންގެ ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ މުބާރާތެއް"

"މިއީ އަހަރެމެންގެ ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ މުބާރާތެއް"

08 ޖޫން 2026
އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

އިރާން ފުޓްބޯޅަ ޓީމަށް ވިސާ ދިން އިރު އޮފިޝަލުންނަށް އެމެރިކާ އިން ވިސާ ދޭން ދެކޮޅު ހަދައިފި

07 ޖޫން 2026
ވޯލްޑް ކަޕަށް ދާ އީރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި

ވޯލްޑް ކަޕަށް ދާ އީރާނުގެ ޓީމަށް އެމެރިކާއިން ވިސާ ދީފި

06 ޖޫން 2026

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު