ސްކޮޓްލޭންޑުން 28 އަހަރަށްފަހު ވޯލްޑް ކަޕްގައި ކާމިޔާބު ފެށުމެއް
ވޯލްޑް ކަޕްގެ ގްރޫޕް ސީގައި ހިމެނޭ ސްކޮޓްލޭންޑުން 28 އަހަރަށްފަހު މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ހައިޓީ ބަލިކޮށް، ތާރީޚީ މޮޅަކާއެކު ގްރޫޕްގެ އެއްވަނަ މަގާމު ހޯދައިފި. އެމެރިކާގެ ގިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުން ސްކޮޓްލޭންޑް މޮޅުވީ ޖޯން މެކްގިން ކާމިޔާބުކޮށްދިން ލަނޑުން. މިއީ 1990 ވަނަ އަހަރުގެ ފަހުން ވޯލްޑް ކަޕެއްގައި އެ ޓީމުން ހޯދި ފުރަތަމަ މޮޅު ކަމަށްވާއިރު، މި ނަތީޖާއާއެކު މުބާރާތުގެ ނޮކައުޓް ބުރަށް ދިއުމުގެ އުންމީދު އެ ޓީމަށް ވަނީ ބޮޑުވެފައި.

ފޮކްސްބަރޯގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު ވޯލްޑް ކަޕް މެޗުގައި ހައިޓީ ކޮޅަށް ލަނޑު ޖެހުމަށްފަހު، ސްކޮޓްލޭންޑްގެ ޖޯން މެކްގިން އޭނާގެ ޓީމުގެ ކުޅުންތެރިންނާއެކު އުފާފާޅުކުރަނީ. | އޭއެފްޕީ
ވޯލްޑް ކަޕްގައި 28 އަހަރަށްފަހު ކުޅުނު ފުރަތަމަ މެޗުން ހައިޓީ އަތުން 1-0 އިން މޮޅުވެ، ސްކޮޓްލޭންޑުން ކާމިޔާބު ފެށުމެއް ހޯދައިފިއެވެ. ސްކޮޓްލޭންޑަށް މި މެޗު ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ ޖޯން މެކްގިން އެވެ.
އެމެރިކާގެ ބޮސްޓަންގެ ބޭރުގައި އޮންނަ، 64،000 މީހުންގެ ޖާގަ ފުރިފައިވާ ގިލެޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 30 މިނެޓު ނުވަނީސް، އެސްޓަން ވިލާގެ ކެޕްޓަން މެކްގިން ފޮނުވާލި ހަމަލާ ގޯލަށް ވަނީ އިދިކޮޅު ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި މިސްރާބު ބަދަލުވެގެންނެވެ. މި މެޗު ބަލަން ދިޔަ ސަޕޯޓަރުންގެ ބޮޑު ބަޔަކީ ސްކޮޓްލޭންޑްގެ ސަޕޯޓަރުންނެވެ.
ސްކޮޓްލޭންޑުން 1998 ވަނަ އަހަރަށްފަހު ކުޅޭ ފުރަތަމަ ވޯލްޑް ކަޕް ކެމްޕޭންގައި ބައިވެރިވުމަށް ގިނަ އަދަދެއްގެ ސަޕޯޓަރުން އެމެރިކާއަށް ދަތުރުކޮށްފައިވާއިރު، މި މޮޅާއެކު އެ ޓީމު މިހާރު އޮތީ ގްރޫޕް ސީގެ އެއްވަނައިގައެވެ.
މިއީ 1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑް ކަޕްގައި ސްވިޑަން އަތުން 2-1 އިން މޮޅުވި ފަހުން، ވޯލްޑް ކަޕް މުބާރާތެއްގައި ސްކޮޓްލޭންޑުން ހޯދި ފުރަތަމަ މޮޅެވެ. އަދި މިއީ ޔޫރޯ 96 އަށްފަހު ބޮޑު މުބާރާތެއްގައި އެ ޓީމުން ހޯދި ފުރަތަމަ ކާމިޔާބީވެސް މެއެވެ.
ސްޓީވް ކްލާކްގެ އިރުޝާދުގެ ދަށުން ކުޅޭ ސްކޮޓްލޭންޑް ޓީމުގެ އަމާޒަކީ، ވޯލްޑް ކަޕްގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް އެ ޓީމު މުބާރާތުގެ ނޮކައުޓް ބުރަށް ގެންގޮސްދީ އާ ތާރީޚެއް ލިޔުމެވެ.
މެޗުގެ ފަހުކޮޅު ހައިޓީން ވަރުގަދަ ހަމަލާތަކެއް އުފެއްދި ނަމަވެސް، ސްކޮޓްލޭންޑުން ވަނީ ހިތްވަރާއެކު އެ ހަމަލާތައް ދިފާއުކޮށްފައެވެ. މި މޮޅާއެކު ގަދަ 32 ޓީމުގެ ބުރަށް ދިއުމުގެ ފުރުސަތު އެ ޓީމަށް ބޮޑުވެފައިވަނީ، ގްރޫޕްތަކުން ތިންވަނައަށްދާ އެންމެ ރަނގަޅު އަށް ޓީމަށްވެސް ފުރުސަތު އޮތުމުންނެވެ.
ދުނިޔޭގެ ރޭންކިންގެ 84 ވަނައިގައި އޮތް ހައިޓީއަކީ މި މުބާރާތުގައި ހިމެނޭ އެންމެ ދަށް ރޭންކިންގެ އެއް ޓީމެވެ. ކުރިއަށް އޮތް އުނދަގޫ މެޗުތަކުގެ ކުރިން ކެރީބިއަންގެ މި ގައުމު ބަލިކުރުމަކީ ސްކޮޓްލޭންޑަށް ނުހަނު މުހިންމު ކަމެކެވެ.
ސްކޮޓްލޭންޑްގެ ދެވަނަ މެޗުގައި އަންނަ ހުކުރު ދުވަހު ހަމަ މި ސްޓޭޑިއަމްގައި މޮރޮކޯއާ ދެކޮޅަށް ނުކުންނައިރު، ފަހު މެޗުގައި މިއާމީގައި ބައްދަލުކުރާނީ ބްރެޒިލްއާއެވެ. ގްރޫޕް ސީގައި ހިމެނޭ މޮރޮކޯ އާއި ބްރެޒިލް ހޮނިހިރު ދުވަހު ނިއު ޖާޒީގައި ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.
ހައިޓީގައި އޮތް ދާޚިލީ ހަމަނުޖެހުންތަކުގެ ސަބަބުން ކޮލިފައިން މެޗުތައް އަމިއްލަ ގައުމުގައި ކުޅުމުގެ ފުރުސަތު ނުލިބުނު ނަމަވެސް، އެ ޓީމު ވޯލްޑް ކަޕަށް ކޮލިފައިވުމަކީ މި މުބާރާތުގެ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައެވެ.
ހައިޓީގެ ޓީމުގައި މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގައި ގަވާއިދުން ކުޅުނު މިޑްފީލްޑަރު ޖީން-ރިކްނާ ބެލެގާޑޭ އާއި ފޯވާޑް ވިލްސަން އިސިޑޯ ހިމެނެއެވެ.
އެހެންނަމަވެސް، ސްކޮޓްލޭންޑް ޓީމުގައި މެކްގިން އާއި ކެޕްޓަން އެންޑީ ރޮބަޓްސަން އަދި ސްކޮޓް މެކްޓޮމިނޭ ފަދަ ތަޖުރިބާކާރު ކުޅުންތެރިންނާއެކު ޓީމުގެ ހުނަރު މާ ބޮޑެވެ.
ކޮލިފައިންގެ ފަހު މެޗުގައި ޑެންމާކް އަތުން މޮޅުވި މެޗުގައި ހިތްގައިމު އޯވަހެޑް ކިކަކުން ލަނޑު ޖެހި ނަޕޯލީގެ އެޓޭކިން މިޑްފީލްޑަރު މެކްޓޮމިނޭ، ބަނޑުގެ ބައްޔަކުން ރަނގަޅުވެ މި މެޗުގެ ފުރަތަމަ އެގާރައިގައި ވަނީ ކުޅެފައެވެ.
މެޗުގެ 17 ވަނަ މިނެޓުގައި، ފިޔާތޮށި ކުލައިގެ ޖާޒީގައި ކުޅުނު ސްކޮޓްލޭންޑަށް ލީޑު ނަގައިދޭން މެކްޓޮމިނޭއަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. ބެން ގޭނަން-ޑޯކް ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
ހައިޓީން މެޗުގެ ތެރެއަށް ވަދެ ނުރައްކާ ކުރަން ފެށިތަނާހެން، 28 ވަނަ މިނެޓުގައި ސްކޮޓްލޭންޑުން ލަނޑު ޖަހައި ލީޑު ނެގިއެވެ.
ޗޭ އެޑަމްސް ހެއިޓީގެ ޑިފެންސް ލައިން ފޫއަޅުވާލުމަށްފަހު، ގޭނަން-ޑޯކް ދިން ބޯޅަ ލިބުނީ މެކްގިން އަށެވެ. އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ބެލެގާޑޭގެ ފައިގައި ޖެހިފައެވެ.
އެ ލަނޑަށްފަހު އިތުރު ލަނޑެއް ޖެހުމަށް ސްކޮޓްލޭންޑަށް ނުކުޅެދުނުއިރު، މެޗުގެ ފަހުކޮޅު ހައިޓީން ވަނީ ޕްރެޝަރު ބޮޑުކޮށްފައެވެ. އެއީ ވޯލްޑް ކަޕް މެޗަކުން ފުރަތަމަ ފަހަރަށް ބަލިނުވެ ސަލާމަތްވުމުގެ އުންމީދުގައެވެ.
ފްރާންސަށް އުފަން ރޫބެން ޕްރޮވިޑެންސް އަރިމަތިން ނުރައްކާ ކުރަމުންދިޔައިރު، 85 ވަނަ މިނެޓުގައި ފޯވާޑް ފްރާންޓްޒްޑީ ޕިއެރޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
މީގެ ކުރިން 1974 ވަނަ އަހަރު ވޯލްޑް ކަޕްގައި ވާދަކޮށް ކުޅުނު ތިން މެޗުންވެސް ބަލިވި ހައިޓީ، ދެން ނުކުންނާނީ ފިލަޑެލްފިއާގައި ބްރެޒިލްއާ ދެކޮޅަށެވެ.
މަސްދަރު: އޭއެފްޕީ







