ގައުމުން ބޭރުގައި ހުރި އެމެރިކާ އިން ޚަރަދު ކުރާ ނުރައްކާތެރި ބަޔޯލެބް ނެޓްވޯކެއްގެ މައުލޫމާތު ހާމަވެއްޖެ
ދުނިޔޭގެ އެކި ގައުމުތަކުގައި އެމެރިކާގެ އެހީގައި ހިންގާ ބަޔޮލޮޖިކަލް ލެބޯޓްރީތަކުގައި ނުރައްކާތެރި ޖަރާސީމުތައް ބޭނުންކޮށްގެން ދިރާސާތައް ކުރާކަން ހާމަވާ ސިއްރު ލިޔެކިޔުންތަކެއް ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ޓުލްސީ ގެބާޑް އާންމުކުރައްވައިފި. މި ލެބޯޓްރީތަކުގެ ހަގީގަތް ކުރީގެ ސަރުކާރުތަކުން އާންމުންނަށް ސިއްރުކޮށްފައިވާ ކަމަށް ތުހުމަތުކުރައްވަމުން، އިންސާނުންނާއި މުޅި ދުނިޔޭގެ ސަލާމަތަށް ނުރައްކާވާ ފަދަ ދިރާސާތައް ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި. މި މައުލޫމާތުތައް އޭނާ ހާމަކުރައްވާފައި މިވަނީ، އީރާނަށް ހަމަލާދިނުމާ ގުޅޭގޮތުން ވައިޓް ހައުސްއާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ގުޅިގެން ގެބާޑް މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފައިވާ ދަނޑިވަޅެއްގައި.

ވޮޝިންޓަން ޑީސީގައި 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 19 ވީ ބުރާސްފަތި ދުވަހު ބޭއްވި ހައުސް ސެލެކްޓް އިންޓެލިޖެންސް ކޮމިޓީގެ އަޑުއެހުމެއްގައި، ޑައިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް ތުލްސީ ގެބާޑް ބައިވެރިވަނީ. | ގެޓީ އިމޭޖަސް
ދުނިޔޭގެ 30 އަށްވުރެ ގިނަ ގައުމެއްގައި ހުރި 120 އަށްވުރެ ގިނަ ބަޔޮލޮޖިކަލް ލެބޯޓްރީއަކަށް އެމެރިކާއިން ދިގު މުއްދަތަކަށް ފަންޑުކުރަމުންދާކަން އެމެރިކާގެ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (ޑީ.އެން.އައި) ތުލްސީ ގެބާޑް ހާމަކުރައްވައިފިއެވެ. މީގެ ތެރޭގައި ޔޫކްރެއިންގައި ހުރި 40 އަށްވުރެ ގިނަ މަރުކަޒު ހިމެނޭއިރު، މީގެ ކުރީގެ ސަރުކާރުތަކުން މި މަޝްރޫއުގެ މަސައްކަތްތައް އާންމުންނަށް ސިއްރުކޮށްފައިވާ ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
ބުރާސްފަތި ދުވަހު އާންމުކުރި މި މައުލޫމާތުތަކުގެ ތެރޭގައި، އިންޓެލިޖެންސް ރެކޯޑުތަކުގެ ބައެއް ބައިތައް އުނިކުރުމަށްފަހު ހިމަނާފައިވާ ލިޔެކިޔުންތަކާއި މި ލެބޯޓްރީތައް ހުރި ތަންތަން ދައްކައިދޭ ޗާޓުތައް ހިމެނެއެވެ.
އޮފީސް އޮފް ދަ ޑިރެކްޓަރ އޮފް ނޭޝަނަލް އިންޓެލިޖެންސް (އޯ.ޑީ.އެން.އައި) އިން ބުނާ ގޮތުގައި، މީގެ ތެރެއިން ގިނަ ލެބޯޓްރީތަކަކީ ނުރައްކާތެރި އަދި ފަސޭހައިން ގައިން ގަޔަށް އަރާ ބަލިތައް އުފައްދާ ޖަރާސީމުތަކާ ގުޅޭ ދިރާސާތައް ކުރާ ތަންތަނެވެ. މީގެ ތެރޭގައި ބަހުސް ބޮޑުވެފައިވާ "ގޭން-އޮފް-ފަންކްޝަން" ދިރާސާތައް ވެސް ހިމެނެއެވެ. މިއީ ދިރޭ ތަކެތީގެ ޖީންތަކަށް ބަދަލު ގެނެސް، އޭގެ ބަޔޮލޮޖިކަލް ސިފަތައް އިތުރަށް ވަރުގަދަކުރުމަށް ކުރާ ނުރައްކާތެރި ދިރާސާތަކެކެވެ.
"މި ލެބޯޓްރީތައް ހުރީ ކޮން ތަންތަނެއްގައިތޯ އާއި، އެ ތަންތަނުގައި ހުރީ ކޮން ކަހަލަ ޖަރާސީމުތަކެއްތޯ ދެނެގަތުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ ގުޅިގެން އޯ.ޑީ.އެން.އައި އިން މަސައްކަތް ކުރާނެ. އަދި އެމެރިކާގެ ރައްޔިތުންނާއި މުޅި ދުނިޔޭގެ ސަލާމަތަށް ނުރައްކާވާ ފަދަ 'ގޭން-އޮފް-ފަންކްޝަން' ދިރާސާތައް ހުއްޓުވުމަށް މަސައްކަތް ކުރާނަން،" ގއބާޑް ވިދާޅުވިއެވެ.
އާންމުކުރި ލިޔެކިޔުންތަކުގައިވާ ގޮތުން، ޔޫކްރެއިންގައި ހުރި 40 އަށްވުރެ ގިނަ ލެބޯޓްރީއަކީ އެމެރިކާގެ އެހީތެރިކަމާއެކު ބިނާކޮށްފައިވާ ނުވަތަ އެމެރިކާއިން ބައެއް ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ތަންތަނެވެ.
މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ބައެއް މަރުކަޒުތަކުގައި ސޯވިއެޓް ޔޫނިއަންގެ ޒަމާނުގައި ބަޔޮލޮޖިކަލް ހަތިޔާރުގެ ގޮތުގައި ބޭނުންކުރި ޖަރާސީމުތައް ގެންގުޅެފައިވެއެވެ. އަދި އެންތްރެކްސް، އެބޯލާ، މާރްސް (MERS)، ސާރްސް (SARS) އަދި ޕްލޭގް ފަދަ އިންތިހާއަށް ނުރައްކާތެރި ބަލިތައް އުފައްދާ ޖަރާސީމުތަކާ ގުޅޭ ދިރާސާތައް އެ ތަންތަނުގައި ކޮށްފައިވެއެވެ.
މި ރިޕޯޓުގައި ހާއްސަކޮށް ފާހަގަކޮށްފައިވާ އެއް ތަނަކީ ޔޫކްރެއިންގެ ހާކީވްގައި ހުންނަ އިންސްޓިޓިއުޓް އޮފް އެކްސްޕެރިމެންޓަލް އެންޑް ކްލިނިކަލް ވެޓެރިނަރީ މެޑިސިން އެވެ. އާންމުކުރި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި، އެ ތަނުގައި ނުރައްކާތެރި ޖަރާސީމުތައް ރައްކާކޮށްފައި ހުރިއިރު، އެއީ ކުރީގެ ސޯވިއެޓް ޒަމާނުގެ ބަޔޮލޮޖިކަލް ދިރާސާތަކާ ގުޅުން އޮތް ތަނެކެވެ. އެތަނުގައި ޖަނަވާރުންގެ ބަލިތަކާއި، ވައިރޮލޮޖީ އަދި ޓޮކްސިކޮލޮޖީގެ ދިރާސާތައް ކުރެއެވެ.
މީގެ އިތުރުން، އެ މަރުކަޒުގައި ބަޔޯސޭފްޓީ ނުވަތަ ރައްކާތެރިކަމުގެ މިންގަނޑުތައް ކުޑަކަން ވެސް ލިޔެކިޔުންތަކުން ހާމަވެއެވެ. ހާއްސަކޮށް ބްރުސެލާ ބެކްޓީރިއާ ގެންގުޅޭ ސަރަހައްދުތަކާއި، ވައިރޮލޮޖީ އިމާރާތެއްގެ އަޑީގައި ހުރި ބޭސްމަންޓަކާ ގުޅޭ މައުލޫމާތު މި ލިޔެކިޔުންތަކުގައި ހިމެނެއެވެ.
އާންމުކުރި ރެކޯޑުތަކުން އެނގޭ ގޮތުގައި، އެމެރިކާގެ ބައިވެރިވުން ހަމައެކަނި އުމްރާނީ ވަސީލަތްތައް ގާއިމުކުރުމަކަށް ނުނިމެއެވެ. ޔޫކްރެއިންގެ ސައިންސްވެރިންނަށް ބަޔޯ-ކޮންޓެއިންމަންޓް ނުވަތަ ޖަރާސީމުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ތަމްރީނު ދިނުމާއި، ދޫނި ރޯގާ ފަދަ ގައިން ގަޔަށް އަރާ ބަލިތަކުގެ ދިރާސާތަކަށް އެމެރިކާއިން ފަންޑުކޮށްފައިވެއެވެ.
އިންޓެލިޖެންސް ރިޕޯޓުން ހާމަވާ ސަލާމަތީ ކަންބޮޑުވުންތައް
ޔޫކްރެއިން އާއި ރަޝިއާއާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ބައެއް ލެބޯޓްރީތަކުގެ ރައްކާތެރިކަން ގެއްލިފައިވާ ކަމަށް އޯ.ޑީ.އެން.އައި އިން ބުނެއެވެ. މިގޮތުން އެ ތަންތަނަށް ގެއްލުންވުމުގެ ނުވަތަ އެހެން ބައެއްގެ ބާރުގެ ދަށަށް އެ ތަންތަން ދިއުމުގެ ނުރައްކާ އޮތްކަން އެ އިދާރާއިން ފާހަގަކުރިއެވެ.
އިންޓެލިޖެންސް ރިޕޯޓުގައި ހާކީވްގައި ހުރި ލެބޯޓްރީއަކަށް ސަލާމަތީ ނުރައްކާ އޮތްކަން ފާހަގަކޮށްފައިވާއިރު، އެމެރިކާއާ ގުޅުންހުރި ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ ހަރަކާތްތަކެއް އެތަނުގައި ހިނގާ ކަމަށް ކުރެވޭ ތުހުމަތުތަކަށް ވެސް އިޝާރާތްކޮށްފައިވެއެވެ.
މި ލިޔެކިޔުންތަކުގައިވާ ގޮތުން، މި ލެބޯޓްރީތަކުގެ ވިއުގައަކީ ކޮންޓްރެކްޓަރުންނާއި، ސަރުކާރުގެ އެހީތެރިކަމާއި، ބައިނަލްއަގުވާމީ ދިރާސާ ކުރާ ފަރާތްތައް ހިމެނޭ ގޮތަށް ހިންގާ ފުޅާ ދިފާއީ ނިޒާމެއްގެ ބައެކެވެ.
'ކުރިން ކަންކަން ސިއްރުކުރުން'
މީގެ ކުރީގެ ސަރުކާރުތަކާއި ސިއްހީ ދާއިރާގެ އިސްވެރިން، އެމެރިކާގެ އެހީގައި ހިންގާ ބަޔޮލޮޖިކަލް ލެބޯޓްރީތަކާ ބެހޭގޮތުން އާންމުންނަށް އޮޅުވާލާފައިވާ ކަމަށް ގެބާޑް ތުހުމަތުކުރެއްވިއެވެ.
"މިފަދަ ލެބޯޓްރީތަކުގައި ކުރާ ނުރައްކާތެރި ދިރާސާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތް ނަމަވެސް، ސިޔާސީ ބޭފުޅުންނާއި، ކުރީގެ ރައީސް ޖޯ ބައިޑަންގެ ސިއްހީ މުޝީރު ޑރ. އެންތަނީ ފައުޗީ ފަދަ ސިއްހީ މާހިރުންނާއި، ބައިޑަން ސަރުކާރުގެ ގައުމީ ސަލާމަތާ ބެހޭ ޓީމުން ވަނީ އެމެރިކާގެ ފަންޑުގައި ހިންގާ މި ލެބޯޓްރީތަކާ ބެހޭގޮތުން ރައްޔިތުންނަށް ދޮގު ހަދައި. އަދި ހަގީގަތް ހާމަކުރަން އުޅުނު މީހުންނަށް ބިރުދައްކާފައިވޭ،" ގެބާޑް ވިދާޅުވިއެވެ.
އޯ.ޑީ.އެން.އައި އިން ބުނި ގޮތުގައި، މި ލެބޯޓްރީތަކާއި އެ ތަންތަނަށް ކުރާ ހަރަދުތަކުގެ މައުލޫމާތު ގަސްތުގައި އެމެރިކާގެ ރައްޔިތުންނަށް ސިއްރުކޮށްފައިވެއެވެ. އަދި މިކަމާ ބެހޭގޮތުން ސުވާލު އުފެއްދި މީހުންނަކީ ބޭރު ގައުމުތަކުގެ އެޖެންޓުން ނުވަތަ ގައުމަށް ގައްދާރުވާ މީހުންގެ ގޮތުގައި ސިފަކޮށްފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.
ބޭރު ގައުމުތަކުގައި ހުރި ބަޔޮލޮޖިކަލް ލެބޯޓްރީތަކުގެ މައުލޫމާތު އެއްކުރުމަށް އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކަށް ގެބާޑް މިހާރު ވަނީ ރަސްމީކޮށް އަމުރުކުރައްވާފައެވެ.
އެ އޮފީހުން އިތުރަށް ބުނި ގޮތުގައި، މިހާރު ކުރިއަށްދާ ބެލުންތަކުގެ ތެރެއިން ބައެއް މަރުކަޒުތަކުގައި އިންސާނުން ބޭނުންކޮށްގެން ކުރިއަށްގެންދާ "ކްލިނިކަލް ޓްރަޔަލް" ތަކުގެ މައުލޫމާތު ވެސް ދަނީ ލިބެމުންނެވެ. ގެބާޑް ވިދާޅުވި ގޮތުގައި މިއީ އަޚްލާގީ ގޮތުންނާއި، މާލީ ގޮތުން އަދި ސަލާމަތީ ގޮތުން އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންކަމެވެ.
އާންމުކުރި ލިޔެކިޔުންތަކުގައިވާ އެއް މިސާލަކީ ޔޫކްރެއިންގެ ހާސަން ޑައިގްނޯސްޓިކް ލެބޯޓްރީއެވެ. އެ ތަނަށް 1,728,822 އެމެރިކާ ޑޮލަރުގެ ފަންޑު ލިބިފައިވާއިރު، ވަކި ބާވަތެއްގެ ޖަރާސީމުތަކާއެކު މަސައްކަތް ކުރުމުގެ ހުއްދަ އޮތީ "ޕްރޮސެސްގައި" ކަމަށް ލިޔެކިޔުންތަކުން ދައްކައެވެ.
މި ލިޔެކިޔުންތައް އާންމުކޮށްފައި މިވަނީ އެމެރިކާގެ އިންޓެލިޖެންސް ދާއިރާގެ އިސްވެރިންނަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު ހުރި މަސްދަރުތަކުން ބުނާ ގޮތުގައި، އީރާނާ ދެކޮޅަށް އެމެރިކާއިން އިސްވެ ހިންގާ ހަމަލާތަކާ ދެކޮޅު ހެއްދެވުމާ ގުޅިގެން ވައިޓް ހައުސްއިން ކުރިމަތިކުރި ފިއްތުންތަކުގެ ސަބަބުން ގެބާޑް ވަނީ މަގާމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވާފައެވެ.
އެމެރިކާގެ ހުރިހާ ޖާސޫސީ އިދާރާތަކެއްގެ މަސައްކަތްތައް ވިލަރެސްކުރައްވާ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި ގެބާޑް، މަގާމުން ވަކިވެވަޑައިގަންނަވަނީ އާއިލީ ސަބަބުތަކަކާ ހުރެ ކަމަށް ރަސްމީކޮށް ވިދާޅުވި ނަމަވެސް، ހަގީގަތް ތަފާތެވެ.
މިކަމުގެ މައުލޫމާތު ހުރި ގިނަ މަސްދަރުތަކަކުން މިދިޔަ މަހު ރޮއިޓާސްއަށް ކަށަވަރުކޮށްދިން ގޮތުގައި، އޭނާ މަގާމުން ވަކިވާން ޖެހުނީ ވައިޓް ހައުސްގެ ފިއްތުންތަކާ ހެދިއެވެ. އެއީ އެމެރިކާގެ ސަލާމަތަށް "ވަގުތުން ކުރިމަތިވެދާނެ ނުރައްކަލެއް" ނެތް ހާލަތެއްގައި، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގެބާޑް ތަކުރާރުކޮށް ދެކޮޅު ހެއްދެވުމާ ގުޅިގެންނެވެ.







