އެންމެފަހުން ކުށްވެރި. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތް
އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކުށްވެރި ކުރާކަށް މުއިއްޒަކަށް ކެރިވަޑައެއް ނުގަތެވެ. ތަކުރާރުކޮށް ނޫސްވެރިން އެހުމުންވެސް މުއިއްޒު އެކަމެއް ނުކުރެއްވިއެވެ. އެކަމަކު ހަނގުރާމައަށް 10 ދުވަސްފަހުން އެވަނީ ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނެއްގައި ވަރަށް ފާޑަކަށް އެހަނގުރާމަ ކުށްވެރިކޮށްފައެވެ. އެމެރިކާއާ އިޒްރޭލުގެ ނަންވެސް ކިޔަން ނުކެރިއެވެ.


ރައީސް މުއިއްޒު އަދި ރައީސް ޓްރަމްޕް | ބީބީސީ
ރައްޓެއްސަކު މަގުމަތިން ދިމާވެގެން ބުނެލިއެވެ. މިވެރިން ހަރުއެއްޗެއް އަޅާނީ ކޮން އިރަކުން ހެއްޔެވެ. މުޅިންވެސް ޅަ އެއްޗިއްސެވެ. ވީ ކިހިނެއްހޭ އަހާލީމެވެ. ދެންވެސް ބުނީ މުޅީންވެސް ޖަހަނީ އުނބަށް ކަމަށެވެ. މިފަހަރުވެސް ހާވަ ހާވާފައި ކުކުޅުހުން ކޮށް އެޖެހީ ހަމަ އެއަށެވެ. ތަންކޮޅެއް ތިލަކޮށްދީ ބަލާށޭ ބުނީމާ އޭނާ ބުނީ އަހަރެން ހީކުރީ ހަމަ އެގަދަބަދަވި ކަމުގައި މުޢިއްޒު ހިފަހައްޓާލާނެ ކަމަށެވެ. އެކަމަކު މިފަހަރުވެސް އެހެދީ ހަމަ އެހެންޏާވެސް ހަދާ ގޮތަށް ކަމަށެވެ. ހިތްވަރު އެބަހުއްޓޭ ބުނެ ދައްކާން އުޅުނު ގަދައިން އާޚިރުގައި އެވީ ބޮޑު ފިނޑިއަކަށް ކަމަށެވެ. މިފަހަރުވެސް އެގޮވީ އަތަށް ކަމަށްވެސް އޭނަ ބުންޏެވެ.
ސީދާ މުތުލަގަށް ނުބުނީމާ ނިކަން ތިޔަކުރިކަމެއް ބުނެބަލާށޭ ބުނެލައިފީމެވެ.
"އެއޮށް ކުށްވެރި ކުރީނު. އެކަމަކު މުއިއްޒަކަށް ކެރިވަޑައެއް ނުގަތެއްނު. އެކަމަކު ރާއްޖެއިން އެ ހަނގުރާމަ ކުށްވެރިކުރަމޯ. ބޯ ހަލާކު" އޭނާ ފައްޗަކަށް އަމުނާލިއެވެ.
ވިސްނުނީ އެހާ ހިސާބުންނެވެ. އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރަންތޯއާއި ހާމަނާއީ އަވަހާރަ ކޮށްލުން ކުށްވެރިކުރަންތޯ ނޫސްވެރިން ތަކުރާރުކޮށް މުޢިއްޒުގާތު އެހިއެވެ. އެކިގޮތަށް އެކި ރާގުގައެވެ. އެކަމަކު މުއިއްޒު އެއަށް ސީދާ ޖަވާބެއް ނުދެއްވިއެވެ. ވިދާޅުވަމުން ގެންދެވީ ކުށްވެރިކުރަން ކެރިވަޑައި ނުގަންނަވަންވީ ކީއްވެ ހެއްޔެވެ. އެންމެ ފަހަރަކުވެސް ކުށްވެރިކުރައްވަމެކޭ މުއިއްޒުއަށް ވިދާޅުވާން ކެރިވަޑައިނުގެން މުޅި ޕްރެސް ކޮންފަރެންސް ނިންމަވައިލެއްވީ އެއަށް ޖަވާބު ނުދެއްވައެވެ. މުއިއްޒަކަށް އެކަން ކުރައްވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ.
އެގަދަބަދަވި ކަމުގައި އެ ހިތްވަރުގައި މުއިއްޒު ހުންނެވުމުން އާއްމުން ލައްކަ ފާޑު ކިއެވެ. އިސްލާމީ ގައުމަކަށް އެމެރިކާއާއި އިސްރާއީލުން ފެށި ހަނގުރާމަ ކުއްވެރިކުރަން މުޢިއްޒަށް ކެރިވަޑައި ނުގަތުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް ސިއްރެއް ވާނޭ ކަމަށް ބުނެއެވެ. އެމެރިކާ ދެކެ ބިރުންނެވެ. ޓްރަމްޕް ހިތްހަމަ ނުޖެހިދާނެތީއެވެ. އެމެރިކާއަށް ވާގިދޭ ސައޫދީ އަރަބިއްޔާއާއި ގަތަރު ފަދަ ގައުމުތައް ނުރުހިދާނެތީއެވެ. އެމީހުންގެ އަތުން އެއްޗެއް ނުލިބިދާނެ ކަމުގެ ބިރަށެވެ.
އާއްމުން ކިތައްމެ ފާޑެއް ކިއަސް އަދި ސޯޝަލް މީޑިޔާގައި އުތުރި އެރިއަސް މުއިއްޒު، ހިރުވާތަން ކަހާވެސް ނުލައެވެ. ހަނގުރާމަ އެއޮށްގެން ބާރަށް ކުރިއަށްދަނީއެވެ. އީރާނަށް ދޭ ހަމަލާގައި އެތަނަށް އެތައް ގެއްލުމެއް ވަނީއެވެ. ރައްދުގައި އީރާނުންދޭ ހަމަލައިގައި އިޒްރާއީލް ފުނޑުފުނޑުވަނީއެވެ. ކުރިންވެސް އީރާނުން ބުނިގޮތަށް އިސްލާމީ ގައުތަކުގައި ހުންނަ އެމެރިކާގެ މިލިޓްރީ ބޭސްތަކަށް ހަމަލާވެސް ދިނީއެވެ. އެންމެންގެ ނުތަނަވަސްކަން ބޮޑުވީއެވެ. ބޮޑު ހަނގުރާމައެއް ފެށިދާނޭ ކަމުގެ ބިރު ހީވީއެވެ. އެއަރޕޯޓްތައް ހުއްޓުމަކަށް އައިސް ދަތުރުފަތުރަށް ބުރޫ އެރީއެވެ. ތެލުގެ އަގު ބޮޑުވެ އިންތިހާއަށް ތަކެތީގެ އަގު އުފުލިދާނޭ ކަމުގެ ފެހި ސިގްނަލް އަޅަން ފެށީއެވެ.
ދެނެކާ ދެނެއް ނެތެވެ. "ވެވަށް ވެއްޓުނު ގެރި ނެގިހެން" އެންމެ ފަހުން ރާއްޖެއިން އެހަނގުރާމަ ކުށްވެރިކޮށްފިއެވެ. އެވެސް ފާޑަކަށެވެ. ވަރަށް ނޫން ގޮތަކަށެވެ. ފޮރިން މިނިސްޓްރީން ނެރެލި ބަޔާން ގަނޑަކުންނެވެ. އީސްރާއީލާއި އެމެރިކާއިން އީރާނަށް ދެމުންދާ ހަމަލާތަކާއި، ގަލްފް ގައުމުތަކަށް އީރާނުން ދެމުންދާ ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށްބުނެ ވަކިކޮޅަކަށް ނުޖެހޭ މޭރުމަކަށް ނެރެލި ބަޔާނަކުންނެވެ.
ހަނގުރާމައަށް 10 ދުވަސް ފަހުން ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ވެސް އެންމެ ފުރަތަމަ ކުށްވެރިކޮށްފައި އޮތީ އިރާނުން ގަލްފުގެ ގައުމުތަކަށް ދެމުންދާ ހަމަލާތަކެވެ. އެކަމަކު އިރާނުން ހަމަލާ ދެމުން އަންނަނީ އެ ގައުމުތަކުގެ ސަރަހައްދުތައް ބޭނުންކޮށްގެން އެމެރިކާ އާއި އިޒްރޭލުން ހަމަލާ ދެމުން އަންނާތީ އެވެ. ކުރިންވެސް ދީފައިވާ އިންޒާރާ އެއްގޮތަށެވެ.
އިރާނުން އެއާޕޯޓުތަކާއި ތެޔޮ ރައްކާކުރާ މަރުކަޒުތައް ހިމެނޭހެން، އާންމުން ދިރިއުޅޭ ތަންތަނަށް އަމާޒުކޮށް ދެމުންދާ ހަމަލާތައް ރާއްޖޭން ކުށްވެރިކުރި އެވެ. ގަލްފުގެ ގައުމުތަކުން ރައްދު ހަމަލާތައް ނުދެނީސް އިރާނުން ހަމަލާދޭތީ ހިތާމަކުރާ ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ވާހަކަތަކަށް ފަހު އެ ބަޔާނުގައި ވަނީ އިޒްރޭލާއި އެމެރިކާއިން ދެމުންދާ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ.
"އަންހެން ކުދިންގެ ސްކޫލަކަށް އަމާޒުކޮށްދިން ހަމަލާއެއްގައި 100 އަށްވުރެ ގިނަ އާންމުން މަރުވުމާއި، ހޮސްޕިޓަލްތަކާއި ތެޔޮ ރައްކާކުރާ ތަންތަނަށް ދީފައިވާ ބޮޑެތި ގެއްލުންތައް ހިމެނޭހެން، މި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރަން،" ކަމަށް ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.
ސަރުކާރުން މަސައްކަތް ކުރާނީ އަރަބި އިސްލާމީ ގައުމުތަކާއެކު ކަމަށް މީގެ ކުރިން އޮތީ ހާމަކޮށްފަ އެވެ. އިރާނަކީ ވެސް ރާއްޖެ ވެސް ހިމެނޭ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ މެންބަރެކެވެ. މިއީ އިސްލާމީ ގައުމުތަކުގެ މައްޗަށް ބިނާވެފައިވާ ޖަމާއަތެކެވެ.
މި ބަޔާންގަނޑުގައި ވެސް އިސްވެ ހަމަލާދިން އިޒްރޭލާއި އެމެރިކާގެ ނަން ވެސް ދިވެހި ސަރުކާރަކަށް ގެންނާކަށް ނުކެރުނެވެ.
ކޮންމެއަކަސް މިފަހަރުވެސް އެގޮއްވާލީ އަތަށެވެ. މީހުން މީހުންގެ ފާޑުކިއުންތަކަކަށް އަދިވެސް ހުއްޓުމެއް ނާދެއެވެ. އިތުރަށް މުއިއްޒުގެ ދެފުށް ދެގޮތްކަން ހާމަވުން ނޫން ކަމެއް މިފަހަރަކުވެސް ނުވިއެވެ. އެންމެފަހުން ހަނގުރާމަ ކުށްވެރިކުރެއްވިއަސް މުއިއްޒަކަށް އެކަން ކުރައްވާކަށް ކެރިވަޑައެއް ނުގަތެވެ. އަމުދުން އެމެރިކާއާ އިޒްރޭލުގެ ނަންވެސް ވިދާޅުވާން މުއިއްޒަށްވެސް އަދި ސަރުކާރަށްވެސް ކެރިވަޑައި ނުގަތީއެވެ. ސަރުކާރަށް ތާއީދު ކުރި ދީނީ މީހުން ބާރަށް ޖަހަންވީ އަތްކަމެއް ނޫނީ ޖަހަންވީ އިސްކަމެއް ނޭނގެއެވެ. ގޮތް ނިންމާނީ ތިކޮޅުންނެވެ.





