ވާރލްޑް ކަޕް ދައްކަން އުޅޭތީ ސިވިލް ކޯޓުން "ހިލޭ.ޓީވީ" ބްލޮކްކުރުމަށް އަމުރުކޮށްފި
މީޑިއާ ނެޓުން ބޮޑު ހޭދައެއްކޮށްގެން ރާއްޖޭގައި ދެއްކުމުގެ ހައްގު ހޯދާފައިވާ ޗެނަލްތަކާއި ކުޅިވަރު މުބާރާތްތައް "hilay.tv" އިން ހުއްދަނެތި ދައްކާތީ، އެ ސައިޓާއި އެޕްލިކޭޝަންތައް ބްލޮކްކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައި. މި މައްސަލައިގައި ދިރާގާއި އުރީދޫ ފަދަ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުން އެ ސައިޓަށް ނުވަދެވޭގޮތް ހެދުމަށާއި، މިކަމުގައި ފުލުހުންނާއި ކަމާބެހޭ އިދާރާތަކުގެ އެހީތެރިކަން ހޯދުމަށްވެސް ކޯޓުން ވަނީ ހުއްދަދީފަ. ކޮޕީރައިޓްގެ ގާނޫނާ ޚިލާފަށް ހިންގާ މި އަމަލުތަކުގެ ސަބަބުން މީޑިއާ ނެޓަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބޭތީ، މައްސަލަ ނިމެންދެން މި ވަގުތީ އަމުރު ދެމިއޮންނާނެ.


މީޑިއާނެޓް | ރާއްޖެއެމްވީ
ކޮޕީރައިޓް ހިމެނޭ ކޮންޓެންޓް ދައްކަމުންދާ "hilay.tv" ވެބްސައިޓާއި އެ ސައިޓާ ގުޅުންހުރި އެޕްލިކޭޝަންތައް ބްލޮކް ކުރުމަށް ސިވިލް ކޯޓުން ބުރާސްފަތި ދުވަހު ވަގުތީ އަމުރެއް ނެރެފި އެވެ.
މި އަމުރު ނެރެފައިވަނީ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ކުންފުންޏަށް ލިބިފައިވާ އެކްސްކްލޫސިވް ބްރޯޑްކަރސްޓިން ރައިޓްސް ނުވަތަ ހަމައެކަނި އެ ކުންފުންޏަށް ލިބިފައިވާ ދެއްކުމުގެ ހައްގުތަކަށް އުނިކަން އަންނަ ގޮތަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ ނަސީރު ނެރުއްވި މި އަމުރުގައިވާ ގޮތުން، މީޑިއާ ނެޓަށް ރާއްޖޭގައި ދެއްކުމުގެ ހައްގު ލިބިފައިވާ ޗެނަލްތަކާއި ކޮންޓެންޓްތައް "hilay.tv" މެދުވެރިކޮށް ހުއްދަނެތި ދައްކަމުންދާކަން ވަނީ ފާހަގަކޮށްފަ އެވެ. މީގެ ތެރޭގައި ޑިޒްނީ، ސްޓަރ ޕްލަސް، ކަލާޒް، އެމްޓީވީ އިންޑިއާ ފަދަ މަގުބޫލު ޗެނަލްތަކާއި، ލަ ލީގާ އަދި 2026 ވަނަ އަހަރުގެ ފީފާ ވާރލްޑް ކަޕް ފަދަ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ ދެއްކުމުގެ ހައްގުތައް ހިމެނެ އެވެ. މި ކޮންޓެންޓްތަކަކީ މީޑިއާ ނެޓުން ބޮޑު ހޭދައެއް ކޮށްގެން ރާއްޖެއަށް ހޯދާފައިވާ ހައްގުތަކެއް ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ވަނީ މުވާސަލާތީ ޚިދުމަތްދޭ ކުންފުނިތަކުގެ މައްޗަށްވެސް އަމުރެއް ނެރެފަ އެވެ. އެގޮތުން ދިރާގު، އުރީދޫ އަދި އާރްއޯއެލް މެދުވެރިކޮށް "hilay.tv" ވެބްސައިޓާއި، އެއާ ގުޅުންހުރި އެންމެހާ ޑޮމެއިންތަކާއި އައިޕީ އެޑްރެސްތަކުގެ އިތުރުން އެޕްލިކޭޝަންތައް ބްލޮކް ކުރުމަށް ވަނީ އަންގާފަ އެވެ. މީގެ އިތުރުން މުސްތަގުބަލުގައި މިފަދަ ކޮންޓެންޓް ދެއްކުމަށް ބޭނުންކުރާނެ އާ ލިންކްތަކާއި އެޕްލިކޭޝަންތައްވެސް، މީޑިއާ ނެޓުން އަންގާ ގޮތެއްގެ މަތިން ބްލޮކް ކުރަމުން ގެންދިއުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކޯޓުން މި އަމުރު ނެރުނީ ކޮޕީރައިޓްގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނާ ޚިލާފަށް "hilay.tv" އިން އަމަލުކުރަމުންދާތީ އެވެ. މި ވެބްސައިޓުން މީޑިއާ ނެޓުގެ ހައްގުތަކަށް އަރައިގަންނަމުންދާ ދިއުމަކީ އެ ކުންފުންޏަށް އިއާދަނުކުރެވޭނެ ފަދަ ބޮޑެތި މާލީ ގެއްލުންތަކެއް ލިބިދާނެ ކަމެއްކަން ކޯޓަށް ސާބިތުވާތީ، މައްސަލައިގައި ގޮތެއް ނިންމައި ހުކުމެއް ކުރަންދެން ވަގުތީ އަމުރު ދެމިއޮންނާނެ އެވެ.
މީގެ އިތުރުން މި މައްސަލައިގައި ފުލުހުންނާއި ކަމާބެހޭ ދައުލަތުގެ އިދާރާތަކުގެ އެހީތެރިކަން ހޯދުމުގެ ފުރުސަތުވެސް ކޯޓުން ވަނީ މީޑިއާ ނެޓަށް ދީފަ އެވެ. އެގޮތުން ކޯޓު އަމުރު ތަންފީޒު ކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތުންނާއި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ އަމުރުކޮށްފަ އެވެ.






