ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް، "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި
މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލީ ޝަރީފް އިފްތިތާހުކޮށްދެއްވި މި އުޅަނދަކީ ފަޅުތަކާއި އަތިރިމަތީގައި ހުންނަ ކުނިބުންޏާއި ޕްލާސްޓިކް ނެގުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ އުޅަނދެކެވެ. ސާސޭ ކޮންސްޓްރަކްޝަނުން ތައާރަފުކުރި މި އުޅަނދުގެ ސަބަބުން ކަނޑުގެ މާހައުލު ސާފުކޮށް ބެލެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ގަބޫލުކުރެއެވެ. މިއީ ތިމާވެށި ހިމާޔަތްކުރުމަށް އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން ކުރިއަށްގެންދާ މަސައްކަތްތަކަށް ލިބުނު އިތުރު ކުރިއެރުމެކެވެ.


އެސް.އޭ.އެސް.އީ (ސާސޭ) ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތައާރަފުކުރި މި އުޅަނދު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ޖޫން 8 ވީ ހޯމަ ދުވަހު ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ސައިޓުގަ | ލިއޯ ޓްރޭޑިންގ
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުމާކުރި ލެގޫން ކްލީނިންގ ވެސެލް ނުވަތަ ފަޅު ސާފުކުރާ ޚާއްސަ އުޅަނދު "ސާސޭ ސީ ސްކައުޓް" ރަސްމީކޮށް އިފްތިތާހުކޮށްފި އެވެ.
އެސް.އޭ.އެސް.އީ (ސާސޭ) ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ތައާރަފުކުރި މި އުޅަނދު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ 2026 ޖޫން 8 ވީ ހޯމަ ދުވަހު ތިލަފުށީގައި ހުންނަ އެ ކުންފުނީގެ ސައިޓުގަ އެވެ.
މި އުޅަނދު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަތޖީ އަލީ ޝަރީފް އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވަނީ ތިމާވެށި ހިމާޔަތްކުރުމަށާއި ރާއްޖޭގެ ނާޒުކު ކަނޑުގެ ދިރުންތައް ރައްކާތެރިކުރުމަށް އަމިއްލަ ކުންފުނިތަކުން އިސްނަގައިގެން ކުރިއަށްގެންދާ މިފަދަ މަސައްކަތްތަކަށް ތައުރީފު ކުރައްވާފަ އެވެ.
ސާސޭ ސީ ސްކައުޓަކީ ފަޅުތަކާއި އަތިރިމަތީ ސަރަހައްދުތަކުގައި އޮޔާދާ ކުނިބުންޏާއި ޕްލާސްޓިކް ފަދަ ތަކެތި ނަގައި ސާފުކުރުމަށް ޚާއްސަކޮށްގެން ފަރުމާކޮށްފައިވާ އުޅަނދެކެވެ. މިއީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރީގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސާސޭ ކޮންސްޓްރަކްޝަނުން ގެންގުޅޭ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއެކެވެ.
މި ރަސްމިއްޔާތުގައި، ސާސޭ ސީ ސްކައުޓް އިފްތިތާހުކޮށްދެއްވިކަމުގެ ހަނދާނީ ފިލައެއް، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އަބްދުﷲ ސަވާދު ވަނީ މިނިސްޓަރު އަލީ ޝަރީފަށް އަރުވާފަ އެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައި ތިމާވެށީގެ ރައްކާތެރިކަމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި އެ ކުންފުނިން ފާހަގަކުރެ އެވެ.
ތިލަފުށީގައި ބޭއްވި މި ހަފުލާގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ އިސް ބޭފުޅުންނާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އިސްވެރިންނާއި، ސާސޭ ކޮންސްޓްރަކްޝަންގެ ހިއްސާދާރުންނާއި މެނޭޖްމަންޓް ޓީމުގެ އިތުރުން ސިނާއީ ދާއިރާގެ އެކި ފަރާތްތަކުން ބައިވެރިވެފައިވެ އެވެ.
ސާސޭ ކޮންސްޓްރަކްޝަނުން ބުނި ގޮތުގައި، މި އުޅަނދު ތައާރަފުކުރުމަކީ އަމިއްލަ ސިނާއަތްތަކުން އުފެއްދުންތެރި ވިސްނުމާއެކު ތިމާވެށި ހިމާޔަތްކުރުމަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވިދާނެކަމުގެ ހެއްކެކެވެ. އަދި މިއީ ކަނޑުތައް ރައްކާތެރިކުރުމަށް އާންމުން ހޭލުންތެރިކުރުވުމަށް ލިބުނު ބާރެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރެ އެވެ.
މި އުޅަނދު އޮޕަރޭޝަނަށް ނެރުމާއެކު، ރާއްޖޭގެ ކަނޑުގެ މާހައުލާއި މުޖުތަމައުގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ސާސޭ ކޮންސްޓްރަކްޝަނުން އުންމީދު ކުރެ އެވެ. މިއީ އެ ކުންފުނިން ތިމާވެށީގެ ރައްކާތެރިކަމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހާސިލުކުރެވުނު އާ ކާމިޔާބީއެކެވެ.





