Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ސިއްހަތުވެކްސިން

އޭއައި ބޭނުންކޮށްގެން ދުނިޔޭގެ ފުރަތަމަ ވެކްސިން އުފައްދައިފި

ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގެ ދިރާސާވެރިން އޭއައި ބޭނުންކޮށްގެން ފަރުމާކުރި މި ވެކްސިނަކީ، ކޮރޯނާވައިރަސްގެ ހުރިހާ ބާވަތްތަކުން ކުރިއަށް އޮތް ތަނުގައި ފެތުރިދާނެ އާލަމީ ވަބާތަކުން ރައްކާތެރިކޮށްދޭނެ "ސުޕަ-އެންޓިޖަން" އެއް. އިންސާނުން ބޭނުންކޮށްގެން ކުރި ފުރަތަމަ މަރުހަލާގެ ތަހުލީލުތަކުން މި ވެކްސިންގެ ރައްކާތެރިކަން ކަށަވަރުވެފައިވާއިރު، މިއީ ވައިރަސްތައް މިއުޓޭޓްވުމުގެ ކުރިން އެއަށްވުރެ ކުރިހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް. މި ޓެކްނޮލޮޖީގެ އެހީގައި އިންފްލުއެންޒާ އާއި އެބޯލާ ފަދަ ނުރައްކާތެރި ބަލިތަކަށް ވެސް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުން.

ރާއްޖެ އެމްވީ | 5 ޖޫން 2026 | ހުކުރު 09:27
މީހަކު ލެބޯޓްރީއެއްގެ ތެރޭގައި މަސައްކަތް ކުރަނީ.

މީހަކު ލެބޯޓްރީއެއްގެ ތެރޭގައި މަސައްކަތް ކުރަނީ. | ގެޓީ އިމޭޖަސް

މަސްނޫއީ ފަންނުވެރިކަން ނުވަތަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން، ގިނަ އަދަދެއްގެ ވައިރަސްތަކުން ރައްކާތެރިކޮށްދީ، އާލަމީ ވަބާތައް ހުއްޓުވުމުގެ ގާބިލުކަން ލިބިގެންވާ "މުޅިން އާ" ވައްތަރެއްގެ ވެކްސިނެއް އުފައްދާފައިވާ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ.

ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގެ ޓީމުން ބުނާ ގޮތުގައި، މިއީ ވެކްސިނެއްގެ އެންމެ މުހިންމު ބައި މުޅިން އޭއައި ބޭނުންކޮށްގެން ފަރުމާކޮށް، އިންސާނުން ބޭނުންކޮށްގެން ތަހުލީލުކުރި ފުރަތަމަ ފަހަރެވެ.

މި ވެކްސިން ފަރުމާކޮށްފައިވަނީ ކޮވިޑްގެ ހުރިހާ ބާވަތްތަކާއި، ޖަނަވާރުންގެ ހަށިގަނޑަށް ޖެހޭ ވައިރަސްތައް ހިމެނޭހެން، ކޮރޯނާވައިރަސްގެ ހުރިހާ ބާވަތަކަށް މަސައްކަތްކުރާ ގޮތަށެވެ. މީގެ ތެރޭގައި ކުރިއަށް އޮތް ތަނުގައި އާލަމީ ވަބާއެއް ފެތުރިދާނެ ފަދަ ވައިރަސްތައް ވެސް ހިމެނެއެވެ.

މި މަސައްކަތް އަދި އޮތީ ކުރީކޮޅުގެ މަރުހަލާއެއްގައި ނަމަވެސް، އެ ޓީމުން މިހާރު ވެސް އަންނަނީ އިންފްލުއެންޒާ އާއި އެބޯލާ ފަދަ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާނެ ވަކި ވެކްސިންތަކެއް ތައްޔާރުކުރަމުންނެވެ.

ވެކްސިންތަކަކީ ބަލިތަކާ ދެކޮޅަށް ހަނގުރާމަކުރުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އިންފެކްޝަންތައް ދެނެގަންނާނެ ގޮތް އިންސާނުންގެ ހަށިގަނޑަށް ދަސްކޮށްދޭ އެއްޗެކެވެ.

ނަމަވެސް ބައެއް ވައިރަސްތަކަކީ އޭގެ ސިފަ ބަދަލުކުރުމަށް ނުވަތަ މިއުޓޭޓްވުމަށް ވަރަށް ކުޅަދާނަ އެއްޗެހި ކަމުން، ވެކްސިންތަކުގެ ބާރު ވަރަށް އަވަހަށް ކެނޑިގެންދެއެވެ. ކޮވިޑާއި ފިނި މޫސުމުގެ އިންފްލުއެންޒާ ވެކްސިންތައް ގަވާއިދުން އާކުރަން ޖެހެނީ މި ސަބަބަށްޓަކައެވެ.

ޔުނިވަރސިޓީ އޮފް ކޭމްބްރިޖްގެ ޕްރޮފެސަރު ޖޮނަތަން ހީނީ ވިދާޅުވީ، އަބަދުވެސް އުޅެން ޖެހެނީ ވައިރަސްތަކަށް ވުރެ ފަހަތުގައި ކަމަށާއި، ނަމަވެސް މި މަސައްކަތުގެ ބޭނުމަކީ ވައިރަސްތަކަށް ވުރެ ކުރި ހޯދުން ކަމަށެވެ. އަދި އާ ބަލިތައް ފެތުރުމުގެ ކުރިން އެކަމުން ރައްކާތެރިކަން ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާންމުކޮށް ވެކްސިންތައް ފަރުމާކުރަނީ އެ ވަގުތަކު ފެތުރެމުންދާ ވައިރަހުގެ ބާވަތަކަށް ބަލައިގެންނެވެ.

ކޭމްބްރިޖްގެ ދިރާސާވެރިން ވަނީ ނުރައްކާވެދާނެ ވައިރަސްތައް ދެނެގަތުމަށް ހިންގާ ޕްރޮގްރާމްތަކުން ރެކޯޑުކޮށްފައިވާ ތަފާތު ކޮރޯނާވައިރަސްތަކުގެ ޖެނެޓިކް ކޯޑުތައް ނަގާފައެވެ.

މި ޖެނެޓިކް ކޯޑުތައް އޭއައި ބޭނުންކޮށްގެން ދިރާސާކުރުމަށްފަހު، "ސުޕަ-އެންޓިޖަން" އެއް ފަރުމާކުރިއެވެ. މިއީ ވައިރަސް މިއުޓޭޓްވި ނަމަވެސް ނުވަތަ ޖަނަވާރުންގެ ފަރާތުން އިންސާނުންނަށް އާ އިންފެކްޝަނެއް ފެތުރުނު ކަމުގައިވިޔަސް، މުޅި ވައިރަސް އާއިލާއިން ރައްކާތެރިކަން ލިބޭނެހެން ދިފާއީ ނިޒާމު ތަމްރީނުކޮށްދޭ އެއްޗެކެވެ.

އެންޓިޖަންތަކަކީ ވެކްސިންގެ އެންމެ މުހިންމު ބައެވެ. ސަބަބަކީ ދިފާއީ ނިޒާމުން ހަމަލާދޭން ދަސްކުރަނީ މި ބަޔަށް ކަމަށްވާތީއެވެ.

ޕްރޮފެސަރު ހީނީ ވިދާޅުވީ، މިއީ އޭއައި ބޭނުންކޮށްގެން ފަރުމާކުރި އެންޓިޖަންއެއް އިންސާނުންގެ ހަށިގަނޑުގައި ތަހުލީލުކުރި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި ޓެކްނޮލޮޖީގެ ސަބަބުން އެންމެންވެސް ހައިރާންވެފައިވާ ކަމަށާއި، އިންސާނިއްޔަތަށްޓަކައި މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ކުރެވޭނެ ކަންތައްތަކަކީ އާދަޔާ ހިލާފު ކަންތައްތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ބީބީސީ ނިއުސްއަށް މައުލޫމާތު ދެއްވަމުން ހީނީ ވިދާޅުވީ، މިއީ ހަމައެކަނި މިއަދު ފެންނަން ހުރި ވައިރަސްތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތެއް ނޫން ކަމަށާއި، މިއީ ކުރިއަށް އޮތް ތަނުގައި ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށް ކުރާ މަސައްކަތެއް ކަމަށެވެ.

"މިއީ އާލަމީ ވަބާތަކަށް ތައްޔާރުވުމުގައި ގެނެވޭ ވަރަށް ބޮޑު ބަދަލެއް،" އޭނާ ވިދާޅުވިއެވެ.

39 މީހުން ބޭނުންކޮށްގެން ކުރިއަށްގެންދިޔަ ތަހުލީލުތަކަކީ މިފަދަ ވެކްސިންތަކަކީ ރައްކާތެރި އެއްޗެއްތޯ ބެލުމަށް ކުރި ތަހުލީލުތަކެކެވެ. ގާތްގަނޑަކަށް 200 މީހުން ބައިވެރިވާ ދެވަނަ ދިރާސާއަކުން، މި ވެކްސިންގެ ސަބަބުން ދިފާއީ ނިޒާމު ހޭނެނީ ކިހާ މިންވަރަކަށްތޯ އިތުރަށް ސާފުވެގެންދާނެއެވެ.

'ޖާނަލް އޮފް އިންފެކްޝަން' ގައި ޝާއިއުކޮށްފައިވާ މި ހޯދުންތަކުގައި ބުނެފައިވަނީ، ދިފާއީ ނިޒާމަށް ކުރާ އަސަރު "މެދުމިންވަރެއްގައި" ހުރި ނަމަވެސް، މިއީ ވަރަށް އުންމީދީ މަސައްކަތެއް ކަމަށެވެ.

ޔުނިވަރސިޓީ އޮފް ސައުތުހެމްޕްޓަންގައި ބައެއް ތަހުލީލުތައް ކުރިއަށްގެންދެވި ޕްރޮފެސަރު ސައުލް ފައުސްޓް ވިދާޅުވީ، އޭއައި ފަރުމާގެ ސަބަބުން ކުރިއެރުންތަކެއް ލިބޭނެކަން ޔަގީންވާ ކަމަށާއި މިއީ ވަރަށް އުއްމީދީ މަސައްކަތެއް ކަމަށެވެ.

އޭނާ ބީބީސީއަށް ވިދާޅުވީ، ވައިރަސްތައް ބަދަލުވަމުންދާ ދަނޑިވަޅެއްގައި، ކުރިމަތިވެދާނެ އާލަމީ ވަބާތަކަށް ވެކްސިން ފަރުމާކުރުމަށް މި ޓެކްނޮލޮޖީ މާ ބޮޑަށް ވެސް ރަނގަޅު ކަމަށެވެ.

ކޭމްބްރިޖްގެ ޓީމުން މިހާރު ވެސް އަންނަނީ ކޮންމެ އަހަރަކު ބަދަލުކުރަން ނުޖެހޭ ފަދަ އިންފްލުއެންޒާ ވެކްސިނަކާއި، ދޫނި ރޯގާ ނުވަތަ އެޗް5އެން1 އިންސާނުންގެ މެދުގައި ފެތުރިދާނެ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ޖަނަވާރުން ބޭނުންކޮށްގެން ދިރާސާތައް ކުރަމުންނެވެ.

މީގެ އިތުރުން، އެބޯލާ ހިމެނޭހެން ވައިރަލް ހެމޮރޭޖިކް ފީވާ ނުވަތަ ލޭ އަންނަ ހުންތަކަށް ވެކްސިނެއް ތައްޔާރުކުރުމުގެ މަސައްކަތް ވެސް އެ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ. ކޮންގޯގައި މިހާރު ފެތުރެމުންދާ ބައްޔަކީ އަދި މިހާތަނަށް ވެކްސިނެއް އުފެއްދިފައި ނުވާ ވައިރަހެއްގެ ސަބަބުން ފެތުރޭ ބައްޔެކެވެ.

މި ދިރާސާގައި ބައިވެރިވެފައި ނުވާ، އޮކްސްފޯޑް ވެކްސިން ގްރޫޕްގެ ޑިރެކްޓަރު ޕްރޮފެސަރު އެންޑީ ޕޮލާޑް ވިދާޅުވީ، މި އުސޫލުގެ ސަބަބުން ޖަނަވާރުންގެ ދިރާސާތަކުން ވަރަށް ވަރުގަދަ ހެކިތަކެއް ފެންނަމުންދާ ކަމަށެވެ.

"މިއީ ވަރަށް ހައިރާންކުރުވަނިވި މައުލޫމާތުތަކެއް. މިފަދަ ދިފާއީ އިޖާބައެއް އުފެއްދިދާނެ ކަމަށް މީގެ ކުރިން ބަޔަކު ލަފައެއް ނުކުރާނެ،" އޭނާ ބީބީސީ ނިއުސްއަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަސްލު އިމްތިހާނަކީ އިންސާނުންގެ ހަށިގަނޑުގައި ކުރެވޭ ތަހުލީލުތަކެވެ. ސަބަބަކީ އިންސާނުންގެ ދިފާއީ ނިޒާމަކީ ލެބޯޓްރީގައި ގެންގުޅޭ މީދަލާ ތަފާތު، އަދި އަހަރުތަކެއް ވަންދެން ތަފާތު ބަލިތަކާ ކުރިމަތިލައި ބަދަލުވެފައިވާ ނިޒާމަކަށް ވާތީއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސަކީ ވެކްސިން ދިރާސާކުރުމުގައި ބޮޑު ބަދަލެއް ގެންނާނެ އެއްޗެއް ކަމަށާއި، ވެކްސިނަކަށް ދިފާއީ ނިޒާމުން އިޖާބަދޭނެ ގޮތް އޭއައި މެދުވެރިކޮށް ދެނެގަނެވުމުން، ވެކްސިން އުފެއްދުން އަވަސްވެ، ގިނަ ފުރާނަތަކެއް ސަލާމަތްކުރެވޭނެ ކަމަށެވެ.

ނޭޝަނަލް އިންސްޓިޓިއުޓް ފޯ ހެލްތު އެންޑް ކެއާ ރިސާޗްގެ ސައިންޓިފިކް ޑިރެކްޓަރު ޕްރޮފެސަރު މޭރިއަން ނައިޓް ވިދާޅުވީ، އޭއައި ބޭނުންކޮށްގެން ފަރުމާކުރި މި 'ސުޕަ-އެންޓިޖަން' ތަހުލީލުގެ ކާމިޔާބީއަކީ، ވައިރަސްތަކުން ދާއިމީ ރައްކާތެރިކަން ހޯދައިދިނުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

ވެކްސިންއާޓިފިޝިއަލް އިންޓެލިޖެންސްއާއްމު ސިއްހަތު

އިތުރަށް ކިޔާލަން

31 މެއި 2026

ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު

31 މެއި 2026
ދުންފަތުން ޒުވާން ޖީލު ރައްކާތެރި ކުރުމުގެ މަސައްކަތުގައި ސަރުކާރުން ދެމިތިބޭނަން: ރައީސް މުއިއްޒު
27 މެއި 2026

ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި

27 މެއި 2026
ޓްރަމްޕްގެ އޭއައި ކޮމިޓީ އަށް ކުރީގެ އެޓާނީ ޖެނެރަލް ބޮންޑީ އައްޔަން ކުރައްވައިފި
22 މެއި 2026

އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

22 މެއި 2026
އެބޯލާ ބައްޔަށް އޮކްސްފޯޑުން އާ ވެކްސިނެއް އުފެއްދުމުގެ މަސައްކަތް ފަށައިފި
06 މެއި 2026

ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި

06 މެއި 2026
ދަމަނަވެށީގެ ވެކްސިން ރައްކާ ކުރާ ކޮޓަރީގެ އޭސީ އައުޓްޑޯ ޔުނިޓްތައް ވަގަށް ނަގައިފި
25 އެޕްރީލު 2026

މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު

25 އެޕްރީލު 2026
މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
27 މާރިޗު 2026

ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން

27 މާރިޗު 2026
ޒާތީ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ބިރު ދައްކާ މައްސަލަތައް ދަނީ އިތުރުވަމުން: ފުލުހުން
17 މާރިޗު 2026

ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ

17 މާރިޗު 2026
ނަތަންޔާހޫ ދިރިހުރިކަން ސާބިތު ކޮށްދޭން ނެރުނު އާ ވީޑިއޯ އަކީ ފޭކެއްކަން ސާބިތުވެއްޖެ
12 ފެބުރުއަރީ 2026

ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟

12 ފެބުރުއަރީ 2026
ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟
06 ފެބުރުއަރީ 2026

ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި

06 ފެބުރުއަރީ 2026
ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި
02 ފެބުރުއަރީ 2026

ދުވާލަކު ބޯން ޖެހެނީ ކިހާ މިންވަރެއްގެ ފެނެއް؟

02 ފެބުރުއަރީ 2026
ދުވާލަކު ބޯން ޖެހެނީ ކިހާ މިންވަރެއްގެ ފެނެއް؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު