ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކަކީ ކޮބައި؟
ގޮހޮރުގެ ކެންސަރުގެ އަލާމާތްތަކުގެ ތެރޭގައި ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުމާއި، ބޮޑުކަމުދާ ނިޒާމަށް ބަދަލު އައުމާއި، ބަނޑުގައި ރިއްސުން ހިމެނޭއިރު، މިފަދަ ކަމެއް ފާހަގަވެއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު. ދުޅަހެޔޮ ކާނާ ކެއުމާއި ގަވާއިދުން ކަސްރަތު ކުރުމަކީ ބަލީގެ ނުރައްކާ ކުޑަކޮށްދޭ ކަންކަމަށްވާއިރު، ބަލީގެ ކުރީކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ރަނގަޅުވުމުގެ ފުރުސަތު 90 އިންސައްތައަށް ވުރެ ބޮޑު.

ބަލިތައް ދައްކުވައިދޭ ގޮތަށް ތައްޔާރުކޮށްފައިވާ އިންސާނާގެ ގޮހޮރުގެ އެނަޓޮމިކަލް މޮޑެލް އެއް. | އައިސްޓޮކް
މަޝްހޫރު ޑްރާމާ ސިލްސިލާ "ޑޯސަންސް ކްރީކް" އިން މަގުބޫލުކަން ހޯދި އެކްޓަރު ޖޭމްސް ވެން ޑަ ބީކް، ގޮހޮރުގެ ކެންސަރު (ބަވަލް ކެންސަރު) ބަލީގައި އުމުރުން 48 އަހަރުގައި މަރުވެއްޖެ އެވެ.
މި ބަލީގެ މައިގަނޑު އަލާމާތްތަކާއި ސަބަބުތަކަކީ ކޮބައި ހެއްޔެވެ؟ އަދި މި ބަލި ޖެހުމުގެ ނުރައްކާ ކުޑަކުރުމަށް ކުރެވިދާނެ ކަންކަމަކީ ކޮބައި ހެއްޔެވެ؟
މި ބަލީގައި މައިގަނޑު ގޮތެއްގައި ސަމާލުކަން ދޭންޖެހޭ ތިން ކަމެއް ވެއެވެ:
ސާފު ސަބަބެއް ނެތި ބޮޑުކަމުދާ ތަކެތީގައި ލޭ ހުރުން - މިއީ ގަދަ ރަތްކުލައިގައި ނުވަތަ ކަޅު ރަތްކުލައެއްގައި ހުރެދާނެ އެއްޗެކެވެ. ބޮޑުކަމުދާ ނިޒާމަށް އަންނަ ބަދަލުތައް - މިސާލަކަށް އާންމުކޮށް ދާވަރަށް ވުރެ ގިނައިން ފާޚާނާއަށް ދާންޖެހުން ނުވަތަ ބޮޑުކަމުދާ ތަކެތި މާ ބޮޑަށް ދިޔާވުން ނުވަތަ ހަރުވުމާއި ދަށް ބަނޑުގައި ރިއްސުން ނުވަތަ ބަނޑު ފުއްޕާފައި ހުންނަ އިހުސާސްވުން ހިމެނެ އެވެ.
މީގެ އިތުރުން ފެނިދާނެ އެހެން އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ:
ބަރުދަން ލުއިވުން. ބޮޑުކަމުދިއުމަށްފަހު ވެސް ބަނޑު އެއްކޮށް ހުސްނުވާހެން ހީވުމާއި، އާންމުކޮށް ވަރުބަލިވުން ނުވަތަ ބޯއެނބުރުން.
މި އަލާމާތްތައް ހުރި ނަމަވެސް، އޭގެ މާނައަކީ ކޮންމެހެން ގޮހޮރުގެ ކެންސަރު ހުރުމެއް ނޫނެވެ.
ނަމަވެސް، އިނގިރޭސިވިލާތުގެ ނޭޝަނަލް ހެލްތު ސާވިސް (އެން.އެޗް.އެސް) އިން ލަފާދެނީ ތިން ހަފުތާ ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވަންދެން މިފަދަ އަލާމާތްތައް ފެންނަނަމަ، ނުވަތަ ހަށިގަނޑަށް އާދަޔާ ޚިލާފު ބަދަލެއް އަންނަކަމަށް އިހުސާސްކުރެވޭނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.
ބައެއް ފަހަރު ގޮހޮރުގެ ކެންސަރުގެ ސަބަބުން ބޮޑުކަމުދާ ތަކެތި ހަށިގަނޑުން ބޭރުވުމަށް ހުރަސްއެޅި، ގޮހޮރު ބެދޭ ގޮތް ދިމާވެ އެވެ.
މީގެ ސަބަބުން ބަނޑުގައި ވަރަށް ބޮޑަށް ރިއްސުމާއި، ބަނޑުހަރުވުމާއި، ހޮޑުލެވުން ފަދަ ކަންކަން މެދުވެރިވެއެވެ. މިފަދަ ހާލަތެއް ދިމާވެއްޖެނަމަ ވަގުތުން ޑޮކްޓަރަށް ދެއްކުން ނުވަތަ އެމަޖެންސީގައި ފަރުވާ ހޯދުން މުހިންމެވެ.
ބޮޑުކަމުދާއިރު ލޭ އާދޭތޯއާއި، ފުރަގަސްފަރާތުން ލޭ އާދޭތޯ އަބަދުވެސް ސަމާލުވާންޖެހެ އެވެ.
ފުރަގަސްފަރާތުން އަންނަ ގަދަ ރަތްކުލައިގެ ލެޔަކީ ފުރަގަސްފަރާތު ބަލި (ޕައިލްސް) ގެ ސަބަބުން އަންނަ ލެޔަށް ވެދާނެ އެވެ. ނަމަވެސް މިއީ ގޮހޮރުގެ ކެންސަރުގެ ސަބަބުން ދިމާވާ ކަމަކަށް ވެސް ވެދާނެ އެވެ.
ބޮޑުކަމުދާ ތަކެތީގައި ހުންނަ ކަޅު ރަތްކުލައިގެ ނުވަތަ ކަޅުކުލައިގެ ލެޔަކީ ގޮހޮރުގެ މަތީ ބައިން ނުވަތަ މައިދާއިން އަންނަ ލެޔަށް ވެދާނެތީ، އެއީ ސަމާލުވާންޖެހޭ ކަމެކެވެ.
މީގެ އިތުރުން، ބޮޑުކަމުދާ ތަކެތި މާ ބޮޑަށް ދިޔާވުމާއި، އާންމުކޮށް ދާވަރަށް ވުރެ ގިނައިން ފާޚާނާއަށް ދާންޖެހުމާއި، ބޮޑުކަމުދިއުމަށްފަހު ވެސް ބަނޑު ހުސްނުވާހެން ހީވުމަކީ ވެސް ބޮޑުކަމުދާ ނިޒާމަށް އަންނަ ބަދަލުތަކެކެވެ.
މި ފަދަ އަލާމާތްތައް ފެންނަ ނަމަ ގޮސް ޑޮކްޓަރާ މަޝްވަރާކުރުމަކީ މުހިންމު ކަމެކެވެ.
ޑޮކްޓަރުންނަކީ ބޮޑުކަމުދާ ނިޒާމުގެ ތަފާތު މައްސަލަތައް ހުންނަ ގިނަ ބަޔަކު ބަލާ ބަޔަކަށް ވާތީ، މިފަދަ ވާހަކަތައް ޑޮކްޓަރަކާ ދެއްކުމުގައި ލަދުގަންނަން ނުޖެހޭނެ ކަމަށް މި ބައްޔަށް ހޭލުންތެރިކަން އުފައްދާ ފަރާތްތަކުން ބުނެ އެވެ.
މި ބަލި ޖެހެން މެދުވެރިވާ ސީދާ ސަބަބެއް އެނގިފައި ނުވި ނަމަވެސް، ބަލި ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ބައެއް ކަންކަން ހުރެއެވެ:
އުމުރުން ދުވަސްވީ ވަރަކަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. ގިނަ ފަހަރަށް މި ބަލި ޖެހެނީ އުމުރުން 50 އަހަރުން މަތީގެ މީހުންނަށެވެ. ނަމަވެސް ޒުވާނުންގެ މެދުގައި މި ބަލި ޖެހޭ މިންވަރު މިހާރު ދަނީ އިތުރުވަމުންނެވެ. އެއްގަމު މަހާއި (ރެޑް މީޓް) ސޮސެޖް، ބޭކަން އަދި ސަލާމީ ފަދަ ޕްރޮސެސްކޮށްފައިވާ މަހުގެ ބާވަތްތައް ގިނައިން ކެއުން ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ.
ގޮހޮރުގައި އުފެދޭ "ޕޮލިޕްސް" ނުވަތަ މަސްކޮޅުތަކުގެ ސަބަބުން ފަހުން ކެންސަރަށް ބަދަލުވުމުގެ ފުރުސަތު އޮވެއެވެ. ދުންފަތުގެ އިސްތިއުމާލު ކުރުމަކީ ގިނަ ބާވަތްތަކުގެ ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ ކަމެކެވެ. މާ ގިނައިން ބަނގުރާ ބުއިން. ހަށިގަނޑުގެ ބަރުދަން ހުންނަންޖެހޭ ވަރަށް ވުރެ އިތުރުވުން ނުވަތަ މާ ބޮޑަށް ފަލަވުން ވެސް އެއީ ބަލި ޖެހުމަށް މަގުފަހިވެދާނެ ސަބަބަކެވެ.
ގިނަ ހާލަތްތަކުގައި ގޮހޮރުގެ ކެންސަރަކީ އާއިލީ ގޮތުން ވާރުތަވާ ބައްޔެއް ނޫނެވެ. ނަމަވެސް، އާއިލާގެ ގާތް މީހަކަށް އުމުރުން 50 އަހަރު ނުވަނީސް މި ބަލި ޖެހިފައިވާނަމަ، އެކަން ޑޮކްޓަރަށް އެންގުން މުހިންމެވެ.
"ލިންޗް ސިންޑްރޯމް" ފަދަ ޖެނެޓިކް މައްސަލަތަކުގެ ސަބަބުން ގޮހޮރުގެ ކެންސަރު ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް އިތުރުވެއެވެ. ނަމަވެސް، ޑޮކްޓަރުންނާ ގުޅިގެން މި ނުރައްކާ ކުޑަކުރުމަށާއި، ބަލި ފެށޭކޮޅު ދެނެގަނެ ފަރުވާ ފެށުމަށް މަސައްކަތް ކުރެވިދާނެއެވެ.
ސައިންސްވެރިން ބުނާ ގޮތުގައި، ދިރިއުޅުމުގެ އާދަކާދަތައް ދުޅަހެޔޮކޮށް ބަހައްޓައިގެން ގޮހޮރުގެ ކެންސަރުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ކޭސްތައް ހުއްޓުވިދާނެ އެވެ.
މީގެ ތެރޭގައި ހިމެނެނީ: ގަވާއިދުން ކަސްރަތު ކުރުން. ކާނާގައި ފައިބަރު ގިނަކޮށް، ސަރުބީ މަދުކުރުން. ދުވާލަކު 6 އިން 8 އަށް ތަށި ފެން ނުވަތަ ދިޔާ އެއްޗެހި ބުއިން.
މީގެ އިތުރުން، އެއްވެސް ކަހަލަ އަލާމާތެއް ފެންނަނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ކެންސަރު ސްކްރީން ކުރުމުގެ ފުރުސަތު ލިބުމުން އެކަން ކުރުމަށް ސަމާލުކަން ދޭންޖެހެ އެވެ.
އިނގިރޭސިވިލާތުގެ އެން.އެޗް.އެސް އިން ހިންގާ ގޮހޮރުގެ ކެންސަރު ސްކްރީން ކުރުމުގެ ޕްރޮގްރާމުގެ މަގްސަދަކީ ބަލި ފެށޭކޮޅު ދެނެގަތުމެވެ.
ނަމަވެސް، މި ސްކްރީނިންގްއަކީ އެންމެންނަށް އޮންނަ ފުރުސަތެއް ނޫނެވެ. މިއީ ހަމައެކަނި ބަލި ޖެހުމުގެ ފުރުސަތު އެންމެ ބޮޑު އުމުރުފުރާތަކަށް ޚާއްސަ ކަމެކެވެ. ސްކްރީނިންގްއަކީ 100 އިންސައްތަ ކަށަވަރު އެއްޗަކަށް ނުވާތީ، ދުޅަހެޔޮ ގިނަ ބަޔަކު ޓެސްޓުކުރުމުން ބައެއް ފަހަރު ބޭނުންނުވާ ފަރުވާތައް ދޭންޖެހުމުގެ ނުރައްކާ އޮވެއެވެ.
އިތުރަށް ހަދާ ޓެސްޓުތަކުގެ ތެރޭގައި "ކޮލޮނޮސްކޮޕީ" (ކެމެރާ ލައްވައިގެން މުޅި ގޮހޮރު ބެލުން) ނުވަތަ "ފްލެކްސިބަލް ސިގްމޮއިޑޮސްކޮޕީ" (ގޮހޮރުގެ އެއްބައި ބެލުން) ހިމެނެ އެވެ.
ޒުވާން އުމުރުފުރައިގެ މީހަކަށް އަލާމާތްތަކެއް ފެންނަނަމަ، އަމިއްލައަށް ޓެސްޓު ކިޓު ގަނެގެން ޓެސްޓު ކުރުމުގެ ބަދަލުގައި ޑޮކްޓަރަށް ދެއްކުމަށް ލަފާދެއެވެ. ސަބަބަކީ އަމިއްލައަށް ހަދާ ޓެސްޓުތަކުގެ ނަތީޖާ އޮޅުން އަރާ ގޮތް ދިމާވާތީ އެވެ.
މިހާރު ދެވޭ ފަރުވާތަކަކީ ކޮންމެ މީހެއްގެ ހަށިގަނޑާއި ޖެނެޓިކްސްއަށް ބަލައިގެން ދެވޭ "ޕާސަނަލައިޒްޑް" ފަރުވާތަކެކެވެ.
މި އުސޫލަކީ އަދިވެސް އިތުރަށް ތަރައްގީވަމުން އަންނަ ކަމެއް ނަމަވެސް، މީގެ ސަބަބުން ކެންސަރު ބަލި މީހުންގެ އުމުރު ދިގުވުމުގެ ފުރުސަތު ބޮޑުވެ އެވެ.
ކެންސަރު ހުރިކަން ކޮންމެ މަރުހަލާއެއްގައި އެނގުނު ކަމުގައި ވިޔަސް، ލިބެން ހުރި ފަރުވާތަކާ ބެހޭގޮތުން ޑޮކްޓަރުން މަޝްވަރާ ކުރާނެ އެވެ.
އެއީ އޮޕަރޭޝަން ކުރުން ނުވަތަ ކީމޯތެރަޕީ އާއި ރޭޑިއޯތެރަޕީ އެކުލެވޭ ފަރުވާއަކަށް ވެސް ވެދާނެ އެވެ.
ގޮހޮރުގެ ކެންސަރަކީ، ޚާއްސަކޮށް ބަލި ފެށޭކޮޅު ދެނެގަނެވިއްޖެނަމަ ފަރުވާކޮށްގެން ރަނގަޅު ކުރެވޭ ބައްޔެކެވެ.
ކެންސަރުގެ މަރުހަލާތައް ބެހިފައިވާ ގޮތް:
ސްޓޭޖް 1: ކެންސަރު ކުޑަ، އަދި އެހެން ތަނަކަށް ފެތުރިފައެއް ނުވޭ.
ސްޓޭޖް 2: ކެންސަރު ބޮޑު، ނަމަވެސް އަދިވެސް ފެތުރިފައެއް ނުވޭ.
ސްޓޭޖް 3: ކައިރީގައިވާ ޓިޝޫތަކަށް ނުވަތަ ލިމްފް ނޯޑްސްއަށް ފެތުރިފައިވުން.
ސްޓޭޖް 4: ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ފެތުރިފައިވުން.
ބަލީގެ އެންމެ ކުރީކޮޅު (ސްޓޭޖް 1 ގައި) ބަލި ދެނެގަނެވޭ މީހުންގެ ތެރެއިން 90 އިންސައްތައަށް ވުރެ ގިނަ މީހުން ފަސް އަހަރަށް ވުރެ ގިނަ ދުވަހު ދިރިތިބެއެވެ. ނަމަވެސް އެންމެ ފަހު މަރުހަލާގައި ބަލި ދެނެގަނެވޭ މީހުންގެ ތެރެއިން މި މުއްދަތުގައި ދިރިތިބެނީ 44 އިންސައްތަ މީހުންނެވެ.
ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި އިނގިރޭސިވިލާތުގައި މި ބަލިން ސަލާމަތްވާ މީހުންގެ އަދަދު ވަނީ ދެގުނައަށް ވުރެ އިތުރުވެފަ އެވެ. 1970 ގެ އަހަރުތަކުގައި ބަލިޖެހޭ ކޮންމެ ފަސް މީހަކުން އެކަކު 10 އަހަރަށް ވުރެ ގިނަ ދުވަހު ދިރިހުރިއިރު، މިހާރު ބަލިޖެހޭ މީހުންގެ ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން 10 އަހަރަށް ވުރެ ގިނަ ދުވަހު ދިރިތިބެ އެވެ.
އުމުރުން 15 އަހަރާއި 40 އަހަރާ ދެމެދުގެ މީހުން މި ބަލިން ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ. ސަބަބަކީ އުމުރުން ދުވަސްވީ މީހުންނަށް މި ބަލީގެ ނުރައްކާ މާ ބޮޑުވުމެވެ.
މަސްދަރު: ބީބީސީ




