މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން: ރައީސް މުއިއްޒު
ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ "ގާރލްސް އިން އައިސީޓީ ޑޭ" އާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މައިގަނޑު ބާރުވެރިންނަކީ އަންހެން ކުދިން ކަމުގައި ވާންޖެހޭ ކަމަށް. އޭއައި އާއި ޓެކްނޮލޮޖީގެ ދާއިރާއިން އަންހެނުން ބާރުވެރިކުރުވުމަކީ މިންތީގެ ފަރަގު ކުޑަކޮށް، މުޖުތަމައުގައި ހަމަހަމަކަން ގާއިމުކުރުމަށް މުހިންމު ކަމެއްކަން އެމަނިކުފާނު ފާހަގަކުރެއްވި. އެހެންކަމުން، ރޮބޮޓިކްސް އާއި ޕްރޮގްރާމިން ފަދަ ދާއިރާތަކުން އަންހެން ކުދިންނަށް ހުރި ހުރަސްތައް ނައްތާލައި، އެކުދިންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި.


ރައްޔިތުންނާއެކު ކުރިއަށް - ހަފުތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް
މިސަރުކާރުން މޯލްޑިވްސް 2.0 މެދުވެރިކޮށް، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެނުންނަކީ ބަސްކިޔޭފަދަ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، "އިންޓަރނޭޝަނަލް ގާލްސް އިން އައިސީޓީ ޑޭ" ގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގަ އެވެ.
މި އަހަރުގެ ޝިއާރުކަމުގައިވާ، "އޭއައި ފޯރ ޑިވެލޮޕްމަންޓް: ގާރލްސް ޝޭޕިންގ ދަ ޑިޖިޓަލް ފިއުޗަރ" ގެ މައްޗަށް އަލި އަޅުއްވާލައްވައި ރައީސް މުއިއްޒު ވިދާޅުވީ ސަރުކާރުން ޓެކްނޮލޮޖީއަށް ދޭ އިސްކަން ވަރަށް ބޮޑަށް ދޭ ކަމަށާއި، ސަރުކާރު ހިންގުމާ، ތައުލީމާ އަދި ސިއްހީ ދާއިރާގެ ހިންގުން ހަރުދަނާ ކުރުމުގައި އޭއައި މުހިންމު ރޯލެއް އަދާ ކުރާ ކަމަށެވެ.
އެހެންކަމުން ތަރައްގީވަމުން އަންނަ މިގައުމުގައި އަންހެން ކުދީން ރާއްޖޭގެ ޑިޖިޓަލް ތަރައްގީގެ މައިގަނޑު ބާރުވެރިން ކަމުގައިވާން ޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ، އޭ އައި ގެ ތަރައްގީގައި އަންހެން ކުދިން ޝާމިލުވުމަކީ، ހަމަ އެކަނި އެ މަސައްކަތުގައި އެކުދިން ބައިވެރިވުން ނޫން ކަމަށާއި، އެއީ މުޖުތަމައުގެ ހަމަހަމަކަމަށްޓަކައި ވެސް މުހިއްމު ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މިންތީގެ ފަރަގު ކުޑަކޮށް، ކުރިއަރަމުންދާ ޑިޖިޓަލް ތަރައްގީ ގައި ހަމަހަމަ ކަމާއެކު އެންމެންނަށް ބައިވެރި ވުމުގެ ފުރުސަތު ކަށަވަރު ވެގެންދާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ދާއިރާގައި އަންހެނުން ބާރުވެރި ކުރުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ މޯލްޑިވްސް 2.0 މެދުވެރިކޮށް ސިސްޓަމުގައި ހުރި ހުރަސްތައް ނައްތާލާނެ ކަމަށެވެ.
މީގެ ކުރީގައި އަންހެނުންގެ ހިއްސާ، އައިސީޓީގެ ދާއިރާގައި ވަރަށް ފަނޑުކޮށް ހުރި ދާއިރާތައް ކަމަށްވާ، ރޮބޮޓިކްސް، އޭ އައި، އަދި ކޮމްޕިއުޓަރ ޕްރޮގްރާމިން އާއި، ޑިޖިޓަލް އިގުތިސާދުގެ ދާއިރާގައި އަންހެން ކުދިންނަކީ، ބަސްކިޔޭފަދަ ހިސާބެއްގައި ފައިތިލަ ސާބިތު ކޮށްލެވިފައިވާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިކަންކަން ހާސިލު ކުރުމަށް ޑިޖިޓަލް ދާއިރާގައި އުފެދިފައިވާ މިންތީގެ ތަފާތުކުރުން ނައްތާލައި، އަންހެން ކުދިންނަކީ ޓެކްނޮލޮޖީގެ ބޭނުން ކުރާ ބަޔަކަށް ވުމުގެ އިތުރަށް، ޓެކްނޮލޮޖީގެ ދާއިރާގައި އުފެއްދުންތެރި، ބާރުވެރި ބަޔަކަށް ވާންޖެހޭ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.
ރައީސް މުއިއްޒު ވަނީ، އޭއައި ތަރައްގީ ކުރުމުގެ ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ވެސް ގޮވާލައްވާފަ އެވެ. އަދި ޓެކްނޮލޮޖީގެ ރޮނގުން ދުނިޔެއަށް އަންނަމުންދާ ބަދަލުތަކުގައި، އަންހެން ކުދިންނަށް ހަމަހަމަ ފުރުސަތުތައް ފަހިވެފައިވާ ދުނިޔެ އެއް ދެކެވަޑައިގަތުމަށް އުއްމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވެ އެވެ.
ރައީސް މުއިއްޒު މިމޭރުން ވާހަކަފުޅު ދެއްކެވި ނަމަވެސް އަންހެނުން ބާރުވެރި ކުުރުވުމަށްޓަކައި މިހާތަނަށް މާބޮޑު މަސައްކަތެއް ކޮށްފައިނުވެ އެވެ. އަދި މިސަރުކާރުގެ ކެބިނެޓުގައި ވެސް ތިއްބެވީ އެންމެ 3 ބޭފުޅުންނެވެ. އަދި މަތީ ފަންތީގައި ވެސް އަންހެނުންގެ ދައުރު ވަރަށް ކުޑަ އެވެ.







