ކޮލެސްޓްރޯލް ދަށްކުރުމަށް ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރި ވަރަށްވުރެ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި
މި ބޭހަކީ ހާޓް އެޓޭކާއި ސްޓްރޯކުން ރައްކާތެރިކޮށްދޭ ފުރާނައަށް ފައިދާހުރި ބޭހެއްކަން ސާބިތުވެފައިވާއިރު، ބޭހާ މެދު އޮންނަ ބިރުވެރިކަން ނައްތާލުމަށްޓަކައި ބޭސް ފޮށިތަކުގައި ހުންނަ މައުލޫމާތުތައް އިސްލާހުކުރަން ޖެހޭކަމަށް ދިރާސާވެރިން ބުނޭ.

"ސްޓެޓިން މެޑިކޭޝަން" (ކޮލެސްޓްރޯލް ދަށްކުރަން ބޭނުންކުރާ ބޭސް). | އައިސްޓޮކް
ކޮލެސްޓްރޯލް ދަށްކުރުމަށް މިލިއަނުން މީހުން ބޭނުންކުރާ "ސްޓެޓިންސް" އަކީ ކުރިން ހީކުރެވުނު މިންވަރަށްވުރެ މާ ރައްކާތެރި ބޭހެއްކަމަށް ބޮޑު ދިރާސާއަކުން ދައްކައިފި އެވެ.
މި ދިރާސާ ކުރިއަށް ގެންދިޔަ ފަރާތްތަކުން ބުނާ ގޮތުގައި، ފުރާނަ ސަލާމަތްކޮށްދޭ މި ބޭސް ބޭނުންކުރުމަށް މީހުން ޖެހިލުންވިޔަ ނުދިނުމަށްޓަކައި، ބޭސް ފޮށިތަކުގައި ހުންނަ މައުލޫމާތައް މި ބަދަލު ގެންނަން ޖެހެ އެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަނުން ޚަރަދުކޮށްގެން ހެދި މި ދިރާސާގައި ބުނެފައިވަނީ، ހަނދާން ނެތުމާއި، ނަފްސާނީ ބަލިތަކާއި، ނިދިނައުމާއި، ބަރުދަން އިތުރުވުމުގެ އިތުރުން ޖިންސީ ބަލިކަށިކަން ފަދަ ސްޓެޓިންސްގެ ސަބަބުން ދިމާވާ ކަމަށް ބުނާ ގިނަ ސައިޑް އިފެކްޓްތަކަކީ ހަގީގަތުގައި އެ ބޭހުގެ ސަބަބުން ދިމާވާ ކަންކަމެއް ނޫން ކަމަށެވެ. މީގެ ބަދަލުގައި، މި ބޭހުގެ ސަބަބުން ހާޓް އެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެ އެވެ.
"ދަ ލާންސެޓް" ޖާނަލްގައި ޝާއިއުކޮށްފައިވާ މި ނަތީޖާތަކަކީ، 120،000 އަށްވުރެ ގިނަ މީހުން ބައިވެރިކޮށްގެން، ސްޓެޓިންސް އާއި އެއްވެސް ބޭސްވެރިކަމުގެ ބާރެއް ނެތް "ޕްލަސީބޯ" ބޭހެއް އަޅާކިޔައިގެން ހެދި ދިރާސާއަކުން ހޯދި ހޯދުންތަކެކެވެ.
އޮކްސްފޯޑް ޔުނިވާސިޓީގެ ދިރާސާވެރިން ބުނާ ގޮތުގައި، ހަށިގަނޑަށް ގެއްލުންދޭ "އެލް.ޑީ.އެލް" ކޮލެސްޓްރޯލް ދަށްކުރުމުގައި ސްޓެޓިންސް އަކީ ވަރަށް ނަތީޖާ ރަނގަޅު ބޭހެކެވެ. އަދި ދުނިޔޭގެ ނިސްބަތުން އަހަރަކު 10 މިލިއަން މީހުން މަރުވާ އަދި އިނގިރޭސިވިލާތުގެ މަރުގެ ހަތަރުބައިކުޅަ އެއްބައި ހިއްސާކުރާ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް މި ބޭހަކީ ކާމިޔާބު ބޭހެއްކަން ތަކުރާރުކޮށް ވަނީ ސާބިތުވެފަ އެވެ.
ކޮންމެ ބޭހަކާ ގުޅިގެންވެސް ސައިޑް އިފެކްޓްތަކެއް ހުރެދާނެ ފަދައިން، މި ބޭހުގައިވެސް ބައެއް ކަންކަން ހުރި ނަމަވެސް، އެއީ ވަރަށް މަދު ކަންތައްތަކެކެވެ.
ބޭހުގެ ސަބަބުން ދިމާވާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު، އަސްލު ބޭސް ބޭނުންނުކުރާ "ޕްލެސީބޯ" ގްރޫޕުގެ މީހުންގެ ފަރާތުންވެސް ހަމަ އެފަދަ އަސަރުތައް ފެނިފައިވެއެވެ. މީގެއިން އެނގެނީ އެއީ ސްޓެޓިންސް ބޭހުގެ ސަބަބުން ދިމާވާ ކަންކަން ނޫން ކަމެވެ.
މި ދިރާސާގައި ބައިވެރިވި އެއްވެސް ބަލިމީހަކަށް، އެމީހުން ބޭނުންކުރަނީ އަސްލު ބޭސްކަމެއް ނުވަތަ ބޭހުގެ ނަމުގައި ދޭ އެހެން އެއްޗެއްކަމެއް ނޭނގެ އެވެ.
މި ދިރާސާގައި ބެލި 66 ސައިޑް އިފެކްޓްގެ ތެރެއިން ސްޓެޓިންސް ބޭނުންކުރުމާ ގުޅުމެއް ހުރިކަމަށް ފެނުނީ އެންމެ ހަތަރު ކަމެކެވެ. އަދި އެއީވެސް ވަރަށް މަދު ބަލިމީހުންގެ ފަރާތުންނެވެ.
އެ ހަތަރު ކަމަކީ:
- ލިވަރ ޓެސްޓަށް އަންނަ ބަދަލުތައް،
- ފުރަމޭގެ ކުދި މައްސަލަތައް،
- ކުޑަކަމުދާ ތަކެއްޗަށް އަންނަ ބަދަލުތައް، އަދި
- ހަށިގަނޑުގެ ޓިޝޫތައް ދުޅަވުމެވެ.
ހެޕަޓައިޓިސް ނުވަތަ ފުރަމޭ ފެއިލްވުން ފަދަ ސީރިއަސް ބަލިތައް އިތުރުވެފައި ނުވާތީ، ލިވަރ ޓެސްޓަށް އަންނަ ބަދަލުތަކުގެ ސަބަބުން ފުރަމޭގެ ބޮޑެތި މައްސަލަތަކެއް ދިމާނުވާކަން އެނގޭ ކަމަށް ދިރާސާ ގައި ބުނެފައިވެ އެވެ.
ސްޓެޓިންސް ބޭނުންކުރުމުން މަދުން ނަމަވެސް ހަށިގަނޑުގެ މަސްތަކަށް ގެއްލުން ލިބިދާނެ އެވެ. އަދި ހަކުރު ބަލީގެ ނުރައްކާ އޮންނަ މީހުންގެ ލޭގައި ހަކުރު ހުންނަ މިންވަރު ކުޑަކޮށް އިތުރުވެ، ހަކުރު ބަލި އަވަހަށް ޖެހުމަށް މަގުފަހިވެދާނެ އެވެ. ނަމަވެސް މިއީވެސް ވަރަށް ނާދިރު ކަންކަމެވެ.
މި ދިރާސާގެ އިސް މުސައްނިފު ޕްރޮފެސަރު ކްރިސްޓީނާ ރީތު ވިދާޅުވި ގޮތުގައި، ސްޓެޓިންސްގެ ރައްކާތެރިކަމާ މެދު އޮތް ބިރުވެރިކަމުގެ ސަބަބުން، މި ބޭހުގެ ފައިދާ ލިބެންޖެހޭ ގިނަ ބަޔަކު ބޭސް ބޭނުންކުރުމަށް ވަނީ ފަސްޖެހިފަ އެވެ.
"ސައިޑް އިފެކްޓްތަކާ މެދު އޮތް އޮޅުންބޮޅުމާއި ކަންބޮޑުވުންތަކުގެ ސަބަބުން، ގިނަ ބަޔަކު ބޭސް ފަށަން ބޭނުންނުވޭ ނުވަތަ ބޭސް ބޭނުންކުރުން ހުއްޓާލާ. މިއީ ވަރަށް ބޮޑު މައްސަލައެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ، ބޭސް ބޭނުންކުރާ މީހުންނަށް އެއްވެސް ކަމެއް ދިމާނުވަނީއެއް ނޫން ކަމަށާއި، ނަމަވެސް އާންމުކޮށް ދިމާވާ މައްސަލަތަކަކީ ސްޓެޓިންސްގެ ސަބަބުން ދިމާވާ ކަންކަން ނޫންކަމުގެ ވަރުގަދަ ހެކި މިހާރު އެބަހުރި ކަމަށެވެ.
"މި ދިރާސާއިން ޔަގީންކޮށްދެނީ، ގިނަ މީހުންނަށް މި ބޭހުން ލިބޭ ސައިޑް އިފެކްޓްތަކަށްވުރެ، ބޭހުން ލިބޭ ފައިދާ މާ ބޮޑުކަން،" އޭނާ ވިދާޅުވި އެވެ.
މި ދިރާސާގައި އިސްކޮށް މަސައްކަތް ކުރެއްވި ޕްރޮފެސަރު ސަރ ރޯރީ ކޮލިންސް ވިދާޅުވީ، ބޭސް ފޮށިތަކުގައި ހުންނަ މައުލޫމާތު ކަރުދާސްތަކުގައި ލިޔެފައިވާ ގިނަ ސައިޑް އިފެކްޓްތަކަކީ ސްޓެޓިންސްގެ ސަބަބުން ދިމާވާ ކަންކަން ނޫންކަން މިހާރު އެނގިފައިވާތީ، ބަލިމީހުންނާއި ޑޮކްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން އެ މައުލޫމާތުތައް އަވަހަށް އިސްލާހުކުރަން ޖެހޭ ކަމަށެވެ.
ބްރިޓިޝް ހާޓް ފައުންޑޭޝަންގެ ޕްރޮފެސަރު ބްރަޔަން ވިލިއަމްސް ވިދާޅުވީ، ސާބިތުނުވާ ސައިޑް އިފެކްޓްތަކުގެ ވާހަކަތަކުގެ ސަބަބުން ގިނަ ބަޔަކަށް ސްޓެޓިންސްގެ ފައިދާ ނުލިބިދާ ކަމަށެވެ.
"ބޭސް ސިޓީ ލިޔެދޭ ފަރާތްތަކަށް ވެސް މި ނޭދެވޭ ވާހަކަތަކުގެ ނުފޫޒު ވަނީ ފޯރާފައި. މި ދިރާސާގެ ނަތީޖާއާ މެދު އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަން. މި ހޯދުންތަކުގެ ސަބަބުން ވަރަށް ބޮޑު އިތުބާރެއް ލިބިގެންދާނެ،" ޕްރޮފެސަރު ވިލިއަމްސް ވިދާޅުވި އެވެ.
ސްޓެޓިންސް އަކީ ފުރާނަ ސަލާމަތްކޮށްދޭ ބޭހެއްކަން ތަޖުރިބާކާރުން ފާހަގަކުރެ އެވެ. ނަމަވެސް ބޭސް ބޭނުންކުރުމުގައި އެއްވެސް މައްސަލައެއް ދިމާވާނަމަ ޑޮކްޓަރާ މަޝްވަރާކުރުމަށް އިރުޝާދުދެ އެވެ.
މަސްދަރު: ބީބީސީ






