މަށިމާލި ޕެރޭޑް އޭރު ސަޅިވި އާޒިމާއަށް، މިހާރު އެ ޕެރޭޑުން އުފާވެރިކަމުގެ ރޫހު ވަނީ ޚަރާބު!
ކުޅުދުއްފުށީގެ މަށިމާލި ޕެރޭޑަށް ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ފާޑުވިދާޅުވި. އާޒިމާ ވަނީ މީގެ ކުރިން މި ހަރަކާތަށް ތައުރީފު ކުރައްވާފަ. ނަމަވެސް، މިހާރުގެ ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން އާޒިމާގެ ރާގު ބަދަލުވީ އަމިއްލަ ސިޔާސީ މަންފާއަށްޓަކައި ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ. މިއީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް، އޭރެއްގައި އޮންނަ ވެރިކަމަކާ އޮންނަ ގާތްކަމެއްގެ މައްޗަށް ބިނާވެގެން އައި ބަދަލެއްކަން މިކަމުން ހާމަވާ ކަމަށް ވެސް އެ ފަރާތްތަކުން ބުނޭ.


ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރު | އަވަސް.އެމްވީ
ހދ. ކުޅުދުއްފުށީގައި ކޮންމެ އަހަރެއްގެ ބޮޑު އީދާ ދިމާކޮށް ބާއްވަމުން އަންނަ މަށިމާލި ޕެރޭޑަކީ ރާއްޖޭގެ ސިޔާސީ، އިގުތިސާދީ އަދި އިޖުތިމާއީ މަސްރަހު އޮތްގޮތް ތަފާތު، މަޖާ ގޮތަކަށް، ތަފާތު މާލިތަކުން ދައްކުވައިދޭ، މުޅި ރާއްޖޭގެ ސަމާލުކަން ހުއްޓޭ ވަރަށް ފާހަގަކޮށްލެވޭ ހަރަކާތެކެވެ. ނަމަވެސް، މި ފަހަރުގެ ބޮޑު އީދުގައި ބޭއްވި ޕެރޭޑާ ގުޅިގެން، ކުރީގެ ބަންޑާރަ ނައިބު އަދި ސިޔާސީ ގޮތުން ފާހަގަކޮށްލެވޭ ގާނޫނީ ވަކީލު ޢާއިޝަތު ޢާޒިމާ ޝަކޫރު ވަނީ މި ހަރަކާތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ހިތްހަމަނުޖެހުން ފާޅުކުރައްވާފަ އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އާޒިމާ ވިދާޅުވީ، އެހެން މީހުން ދެކޭގޮތް އެނގިވަޑައި ނުގެންނެވި ނަމަވެސް، މަށިމާލި ޕެރޭޑުގެ ސަބަބުން މުޅި ރާއްޖެއިން ފެންނަމުންދާ އީދުގެ އުފާވެރި އިޖުތިމާއީ ރޫހު މުޅިން ޚަރާބުވެގެންދާ ކަމަށް ގަބޫލުކުރެއްވޭ ކަމަށެވެ. އަދި އީދަކީ އާއިލީ އަދި މުޖުތަމައުގެ ގުޅުން ބަދަހިކޮށްދޭ މުނާސަބަތެއް ކަމަށް ވިދާޅުވެ، މި ހަރަކާތުގެ ސަބަބުން އީދުގެ އަސްލު މަގުސަދާއި ރޫހަށް ބުރޫއަރާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.
ނަމަވެސް، މިއީ އެއްވެސް އޮއްޓަރެއް ނެތް، އަދި އަމިއްލަ އެދުމާއި ސިޔާސީ މަންފާއަށް ބުރަވެ ހުރެ ދައްކާފައިވާ ވާހަކަތަކެއްކަން ހާމަވަނީ މީގެ ކުރިން މި ހަރަކާތާ މެދު އާޒިމާ ގެންގުޅުއްވި މުޅިން ތަފާތު ރާގުގެ ސަބަބުންނެވެ. އެގޮތުން 2019 ވަނަ އަހަރުގެ ބޮޑު އީދާ ދިމާކޮށް ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި އާޒިމާ ވަނީ މަށިމާލި ޕެރޭޑަކީ ރާއްޖޭގެ ސަގާފީ ހަރަކާތްތަކުގެ ތެރެއިން "ވަރަށް ފުރިހަމަ އަދި ވަރަށް ސަޅި" ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި އެކަމަށް އިންތިހާއަށް ތައުރީފު ކުރައްވާފަ އެވެ.
އޭރު ގައުމުގެ ވެރިކަމުގައި އެހެން ބަޔަކު ތިބެގެން ސިޔާސީ މަސްރަހަށް ފާޑުކިޔައި މާލިތައް ނެރުނުއިރު ސަގާފީ އަދި "ސަޅި" ހަރަކާތަކަށްވި ޕެރޭޑު، މިއަދު ކުއްލިއަކުން އީދުގެ ރޫހު ޚަރާބުކުރާ އެއްޗަކަށް މިވީ ކީއްވެގެންތޯ މިއީ މިއަދު އުފެދޭ އެންމެ ބޮޑު ސުވާލެވެ.
އެއް މައުޟޫއެއްގައި، އެއް ހަރަކާތަކަށް އަމާޒުކޮށް އާޒިމާގެ ބަސްމަގު މިހާ ބޮޑަށް ބަދަލުވެގެން ދިއުމަކީ އާޒިމާގެ ސިޔާސަތު ވަރަށް ރީއްޗަށް ހާމަކޮށްދޭ ކަމެކެވެ. މިއަދު އާޒިމާގެ ރާގު ބަދަލުވެ، މި ހަރަކާތް ކަމުނުދިޔަ މައިގަނޑު ސަބަބަކީ މިހާރު ގައުމުގެ ވެރިކަމުގައި އޮތް ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރައްވަމުންދާތީ ކަމަށް އެތައް ބަޔަކު އެބަ ބުނެ އެވެ. މިފަހަރުގެ ޕެރޭޑުގައި ސަރުކާރުގެ ނާގާބިލުކަމާއި، ސިޔާސީ ގޮތުން ހިނގާ ނޭދެވޭ ކަންކަމަށް އަމާޒުކޮށް ފާޑުކިޔުންތައް އަމާޒުކޮށްފައި ހުރުމުން، އަމިއްލަ ޖީބަށް ވަންނަ ފައިސާއާއި މަގާމުގެ ދިފާއުގައި އާޒިމާ އަށް މިވަނީ ކުރިން "ސަޅި" ވި ހަރަކާތް، އުފާވެރިކަން ޚަރާބުވާ ހަރަކާތަކަށް ވެފަ އެވެ.
އެއް ކަމެއްގައި އާޒިމާގެ ބަސް މިގޮތަށް ދެގޮތަށް އައުމުން، ދެން ވިސްނާލަންވީ އާޒިމާމެން ފަދަ ސިޔާސީ މީހުން ގައުމީ އަދި ގާނޫނީ ކަންކަމުގައި ވަކާލާތު ކުރާނެ ގޮތާއި، ދޭނެ ލަފާ އޮންނާނެ ގޮތާއި މެދެވެ. މިއަދު އެނގިގެން މިދިޔައީ އާޒިމާ ފަދަ ބޭފުޅުންގެ ހަމަތަކާއި އުސޫލުތައް ބަދަލުވަނީ ގައުމީ މަސްލަހަތަށްވުރެ ބޮޑަށް، ވެރިކަމުގެ ބާރުތަކާ އެމީހުންނާ އޮންނަ ގާތްކަމެއްގެ މައްޗަށް ބިނާވެގެންކަމެވެ.
ކުޅުދުއްފުށީ މަށިމާލި ޕެރޭޑަކީ އަބަދުވެސް ތަފާތު، ރައްޔިތުންގެ އަޑު އިއްވައިދޭ މިނިވަން، އަދި ހަގީގަތުގައި ވެސް ސަޅި ޕެރޭޑެކެވެ. ނަމަވެސް، ސިޔާސީ އޮއިވަރުގައި ޖެހި، އަމިއްލަ ފައިދާއަށް ބަލައިގެން ވާހަކަދައްކާ އާޒިމާ ފަދަ ފަރާތްތަކުގެ ބަސްމަގުން އެނގެނީ، އެބޭފުޅުންގެ އަގަކީ ހަމައެކަނި އެއިރެއްގައި އޮންނަ ވެރިކަމަކާ ގުޅިފައިވާ މިންވަރެއް ކަމެވެ.





