ސަރުކާރަށް ހަޖަމްނުވި "މާލި ޕެރޭޑް". ދިފާއަށް ދީނީ ކާޑު
ކުޅުދުއްފުށިން ކޮންމެ އަޟްހާ އީދަކާ ދިމާކޮށް ނެރޭ މާލި ޕެރޭޑް މިއަހަރުވެސް ވަނީ ނެރެފައެވެ. އާދައިގެ މަތިން ސަރުކާރަށް ފާޑުކިޔައި ތަފާތު މާލިތައް މިފަހަރުވެސް ވަނީ ނެރެފައެވެ.


ކުޅުދުއްފުށީ މާލި ޕެރޭޑްގެ ތެރެއިން ނަގާފައިވާ ފޮޓޯ އެއް | ކުޅުދުއްފުށި ސިޓީ ކައުންސިލް
ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދާ ގުޅުވައިގެން ކުޅުދުއްފުށިން ނެރޭ "މަށިމާލި ޕެރޭޑަކީ" އިއްޔެއަކު މިއަދަކު ނެރެންފެށި އެއްޗެއް ނޫނެވެ. އެޕެރޭޑެއް ބާއްވާތާ މިހާރު އެތައް އަހަރެއް ވަނީއެވެ. ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ އެޕެރޭޑަކީ އާދައިގެ ޕެރޭޑެއް ނޫނެވެ. ޕެރޭޑް ޚާއްޞަ ވަނީ އެއިރެއްގައި ހިނގާ އެންމެ ބޮޑު ސިޔާސީ ކަންކަމާއި ގުޅޭ ގޮތުން މާލިތަކުގެ ގޮތުގައި ދައްކާލުމެވެ. އެއިރެއްގައި އޮންނަ ސަރުކާރަކުން ވެފައިވާ ވައުދުތަކުގެ ވާހަކައާއި ސަރުކާރުގެ ބޮޑުންގެ ކަންކަން ހުންނަ ގޮތުގެ ވާހަކަ އެޕެރޭޑްގައި އަބަދުވެސް ދައްކަމުން އާދެއެވެ. އިދިކޮޅު މީހުން ކުރާ ކަންކަމަށްވެސް އެޕެރޭޑްގައި ބަލާލާފައި ހުންނަކަމީ ވަކިކޮޅަކަށް ބުރަނުވެ ލޮނުހެޔޮވަރު ކޮށްފައިވާ ކަމުގެ އެއް ދަލީލެވެ.
ވަކި ބަޔަކަށް ނިސްބަތްނުވެ ކުޅުދުއްފުށީގެ ގިނަބަޔަކު ބައިވެރިވެގެން ނެރޭ މި މާލި ޕެރޭޑްގައި ހުރިހާ ސިޔާސީ ފިކުރެއްގެ މީހުންވެސް ބައިވެރިވެއެވެ. އެކަމަކު އެވެރިންގެ އަމާޒަކީ މަޖާ ގޮތަކަށް، މުނިފޫހި ފިލާނޭ ބީދައަކަށް އެހެނަސް ކަންކަމަށް ފާޑު ކިޔާލުމެވެ. ނުފުއްދި ހުންނަ ވައުދުތައް ހަނދާން ކޮށްދިނުމެވެ. އެންމެ ހިނގާ ސިޔާސީ ކަންކަމަށް ޖޯކު ޖަހާލުމެވެ. ތަފާތު ހެދުން އަޅައިގެންނެވެ. ތަފާތު ފުޅަނދާއި ބައެއް ތަކެތި ދައްކާލައިގެންނެވެ. ދެފަށް މާނައިގާ ލިޔެފައި ހުންނަ މެސެޖްތަކާވެސް އެކުގައެވެ.
ގިނަބަޔަކު އިންތިޒާރު ކުރަމުން އައި މިއަހަރުގެ މާލި ޕެރޭޑްގައިވެސް ވަނީ މިހާރު އެންމެ ވައިގާ ހިފާފައިވާ ކަންކަމަށް ވަރަށް ފުރިހަމަ މާލި ތަކަކުން ޖޯކު ޖަހާފައެވެ. އެވާހަކަތައް ސިފަކޮށް ތަފާތު މާލިތަކެއް ނެރެފައެވެ. ސިޔާސީ ކެރެކްޓަރ ތަކެއް ދައްކާލާފައެވެ. "މައްޗަށް ނާރާ ޑޮލަރެވެ". "ފެންނަ ނުފެންނަ ވޯޓެވެ" . "އުނބު ޓާނެވެ". "ވަޑިފަތި ޖޯއްޔެވެ". "މަންޖެގެ ކޯލް ލޮގެވެ". ދަންވަރަށް ގުޅާ މީހާއެވެ". " ކަޅުދިގު އެއްޗެވެ. "ކަރަންޓް ރަހަލާ މަސްދަޅެވެ". "ބޮޑުވި ކަރަންޓް ބިލެވެ" "ކެމްޕެއިން ބިންގަލެވެ. "ރައްޔިތުން ލޮއްސި ޖާދޫގެ ބިންގާ އޮޑި"އެވެ. " ތިން މޯ ސައްލާ" އެވެ. "ނޫސްވެރިޔާގެ އެއަރޕޯޓް މީޓިންގ އެވެ" "އެޑްވާންސް ޓީމެވެ" . ފިނި ކިލާސް ރޫމެވެ. "ތަރައްގީ ފަކީރާއެވެ". "ޑިގްރީ ގްރާފެވެ" "ބޭކާރު ހުދު ގަމީހެވެ". "ކުޅުދުއްފުށީ ބޮޑު ޓާމިނަލެވެ" . "58 އެލް ޕްރޮޖެކްޓެވެ." " ވެއްޓުނު ފޫވަކެވެ" މިހެންގޮސް ތަފާތު އެތައް އެތައް މާއްޔެކެވެ.
މާލިތަކުގެ ވީޑިއޯތައް ލައިވްކޮށް އަދި އޭގެ ފަހުން ސޯޝަލް މީޑިޔާގައި އަތުފަތުނުޖެހި އެދަނީ އެނބުރެމުންނެވެ. ގިނަ ބަޔަކަށް ވަރަށް ކަމުގޮއްސިއެވެ. އެކަމަކު ކަމުނުދިޔައީ ސަރުކާރަށް ތާއީދުކުރާ މީހުންނަށެވެ. އެންމެ އަޅައިގަތީ ކުރީގެ ބަންޑާރަ ނައިބު އަދި ރައީސް މުއިއްޒުގެ އާއިލީ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރުގެ ޕޯސްޓެވެ. އާޒިމާ ބުނިގޮތުންނަމަ ކުޅުދުއްފުށީ މާލި ޕެރޭޑުގެ ސަބަބުން މުޅި އީދު ހަރާބު ވެއްޖެއެވެ. އާޒިމާގެ މި ޕޯސްޓަށް މީހުން ފާޑު ކިޔަންފެށީ ތިޔަހެނެއް ނޫނެވެ.
އާޒިމާއާ ހަމަޔަކުން ނުނިމުނެވެ. ހީވީ ދަށް އުޑުން ބާރަށް ގުގުރަން ފެށިހެންނެވެ. އިސާހިތަކު ސަރުކާރަށް ތާއީދުކުރާ ޝެއިޚުންގެ ޕޯސްޓްތައް އޮހިގަތެވެ. ދީނީ ގޮތުން ހުއްދަ ނޫން ކަމެއްގެ ގޮތުގައި ސިފަ ކޮށްފައެވެ. އިސްލާމްދީނުގައި އެއީ ނެރޭން ހެޔޮވާ ވަރުގެ މާލިތަކެއް ނޫންކަމަށް ބުނެއެވެ.
ޕެރޭޑާ ގުޅޭ ގޮތުން ނުސީދާކޮށް ވާހަކަ ދައްކަމުން، ޝެއިހު އަލީ ޒައިދު ބުނީ އެ ޕެރޭޑުން ފެނުނީ "ޝައިތާނީ އަމަލުތަކެއް" ކަމަށެވެ.
"އިޖުތިމާއީ އަހުލާގުން ބޭރުވެ، މީހުންނާ ފޮށި، ފުރައްސާރަކޮށް ހެދުމުގެ މައްޗަށް ބިނާކޮށްފައިވާ ހުތުރު އަމަލުތަކަކީ މުނިފޫހި ފިލުވުމެއް ނޫން ކަމަށާއި އެހެނެއްކަމަކު އެއީ ހުތުރުވެގެންވާ ޝައިތާނީ އަމަލުތަކެއް ކަމަށް ޒައިދު ވިދާޅުވިއެވެ. މިފަދަ ނުބައި ކަންކަން ހިންގުމުން ދޭހަވަނީ އެބައެއްގެ އަހުލާގުގެ ފެންވަރު،" ކަމަށްވެސް އެކްސްގައި ކުރި ޕޯސްޓެއްގައި ޒައިދު ބުންޏެވެ.
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު ވެސް ވަނީ މަށި މާލި ޕެރޭޑަށް ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ.
"އީދު ފާހަގަކުރުން ކުރިއަށް ގެންދަންވާނީ އިސްލާމީ ސަގާފަތާއި ހިލާފުނުވާ ގޮތުގެ މަތިންކަން މުސްލިމުން ހަނދާންކުރަންވާނެ ކަމަށާއި ކުޅިވަރުކުޅުމާއި އުފާވެރިކަން ފާޅުކުރުމުގައި އިސްލާމީ އީދެއްގެ މަތިވެރިކަން ދަމަހައްޓައި އިސްލާމީ އަހުލާގާއި ރިވެތި އުސޫލުތަކަށް ރައްކާތެރިވާންވާނެ،" ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވެފައިވެ އެވެ.
ކޮންމެއަކަސް މިފަހަރުވެސް ކުޅުދުއްފުށިން ނެރުނު މަށިމާލި ޕެރޭޑަކީވެސް ގިނަ ބަޔަކަށް ކަމުދިޔަ ޕެރޭޑެކެވެ. ސަރުކާރާއި ސަރުކާރަށް ތާއީދު ކުރާ މީހުންނަށް ހަޖަމް ނުވިއަސް އެ ޕެރޭޑް ލައްކަ ވައިގަ ހިފައިފިއެވެ. ސަރުކާރަށް ތާއީދުކުރާ ދީނީ އިލްމުވެރިން ދީނީ ގޮތުން ކަން އޮންނަ ގޮތް މިފަހަރު ވިދާޅުވިއިރު އެވެރިންނަށް ނޭނގުނު ކަމަކީ މިއީ އަލަށް ނެރޭ މާލިތަކެއް ނޫންކަމެވެ. އެ ޝެއިޚުންވެސް މީގެ ކުރިން އެއްޗެއް ވިދާޅު ނުވެ ހަނު ތިއްބެވީމާ ސިފަ ވަނީ މާލި ޕެރޭޑްގެ ދިފާއުގައި މިފަހަރު ސަރުކާރުން ކުޅެން އެފެށީ ދީނީ ކާޑެއް ކަމެވެ. ބޭނުން ކުރަން އެފެށީ ސަރުކާރަށް ތާއީދު ކުރާ ބައެއް ޝެއިޚުން ކަމެވެ.






