މޭޔަރު ކަމުގެ ރޭހަށް އެމްޑީޕީ އިން ވަރުގަދަ ތަޖުރިބާ ހުރި ޓީމެއް! އެމްޑީޕީ އިން ސިޓީތަކުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ވިދާޅުވަނީ ކީކޭ؟
މާލޭ، އައްޑޫ، ފުވައްމުލައް، ކުޅުދުއްފުށީ އަދި ތިނަދޫ ސިޓީތަކުގެ މޭޔަރުން ވިދާޅުވީ ކުޑަ ބަޖެޓުން ގިނަ މަސައްކަތްތައް ކުރުމުން ރައްޔިތުންގެ އިތުބާރު ލިބިފައިވާ ކަމަށް. މޭޔަރުންގެ ތަޖުރިބާ އާއި ޓްރެކް ރެކޯޑާ އެކު އިންތިޚާބުގައި ވާދަކުރުމަކީ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށް މޭޔަރުން ވިދާޅުވޭ.


ސިޓީތަކުގެ މޭޔަރުން - އައްޑޫގެ މޭޔަރ ނިޒާރު، މާލޭގެ މޭޔަރ އާޒިމް، ތިނަދޫގެ މޭޔަރ އާދަމް އާޒިމް، ކުޅުދުއްފުށީ މޭޔަރ އާތިފް، ފުވައްމުލައް މޭޔަރ އިސްމާއީލް. | ސޯޝަލް މީޑިއާ
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި މިހާރު ސިޓީތަކުގެ މޭޔަރުކަން ކުރަމުންދާ މޭޔަރުން ވާދަކުރުމަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސިޓީތަކުގެ މެޖޯރިޓީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ހޯދުމަށް ލިބުނު ބޮޑު ބާރެއް ކަމަށް މޭޔަރުން ބުނެފި އެވެ.
މާލޭ ސިޓީ ގެ މޭޔަރ އަދި މޭޔަރކަމަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދަމް އާޒިމް ވިދާޅުވީ، ސަރުކާރަށް ލިބޭ ބޮޑު ބަޖެޓުން ކަންކަން ނުކޮށްދީ ތިއްބާ، ކައުންސިލްތަކަށް ލިބޭ ކުޑަ ކުޑަ ބަޖެޓުން ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ރައްޔިތުން ބޭނުންވާ ގޮތަށް ތަރުތީބުން ހިނގުމަކީ އެއީ ސަރުކާރަށް ބޮޑު ޗެލެންޖަކަށް ވެގެންދާނެ ކަަމަށް އޭނާ ވިދާޅުވިއެވެ. މާލޭގައި ވެސް މޭޔަރުކަމުގައި ވީ ދޮޅު އަހަރު ތެރޭގައި ކަންކަން ކުރެވޭނެ މޭޔަރެއްގެ ގޮތުގައި އާޒިމް ބަލައިގަނެފައިވާ ކަމަށް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
ޕަރފޯމް ކުރާ މޭޔަރުން ތިބީމަ ސަރުކާރަށް އުނދަނގޫ ވަނީ. އާއްމުން ބޭނުން ވަނީ ރަނގަޅު ޓްރެކް ރެކޯޑެއް އޮތް މީހުން ލާން ތަންތަނަށް. އާއްމުންނަށް އެބަ ފެނޭ މޭޔަރުން ކަންކަން ކުރާކަން.މާލޭގެ މޭޔަރ އާދަމް އާޒިމް
އައްޑޫ ސިޓީ ގެ މޭޔަރ އަލީ ނިޒާރު ވިދާޅުވީ މޭޔަރުންނަށް އޮތް ތާއީދުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުން މޭޔަރުންގެ މަސައްކަތްތައް ކުރުމަށް މަގުފަހިކޮށްދީފައި އޮތުން ކަމަށެވެ. އަދި މިހާރު ތިބި މޭޔަރުންނަކީ ނަތީޖާ ނެރެދޭ ބައެއްގެ ގޮތުގައި އޭނާ ވަނީ ސިފަކޮށްފަ އެވެ. އަދި ކުރިއަށް އޮތް އިންތިޚާބުގައި ތަޖުރިބާ ހުރި މޭޔަރުންނާއި ވާދަކުރުން ވާނީ ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރަން ހުރި އެތައް ކަމަކަށް ފައިން އަރައިގެން ސަރުކާރުން މިހާރު ވެސް އެބަ ތިބި. މިއީ މިޑްޓަރމް އިލެކްޝަން ލޯކަލް ކައުންސިލް އިންތިޚާބަކީ. ސަރުކާރުން ވިއްކާނެ އެއްޗެއް ނެތް.އައްޑޫ ސިޓީ ގެ މޭޔަރ އަލީ ނިޒާރު
ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގް ވިދާޅުވީ ފުވައްމުލައް ކައުންސިލަކީ ސަރުކާރުތަކަށް އެއްބާރުލުން ދީގެން މަސައްކަތް ކުރާ ކައުންސިލެއް ކަމަށެވެ. އަދި އާއްމުން ކައުންސިލްގެ މަސައްކަތް ބަލައިގަންނަ ކަމަށް އޭނާ ވިދާޅުވި އެވެ. ސަރުކާރަށް ދެ އަހަރު ވީ އިރު ސަރުކާރަށް އިތުބާރެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރަށް އިތުބާރު ނެތްކަން އެބަ ފެނޭ. ކައުންސިލްތަކާއި ހެދި ކަންކަން ނުވި ކަމަށް ބުނި ނަމަވެސް އެއީ ހަގީގަތް ނޫންކަން އާއްމުންނަށް ވެސް އެބަ އެނގޭ. އެމްޑީޕީ އިން ނުކުމެ އިންތިޚާބު ކާމިޔާބުކުރުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް މި ވަނީ ސިޓީން މޭޔަރުން އިންތިޚާބުގައި ވާދަކުރުން.ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއިލް ރަފީގް
ކުޅުދުއްފުށީ ސިޓީ ގެ މޭޔަރ މުހައްމަދު އާތިފް ވިދާޅުވީ ސިޓީތަކުގެ ރައްޔިތުން ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ތަމްސީލްކުރުމަށް މިހާރު ތިބި މޭޔަރުން ހޮވުމަކީ އެއީ އެ ސިޓީތަކުގެ އެޑްމިނިސްޓްރޭޝަނާއި މެދު ހިތްހަމަޖެހޭ ކަން ހާމަވާ ކަމެއް ކަމަށެވެ. މުޅި އެމްޑީޕީ އަށް ސިޓީތަކުގެ މެޖޯރިޓީ ހޯދުމަށް ވަރަށް ބޮޑަށް މިކަމުން ބާރު ލިބޭ އޭނާ ވަނީ ވިދާޅުވެފަ އެވެ. އެމްޑީޕީ އަކީ ލާމަރުކަޒީ ނިޒާމަށް އެންމެ ފަރިތަ ޕާޓީކަން އާއްމުން ޤަބޫލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހާއި އެކު ސިޓީތަކުގެ ރައްޔިތުންނަށް އެނގޭ ކައުންސިލްތަކަށް ވަރަށް ބޮޑެތި ހުރަސްތަކެއް އަޅައިފިކަން. ކުޅުދުއްފުށީގެ ރައްޔިތުންނަށް އެނގޭނެ ކުރަން ހުރި އިގްތިސާދީ މަސައްކަތްތައް މި އަހަރަށް ތާވަލް ކުރިން. އެކަން ކުރަން އިތުރު ދައުރެއް ބޭނުންވޭ. ސަރުކާރަށް އެއްވެސް ސިޓީ އެއް ނުލިބޭނެ ކަމަށް އަޅުގަނޑަށް ފެންނަނީ.ކުޅުދުއްފުށީ ސިޓީގެ މޭޔަރ މުހައްމަދު އާތިފް
ތިނަދޫ ސިޓީ ގެ މޭޔަރ ސައުދު އަލީ ވިދާޅުވީ ސަރުކާރަށް އޮންނާނެ އެންމެ ބޮޑު ގޮންޖެހުމަކީ މިހާރު ސަރުކާރުން ހިންގާ ނޭދެވޭ ކަންކަން އެންމެ ރަނގަޅަށް އެނގޭނެ ބަޔަަކަށް މޭޔަރުން ވާނެ ކަމަށެވެ. ނިމިދިޔަ ސަރުކާރުން ޕްލޭންކޮށްފައި ހުރި ކަންކަން ނުކުރުމާއި، ކައުންސިލް ހިންގުމަށް ޤާނޫނުގައި ހުރި ގޮންޖެހުންތައް ވެސް މޭޔަރުންނަށް ވަރަށް ސާފުކޮށް އެނގޭ ކަމަށާއި އެކަންކަން އެނގޭ ބަޔަކާއި ވާދަކުރަން ސަރުކާރަށް އުނދަނގޫ ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުން މާޒީގައި ހިނގާފައި ހުރި ކަންކަމަށް ބަލާ ބަދަލަކަށް އަބަދު ކިޔުމުގެ ހިތި ރަހަ ލިބިފަ ތިބީ. ރައްޔިތުން ނިންމީ މަސައްކަތް ކުރާނެ ތަޖުރިބާ ހުރި ބަޔަކު ބޭނުން. އާ މޫނުތަކެއް ގެނެސްގެން ތަކުލީފުތަކަކަށް ވާނެ ކަމަށް ރައްޔިތުން ދެކެނީ.ތިނަދޫ ސިޓީ ގެ މޭޔަރ ސައުދު އަލީ
މިހާރު ގެ މޭޔަރުންނަކީ މަސައްކަތްތައް ކާމިޔާބުކަމާއި އެކު ފުރިހަމަ ކުރާ އިތުބާރު ކުރެވޭ ބައެއް ކަމަށް އާއްމުން ބުނެ އެވެ. އަދި ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ހަމައެކަނި ސަރުކާރުން ބުނާހާ ގޮތަކަށް ވޯޓު ދިނުމުގެ ބަދަލުގައި ޚާއްސަކޮށް ސިޓީތަކުން ޒިންމާދާރު ތަޖުރިބާ ތިބި ބަޔަކު ހޮވުން މުހިންމު ކަމަށް ވެސް ގިނަ ބަޔަކު ޤަބޫލުކުރެ އެވެ.
މާލޭ ގެ މޭޔަރ ކަމުގެ މަޤާމުގައި ހުންނެވި އާދަމް އާޒިމް މާލޭގެ މޭޔަރުކަމުގެ އެމްޑީޕީގެ ޓިކެޓް ކާމިޔާބުކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް އާއި ވާދަކޮށް ބޮޑު ފަރަގަކުން އިންތިޚާބު ކާމިޔާބުކުރައްވައިގެންނެވެ. އަދ ތިނަދޫ ގެ މޭޔަރ ސައުދު ޓިކެޓް ކަށަވަރު ކުރެއްވީ ކުރީގެ ތިނަދޫ ކައުންސިލްގެ ރައީސްކަން ކުރެއްވި ހުސީ އާއި ވާދަކޮށް ކުރިހޯދައިގެންނެވެ. ބާކީ ތިން ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ކައުންސިލް ގެ މޭޔަރުންނަށް ޓިކެޓް ކަށަވަރުވީ ޕްރައިމަރީ އަކާއި ނުލައެވެ.








