Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރްޓީއައި

އަހަރެއް ތެރޭގައި 233 އާރްޓީއައި އަށް ޖަވާބުދެއްވި ކަމަށް ވިދާޅުވިއިރު ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ދެވުނީ ކިތައް އާރްޓީއައި އަށް ކަމެއް ތަރުޖަމާނަކަށް ނޭނގޭ

ފާއިތުވި އެއް އަހަރު ތެރޭގައި ރައީސް އޮފީހަށް ހުށަހެޅި 288 އާރުޓީއައިގެ ތެރެއިން 233 ފޯމަށް ޖަވާބު ދީފައިވާ ކަމަށް ސަރުކާރުން ބުނި ނަމަވެސް، ގާނޫނީ މުއްދަތުގައި ޖަވާބުދިން އަދަދު ތަރުޖަމާނަކަށް އެނގިވަޑައިނުގެންނެވި. މައުލޫމާތު ހޯދުމުގެ ހައްގުގެ ނާޖާއިޒު ފައިދާ ނަގާ ކަމަށް ސަރުކާރުން ތުހުމަތު ކުރާއިރު، އިންފޮމޭޝަން ކޮމިޝަނަރު ވިދާޅުވީ ދައުލަތުގެ އިދާރާތަކުން ގާނޫނީ ޒިންމާ އަދާނުކުރުމަކީ މާ ބޮޑު މައްސަލައެއް ކަމަށް. އަދި ސަރުކާރުގެ އެއްވެސް ވުޒާރާއަކުން މައުލޫމާތު ހާމަކުރުމުގެ އެންމެ ދަށް މިންގަނޑަށް ވެސް އަމަލުނުކުރާކަން ކޮމިޝަނަރު ފާހަގަކުރެއްވި.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 23 މެއި 2026 | ހޮނިހިރު 13:26
ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު)

ސަރުކާރުގެ ޗީފް ސްޕޯކްސްޕަރސަން މުޙައްމަދު ހުސައިން ޝަރީފް (މުންދު) | ރާއްޖެ އެމްވީ

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ފާއިތުވި 1 އަހަރު ދުވަހުގެ ތެރޭގައި ރައީސް އޮފީހަށް ހުށަހެޅި 233 އާރުޓީއައި ފޯމަށް ޖަވާބުދީފައިވާ ކަމަށް ވިދާޅުވި ނަމަވެސް ގާނޫނުގައި ބުނާ 21 ދުވަހުގެ މުއްދަތުގައި ޖަވާބުދީފައިވަނީ ކިތަށް އާރްޓީއައި އަށް ކަމެއް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) އަކަށް ވިދާޅެއް ނުވެވުނެވެ. 

މި މަހުގެ 7 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މުންދު ވިދާޅުވީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން ޑިސެންބަރު މަހުގެ ނިޔަލަށް 182 އާރުޓީއައި ލިބުނުއިރު 170 އާރުޓީއައި އަށް ޖަވާބު ދީފައިވާ ކަމަށެވެ. އަދި މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި އަހަރުގެ މިހާތަނަށް 106 އާރްޓީއައި ލިބިފައިވާއިރު، 63 އާރްޓީއައި އަށް ޖަވާބު ދީފައިވާ ކަމަށެވެ.

Advertisement - newsAdvertisement

މުންދު ވިދާޅުވީ ޖުމްލަ 288 އާރްޓީއައި ރައީސް އޮފީހަށް 1 އަހަރުގެ ތެރޭގައި ލިބިފައިވާއިރު 233 އަށް ޖަވާބު ދެވިފައިވާ ކަމަށެވެ. އޭރު ޖަވާބު ނުދެވި ބާކީ 55 އާރްޓީއައި ހުރި ކަމަށް ވެސް މުންދު ވިދާޅުވި އެވެ. 

މިކަމާ ގުޅިގެން މި މަހުގެ 8  ވަނަ ދުވަހު ރާއްޖެޓީވީ އިން ވަނީ ރައީސް އޮފީހަށް ހުށަހެޅި 288 އާރްޓީއައި ގެ ތެރެއިން 233 އާރުޓީއައި ފޯމަށް ޖަވާބު ދީފައިވާ ކަމަށް މުންދު ވިދާޅުވި އިރު ގާނޫނުގައި ބަޔާން ކުރާ 21 ދުވަހުގެ ތެރޭގައި ޖަވާބު ދީފައި ވަނީ ކިތައް އާރްޓީއައި ފޯމަށްތޯ ސުވާލު ކޮށްފަ އެވެ. އެ ސުވާލަށް މުންދު ޖަވާބު ދެއްވާފައިވަނީ އޭގެ 14 ދުވަސް ފަހުން މި މަހުގެ 22 ވަނަ ދުވަހުގަ އެވެ. 

މުންދު ވިދާޅުވީ ގާނޫނުގައި ބަޔާން ކުރާ 21 ދުވަހުގެ ތެރޭގައި ޖަވާބު ދީފައިވަނީ ކިތައް އާރްޓީއައި އަށް ކަމަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކަން ހޯދުން ވާނީ އުނދަގޫ ކަމަކަށް ކަން ފާހަގަ ކުރައްވާ މުންދު ވިދާޅުވީ އެކަން ހޯދާނަމަ އަލުން ހުރިހާ ފަރާތްތަކާއެކު އެއް މޭޒަކަށް އަރަން ޖެހޭނެ ކަމަށެވެ. 

އެ ސުވާލަށް އިތުރަށް ޖަވާބުނުދެއްވާ މުންދު ވިދާޅުވީ އެއަށް ވުރެ މުހިއްމު ކަމަކީ ކުރިން ދެންނެވި 55 އާރްޓީއައި އަށް ވެސް ޖަވާބު ދީ ނިންމާފައިވުން ކަމަށެވެ. 

އާރުޓީއައިތަކާއި ގުޅޭގޮތުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ދެއްކެވި ވާހަކައާއި ގުޅިގެން، އިންފޮރމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ވިދާޅުވީ ސަރުކާރުގެ އެންމެ ވުޒާރާއަކުން ވެސް، އިސްވެ މައުލޫމާތު ހާމަކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ އެންމެ ދަށް މިންގަނޑަށް ވެސް އަމަލުކޮށްފައެއް ނުވާ ކަމަށާއި، މިހާތަނަށް ސަރުކާރުގެ 76 އިންސައްތަ މައްސަލަތަކަށް ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

މައުލޫމާތަށް އެދޭ ބައެއް ފަރާތްތަކަކީ "އަސްލު މީހުން" ނޫން ކަމަށް ވެސް މުންދު ތުހުމަތު ކުރައްވާފައިވާއިރު މިކަމާ ގުޅިގެން އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގައި، މައުލޫމާތު ދޭން އިންކާރު ކުރެވޭނެ ވަކި ހާލަތްތަކެއް ސާފުކޮށް ބަޔާންކޮށްފައިވެ އެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެ ނަމަ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި އެކަން އެ ފަރާތަކަށް އަންގަން ޖެހެ އެވެ. މައުލޫމާތަށް އެދޭ ފަރާތާމެދު ސުވާލު އުފެދުނު ކަމުގައި ވިޔަސް، އެއްވެސް ޖަވާބެއް ނުދީ ހަނުހުރުމަކީ ގާނޫނީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އާހިދު ވިދާޅުވި އެވެ. 

އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވެސް ވަނީ އާރްޓީއައި ގާނޫނުގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް ތުހުމަތު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ ހުށަހެޅުންތައް އައުމުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ބާރު ބޮޑުވަމުންދާ ކަމަށެވެ.

މިކަމަށް ރައްދު ދެއްވަމުން އިންފޮމޭޝަން ކޮމިޝަނަރު އާހިދު ވިދާޅުވީ، ގާނޫނުގެ ނާޖާއިޒު ފައިދާ ނިޒާމީ ގޮތެއްގައި ނަގަމުންދާ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. އަދި އެއަށްވުރެ ބޮޑު މައްސަލައަކީ މައުލޫމާތު ހާމަކުރުމަށް ދައުލަތުގެ އިދާރާތަކުން އަދާކުރަންޖެހޭ ގާނޫނީ ޒިންމާތައް އަދާނުކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އާހިދު ރަޝީދުމައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްޤުގެ ގާނޫނޫރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސެއިން ޝަރީފް (މުންދު)

އިތުރަށް ކިޔާލަން

22 މެއި 2026

4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި

22 މެއި 2026
4 ޑައިވަރުންގެ ހަށިގަނޑު އިޓަލީ އަށް ފޮނުވާލަން ނިންމައިފި
21 މެއި 2026

ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި

21 މެއި 2026
ވަޒީފާ އާއި ބެހޭ ޓްރައިބިއުނަލްގެ ރައީސް އިސްތިއުފާ ދެއްވައިފި
20 މެއި 2026

ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!

20 މެއި 2026
ދައުލަތުގެ އިދާރާތަކުގެ އަމިއްލަ އިސްނެގުމަށް ހާމަކުރަން ޖެހޭ މައުލޫމާތުގެ ތެރެއިން ރައީސް އޮފީހުން ހާމަކުރީ އެންމެ 38 އިންސައްތަ މައުލޫމާތު!
19 މެއި 2026

ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު

19 މެއި 2026
ރައީސް އޮފީހުގައި ހިނގާ ކަންކަން ރިޕޯޓްކުރާ ނޫސްވެރިން ކުރިމަތިލާންޖެހޭ ކޮންމެ ކަމެއްގައި އެކީގައި ތިބޭނަން: ރައީސް ސޯލިހު
19 މެއި 2026

ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!

19 މެއި 2026
ސަރުކާރުގެ އިޤްތިސާދީ އިސްލާޙީ އެޖެންޑާގެ މަސައްކަތްތައް 2024 ވަނަ އަހަރުން ފެށިގެން ހުއްޓިފައިވާކަމަށް ރައީސް އޮފީހުން ބުނި، ނަމަވެސް ވަޒީރު ވިދާޅުވީ އެ މަސައްކަތް ކުރިއަށްދާކަމަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު