ޕޮލެންޑަށް އިތުރު 5،000 ސިފައިން ފޮނުވަން ޓްރަމްޕް ނިންމަވައިފި
ޕޮލެންޑުގެ ރައީސް ކަރޯލް ނައުރޮކީއާ އޮތް ގާތް ގުޅުމުގެ ސަބަބުން އެ ގައުމަށް އިތުރު 5،000 ސިފައިން ފޮނުވަން ރައީސް ޓްރަމްޕް ނިންމެވިއިރު، މިއީ ޖަރުމަނާ އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން އެ ގައުމުން ބާލާ ސިފައިން ކަމެއް އަދި ސާފެއް ނުވޭ. ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން ޔޫރަޕްގައި ތިބޭ ސިފައިން މަދުކުރަން ނިންމާފައިވީ ނަމަވެސް، ޕޮލެންޑުން ވަނީ އެމެރިކާގެ އަސްކަރީ އެހީތެރިކަމަށް ވަރަށް ބޮޑަށް މަރުހަބާ ކިޔާފައި. ނޭޓޯގެ ބައެއް ގައުމުތަކުން އީރާނާ ދެކޮޅަށް އެމެރިކާއަށް އެއްބާރުލުން ނުދޭތީ ޓްރަމްޕް ފާޑުވިދާޅުވަމުން ގެންދަވާއިރު، ޖަރުމަނުން ސިފައިން ބޭލުމަށް ނިންމި ނިންމުމާ މެދު އެމެރިކާގެ ބައެއް ސިޔާސީ ބޭފުޅުން ދަނީ ކަންބޮޑުވުން ފާޅުކުރަމުން.

އެމެރިކާގެ ސިފައިން އެކި ގައުމުތަކުގައި ގާއިމުވެ ތިބުމާ ގުޅޭގޮތުން ޑޮނަލްޑް ޓްރަމްޕް ގެންގުޅުއްވާ އުސޫލުތައް ހުރި ގޮތުން، ޔޫރަޕްގެ އިއްތިހާދުގެ ގައުމުތަކުގެ ދިފާއީ ސިޔާސަތުތައް އެކުލަވައިލުމުގައި ބޮޑެތި ނުތަނަވަސްކަމާއި ޔަގީންކަމެއް ނެތް ހާލަތްތަކެއް ދަނީ ކުރިމަތިވަމުން. | ރޮއިޓާސް
ޕެންޓަގަނުން ޕޮލެންޑަށް ފޮނުވަން ނިންމި 4،000 ސިފައިންގެ ޕްލޭން ކެންސަލްކުރިތާ ހަފުތާއެއް ފަހުން، އެ ގައުމަށް އިތުރު 5،000 ސިފައިން ފޮނުވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި ނިންމުމަކީ ޕޮލެންޑްގެ ރައީސް ކަރޯލް ނައުރޮކީއާ އެކު އޮތް ގާތް ގުޅުމުގެ ސަބަބުން ނިންމެވި ނިންމުމެއް ކަމަށެވެ. ނައުރޮކީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ ޓްރަމްޕްގެ ތާއީދާ އެކުގައެވެ.
މި އިތުރުކުރާ 5،000 ސިފައިންނަކީ ކުރިން ފޮނުވަން ނިންމި ސިފައިންގެ ބައެއް ކަމެއް ނުވަތަ މިއީ މުޅިން އާ އޮޕަރޭޝަނެއްގެ ދަށުން ފޮނުވާ ބައެއް ކަމެއް ރައީސް ޓްރަމްޕް ހާމައެއް ނުކުރައްވައެވެ.
ވައިޓް ހައުސްއިން ފާއިތުވި ހަފުތާތަކުގައި އިޝާރާތްކޮށްފައިވާ ގޮތުގައި، ޓްރަމްޕްގެ "އެމެރިކާ ފަސްޓް" ސިޔާސަތުގެ ދަށުން ޔޫރަޕްގައި ތިބޭ އެމެރިކާ ސިފައިންގެ އަދަދު މަދުކުރުމަށް ވަނީ ނިންމާފައެވެ.
އީރާނާ އެކު ހިނގަމުންދާ ހަނގުރާމައިގެ މައްސަލައިގައި ޓްރަމްޕާއި ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާރޒްއާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން، ޖަރުމަނުގައި ތިބި 5،000 ސިފައިން ބާލާނެކަން މި މަހުގެ ކުރީކޮޅު އެމެރިކާއިން ވަނީ އިއުލާންކޮށްފައެވެ.
އީރާނުގެ މަޝްވަރާވެރިންގެ ކުރިމަތީގައި އެމެރިކާ "ލަދުވެތިވެފައިވާ" ކަމަށް މާރޒް ވިދާޅުވުމާ ގުޅިގެން، ޓްރަމްޕް މީގެ ކުރިން ވަނީ އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ޕޮލެންޑަށް ފޮނުވަން ނިންމި އިތުރު ސިފައިންނަކީ ޖަރުމަނުން ބާލާ ސިފައިންގެ ބައެއް ކަމެއް ނުވަތަ މުޅިން ވަކި ގްރޫޕެއް ކަމެއް އަދި ސާފެއް ނުވެއެވެ.
މީގެ އިތުރުން، ހޯރްމުޒް ކަނޑުއޮޅީގެ މައްސަލައިގައި އީރާނަށް ފިއްތުންތައް ކުރިމަތިކުރުމަށް އެމެރިކާއާ ގުޅުމަށް ނޭޓޯގެ ބައިވެރިން ދެކޮޅު ހަދާތީ ވެސް ޓްރަމްޕް ވަނީ އެ ގައުމުތަކަށް ފާޑުވިދާޅުވެފައެވެ.
ޕޮލެންޑަށް 4،000 ސިފައިން ފޮނުވުމުގެ ޕްލޭން ކެންސަލްކުރިކަން ޑިފެންސް ޑިޕާޓްމަންޓުން ކުއްލި ގޮތަކަށް އިއުލާންކުރިތާ ހަފުތާއެއް ފަހުން، ޓްރަމްޕް މި އިއުލާން ކުރެއްވީ ބުރާސްފަތި ދުވަހުއެވެ.
އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ފަހުން ވިދާޅުވީ، އެ ޕްލޭން ކެންސަލްކުރުމަކީ "ވަގުތީ މަޑުޖެހުމެއް" ކަމަށާއި، ޕޮލެންޑްގައި އެމެރިކާގެ އަސްކަރީ ބާރު ވަރުގަދަކޮށް ބޭއްވުމަށް އެމެރިކާއިން ދެމިއޮންނާނެ ކަމަށެވެ.
ރައީސް ނައުރޮކީއަކީ ޒަމާނުއްސުރެ ޓްރަމްޕަށް ވަރަށް ބޮޑަށް ތާއީދުކުރައްވާ ބޭފުޅެކެވެ. އަދި ޕޮލެންޑްގެ ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރެއްވީ ވެސް ޓްރަމްޕްގެ އެންޑޯސްމަންޓާ އެކުގައެވެ.
ޖެނުއަރީ މަހު ބީބީސީގެ ރޭޑިއޯ 4 ގެ "ޓުޑޭ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޕޮލެންޑްގެ ރައީސް ވިދާޅުވީ، ލަޑީމިއަރ ޕޫޓިން ހުއްޓުވައި ޔޫކްރޭން ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގާބިލްކަން ހުރި ހަމައެކަނި ދުނިޔޭގެ ލީޑަރަކީ ޓްރަމްޕް ކަމަށެވެ.
ނޭޓޯ އިއްތިހާދަށާއި ޔޫރަޕްގެ ލީޑަރުންނަށް ޓްރަމްޕް މީގެ ކުރިން ފާޑުވިދާޅުވި ނަމަވެސް، ޔޫރަޕްގެ ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ ފަރާތަކީ އަދިވެސް އެމެރިކާ ކަމަށް ނައުރޮކީ ވިދާޅުވިއެވެ.
ޖަރުމަނުން ސިފައިން ބޭލުމަށް ޓްރަމްޕް ނިންމެވި ނިންމެވުމަށް ރިޕަބްލިކަން ޕާޓީގެ ބައެއް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ވެސް ވަނީ ފާޑުވިދާޅުވެފައެވެ. އެ ބޭފުޅުން ވިދާޅުވާ ގޮތުގައި އެ ނިންމުމުގެ ސަބަބުން ރަޝިޔާއަށް ނުބައި މެސެޖެއް ދިއުމުގެ ނުރައްކާ އެބައޮތެވެ.
ޔޫރަޕްގައި އެމެރިކާގެ އެންމެ ބޮޑު އަސްކަރީ ބާރެއް އޮތީ ޖަރުމަނުގައެވެ. އެ ގައުމުގައި މިހާރު ވެސް 36،000 އަށް ވުރެ ގިނަ ސިފައިން ތިބިއިރު، އިޓަލީގައި ތިބީ 12،000 ސިފައިންނެވެ. އަދި އިނގިރޭސިވިލާތުގައި ތިބީ 10،000 ސިފައިންނެވެ.






