ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި
ކޯޓުގެ ހުރުމަތް ކެނޑި މައްސަލައިގައި ޖަލަށްލީ ނޫސްވެރިޔާ ލީވާން ބަންދުން މިނިވަންވުމަށްފަހު، ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރާ މެދު ވަނީ ކަންބޮޑުވުން ފާޅު ކޮށްފައި. ޖަލުން ނުކުމެ އޭނާ ބުނީ ޚަބަރެއް ލިޔެގެން ނުވަތަ ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށް ދާންޖެހުމަކީ ބިރުވެރި ކަމެއް ކަމަށެވެ. އަދި ފަދަ ގޮންޖެހުންތަކާއެކު ވެސް ނޫސްވެރިކަމުގެ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައި.


ޖަލަށްލި ނޫސްވެރިޔާ ލީވާން ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި. | ދައުރު
ކްރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ނިންމައި، 10 ދުވަހަށް ޖަލަށްލި އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު، އޭނާ ގެ ބަންދުގެ މުއްދަތު ހަމަވުމާ ގުޅިގެން މިނިވަންކޮށްފި އެވެ.
އޭނާ ދޫކޮށްލީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގަ އެވެ.
ޖަލުން ނުކުމެ ލީވާން ބުނީ، ޚަބަރެއް ލިޔެގެން، ސުވާލެއް ކޮށްގެން ނޫސްވެރިން ޖަލަށް ދާން ޖެހުމުން ފެންނަނީ ނޫސްވެރިކަމުގެ މިނިވަންކަން ހުރި މިންވަރު ވަރަށް ސާފުކޮށް ފެންނަ ކަމަށެވެ. މިއަދު ލިޔާ އެއްޗެއްގެ ސަބަބުން ޖަލަށް ނުލާނެ ކަމުގެ ޔަގީންކަން އެއްވެސް މީހަކަށް ނެތް ކަމަށް އޭނާ ބުންޏެވެ.
މިސަރުކާރު ވެރިކަމަށް އައުމަށްފަހު ފާސްކުރި ކޮންޓްރޯލް ބިލަށް އިޝާރާތްކޮށް ލީވާން ބުނީ، އެއީ ސީދާ ދޫތައް ބަންދު ކުރުމަށް ފާސްކޮށް، ތަންފީޒު ކުރި ބިލެއް ކަމަށެވެ. ނަމަވެސް ނޫސްވެރިކަން ނުހުއްޓުވޭނެ ކަމަށާއި، ސާބިތުކަމާއެކު މަސައްކަތާއެކު ކުރިއަށްދާނެ ކަމުގެ ޔަގީންކަން އޭނާ ދީފައިވެ އެވެ.
އަހަރުމެން ގޮޅިއަށް މިލީ ކީއްވެގެންކަން އެންމެނަށް ވެސް އެބަ އެނގޭ. ޚަބަރެއް ލިޔެގެން. ސުވާލެއް ކޮށްގެން. މިއީ މިއަދު އަހަރުމެންނަށް މިފެންނަނީ ކުރީގަ އޮތް ކަންތައްތައް އިޔާދަވަމުން އަންނަތަން. ޚަބަރެއް ލިޔެގެން ޖަލަށް ލަނީ. ސުވާލެއް ކޮށްގެން ޖަލަށް ލަނީ. އެހެންވީމަ ނޫސްވެރިކަމުގެ މިނިވަންކަން އޮތް މިންވަރު މި ފެންނަނީ.އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު
ޖަލުގެ ތަޖުރިބާ ހިއްސާކުރަމުން ލީވާން ބުނީ، މާފުށީ ޖަލުގެ ޔުނިޓް -10 އަދި ޔުނިޓް -12 އަކީ ގައިދީން ތިބެން ހެޔޮވާވަރުގެ ގޮޅިތަކެއް ނޫން ކަމަށާއި، އިންތިޒާމުތައް ވަރަށް ސަކަރާތް ކަމަށެވެ.
ޖަލުގެ ފުރަތަމަ 4 ދުވަސް ހޭދަކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސުވާލުކުރި މައްސަލައިގައި ޖަލަށް ލި އެ ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހުޒާންއާއެކު ކަން ފާހަގަކޮށް ލީވާން ބުނީ، އޭގެފަހުން އޭނާ ވަކި ކުރި ކަމަށާއި، ގެންދިޔައީ ޔުނިޓް 10 އަކަށް ކަމަށެވެ. އެތަނުގައި ދުވަސްތައް ހޭދަކުރީ އެކަނި ކަމަށް އޭނާ ބުންޏެވެ.
ލީވާން ބުނީ ފުރަތަމަ ނިދަން ޖެހުނީ ގޮޅީގެ ބިންމަތީގައި ކުނަލެއް އަޅައިގެން ކަމަށާއި، އެތަނަށް އެނދެއް ހަމަޖައްސަދިނީ އެއް ދުވަސްފަހުން ކަމަށެވެ.
ފަހުން އަހަރެން ބޭއްވީ ވަރަށް ކަޑަ ގޮޅިއެއްގައި. އެގޮޅީގައި ބިންމަތީގައި ފުރަތަމަ ނިދަން ވެސް ޖެހުނީ. އެތާގައި ކުނަލެއްގެ މަތީގައި ބިން މަތީގައި ހަމަ ނިދަން ވެސް ޖެހުނީ. އެތަނުގައި ފާހަނާ ކުރަން އިންނަނީ ކުޑަކުޑަތަން ކޮޅެއް. އަދި އެތަނުގައި ފެންވަރަން ވެސް މިޖެހެނީ. ދެން ފެންވަރާ ގަޑީގައި މުޅި ގޮޅީގެ ބޭރަށާ އެކީގަ ފެން ދޭ. ދެން ގާތްގަނޑަށް އެއް ދުވަސް ފަހުން އެތާގެ ސެކިއުރިޓީ ހެޑް ބައްދަލުކޮށްފަ ފަހުން އެދަކާ އެއްޗެހި ހަމަޖައްސައިދިނީ. ވާހަކައަކީ 24 ގަޑިއިރު ވަންދެން މިއުޅެން މިޖެހުނީ ވަރަށް ހާލުގައޭ. ގޮޅި ބަދަލު ކުރިފަހުން. އަނެއްކޮޅުން އެކަނި މިހާ ދުވަހު ވޭތުކުރަން މިޖެހުނީ. ފަސް ދުވަސް މި ގޮޅީގަ.އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނާސިރު
މީގެ އިތުރުން ލީވާން ބުނީ، މާފުށީ ޖަލުގެ ކާ އެއްޗެހި ވަރަށް ސަކަރާތް ކަމަށެވެ. އެއީ އިންސާނުން ކާން އެންމެ ރަނގަޅު ކާނާ ނޫން ކަމަށް އޭނާ ބުންޏެވެ.
ލީވާން ޖަލަށް ލާފައިވަނީ 12 މެއި 2026 ގަ އެވެ. ހަމަ އެ ދުވަހު ޝަހުޒާން ވެސް 15 ދުވަހަށް ޖަލަށްލުމާއެކު 25،000 ރުފިޔާއިން ޖޫރިމަނާ ކޮށްފައިވެ އެވެ.








