ޖަވާބު ދޭން ނޭނގެންޏާ ކީއް ކުރަން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް؟
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މިއަށްވުރެ ފުރިހަމަ ވާން ޖެހޭ. މިއަށްވުރެ ރަނގަޅަށް ރައީސް އަށް ޖަވާބު ވެސް ދެއްވެން ޖެހޭ. ނޫސްވެރިންނަށް މިއަށްވުރެ ރަނގަޅަށް ކަންކަން ސާފު ކޮށްދެެވެން ޖެހޭ. ޤައުމުގެ ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމަކީ، ސީރިއަސް، އަދި ރައްޔިތުންނަށް ވެސް ބޭނުންތެރި އެއްޗަކަށް ވާން ޖެހޭ.


ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުޢިއްޒު. | ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު، ކޮންމެ ހަފުތާއެއްގެ ހޯމަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވަ އެވެ. ރަށުން ބޭރުގައި ނޫޅުއްވާ ނަމަ، ކޮންމެ ހޯމަ ދުވަހަކު ނޫސްވެރިންނާ ބައްދަލު ކުރެއްވުމަކީ އެމަނިކުފާނު އަމިއްލަފުޅަށް ނިންމެވި ނިންމުމެކެވެ. އެކަން އިއުލާން ކުރެއްވީ، 2026 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާން ބޭއްވި ޖަލްސާގަ އެވެ. މިއީ ބަޔަކު މަޖުބޫރު ކޮށްގެން، ގަދަ ބާރުން ކުރާ ކަމެއް ނޫނެވެ. ނުވަތަ، އެކަމެއް ނުކޮށްގެން ގެއްލުމެއް ވެސް ވާން އޮތް ކަމެއް ނޫނެވެ.
ސުވާލަކީ، ރައީސް މުޢިއްޒު ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ކޮންމެ މަގުސަދެއްގައި ހެއްޔެވެ؟ ހަމަގައިމު ވެސް، ނޫސްވެރިން އެ ބައްދަލުވުމަށް ދަނީ، ރައީސްގެ ފަރާތްޕުޅުން ޖަވާބު ތަކެއް ބޭނުންވާތީ އެވެ. އެތައް ސުވާލު ތަކަކަށް ޖަވާބު ހޯއްދަވަން ބޭނުންވާތީ އެވެ. އެކަންކަމާ ގުޅޭ ގޮތުން، އެންމެ އެކަށީގެންވާ ޖަވާބު ރައީސް ދެއްވާނެ ކަމަށް ބެލެވޭތީ އެވެ. މި ނޫސްވެރިންގެ ބައްދަލުވުން ކުރިއަށްދާއިރު، ރައީސް އަށް ފަސޭހަ ކޮށްދިނުމަށް، ޖެހިގެން ހުންނަ މާލަމުގައި ސަރުކާރުގެ ހުރިހާ ވަޒީރުންނާއި، ކުންފުނި ތަކުގެ އިސްވެރިން ވެސް ތިއްބަވަ އެވެ. އެހެންވީމާ، ނޫސްވެރިން ކުރާ ސުވާލު ތަކުގެ ޖަވާބު ފަސޭހަ އިން ލިބޭނެ ނޫން ހެއްޔެވެ؟
އެކަމަކު، ހޯމަ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުން ފެނުނީ މުޅިން އެހެން ގޮތަކަށެވެ، ރައީސް މުޢިއްޒު އަށް އެއްވެސް ކަމެއް އެނގިވަޑައިގެންނެވި ކަމަކަށް ނުވި އެވެ. މި ސަރުކާރުން އެތައް ޚަރަދެއް ކޮށްގެން ހުޅުވި ޑިވެލޮޕްމަންޓް ބޭންކް (ޑީބީއެމް)ގެ ޚިދުމަތް ނުފެށި ލަސްވާ ސަބަބެއް ރައީސް އަށް އެނގިވަޑައި ނުގެންނެވި އެވެ. އެކަމުގެ މައުލޫމާތު ރައީސް އަށް އެނގިވަޑައި ނުގަންނަވާ ނަމަ، ދެން އެނގޭނީ ކާކަަށް ހެއްޔެވެ؟
2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް، އެ އަދަދު 1000 ޑޮަލަރަށް ބަދަލު ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ. މިއަހަރުގެ ފުރަތަމަ ކުއާޓަރު ނިމި، ދެ ވަނަ ކުއާޓަރު ފެށިގެން ދާއިރު ވެސް، އެ ވައުދު ނުފުދުނީ ކީއްވެތޯ އަޅުގަނޑު ސުވާލު ކުރީމެވެ. ރައީސް ތަން ކޮޅެއް ރަނގަޅު ޖަވާބެއް ދެއްްވާނެ ކަމުގެ އުންމީދުގަ އެވެ. އެކަމަކު، ރައީސް ވިދާޅުވީ 2025 ވަނަ އަހަރު އެ ވައުދުވީއިރު، މިއަހަރުގެ ފެބްރުވަރީ 28 ގައި މެދު އިރުމަތީގެ ހަނގުރާމަ ފެށޭނެ ކަމެއް ނޭނގޭ ކަމަށެވެ. ހޭންވީ ކަމެއް، ނުވަތަ ހައިރާންވާންވީ ކަމެއް ނޭނގެ އެވެ.
ޤައުމުގެ ރިޒާވް މަތިވެއްޖެ ނަމަ، ރައީސް އަށް އެކަން އެނގިވަޑައިގަންނަވަ އެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެ ވާހަކަ ދައްކަވަ އެވެ. ބޭންކް އޮފް މޯލްޑިވްސް އިން މުޅިން އަލަށް ކަމެއް ފަށާ ނަމަ، އެކަން ވެސް އިއުލާން ކުރައްވަނީ ރައީސް އެވެ. އެކަމަކު، ޤައުމުގެ ރިޒާވް ދެ ޑިޖިޓަށް ދަށްވެފައިވާ ކަމަށް ދެކެވޭ ވާހަކައިގައި ސުވާލު ކުރުމުން، ރައީސް އަށް އެ މައުލޫމާތެއް އެނގިވަޑައި ނުގެންނެވި އެވެ. އެ މައުލޫމާތު ހޯއްދަވަން ޖެހެނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންނެވެ.
ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން މިއަށްވުރެ ފުރިހަމަ ވާން ޖެހެ އެވެ. މިއަށްވުރެ ރަނގަޅަށް ރައީސް އަށް ޖަވާބު ވެސް ދެއްވެން ޖެހެ އެވެ. ނޫސްވެރިންނަށް މިއަށްވުރެ ރަނގަޅަށް ކަންކަން ސާފު ކޮށްދެެވެން ޖެހެ އެވެ. ޤައުމުގެ ރައީސް ބާއްވަވާ ނޫސްވެރިންގެ ބައްދަލުވުމަކީ، ސީރިއަސް، އަދި ރައްޔިތުންނަށް ވެސް ބޭނުންތެރި އެއްޗަކަށް ވާން ޖެހެ އެވެ.






