ޑޮކިއުމަންޓްރީ މައްސަލައިގައި ނެރުނު ކޯޓު އަމުރުގައި ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާގައި ކަން ހިނގީ ކިހިނެއް؟
އަދަދު ނޫހުގެ "އައިޝާ" ޑޮކިއުމަންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ނުދެއްކުމަށާއި ޝަރީއަތް ސިއްރުކޮށްގެން ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައި. މި އަމުރު ނެރުމުގައި ގާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތަކަށް ރިއާޔަތްކޮށްފައިވީ ނަމަވެސް، މިއީ މުޅި މުޖުތަމައުގެ ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ފަދަ ނިންމުމެއްގެ ގޮތުގައި ބައެއް ފަރާތްތަކުން ދަނީ ބުނަމުން. އެހެންކަމުން މި އަމުރާއެކު، މައްސަލައިގެ އެއްވެސް މައުލޫމާތެއް ސީދާކޮށް ނުވަތަ ނުސީދާކޮށްވެސް ހާމަކުރުން ވަނީ މުޅިން މަނާވެފައި.


ސުޕްރީމް ކޯޓު | ޓްވިޓަރ
އަދަދު ނޫހުން ތައްޔާރުކުރި އައިޝާ ޑޮކިއުމަންޓްރީއާ ގުޅިގެން އެ ނޫހުގެ އިސްވެރިންގެ މައްޗަށް ދައުލަތުން ވަނީ ދައުވާ އުފުލާފައެވެ. އެގޮތުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާގެ އިތުރުން، އެޑިޓަރު ޙަސަން މުޙައްމަދުގެ މައްޗަށް ދައުލަތުން ވަނީ ގަޛުފުގެ ދައުވާ އުފުލާފައެވެ. އެއީ މައްސަލައިގެ ތަހުގީގު ފެށިކަން އާންމުންނަށް ހާމަވިތާ 20 ދުވަސްވެސް ނުވަނީހެވެ.
އެ އަމުރުގައި މައިގަނޑު 3 ކަމެއް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ މި މައްސަލައާ ގުޅޭ ޑޮކިއުމަންޓްރީ ނުފެތުރުމާއި، މައްސަލައިގެ އެއްވެސް ވާހަކައެއް ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް ދެއްކުން މަނާ ކުރުމެވެ. ދެވަނަ ކަމަކީ މައްސަލައިގެ ޝަރީއަތް އާންމުކޮށް ހުޅުވާނުލައި، ސިއްރުކޮށްގެން ކުރިއަށް ގެންދިއުމެވެ. އަދި ތިންވަނަ ކަމަކަށް ބަޔާންކޮށްފައިވަނީ އެއިން ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ޙުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށެވެ.
މިފަދަ އަމުރެއް ނެރުމުގެ ހުއްޖަތެއްކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އާއި، ސުޕްރީމް ކޯޓުގެ ދެ ގަޒިއްޔާއެއްގައި މީގެ ކުރިން ނެރެފައިވާ ކޯޓު އަމުރުތަކެކެވެ.
ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ:
މި އަމުރުގައި ހަވާލާދީފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ނ) އަށެވެ. އެގޮތުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި އޮންނަނީ "ޝަރީޢަތްތައް ހިންގާންޖެހެނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީ ނަމަވެސް ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި، ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން، ޝަރީޢަތެއް އެކުގައި، ނުވަތަ ޝަރީޢަތަކުން ބައެއް، ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު އެ ޝަރީޢަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
އެހެންކަމުން މި މާއްދާއަށް ބަލާއިރު ފާހަގަވި ކަމަކީ، ޝަރީއަތް ސިއްރު ކުރެވިދާނެ ކަމާއި، އެކަން ކުރަންވާނީ ދިމިޤްރާތީ އުސޫލުތަކާ ޚިލާފުނުވާނެ ގޮތެއްގެ މަތިންކަމަށް މި މާއްދާގައި ބާރު އަޅާފައިވާކަމެވެ. ވީއިރު، މި މާއްދާގައި އޮންނަ ދިމިޤްރާތީ އުސޫލުތަކަކީ ކޮބައިކަން، އަދި އެ އުސޫލުގެ ދަށުން ލިއްބައިދޭ ޙައްޤުތަކާއި މިނިވަންކަމަކީ ކޮބައިކަން، ނުވަތަ އެ ޙައްޤަށް ހުރަސް އެޅޭ މިންވަރަކީ ކޮބައިކަން މިއީ ބަހުސް ކޮށްލަންޖެހޭ ކަމެކެވެ.
ސުޕްރީމް ކޯޓުގެ ޙަވާލާދީފައިވާ ގަޒިއްޔާތައް:
ކްރިމިނަލް ކޯޓުގެ އަމުރުގައި ޝަރީއަތް ސިއްރުކުރާ ސަބަބެއްކަމަށް، އަދި މި ޚަބަރު ފެތުރުން މަނާކުރާ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ޖިންސީ މައްސަލަތަކާއި އެނޫންވެސް އަޚުލާޤީ ގޮތުން ބަދު މައްސަލަތަކުގެ އަޑުއެހުންތައް ގެންދަންވާނީ އާންމުކޮށް ހުޅުވާނުލައިކަމަށް ވާތީކަމަށް ބުނެފައިވެއެވެ. ނަމަވެސް، މީގެ ކުރިންވެސް މިގޮތަށް ސިއްރުކޮށްގެން ކުރިއަށް ގެންގޮސްފައިވާ މި ބާވަތުގެ މައްސަލަތަކުގައިވެސް ނޫސްވެރިންނަށް ވަކި މިންވަރަކަށް މައުލޫމާތު ހާމަކޮށް، ޚަބަރު ގެނެސްދިނުމުގެ ޙައްޤު ލިބިފައި އޮވެއެވެ. އޭގެ ތެރޭގައި ޖިންސީ މައްސަލަތަކާއި، އަޚުލާގީ ގޮތުން އެ ފާހަގަކޮށްފައިވާ ފަދަ މައްސަލަތައްވެސް ހިމެނެއެވެ.
އަމުރުގައި ޙަވާލާދީފައިވަނީ ދެ ގަޒިއްޔާއެއްގައި ކޯޓުން ނެރެފައިވާ އަމުރަކަށެވެ.
އޭގެ ތެރެއިން އެއް އަމުރަކީ ޓެރަރިޒަމްގެ މައްސަލައެއްގައި ދައުވާ އުފުލާފައިވާ މުޙައްމަދު އަމީންގެ އިސްތިއުނާފު މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައިރު އެ ކޯޓުން ނެރުނު އަމުރެކެވެ. އެ އަމުރުގައި އޮންނަނީ ކޮންމެ މީހަކީވެސް ކުށް ސާބިތުވުމުގެ ކުރިން މައުސޫމު މީހެއްކަމަށް ބެލުމުގެ ޙައްޤު އޮންނާނެ ކަމަށާއި، މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ޤާނޫނުއަސާސީގައި ބުނެފައިވާ މި ޙައްޤަށް އުނިކަން އަންނާނެ ފަދަ އެއްވެސް ހިޔާލެއް އަދި ޚަބަރެއް ފެތުރުން މަނާކޮށް، އެއީ ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް ބެލެވޭނެކަމަށެވެ.
ދެން ޙަވާލާދީފައިވާ އަމުރަކީ ސީލައިފް މައްސަލައިގައި އަހުމަދު މޫސާ މުޙައްމަދު (އައްމަޓީ) ގެ މައްޗަށް އުފުލި ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓުން ނެރުނު އަމުރެކެވެ. އެ އަމުރުގައިވެސް ބަޔާންކޮށްފައިވަނީ ހަމަ އެބީދައިންނެވެ. އެގޮތުން ކޯޓުން ވަކި ގޮތެއް ކަނޑައެޅެންދެން، އޭނާއަކީ މައުސޫމު މީހެއްކަމަށް ބެލުމުގެ ޙައްޤަށް އުނިކަން އަންނާނެ ފަދަ އެއްވެސް ގޮތަކަށް، ހިޔާލުފާޅުކުރުމަކީ ކޯޓުގެ ޙުރުމަތް ކެނޑުންކަމަށް ބެލެވޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.
ޖުމުލަކޮށް މި ދެ އަމުރަށް ބަލާއިރުވެސް ފެންނަން އޮތީ އެ މައްސަލައާ ގުޅޭ އެއްވެސް ޚަބަރެއް ގެނެސްދިނުން މުތުލަޤަށް މަނާކޮށްފައި ނުވާކަމެވެ. އޭގެ ބަދަލުގައި ޤާނޫނުގައިވާ މިންގަނޑުތަކުން ޚަބަރު ފެތުރުމުގެ މަގު ރާއްޖޭގެ އެންމެ މަތީ ކޯޓުން ނެރެފައިވާ، އަދި ކްރިމިނަލް ކޯޓުން ޙަވާލާދީފައިވާ މި ދެންނެވި ދެ އަމުރުންވެސް ހުޅުވާލެވިފައިވާކަން ފާހަގަވެއެވެ.
އެހެންނަމަވެސް ކްރިމިނަލް ކޯޓުން 10 މެއި ގައި ނެރެފައިވާ އަމުރުން މި މައްސަލައާ ގުޅޭ އެއްވެސް ޚަބަރެއް ލިއުމާއި، ގެނެސްދިނުމާއި، ޕްރޮގްރާމްތަކުގައިވެސް ސީދާ ގޮތުންނާއި ނުސީދާ ގޮތުންވެސް މިކަމާ ގުޅޭ ވާހަކައެއް އެއްވެސް ސިފައެއްގައި ރާއްޖޭގެ އެއްވެސް ނޫސް މީޑިއާއަކުން ގެނެސް ނުދެވޭގޮތަށް, ސިޔާސީ ޕާޓީއަކުންވެސް ނުދެއްކޭގޮތަށް، އަދި ޖުމުލަކޮށް އެއްވެސް މީހަކަށް ނުދެއްކޭގޮތަށް މިވަނީ މުޅި ރާއްޖޭގެ ރައްޔިތުންގެ އަނގައިގައި "ޓޭޕް" އެޅިގެން ގޮސްފައެވެ.






