ލ. ގަމު ނަރުދަމާ ނިޒާމު ފެއިލްވެ މަގުތަކަށް ނަޖިސް ފެތުރެނީ؛ ޕަމްޕުތައް މާލެ ގެންދިޔަ ގޮތަށް ޚަބަރެއް ނުވޭ
ލ. ގަމުގެ ނަރުދަމާ ނިޒާމު ހަލާކުވެ، މަގުތަކަށާއި މޫދަށް ނަޖިސް ފެތުރެމުންދާތީ ރަށުގެ އާބާދީ ސިއްހީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވަނީ ހުށަހެޅިފަ. މި މައްސަލަ ހައްލުކުރުމަށް ފެނަކައިން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ކައުންސިލުން ތުހުމަތުކުރާއިރު، މަރާމާތަށް ގެންދިޔަ ޕަމްޕުތައް ނުލިބި އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަން އެ އިދާރާއިން ފާހަގަކުރޭ. ނަރުދަމާގެ ހާލަތު ގޯސްވުމުގެ ސަބަބުން ބަލިމަޑުކަން ފެތުރިދާނެތީ، ކައުންސިލުން މިހާރު ދަނީ އަމިއްލަ އިސްނެގުމުގެ މަތިން ރަށުތެރެ ސާފުކުރުމުގެ މަސައްކަތް ކުރަމުން.


ލ. ގަން | ސޯޝަލް މީޑިއާ
ލ. ގަމުގެ ނަރުދަމާ ނިޒާމު ފެއިލްވެ، ރަށުގެ މަގުތަކަށް ނަޖިސް ފެތުރެމުންދާތީ ރައްޔިތުން ސިއްހީ ބޮޑު ނުރައްކަލެއްގެ ތެރެއަށް ހުށަހެޅިފައިވާ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.
ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ ވިދާޅުވީ، ނަރުދަމާ ނިޒާމު ފެއިލްވުމުގެ ސަބަބުން މީހުން ހިނގާބިނގާވެ އުޅޭ މަގުތަކަށް ނަޖިސް ފެތުރެމުންދާ ކަމަށެވެ. ޚާއްސަކޮށް މޫސުމީ ވިއްސާރަ ދުވަސްވަރު މިކަން ބޮޑުވެ، ބަލިމަޑުކަން އިތުރުވަމުންދާތީ އެ ރަށު ހޮސްޕިޓަލުން ވެސް ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޒަކީ އިތުރަށް ވިދާޅުވީ، މި މައްސަލައާ ގުޅިގެން ފެނަކައާ ވާހަކަ ދެއްކުމުން، ޕަމްޕުތައް މަރާމާތަށް މާލެ ގެންދިޔަ ގޮތަށް ނުލިބޭ ކަމަށް ބުނެފައިވާ ކަމަށެވެ. ޕަމްޕުތައް މަރާމާތަށް މާލެ ގެންދިޔަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާކަން ޒަކީ ފާހަގަކުރެއްވި އެވެ. މިކަން ހައްލުކުރުމަށް ސަރުކާރުގެ ފަރާތުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި، ކައުންސިލުން އަމިއްލައަށް އިސްނަގައިގެން ނަޖިހުގެ ވަސް ކެނޑުވުމުގެ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ގަމުގެ ނަރުދަމާ ނިޒާމު ފެއިލް ވެގެން މީހުން ހިނގާ އުޅޭ މަގުތަކަށް ނަޖިސް ތައް ފެތުރެމުން ދަނީ. މޫސުމީ ވިއްސާރަ ދުވަސްވަރު މީހުން ދިރިއުޅޭ ސަރަހައްދަށް ނަޖިސް ފެތުރޭތީ ބަލިމަޑުކަން ދަނީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުން. މިކަމުގެ ޝަކުވާ ހޮސްޕީޓަލުން ވެސް ވަނީ ކައުންސިލުގަ ކޮށްފަ. ކުރިން ވެސް މިކަން ދިމާވޭ. މިކަމާ ގުޅިގެން މީގެ ކުރިން ފެނަކަ އާ ވާހަކަ ދެއްކުމުން ބުނީ މިކަން ދިމާވަނީ ނަރުދަމާ ނިޒާމަށް ބޭނުންވާ ޕަންޕުތައް މަރާމާތުކުރަން މާލެ ގެންދިޔަ ގޮތަށް އެ ޕަންޕުތައް ނުލިބުމުގެ ސަބަބުން ކަމަށް. ޕަމްޕުތައް މަރާމާތަށް މާލެ ގެންދިޔަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެ.ލ. ގަމު ކައުންސިލް ގެ ރައީސް އަހުމަދު ޒަކީ
ޒަކީ ވިދާޅުވީ މި މައްސަލަ އެންމެ ބޮޑަށް ފާހަގަކުރެވެނީ ގަމު ތުނޑީ އަވަށުގަ އެވެ. އެ އަވަށުގައި ހުރި ޕަމްޕް ސްޓޭޝަންތަކުން ނަޖިސް އޮވަރފްލޯވެ މަގުމައްޗަށް ފެތުރެމުންދާއިރު، އެހެން ސަރަހައްދުތަކުގެ ޕަމްޕްސްޓޭޝަންތަކާއި މެއިން ހޯލުތަކުގައި ވެސް ޕަމްޕް ނެތުމުން އެ ސަރަހައްދުތަކަށް ވެސް ނަޖިސް ފެތުރުމުގެ ބިރު ވަނީ ބޮޑުވެފަ ކަމަސް ޒަކީ ވިދާޅުވި އެވެ. މީގެ އިތުރުން، އައުޓްފްލޯ މެއިން ހޮޅި ވަކި ހިސާބަކުން ފަޅައިގެން ގޮސްފައިވުމުން، ނަޖިސްތައް މޫދަށާއި އަތިރިމައްޗަށް ވެސް ފެތުރެމުންދާ ކަމަށް ކައުންސިލުން ބުނެ އެވެ.
މިކަމުގެ ސަބަބުން ގަމުގެ އާބާދީގައި ހިމެނޭ 5،400 ދިވެހިންނާއި 1،200 އެއްހާ ބިދޭސީން މިހާރު ތިބީ ސިއްހީ ބޮޑު ނުރައްކަލެއްގެ ތެރޭގައި ކަމަށް ޒަކީ ވިދާޅުވި އެވެ. ނަރުދަމާ ނިޒާމުގައި މީގެ އިތުރުން ވެސް ގިނަ މައްސަލަތަކެއް ހުރި ނަމަވެސް، ފެނަކަ އަދި ސަރުކާރުގެ ފަރާތުން މިކަންކަން ހައްލުކުރުމަށް އެއްވެސް އަމަލީ މަސައްކަތެއް ކުރަމުން ނުދާ ކަމަށް ކައުންސިލުން ވަނީ ތުހުމަތުކޮށްފަ އެވެ.








