ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާ ބޭފުޅުން ވެސް މިސަރުކާރުގެ މަގާމުތަކުން އިސްތިއުފާ ދެއްވަނީ ލަދުވެތިކަމާއެކު!
ރައީސް މުއިއްޒުގެ ސަރުކާރުގައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ވަރަށް ގިނަ ބޭފުޅުން އައްޔަން ކުރައްވާފައިވޭ. އަދި ސަރުކާރުގެ ކުންފުނިތަކުން ބެލުމެއް ނެތި ގިނަ ބަޔަކަށް ވަޒީފާތަކާއި، ޕްރޮމޯޝަންތައް ދީފައިވާތީ، ސަރުކާރުގެ އިތުރުން ކުންފުނިތަކުގެ ވެރީންނަށް ރައްޔިތުންގެ ނުރުހޭ މިންވަރު މިފަހުން ބޭއްވި 3 އިންތިޚާބުގެ ވޯޓުގެ ނަތީޖާއިން މިވަނީ ދައްކުވައިދީފައި. އެއަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މަގާމުން އިސްތިއުފާ ދެއްވަން ފެއްޓެވުމަކީ ވެސް އާދައިގެ ކަމެއް ނޫނެއްނުންތޯ.


މިފްކޯގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވި ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު. | ރާއްޖެއެމްވީ
ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުގައި، ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކާއި މިނިސްޓްރީތަކުގެ އިސް މަގާމުތަކަށް އަސްކަރިއްޔާގައި ގިނަ ދުވަހު ޚިދުމަތް ކުރައްވައި ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ވަރަށް ގިނަ ބޭފުޅުން އައްޔަން ކުރައްވާފައިވެ އެވެ. ޚާއްސަކޮށް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލުން ފަދަ ތަޖުރިބާކާރު ބޭފުޅުންނަށް ރައީސް މުއިއްޒު އިތުބާރު ކުރައްވައި، ގައުމީ މުހިންމު ޒިންމާތަކެއް ހަވާލުކުރުމުން ބައެއް މީހުން އެކަމަށް ސަރުކާރަށް ވަރަށް ތައުރީފް ވެސް ކޮށްފައިވެ އެވެ. ނަމަވެސް، ފަހަކަށް އައިސް ފެންނަމުންދާ މަންޒަރުތަކުން އެ ބޭފުޅުންގެ މުޅި ހަޔާތުގައި ހޯއްދެވި ޝަރަފާއި އިއްޒަތަށް މި ސިޔާސީ މައިދާނުގައި ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ވަރަށް ބޮޑަށް އެފަދަ ބޭފުޅުންގެ އިހުލާސްތެރިކަމާމެދު ދަނީ ސުވާލު އުފެދެމުންނެވެ. ކުރެވޭ ތުހުމަތުތަކާ ގުޅިގެން މުޅި ހަޔާތުގައި ހޯއްދެވި ޝަރަފާއި އިއްޒަތަށް ވަނީ ކިލަނބުކަން ކުރިމަތިވެފަ އެވެ.
އަދި މިފަހުން ސަރުކާރުގެ ކުންފުނިތަކުން ބެލުމެއް ނެތި ގިނަ ބަޔަކަށް ވަޒީފާތަކާއި، ޕްރޮމޯޝަންތައް ދީފައިވާތީ، މި ސަރުކާރަށް ރައްޔިތުންގެ ނުރުހޭ މިންވަރު މިފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގެ އިތުރުން ރިފެރެންޑަމް އިންތިޚާބުގެ ވޯޓުގެ ނަތީޖާއިން މިވަނީ ދައްކުވައިދީފަ އެވެ. ބޮޑު އުންމީދަކާއެކު ސަރުކާރުން ތިން އިންތިޚާބާ ކުރިމަތިލި ނަމަވެސް ސަރުކާރަށް ލިބިފައިވަނީ ލަދުވެތި ދެރަ ނަތީޖާ އެކެވެ. އެއަށްފަހު ސަރުކާރުގެ ކުންފުނިތަކުގެ ވެރިން މަގާމުން އިސްތިއުފާ ދެއްވަން ފެއްޓެވުމަކީ ވެސް އާދައިގެ ކަމެއް ނޫނެއްނުންތޯ އެވެ. ފުލުފުލުގައި އިސްތިއުފާ ދެއްވަމުންދާއިރު، މި ބޭފުޅުން އިސްތިއުފާ ދެއްވަނީ އަމިއްލަ އިޚްތިޔާރަށްވުރެ ބޮޑަށް، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށެވެ.
މިފަހުން އެންމެ ބޮޑަށް ފާހަގަކުރެވުނީ މިފްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު އިސްތިއުފާ ދެއްވި މައްސަލަ އެވެ. 12 އޭޕްރީލް 2026 ގައި ފަރުހަތު އިސްތިއުފާ ދެއްވިއިރު، މަސްދަޅު އަގުބޮޑު ކުރި މައްސަލަ ފެންމަތިވީ 6 އޭޕްރީލް 2026 ގަ އެވެ.
އޭގެފަހުން 8 އޭޕްރީލް 2026 ގައި އެކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ އެއީ ސަރުކާރަށް އެނގިގެން ކުރި ކަމެއް ނޫން ކަމަށެވެ. ނަމަވެސް މިނިސްޓަރު ހެއްދެވި ބޮޑު ދޮގެއް ކަމަށް ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެ އެވެ. އެއީ ސަރުކާރުގެ ކުންފުނިތަކާއި، މިނިސްޓްރީތަކުގެ އިތުރުން ކުންފުނިތަކަށް އައްޔަން ކުރައްވަނީ ފުރިހަމަ އިތުބާރާއި، އެމަނިކުފާނުގެ އޯޑަރަށް އަމަލު ކުރައްވާ ބޭފުޅުން ކަމަށް މާކުރިން ރައީސް މުއިއްޒު ވިދާޅުވެފައިވާތީ އެވެ. އެހެންކަމުން މިއީ މަސްދަޅުގެ އަގު ކުއްލިއަކަށް ބޮޑުކުރުމާ ގުޅިގެން ސަރުކާރަށް އަމާޒުވި ފާޑުކިޔުންތަކުން ސަލާމަތްވުމަށް މިނިސްޓަރު ސައީދު ދެއްކެވި ދެއުޅިއެއްނުވާ ވާހަކައެއް ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެ އެވެ. އަދި ފަރުހަތު އިސްތިއުފާ ދެއްވުން ވެސް ގުޅިފައިވަނީ މިމައްސަލައާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.
ފަރުހަތުގެ އިތުރުން ފެނަކައިގެ އެމްޑީގެ މަގާމުން މެޖަރ ރިޓަޔާޑް މުހައްމަދު ނަޖާހު އަދި އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޑީ.ސީ.ޕީ ރިޓަޔާރޑް މުހައްމަދު ރިޝްވާން ފަދަ ރިޓަޔަރ ކުރައްވާ ބޭފުޅުންނަކީ އަބަދުވެސް އޯޑަރަށް ބޯލަނބައި، ވަކި ތަރުތީބަކުން މަސައްކަތް ކުރައްވާ ބޭފުޅުންނެވެ. އެހެންކަމުން، ސަރުކާރުގެ އެންގުމަކާ ނުލައި މިފަދަ ބޮޑު ނިންމުމެއް ނިންމަވާނެ ކަމަށް ގަބޫލުކުރަން އުދަނގުލެއްނުންތޯ އެވެ. އެފަދަ ބޭފުޅުންނަށް ކުންފުންޏެއް އެންމެ ރަނގަޅަށް ނުހިންގެވުނު ނަމަވެސް ރައީސް މުއިއްޒު އޯޑަރ ހިލާފުވެދާނެ ކަމާމެދު ސުވާލު އުފެދެއްނުންތޯ އެވެ.
ގައުމަށް އެތައް އަހަރަކު އިޚްލާސްތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅުން، ސިޔާސީ މަގާމުތަކަށް ވަޑައިގަތުމުން އެ ބޭފުޅުންގެ އަބުރަށް ލިބޭ އުނިކަމަކީ ދެރަވެސް ކަމެއްނުންތޯ އެވެ. ތާކުންތާކު ނުޖެހޭ ތުހުމަތުތައް އަޅުވައި، ލަދުވެތި ގޮތަކަށް މަގާމުން ވަކިކުރަން ޖެއްސުމަކީ އެ ބޭފުޅުންނަށް ރައްޔިތުން ކުރާ އިހުތިރާމް ކުޑަވާނެވެސް ނުންތޯ އެވެ. އަދި ސަރުކާރުގެ ސިޔާސީ ރޭވުންތަކުގެ ތެރޭގައި މިފަދަ ޝަރަފުވެރި ބޭފުޅުންގެ އިއްޒަތް ނަގާލުމަކީ ގައުމީ ޚިދުމަތްތެރިންނަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ!






