ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީގެ ހުރިހާ ރުޅިއެއް ބޭލީ ފެނަކަ އެސިސްޓެންޓް މެނޭޖަރަށް
ބ. ދޮންފަނުގެ ފެނަކަ ބްރާންޗުގެ އެސިސްޓެންޓް މެނޭޖަރު ވަޒީފާއިން ސަސްޕެންޑްކުރީ، ކައުންސިލް އިންތިހާބާ ދިމާކޮށް ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވަނިކޮށް އެ ރަށުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން. އިންތިހާބުގެ ކުރިން އިއުލާނުކުރުމެއްނެތި ފެނަކައާއި ސިވިލް ސާވިސްގެ ވަޒީފާތައް ބަހާފައިވީ ނަމަވެސް، ދޮންފަނުގެ 80 އިންސައްތަ ރައްޔިތުން ވަނީ ސަރުކާރާ ދެކޮޅަށް ވޯޓު ދީފަ.


ބ. ދޮންފަނު | ސޯޝަލް މީޑިއާ
އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ދެވަނަ ބުރުގައި ބ. ދޮންފަނުން ސަރުކާރަށް ލިބުނު ބޮޑު ނާކާމިޔާބީއާ އެކު އެ ރަށުގެ ފެނަކައިގެ އެސިސްޓެންޓް މެނޭޖަރު ހުސެއިން ހަފީޒް ވަޒީފާ އިން ސަސްޕެންޑް ކޮށްފި އެވެ.
ނަން ހާމަކުރަން ބޭނުންނުވާ ބ. ދޮންފަނުގެ ފެނަކަ ބްރާންޗް ގައި މަސައްކަތްކުރާ މުވައްޒަފަކު ރާއްޖެ އެމްވީ. އަށް މައުލޫމާތު ދެމުން ބުނީ އޭޕްރީލް 4 ވަނަ ދުވަހު ބޭއްވި އިންތިހާބާއި، އޭޕްރީލް 18 ވަނަ ދުވަހު އެ ރަށުގައި ބޭއްވި ކައުންސިލް އިންތިހާބުގެ ދެވަނަ ބުރާ ދިމާކޮށް ސަރުކާރުން ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެ ރަށުން ސަރުކާރަށް މެޖޯރިޓީ ނުލިބިއްޖެ ނަމަ ވަކި ވަކި މުވައްޒަފުން ވަޒީފާ އިން ވަކިކުރުމުގެ ބިރު ދައްކާފައިވާ ކަމަށް ވެސް އޭނާ މައުލޫމާތު ދީފައިވެ އެވެ.
ހަފީޒް މާގާމުން ސަސްޕެންޑް ކުރަނީ ބަލަމުންދާ މައްސަލައެއްގައި ކަމަށް ބުނެ އެވެ. ރާއްޖެ އެމް ވީއަށް މައުލޫމާތު ލިބިފައިވާ ވާގޮތުން ދޮންފަނު ފެނަކަ ބްރާންޗްގެ ސްޓޭޝަން މެނޭޖަރު ވެސް ސަސްޕެންޑް ކޮށްފައި ހުރުމުގެ ސަބަބުން މީގެ ކުރިން ދޮންފަނު ފެނަކަ އޮފީސް ހިންގުމާ ހަވާލުވެ ހުރީ ހަފީޒް އެވެ. ނަމަވެސް ހަފީޒް ސަސްޕެންޑް ކުރުމުގެ ކުރިން ކުއްލި ގޮތަކަށް ހެޑް އޮފް ޑިޕާޓްމެންޓްސްގެ ނަމުގައި މުވައްޒަފަކު ނަގައި، ދޮންފަނު ފެނަކަ އޮފީހުގެ ހިންގުން ވަނީ އަލަށް ނެގި މުވައްޒަފާ ހަވާލުކޮށްފަ އެވެ.
ނަމަވެސް މި މަގާމަކީ ފެނަކައިގެ އޮނިގަނޑުގައި ވާގޮތުން ދޮންފަނު ކަހަލަ ކުޑަ ރަށެއްގައި ދެވޭނެ މަގާމެއް ނޫން ކަމަށް ފެނަކަ ހެޑް އޮފީހުގެ އޮފިޝަލަކު ރާއްޖެ އެމްވީ އަށް މައުލޫމާތު ދީފައިވެ އެވެ.
ނިމިދިޔަ ކައުންސިލް އިންތިހާބާ ދިމާކޮށް އާބާދީގައި 500 ވަރަކަށް މީހުން ދިރިއުޅޭ ބ. ދޮންފަނުން ވަނީ އިއުލާނު ކުރުމެއްނެތި 10 ވަޒީފާ، ވޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުން ބަހާލާފަ އެވެ. އަދި ރާއްޖެ އެމް ވީއަށް މައުލޫމާތު ދިން ދޮންފަނު ފެނަކަ އޮފީހުގެ މުވައްޒަފަކު ބުނީ ސިވިލް ސާވިސް ވަޒީފާތަކަށް ވެސް އިންތިހާބާ ދިމާކޮށް ނުފޫޒުން މީހުން ނަގާފައިވާ ކަމަށެވެ. އެގޮތުން އެފަދަ 4 ވަޒީފާއެއް އިންތިހާބާ ދިމާކޮށް ދީފައިވާ ކަމަށް އޭނާ ބުންޏެވެ.
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ބ. ދޮންފަނުން ސަރުކާރަށް ކާމިޔާބު ކުރެވުނީ އެންމެ ގޮނޑި އެކެވެ. އަދި ފެންނަ ނުފެންނަ ވޯޓުގައި ވެސް ދޮންފަނުގެ 80 އިންސައްތަ މީހުން ވަނީ ސަރުކާރަށް ނޫނެކޭ ބުނެފަ އެވެ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑީގެ ދެވަނަ ބުރުގެ އިންތިހާބު ވެސް ކާމިޔާބު ކުރީ އެމްޑީޕީގެ ކެންޑިޑޭޓެވެ.
މައުލޫމާތި ލިބިފައިވާ ގޮތުން އޭޕްރީލް 18 ވަނަ ދުވަހު ބޭއްވި މި ވޯޓު ކާމިޔާބު ކުރަން ފެނަކައިގެ ޑީއެމްޑީ އާދަމް ތައުފީގް އިސްވެހުރެ ފެނަކަ މުވައްޒަފުން ގޮވައިގެން ދޮންފަނުގައި ވަނީ ކެމްޕެއިން ހަރަކާތްތައް ވެސް ހިންގާފަ އެވެ.








