ދޫނިދޫގައި ބަންދު މީހުންނަށް ކުރާ އަނިޔާއާއި ގުޅޭ ކަންކަން ނޫސްވެރިން ރިޕޯޓްކުރީ ގޯސްކޮށް ކަމަށް ބުނުމަށްފަހު ކަންކަން އިސްލާހު ކުރާނެކަމަށް ފުލުހުން ބުނެފި
އެޗްއާރުސީއެމްގެ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ ނިޒާމީ ގޮންޖެހުންތަކެއް ކަމަށާއި، އެއީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކެއް ކަމަށް ފުލުހުން ބުނެފި. މި ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ފެތުރުމުގައި ރިޕޯޓުގެ އަސްލު މަގްސަދަށް ބެލުމެއްނެތި ބަސްމަގު ބޭނުންކޮށްފައިވާތީ ފުލުހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. އެހެންނަމަވެސް، ރިޕޯޓުގައި ހުރި ކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ފުލުހުންގެ ހިދުމަތުން އަރުވާ.


ދޫނިދޫ ކަސްޓޯޑިއަލްގައި ބަންދު މީހުންނަށް ކުރާ އަނިޔާއާ ގުޅޭގޮތުން ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކުރި ކަންކަން ދައްކައިދޭ އޭއައި މަންޒަރެއް | ރާއްޖެއެމްވީ
އެޗްއާރުސީއެމްގެ ރިޕޯޓުގައި ހުރި ކަންކަން ނޫސްވެރިން ރިޕޯޓްކުރީ ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި ކަމަށް ބުނުމަށްފަހު އެ ރިޕޯޓުގައި ހުރި ކަންކަން އިސްލާހު ކުރާނެ ކަމަށް ފުލުހުން ބުނެފި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ޝާއިއުކޮށްފައިވާ "ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް" (އެންޕީއެމް) ގެ 2025 ވަނަ އަހަރުގެ އަހަރީ ރިޕޯޓާ ގުޅޭގޮތުން ފުލުހުން ބުނީ، މުއައްސަސާތަކުގެ ޒިންމާދާރުކަން އިތުރުކުރުމާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމާއި، އަދި އިންސާނީ ހައްގުތައް ހިމާޔަތްކުރުމުގައި މިނިވަން މުއައްސަސާތަކުން އަދާކުރާ މުހިންމު ދައުރު އެ ހިދުމަތުން ބަލައިގަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އެގެއިންސްޓް ޓޯޗަރ އެންޑް ދަ ކުރުއަލް، އިންހިއުމަން އޯރ ޑީގްރޭޑިންގ ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް" (އޮޕްޓެކް) ގެ ދަށުން ކުރިއަށްގެންދާ މޮނިޓަރިންގ މަސައްކަތްތަކަކީ ގައުމީ ފެންވަރުގައި މިކަމަށް ދެވިފައިވާ މުހިންމު އަހަންމިއްޔަތުކަން ރަންގަޅަށް ދޭހަކޮށްދޭ ކަމެއްކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ދެކޭ ކަމަށެވެ.
އަދި އެޗްއާރުސީއެމްގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމަކީ މުޅި ނިޒާމަށް އަމާޒުކޮށްފައިވާ، އަދި ވަކި މުއައްސަސާއަކަށް އެކަނި ދިމާވެފައިވާ ގޮންޖެހުންތަކެއް ނޫންކަމަށް ފުލުހުން ބުނެ އެވެ. އަދި މި ރިޕޯޓުގައި ހިމެނޭ ހޯދުންތަކަކީ ކަންކަން އިސްލާހުކުރުމަށް ދީފައިވާ އިރުޝާދުތަކަކާއި ލަފާތަކެއް ކަމަށާއި، އެއީ ގާނޫނީ ގޮތުން ކުށެއް ނުވަތަ ނުރަނގަޅު އަމަލެއް ހިންގާފައިވާކަން ކަނޑައަޅާ ނިންމުންތަކެއް ނޫންކަން ފާހަގަކުރުން މުހިންމު ކަމަށް ފުލުހުން ބުނެ އެވެ.
މި ރިޕޯޓާ ގުޅޭގޮތުން ބައެއް މީޑިއާތަކުން ހަބަރު ގެނެސްދިނުމުގައި ބޭނުންކޮށްފައިވާ ބައެއް ބަސްމަގާއި މާނަކޮށްފައިވާ ގޮތާ މެދު އެ ހިދުމަތުން ކަންބޮޑުވުން ފާޅުކުރާ ކަމަށް ބުނެފައިވެ އެވެ. އަދި ރިޕޯޓުގެ އަސްލު މަގްސަދާއި އޭގައި ބަޔާންކޮށްފައިވާ ކަންކަމުގެ ފުންމިނަށް ބެލުމެއްނެތި، މުއައްސަސާތަކަށް ކުރިމަތިވެފައިވާ ވަސީލަތްތަކާއި އޮޕަރޭޝަނަލް ގޮންޖެހުންތަކަށް ރިއާޔަތްނުކޮށް ހަބަރު ފަތުރާފައިވާކަން ފާހަގަކުރާ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
އާންމުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމުގައި ކަންކަމުގެ އަސްލަށް ވާސިލުވެ، ޒިންމާދާރުކަމާއެކު ހަބަރު ފެތުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށް ފުލުހުން ބުުނެފައިވެ އެވެ. އަދި ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަން އިސްލާހުކޮށް، ހިދުމަތުގެ ފެންވަރު މަތިކުރުމަށްޓަކައި އެޗްއާރުސީއެމް އާއި ކަމާބެހޭ އެހެނިހެން ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމުގައި މި ހިދުމަތުން ދެމިއޮންނާނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި މި ހިދުމަތުގެ މަސައްކަތްތައް ގާނޫނުތަކާއި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރަމުންދާނެކަމުގެ ޔަގީންކަންވެސް އަރުވާކަމަށް ބުނެފައިވެ އެވެ.
ފުލުހުން މިފަދައިން ބުނި ނަމަވެސް އެޗްއާރުސީއެމްގެ ރިޕޯޓުގައި ބުނެފައިވަނީ ބައެއް ހާދިސާ ރިޕޯޓްތަކުން، ބަންދު މީހުން ބަލައިފާސްކުރަން އުޅުމުގެ ތެރޭގައި ބަންދު މީހަކު ޖަލު އޮފިސަރުންނާ ހަޑިހުތުރު ބަހުން މުއާމަލާތުކޮށް، އޮފިސަރުގެ އަމުރަށް ނުކިޔަމަންތެރިވުމުން ބަންދު މީހާ އަތުގައި ބިޑި އަޅުވައި އެކަހެރިކޮށްފައިވާ ކަމަށެވެ. މި ރިޕޯޓުގައި ބުނެފައިވަނީ ކަސްޓޯޑިއަލް ޖަލުތަކުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރާ ގަވާއިދުގެ 34 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކިޔަމަންތެރި ކުރުވުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވަގުތީ ގޮތުން ގޮޅިން ނެރުމުން ވެސް ނުކިޔަމަންތެރިކަން ދައްކައި، އޭނާއާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ކުރިމަތިވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ، އޭނާގެ އަމަލުތަކުގެ މައްޗަށް ބަލައި އޭނާގެ އަމަލުތައް ހުއްޓުވޭނެފަދަ ގޮތަކަށް ބިޑިއެޅުވުމުގެ އިހްތިޔާރު ޖަލު ބަލަހައްޓާ އޮފިސަރުންނަށް ލިބިގެންވާ ކަމަށެއެވެ.

ދޫނިދޫގައި ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވާ ކުނަލެއް މަތީގައި މެންދުރު އަވީގައި ބާއްވާ: އެޗްއާރުސީއެމް
އަދި މި މާއްދާގެ ދަށުން ބަންދުމީހެއްގެ ގައިގައި އަތު ބިޑި، ފައި ބިޑި، އަނގަ ބިޑި، ނުވަ ޖެކެޓް ބިޑް ނުވަތަ މި ނޫން ވެސް އެފަދަ ގޮތަކަށް މީހެއްގެ އަމަލުތައް ހުއްޓުވުމަށް ބޭނުންކުރުމަށް އެކަށީގެންވާ ބިޑިއެއް އެޅުވުމުގެ އިހްތިޔާރު އޮފިސަރުންނަށް ލިބިދެނީ ބަންދުމީހާ ނުކިޔަމަންތެރިކަން ދައްކައި، އޭނާ އާއި ޖަލު ބަލަހައްޓާ އޮފިސަރުންނަށް އަނިޔާއެއް ނުވަތަ ނުރައްކަލެއް ދިމާވެދާނެފަދަ ގޮތަކަށް އަމަލުކުރާނަމަ ކަމަށް ރިޕޯޓުގައިވެ އެވެ.
އެހެންކަމުން ބަންދު މީހުން ގައިގައި ބިޑި އަޅުވައި، އެކަހެރި ކުރުމަކީ ޖަލުގެ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ނުކިޔަމަންތެރިވާ ގައިދީންނަށް އަޅާ ފިޔަވަޅަކަށް ވުމުގެ ބަދަލުގައި މި ކަންކަން ވާންވާނީ އޮފިސަރުންނާއި ބަންދު މީހުންގެ ރައްކާތެރިކަމަށްޓަކައި ވަގުތީ ގޮުން އަޅާ ފިޔަވަޅަކަށް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
ރިޕޯޓުގައި ބުނެފައިވަނީ ބިޑިއަޅުވާފައި ބަންދު މީހުން ބައިތިއްބާ ސަރަހައްދަކީ ކަސްޓޯޑިއަލްގެ ހިނގާ، ކަސްރަތުކުރާ ކޮއްޓެއް ކަމަށާއި، މިތަނަކީ ބަންދު މީހުން އެކަހެރިކޮށްފައި ބެހެއްޓުމަށް އެންމެ އެކަށީގެންވާ ތަނެއް ނޫންކަން ފާހަގަކޮށްފައެވެ. އެގޮތުން މެންދުރު އެތަނަށް ވަރަށް ހޫނުވާނެކަމާއި، ބައެއް ފަހަރު ބަންދު މީހުން އަތާ ފައިގައި ކްލިޕް ބިޑި އަޅުވައި މިތަނުގައި ކުނަލެއް މަތީ ގިނައިރުތަކެއް ބާއްވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި މިގޮތަށް ބާއްވާއިރު ފާހާނާ ކުރުމާއި ނަމާދު ކުރުމުގެ ފުރުސަތު ދޭނެކަމަށް އޮފިސަރުން މައުލޫމާތު ދިން ނަމަވެސް، އެކަން ސިސްޓަމުގައި ލޮގް ކޮށްފައި ނުވާކަން ފާހަގަކޮށްފައިވެ އެވެ. އަދި މީގެ އިތުރުން ދޫނިދޫގެ ލިޔެކިޔުންތައް ބެލިބެލުމުން، މި ކަސްޓަޑީގައި ބަންދުކޮށްފައިވާ ބަންދު މީހުންގެ އިނާޔަތް ކަނޑާފައިވަނީ 14 ދުވަހުގެ މުއްދަތަކަށް ކަން ފާހަގަކޮށްފައިވެ އެވެ.








