ފިޔަވަޅުނާޅާނަމޭ ބުނެ، ނާޅާ ކެތެއް ހަމަ ނުވީ އެވެ.
އިދިކޮޅު ފަރާތްތަކުން ކުރާ މުޒާހަރާތަކާ ގުޅިގެން ފިޔަވަޅު ނާޅާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް، އެޗްއާރުސީއެމް މެދުވެރިކޮށް އެކަން ސަރުކާރުން ކުރަން އޮތީ ފަސްކޮށްފައި. ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ފިޔަވަޅު އެޅުމަށް އެ ކޮމިޝަނުން ގޮވާލުމަކީ ރައްޔިތުންގެ އަސާސީ ހައްގުތައް ހިމާޔަތްކުރުމުގެ ބަދަލުގައި ސަރުކާރުގެ ނުފޫޒަށް ތަބާވުން. އެހެންކަމުން، މިނިވަން މުއައްސަސާތަކުން ސިޔާސީ މަސްލަހަތަށްވުރެ ބޮޑަށް ރައްޔިތުންގެ ހަގީގީ ކަންބޮޑުވުންތަކަށް އިސްކަންދޭންޖެހޭ.


ހިއުމަންރައިޓްސް ކޮމިޝަންގެ މެންބަރުން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު. | ރާއްޖެ އެމްވީ
މި ސަރުކާރުން ކަމެއް ނުކުރާނެ ކަމަށް ބުނެފިއްޔާ އެކަމެއް ކުރާނެ އެވެ. އަދި ވަކިކަމެއް ނުކޮށް ދޫކޮށްލާނަމޭ ބުނެފިއްޔާ އަމުދުން އެކަމެއް ކުރާނެ އެވެ. އަދި ވަކިން ބޮޑަށް ދެމީހަކު ތަނަކަށް އެއްވެއްޖެއްޔާ ބިރުން ވެސް އެކަމެއް ކުރާނެ އެވެ. މި ސަރުކާރަކީ ފިނޑި ސަރުކާރެކެވެ. ވަކިން ބޮޑަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަކީ ބާރަށް އަޑެއް އިވިއްޖެއްޔާ ރަޖާލައިގެން ފިއްލަވައިގެން އޮންނަވާ ބޭފުޅެކެވެ. ނަމަވެސް މަލަމަތި ވަރަށް ޗާލުވެފައި ރީތިވާނެ އެވެ. ހުލްގު ހެޔޮ ރިވެތި އަހުލާގުގެ ދޫދެއްވާ ބޭފުޅެކެވެ. ހުރިހާކަމެއް ވެސް ކުރައްވަނީ ދީނީ މިންގަނޑުގެ ތެރެއިންނެވެ. އެހެން ބަޔަކަށް އެކަން އެގޮތަށް ކުރަން ވެސް ނޭނގެނީ އެވެ.
އަސްލު ވާހަކަ އަށް ޖެހިލާނަމެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިކަން އޮމާންކޮށް ނިކަން ފަށުވިކޮށް ވާހަކައެއް ވިދާޅުވި އެވެ. އެއީ އިދިކޮޅުން ކުރާ މުޒާހަރާތަކާއި ގުޅިގެންނެވެ. އެއިރު ވެސް ހިތަށް އެރި އެވެ. ރައީސް މުއިއްޒު އެ ދެއްކެވި ވާހަކަ އަދި އެ ނިމުނީކީ ނޫނެވެ. އެއީ ފެށުމެވެ. ވާހަކަފުޅުގެ ތެރެއިން ފިޔަވަޅެއް އަޅުއްވަން ވިސްނާވަޑައިނުގަންނަވާ ކަމަށް ވިދާޅުވި ހިސާބުން މި އިނީ އެވާހަކަ އެކޮޅުކޮޅުން ޖެހޭނީ ކިހާ އިރަކުންތޯ ބަލާށެވެ. 12 ގަޑި އިރު ހަމަ ނުވެ އެވެ. އެ ނެރުނީ ނޫސްބަޔާނެކެވެ. ކަމަކު ދާކަށް ނެތެވެ. އެވެސް ހިއުމަން ރައިޓްސް ކޮމިޝަނޭ ކިޔައިގެން ބޮޑު މުސާރަނަގައިގެން ތިބި ރައީސް މުއިއްޒުގެ އަޅު ކުދިންތަކެއް ނެރުނު ބަޔާނެކެވެ.
ބަޔާނުގެ ކުރިން ރައީސް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވި ވާހަކަ އަށް ބަލާލާނަމެވެ. ރައީސް ވިދާޅުވީ ކޮންމެ ގޮތެއްވިޔަސް، ކޮންމެ ތަނެއްގެ ވާހަކަ ދެއްކިޔަސް، ޤާނޫނުތަކާއި، ޤާނޫނުއަސާސީއާއި، އިސްލާމީ ޙުދޫދުތަކުގެ ތެރެއިން އަޅުގަނޑުމެންގެ ޢަމަލުތަކާއި، އަޅުގަނޑުމެންގެ ބަހުރުވަ ހުންނަންޖެހޭނެ ކަމަށެވެ. އެކަކު އަނެކާ އަށް ކުރަންޖެހޭ، ރެސްޕެކްޓް ކުރަންޖެހޭނެ ކަމަށެވެ.
އަޅުގަނޑު ހިތުން އެއީ ކަންނޭނގެ، ރައްޔިތުން ބޭނުންވާ ގޮތަކީ، އަޅުގަނޑުމެން އެންމެންގެ ވެސް އެބައޮތް ޙައްޤުތަކެއް. ޚިޔާލު ފާޅުކުރުމަށް ޙައްޤު އެބައޮތް. އަދި އެއްވެ އުޅުމުގެ ޙައްޤު އެބައޮތް. އެ ޙައްޤުގެ ބޭނުން ހިފަންވީ، އަޅުގަނޑުމެންގެ ޙުދޫދުތަކުގެ ތެރޭގައި. އެއީ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި ގާނޫނުއަސާސީގެ ތެރެއިން. ދެން އެއާއި ހިލާފަށް ދާ ކަންކަމުގައި ރައްޔިތުންގެ ތާއީދެއް އޮތްކަމަކަށް ހަގީގަތުގައި ނުފެނޭ. ދެން ފިޔަވަޅު އެޅުން. އަޅުގަނޑުމެން ވަރަށް ބޮޑަށް ލިމިޓެޑްކޮށް މި ގެންދަނީ، ފިޔަވަޅު ނާޅައި، ހަމަ ކިރިޔާވެސް ވާން އޮތިއްޔާ، ހަމަ ފުރުޞަތު ދެމުން މިދަނީ ފެނިވަޑައިގަންނަވާނެ އެކަން.ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް މުއިއްޒު ފިޔަވަޅުނާޅާނެ ކަމަށް އެ ވިދާޅުވި އިބާރާތް ކޮންމެ ގޮތެއްވިޔަސް ފަށުވި އެވެ. ނަމަވެސް އެއިރު ވެސް ހިތަށް އެރި އެވެ. މިއީ އަދި މިކަމުގެ ނިމުމެއް ވެސް ނޫނެވެ. މިއީ ކީ އަޑެކެވެ. ދެން ލާނީ ރެދެވެ. ކަންވީ އެހެންނެވެ. ފިޔަވަޅެއް ނާޅެނެކަމަށް ވިދާޅުވިތާ 12 ގަޑި އިރު ނުވެ އެވެ. އެއްކަލަ ހައްގުތަކުގެ ވާހަކަ ދައްކާ އެޗްއާރުސީއެމް އިން ބަޔާނެއް ނެރެފި އެވެ. ހީކުރީ ހައްގުތަކުގެ ވާހަކަ މުޒާހަރާ ކުރާ މީހުން ދައްކާތީ އެވާހަކަ ހިމަނައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނެ ކަމަށެވެ. ނަމަވެސް މިވީ އެހެން ނޫނެވެ. މުޅިން އިދިކޮޅެވެ. ބަޔާނުގައި އޮތީ ދިވެހިރައްޔިތަކަށްވީތީ ބަސްބުނުމާއި ހިޔާލުފާޅުކުރާ ހައްގުގެ ބޭނުން ހިފާތީ ކަމާއިބެހޭ އިދާރާތަކުން ފިޔަވަޅު އަޅަން ގޮވާލާފަ އެވެ.
އެއްކަލަ ބުނިތަން އައިސް މި ޖެހުނީ އެވެ. ރައީސް މުއިއްޒު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާ ފިޔަވަޅު ނާޅާނެ ކަަމަށް ވިދާޅުވިޔަސް އެހެން އެގޮތަކަށް ނުވާނޭ ބުނިތަން އައިސް މި ލައްވާލީ އެވެ. އެއްކަމެއް ކަށަވަރެވެ. އެމަނިކުފާނުގެ ދޫފުޅުން ފިޔަވަޅު އަޅަން ވިދާޅުނުވާ ކަމެވެ. ނަމަވެސް ބާރުތައް ގޮށްމުށުގެ ތެރެއަށް ލައިގެން އުޅުއްވާ ވެރިއަކު ކަމެއް ނުކުރާނަމޭ ވިދާޅުވިނަމަވެސް ކޮންމެވެސް އެހެން މަގަކުން އެކަމެއް ކުރާނެ އެވެ.
އެދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަޑުއަހަން ތިބި ބަޔަކަށް ރައީސް ދެއްކެވި ވާހަކަފުޅު ފަހުމުވާނެ އެވެ. އެމަނިކުފާނު ވިދާޅުވަމުން ގެންދެވީ "ހަމައެކަނި މިސާލަކަށް، ފުލުހަކަށް އަނިޔާކުރުން، ނޫނީވިއްޔާ ބެރިކޭޑްއެއް ފަޅާލާފައި ނުކުތުން، މިކަހަލަ އެއްގޮތަކަށްވެސް ޓޮލަރޭޓް ނުކުރެވޭ، އެގޮތަށް ހަދައިފިއްޔާ، ފުލުހުންގެ މުއައްސަސާ ތެރޭގައި ވެސް، ޙަޤީޤަތުގައި އެ މުއައްސަސާގެ އިންޓެގްރިޓީ އަށް ހުރަސްއެޅޭ. ވަކި ބަޔަކު، މިސާލަކަށް، ހަމަ ކަނޑައެޅިގެން އެ މުޠުލަޤަށް ފުލުހުންގެ ގަވާއިދުތަކުގެ ތެރޭގައި، ނޫނީ މިންގަނޑުގައި ލިޔެފައި އޮންނަ ކަންކަމާ ޚިލާފަށް ކަންކަން ދާއިރު ވެސް ފިޔަވަޅު ނާޅައިފިއްޔާ، މުއައްސަސާގެ އަގު ވެސް އެބަ ވެއްޓޭ. އެހެންވީމާ، މިއީ ވެސް އަޅުގަނޑުމެން ބަލަންޖެހޭ ކަންކަން. އެހެންވީމާ، ހުރިހާ ފަރާތްތަކަށްވެސް ހަމަ އެބައޮތް، މަރުޙަބާކިޔަން. ހަމަ އެބޭފުޅަކު ބޭނުންވާ ޚިޔާލެއް ފާޅުކުރެވަންވީ. ހަމަ އެއްވާން ހުރި ތަންތަނުން އެއްވެގެން ހަމަ ތިއްބަވަން، ޚިޔާލު ފާޅުކުރުމުގައި. އަދި ކޮންމެ ތަނަކަށް އެކަމުގައިވިޔަސް، އެކަމެއްގައި އެ މީހާގެ ކިބައިން ފެންނަ ކަންކަން، އެއީ ޢަމަލުން ފެންނަ ކަންކަން ހުންނަންވާނީ އެންމެންނަށްވެސް ބަލައިގަނެވޭ ގޮތަށޭ" މިއެވެ.
މިއިން ދޭހަވަނީ ތިމަން މަނިކުފާނު އަދި ކަމެއް ނުކުރާނަމޭ ވިދާޅުވުމަކީ މުއައްސާސަތަކުން ކަމެއް ނުކުރުން ނޫން ކަމަށެވެ. އެއާއެކު ދެން ފެނުނީ ހައްގުތަކަށް ވަކާލާތު ކުރާ އެޗްއާރުސީއެމްއިން ކިޔަމަންތެރި އަޅެއްހެން ތެދުވެ އެކަމާއި ކުރިމަތިތަނެވެ. ރައްޔިތުން ހައްގުތަކެއް ގެއްލިގެން އިހިތިޖާޖުކުރީމަ އެވާހަކަ ދެއްކުމުގެ ބަދަލުގައި ގޮވާލީ މުޒާހަރާ ކުރާ މީހުންނަށް ފިޔަވަޅި އެޅުމަށެވެ.
އެޗްއާރުސީއެމް ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި އެއްވުންތަކާއި، މީޑިއާ އަދި ސޯޝަލް މީޑިއާގެ ޒަރީޢާއިން ފާޅުކުރެވޭ ޚިޔާލުތަކުގައިވެސް، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި، މުޖުތަމައުގެ ހަމަޖެހުމާއި މަސްލަޙަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ފާޅުކުރެވޭ ޚިޔާލުތަކަކީ، ޤާނޫނުއަސާސީ އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫޙާ ޚިލާފު އަމަލުތަކެއްކަން ފާހަގަކުރަމެވެ. މިފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ގޮވާލައި ކުރެވޭ ޚިޔާލުފާޅުކުރުންތަކަކީ، މި ކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެކެވެ. އަދި މިފަދަ ޢަމަލުތައް ކުށްވެރިކޮށް، ސިޔާސީ ޕާޓީތަކުންނާއި ޕާޓީތަކުގެ އިސްފަރާތްތަކުން މިފަދަ ޢަމަލުތައް ނުކުރުމަށާއި، ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާ ތަކުން މިކަންކަމަށް އަޅުއްވަންޖެހޭ ހަރުދަނާ ފިޔަވަޅުތައް ޤާނޫނީ އިމުގެ ތެރެއިން އެޅުއްވުމަށް ކޮމިޝަނުން ގޮވާލަމެވެ.
އެޗްއާރުސީއެމްއިން އެންމެ ރެޔަކު ވެސް މި އިހުތިޖާޖު ބަލާ މޮނިޓަރ ކުރި ވާހަކައެއް ނެތެވެ. ރައީސް މީހާ ދެއްކެވި ވާހަކައަށް ބުރަވެ ހައްގުތައް ހޯދަން ގޮވާލަން ޖެހޭ މިނިވަން މުއައްސަސާއަކުން މި ގޮވާލީ ހައްގު ހޯދަން ނުކުތް ބަޔަކަށް ފިޔަވަޅު އެޅުމަށެވެ. ކިހާ ހެއްވާ ހެއްޔެވެ. މިއީ މިއަދު މިނިވަން މުއައްސަސާގެ ހާލަތެވެ. މިއީ ހައްގު ހޯދަން ރައްޔިތުންގެ އަޑު އިއްވަން އޮތް މުއައްސަސާގެ ހާލަތެވެ.
އެޗްއާރުސީއެމްގެ މެންބަރުން ކުރަން މިއަށްވުރެ މާ އައުލާކަން ބޮޑު ކަންކަން އެބަހުއްޓެވެ. ދުނިޔޭގެ ދިރިހުންނަށް ކާއެތިކޮޅު ފޮނުވާ ހޮޅިކޮޅެއް ސަރުކާރުގެ އިހުމާލުން ނުލިބިގެން މަރުވި ތުއްތު އަޒާންގެ ވާހަކަ ދައްކާ އެކަން ތަހުގީގުކޮށް ފިޔަވަޅު އަޅަން ގޮވާލާށެވެ. ދިގުރަށުގައި ހިނގި އަލިފާނުގެ ހާދިސާގައި އިންސާނީ ކަރާމާތަށް އުނިކަން އަންނަ ކަމެއް އުޅޭތޯ ބަލާ ހޯދާށެވެ. އަސާސީ ހައްގުތަކުން ރައްޔިތުން މަހުރޫމުވާތީ އެވާހަކަތައް ހޯދާ އެކަމާ އުޅޭށެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ފަރާތްތަކަށް އިހުމާލުވާތީ އެކަމާ އުޅޭށެވެ. ވެމްކޯގެ މުވައްޒަފުންނަށް ހައްގު މުސާރަ ނުލިބޭތީ އެކަން ބަލާށެވެ. އަސާސީ ބޭސް ނުލިބި އެތައް ބަޔަކު ސަލާން ޖަހަން މިއަދު މަޖުބޫރުވާތީ އެކަން ބަލާށެވެ. ބޮޑު މުސާރައެއް ނަގައިގެން 8 ގަޑި އިރު މަސައްކަތެއްކޮށް ވެރިމީހާއަށް އަޅުދާސްތުކޮށްގެން ތިއްބަކަސް ރައްޔިތުންގެ ރުހުމެއް ނުލިބޭނެ އެވެ.






