ފިއްތުންތަކުގެ ކުރިމަތީގައި ނޫސްވެރިކަން...
ރާއްޖޭގެ ނޫސްވެރިކަމުގެ މާހައުލު ގޯސްވަމުންދާކަން ފާހަގަކުރެވޭއިރު، މައުލޫމާތު ހާމަކުރުމުގެ ބަދަލުގައި ސަރުކާރުން ނޫސްވެރިންނަށް ބިރުދައްކައި ޒާތީވާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައި. މީޑިއާތައް ކޮންޓްރޯލްކުރުމަށް ހަދާ ގާނޫނުތަކާއި ނޫސް އިދާރާތަކަށް ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ވަނީ ދަށަށް ވެއްޓިފައި.


ހޯމަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވާހަކަ ދައްކަވަނީ | ރައީސް އޮފީސް
ކޮންމެ އަހަރަކު ވެސް މެއި މަހުގެ 3 ވަނަ ދުވަހަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުވެސް މި ދުވަސް ބައްދަލުކުރާއިރު، ދިވެހި ނޫސްވެރިކަމަށް ފަހި މާހައުލެއް އޮތްކަމަކަށް ދެންނެވޭކަށް ނެތެވެ.
ތަގުރީރުތަކުގައި ނޫސްވެރިންގެ އަގުވަޒަންކުރުމަކީ ފަސޭހަ ކަމެކެވެ. ދުވަހުގެ މުނާސަބަތުގައި ދުވަހާ ގުޅޭ ބަޔާންތައް ނެރުމަކީ ވެސް ފަސޭހަ ކަމެކެވެ. އަދި ކެމެރާތަކުގެ ކުރިމަތީގައި މީޑިއާގެ ދައުރަށް ތައުރީފުކުރުމަކީ ވެސް އުނދަގޫ ކަމެއް ނޫނެވެ. އެކަން ކުރާތަން ފެނެއެވެ. ޤަވާއިދުން އެކަންކަން ކުރިއަށްނުދާ ވާހަކައެއް ނޫނެވެ.
ނަމަވެސް، ހަގީގީ ގޮންޖެހުމަކީ ނޫސްވެރިންނަށް އެމީހުންގެ މަސައްކަތް މިނިވަންކަމާއެކު ކުރުމުގެ ފުރުސަތު ދިނުމެވެ. މައުލޫމާތު ހާމަ ކުރުމެވެ. ނޫސްވެރިންނަށް ފަހި މާހައުލެއް ޤާއިމުކޮށްދިނުމެވެ. މިއީ މިހާރުގެ ސަރުކާރު ފެއިލްވަމުންދާ ދާއިރާއެވެ.
މިއަދުގެ ދިވެހިރާއްޖޭގައި، ދައުލަތުގެ ބާރުތަކާއި ނޫސްވެރިކަމާ ދެމެދު އޮތް ގުޅުން ދަނީ ދުވަހުން ދުވަހަށް ގޯސްވަމުންނެވެ. ނޫސްވެރިން ސީދާ ސުވާލުތައް ކުރިމަތިކުރުމުން، އެއަށް ޖަވާބު ދިނުމުގެ ބަދަލުގައި ފެންނަނީ ވަކިވަކި ނޫސްވެރިންނާ ޒާތީވާ މަންޒަރެވެ. ނޫސްވެރިންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް، ހަގީގީ ޖަވާބުތަކެއް ނުލިބެއެވެ. ސަރުކާރުގެ އިސްވެރިން ދޭތެރެ ދޭތެރެއިން ބަދަލުވެ، ހަރުދަނާ ބަދަލުތަކެއް ގެންނާނެކަމުގެ ފޮނި ހުވަފެން ދެއްކި ނަމަވެސް، އެއިން ނުކުންނަ ނަތީޖާއެއް ނޯވެއެވެ.
ނުވިތާކަށް ސަރުކާރުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތައް މިހާރު ބޮޑަށް ބަދަލުވެފައިވަނީ ދައްކަން ބޭނުންވާ ވާހަކަތަކެއް ދައްކާލުމަށް ނޫސްވެރިން އެއްކޮށްލައިގެން ބާއްވާ ބައްދަލުވުމެއްގެ ގޮތުގައެވެ. އެ ބައްދަލުވުންތަކުގައި ވާހަކަ ގިނަ ނަމަވެސް، ސުވާލުތަކަށް ލިބޭ ޖަވާބު މަދެވެ. މުހިންމު ސުވާލުތައް އެއްފަރާތްކޮށްލައެވެ.
އެހެންކަމުން މިއީ ނޫސްވެރިކަމުގެ މިނިވަންކަމެއް ނޫނެވެ. އެހެނީ މިނިވަން ނޫސްވެރިކަމަކީ ހަމައެކަނި ވެރިކަމުގައި ތިބޭ ބަޔަކަށް ފަސޭހަވާ ގޮތަކަށް، ފަސޭހަވާ މައުލޫމާތެއް އެކަނި ހާމަކޮށްލުމެއް ނޫނެވެ. ހަގީގީ މިނިވަން ނޫސްވެރިކަމަކީ، އެއްވެސް ބިރުވެރިކަމެއް ނުވަތަ ފިއްތުމެއް ނެތި، މައުލޫމާތު ހާމަކުރުމެވެ. އެ ފުރުސަތު ފަހިވެފައި އޮތުމެވެ.
ހަގީގަތުގައި އަމިއްލަ ލީޑަޝިޕަށް އިތުބާރު އޮތް ސަރުކާރަކުން ސުވާލުތަކަކަށް ބިރެއް ނުގަންނާނެއެވެ. ޤައުމީ ސަލަމާތަށް ނުރައްކާ އޮވެ، އަދި އެނޫނަސް ބަލައިގަނެވޭ ޚާއްސަ ޙާލަތްތައް ފިޔަވައި ދެން ހުންނަ ޙާލަތްތަކުގައި އަވަސްވެގަންނާނީ ވެސް މައުލޫމާތު ހާމަ ކުރުމަށެވެ. ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުމަށެވެ. ނަމަވެސް ފެންނަނީ އެ މަންޒަރެއް ނޫނެވެ.
ފަހަކަށް އައިސް ގެނެވުނު ގާނޫނުތަކާއި ގަވާއިދުތަކަށް އައި ބަދަލުތަކުގެ ސަބަބުން، ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ މެދުގައި ބޮޑެތި ކަންބޮޑުވުންތަކެއް ވަނީ އުފެދިފައެވެ. ހާއްސަކޮށް މީޑިއާތައް ރެގިއުލޭޓް ކުރުމާއި، ޖޫރިމަނާ ކުރުމާއި، ސަސްޕެންޑް ކުރުން ނުވަތަ މީޑިއާތަކަށް ހުރަސް އެޅުމަށް ބޮޑެތި ބާރުތަކެއް ލިބިދޭ ފިޔަވަޅުތަކާ މެދު ކަންބޮޑުވުން އެބައޮތެވެ. ފާޑުކިޔާ ފަރާތްތަކުން ބިރުގަންނަނީ، މި ގާނޫނުތަކަކީ އަސްލު ރެގިއުލޭޓް ކުރުމުގެ ބަދަލުގައި، ނޫސްވެރިންނަށް ބިރުދެއްކުމުގެ ވަސީލަތްތަކެއްގެ ގޮތުގައި ބޭނުންކޮށްފާނެތީއެވެ.
އެންމެ ފަހުން ދެން މި ފެންނަން ފެށީ ނޫސް އިދާރާތަކަށް ވަދެ ފާސްކުރުމާއި، ގާނޫނީ އިންޒާރުތަކާއި، ސިޔާސީ ބަދަލުހިފުންތަކެވެ.
2026 ވަނަ އަހަރުގެ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ އަނެއްކާވެސް ފަހަތަށް ގޮސްފައެވެ. 180 ގައުމުގެ ތެރެއިން ރާއްޖެ 108 ވަނައަށް ވެއްޓިފައިވާއިރު، ރާއްޖެ އަދިވެސް އޮތީ ނޫސްވެރިކަން ކުރުމަށް "ދަތި" ގައުމުތަކުގެ ގިންތީގައެވެ. މިއިން ރަމްޒުކޮށްދެނީ ސިޔާސީ ގޮތުންނާއި، ގާނޫނީ ގޮތުންނާއި، އިގްތިސާދީ ގޮތުންނާއި އަދި ރައްކާތެރިކަމުގެ ގޮތުން ނޫސްވެރިންނަށް އޮތް މާހައުލު ގޯސްވަމުންދާ ކަމެވެ.





