ތެޔޮ ރިޒާވް ގާއިމްކުރަން ނުފެށެނީސް ބޭރު ކުންފުނިތަކަށް ކުއްޔަށްދިނުމުގެ ވިސްނުން ހުރި ކަމަށް ފިނޭންސް މިނިސްޓަރު ވިދާޅުވެއްޖެ
ރާއްޖޭގައި ގާއިމްކުރާ ގައުމީ ތެޔޮ ރިޒާވްގެ މަޝްރޫއަށް ބޭނުންވާ ސާވޭތައް އަންނަ ހަފުތާގައި ފެށުމަށް ތައްޔާރުވަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ. މި މަޝްރޫއުގެ ދަށުން ރާއްޖެއަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ތެޔޮ ރައްކާކޮށް، ބޭރުގެ ބޮޑެތި ކުންފުނިތަކަށް ސްޓޯރޭޖް ކުއްޔަށް ދިނުމަކީ ސަރުކާރުގެ ވިސްނުމެއް. މިކަމުގެ ސަބަބުން ގައުމުގެ ކޭޝް ފްލޯއަށް ލުއިލިބި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުން ރާއްޖޭގެ އިގްތިސާދު ރައްކާތެރިކުރެވޭނެ ކަމަށް ސަރުކާރުން ގަބޫލުކުރޭ.


ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު. | ރާއްޖެ އެމްވީ
ރާއްޖޭގެ ތެޔޮ ރައްކާކުރާ މިންވަރު އިތުރުކުރުމަށްޓަކައި ގާއިމްކުރުމަށް ނިންމާފައިވާ ގައުމީ ތެޔޮ ރިޒާވުން ބައެއް ބޭރުގެ ކުންފުނިތަކަށް ކުއްޔަށް ދިނުމަކީ ކުރެވިދާނެ ކަމެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިޢުލާނުކުރައްވާފައިވާ ނޭޝަނަލް ފިއުލް ސްޓޯރޭޖްގެ މަސައްކަތްތައް މިހާރު ބާރުމިނުގައި ކުރިއަށްދާ ކަމަށެވެ.
މި މަޝްރޫއާ ގުޅޭގޮތުން މިނިސްޓަރު ޒަމީރު ވިދާޅުވީ، ތެޔޮ ރައްކާކުރާނެ ބައެއް ލޮކޭޝަންތައް މިހާރު އައިޑެންޓިފައި ކުރެވިފައިވާ ކަމަށެވެ. މިގޮތުން މާލެ ކައިރި ސަރަހައްދަކުން ދެ ރަށެއްގެ ފަޅު ބަލަމުންދާ ކަމަށާއި، އެތަނަކީ ހުރިހާ މޫސުމެއްގައި ވެސް ބޮޑެތި އުޅަނދުފަހަރު ކައިރިކުރެވޭނެ ފަދަ ފަސޭހަ ސަރަހައްދަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެ ސަރަހައްދުތަކުގެ ސާވޭގެ މަސައްކަތް ފެށޭނެ ކަމަށްވެސް ވިދާޅުވި އެވެ.
މިހާރު އަޅުގަނޑުމެން ބައެއް ލޮކޭޝަންތައް އައިޑެންޓިފައިކޮށްފައި، އެނގިވަޑައިގަންނަވާނެ މި ސްޓޯރޭޖް ހެދީމަ އެ ކޮން ލޮކޭޝަނެއްތޯ އަދި އެތަނަށް މޫސުމު މިހާރު އެ ހުންނަ އެކި މޫސުމުގައި ކައިރިކުރުމާ، މިކަހަލަ ކަންކަމަށް ވެސް ފަސޭހަވާނެ ގޮތަކަށް ހުންނަ ސަރަހައްދަކަށް ވާންޖެހޭ. އަދި އެގޮތަށް ބަލާއިރުގައި ފަސޭހައިން އެލޯންގްސައިޑް، ވަރަށް ބޮޑެތި ވެސެލް ކައިރިކުރެވޭނެ ގޮތަށް. އެހެންވީމަ އަޅުގަނޑުމެން މިހާރު ރޭވިފައި މިއޮތީ ތިން ފޭސަކަށް ބަހާލައިގެން ގެންދަން. ފުރަތަމަ ފޭސްގައި، އެއީ މާލެ ކައިރި ސަރަޙައްދުން. މިވަގުތު އެސް.ޓީ.އޯ އިން ދެ ރަށެއްގެ ކައިރީގައި އޮތް ފަޅުގައި ސަރަޙައްދު ބަލަމުން އެބަދޭ އެތަނަށް ބޭނުންވާ، އެތަނުން ކުރަންޖެހޭ ސާރވޭއިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ފެށޭ ހަފްތާ ހިސާބުގައި ސާރވޭކުރުމުގެ ކަންތައް ކުރިއަށްދާނެ.ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
މިނިސްޓަރު ވިދާޅުވި ގޮތުގައި މިހާރު ކުރިއަށްދަނީ ޑިޒައިންތައް އެކުލަވާލުމާއި، ފައިނޭންސް ހޯދުމަށް ބޭނުންވާ ފީޒިބިލިޓީ ހެދުމުގެ މަސައްކަތެވެ. ކުރިއަށް އޮތް ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި މި މަޝްރޫއުގެ ކޮމްޕްރެހެންސިވް ޕްލޭނާއި، ފީޒިބިލިޓީ އަދި ފައިނޭންސިންގ އޮޕްޝަންތައް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމަކީ ސަރުކާރުގެ އަމާޒެކެވެ.
ތެލުގެ ރިޒާވް ބޮޑުކުރުމާ ގުޅޭގޮތުން އާންމުންގެ މެދުގައި ހުރި ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ރާއްޖޭގައި މިހާރު ހުރި ސްޓޯރޭޖުން ފުދެން ނެތްކަން ފާއިތުވި ދިހަ ވަރަކަށް އަހަރުގެ ތަޖުރިބާއިން އެނގޭ ކަމަށެވެ. އަދި އެއް އަހަރު ދުވަހުގެ ތެޔޮ ރައްކާކުރުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް ފަރާތްތަކުން ސުވާލު އުފައްދާފައިވާތީ، އެކަމުގެ ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ މިންވަރު ބަހައްޓާފައި ބާކީ ހުންނަ ބައި ކުއްޔަށް ދިނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މިނިސްޓަރު ޒަމީރު އިތުރަށް ވިދާޅުވީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ތެޔޮ ރައްކާކޮށްގެން ވިޔަފާރިކުރަން ބޭނުންވާ ބައިނަލްއަގުވާމީ ގިނަ ކުންފުނިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން، ބޮޑެތި ތެޔޮ ކުންފުނިތަކާއެކު އެއްބަސްވުމަކަށް އާދެވިއްޖެނަމަ، ރާއްޖޭގެ ކޭޝް ފްލޯއަށް ލުއިވާނެ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ. މި މަސައްކަތަކީ އެސްޓީއޯއާއި ފިނޭންސް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ވަރަށް މުހިންމު އިގްތިސާދީ މަސައްކަތެއްގެ ގޮތުގައި މިނިސްޓަރު ސިފަކުރެއްވިއެވެ.
މިސާލަކަށް ބައެއް ބޭފުޅުން ސުވާލުކުރި އެއް އަހަރުދުވަހުގެ ސްޓޮކް ކީއްކުރަންހޭ މިތާނގައި ބަހައްޓަނީ. އޭގެ ސިމްޕަލް އެއް ޖަވާބަކީ އަޅުގަނޑުމެން މިސާލަކަށް، ހަ މަސްދުވަހުގެ ސްޓޮކް އަޅުގަނޑުމެންގެ ބަހައްޓާފައި ބާކީ ހުރި ބައި އަޅުގަނޑުމެންނަށް ކުއްޔައް ވެސް ދެވޭނެ. އިންޑިއާކަނޑުގެ ތެރޭގައި ސްޓޮކް ބަހައްޓައިގެން އުޅެން ބޭނުންވާނެ ވަރަށް ގިނަ ތެޔޮ ކުންފުނިތައް އުޅޭކަމަށް އަޅުގަނޑުމެންނަށް އެނގިފައި މި އޮންނަނީ. އެހެންވީމާ، މި ސާލަކަށް އޭގެ މޭޖަރ އޮއިލް ޑިސްޓްރިބިއުޝަން ކުންފުންޏެއް، ނޫނީ މިސާލަކަށް ނޭޝަނަލް އޮއިލް ކުންފުނިތަކާ އެއްކޮށް، މެދުއިރުމަތީ ކުންފުނިތަކާ އެއްކޮށް އަޅުގަނޑުމެން އަންނަ އެގްރީމެންޓެއްގެ ތެރެއިންވެސް، މިސާލަކަށް ބޮޑު ސްޓޮކެއް ބަހައްޓާފައި، އަޅުގަނޑުމެންނަށް އެއިން ބޭނުންވާ ވަރަކަށް، މިސާލަކަށް ހަތަރު މަހަށް އަޅުގަނޑުމެން ކޭޝް ފްލޯ ތަންދޭ ގޮތަކަށްވެސް އަޅުގަނޑުމެންނަށް އެ ގަނެވޭނެ ގޮތްތައްވެސް ރޭވޭނެ. އެހެންވީމާ، އެކަހަލަ ވަރަށް ގިނަ އޮޕްޝަންސް ހުރޭ.ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރުމަކީ ރައީސް ޑރ. މުއިއްޒުގެ މުހިންމު ވައުދުފުޅެކެވެ. މި މަޝްރޫއުގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ލޮޅުންތަކުން ރާއްޖޭގެ އިގްތިސާދަށް ކުރާ އަސަރު ކުޑަކުރެވި، ތެލުގެ ރައްކާތެރިކަން ކަށަވަރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެ އެވެ.








