އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް އިއުލާނު ކުރައްވައިފި
މި އެއްބަސްވުމާ ގުޅިގެން ދެ ގައުމުގެ ވެރިންނަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމަށް ޓްރަމްޕް ވިދާޅުވިއިރު، ލުބުނާނުގެ ސަރުކާރާއި ހިޒްބުالله އިން ވެސް ވަނީ މި ނިންމުމަށް މަރުހަބާ ކިޔާފައި. ނަމަވެސް، މި އިއުލާނާ އެކުވެސް ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކުގައި އިޒްރޭލުން ދަނީ ވަރުގަދަ ހަމަލާތަކެއް ދެމުން.

އިޒްރޭލާއި ލުބުނާން ގުޅޭ ބޯޑަރު ސަރަހައްދަށް ރޭގަނޑުގެ ވަގުތެއްގައި ބަޑީގެ ހަމަލާތަކެއް ދެނީ. | ގެޓީ އިމޭޖަސް
އިޒްރޭލާއި ލުބުނާނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެފައިވާކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު އިއުލާނު ކުރައްވައިފިއެވެ. އަދި ދެ ގައުމުގެ ވެރިންގެ މެދުގައި ބާއްވާ ތާރީޚީ ފުރަތަމަ ބައްދަލުވުން އިންތިޒާމުކުރުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައޫންއާ ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކަކީ "ވަރަށް ފުރިހަމަ" މަޝްވަރާތަކެއްގެ ގޮތުގައި ސިފަކުރައްވަމުން، ކުރިއަށް އޮތް މަދު ގަޑިއިރުތަކެއްގެ ތެރޭގައި ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފަށާނެ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޓްރަމްޕްގެ "ޓްރޫތު ސޯޝަލް" ނެޓްވޯކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެ ގައުމުގެ މެދުގައި ސުލްހަ ގާއިމުކުރުމަށްޓަކައި، އީ.އެސް.ޓީ ގަޑިން ހަވީރު 5 ޖަހާއިރު (ޖީ.އެމް.ޓީ ގަޑިން 21:00 ގައި) ރަސްމީކޮށް 10 ދުވަހުގެ މުއްދަތަށް ހަމަލާބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެފައިވާ ކަމަށެވެ.
ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި އިޒްރޭލާއި ލުބުނާނާއެކު މަސައްކަތް ކުރުމަށް، އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވޭންސް އާއި، ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯގެ އިތުރުން އެމެރިކާ އަސްކަރިއްޔާގެ އިސް އޮފިސަރު ޑޭން ކޭން އަށް އަންގަވާފައިވާ ކަމަށްވެސް އެމެރިކާގެ ރައީސް ވިދާޅުވިއެވެ.
އޭގެ ކުޑައިރުކޮޅެއް ފަހުން ޓްރަމްޕް އިތުރަށް ވިދާޅުވީ، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ލުބުނާނުގެ ރައީސް ޖޯސެފް އައޫންއަށް ވައިޓް ހައުސްއަށް ވަޑައިގަތުމަށް ދައުވަތު އަރުވާނެ ކަމަށެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އިއުލާނު މި އައީ، އީރާނާއެކު އެމެރިކާ އާއި އިޒްރޭލުން ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކަށް އައުމަށް ވޮޝިންޓަނުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ. އީރާނުން ބުނަމުންދަނީ ކޮންމެ އެއްބަސްވުމެއްގެ ތެރޭގައިވެސް ލުބުނާނުގައި ހަމަލާބަދަލުކުރުން ހުއްޓާލުން ހިމެނެންޖެހޭނެ ކަމަށެވެ.
އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި 2،000 އަށްވުރެ ގިނަ މީހުން މަރުވެ، މިލިއަނަކަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ. އަދި އިޒްރޭލުގެ އެއްގަމު ސިފައިން ވަނީ ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަރައިގަނެފައެވެ.
ހިޒްބުاللهގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރަކު އޭ.އެފް.ޕީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، އިޒްރޭލުން ހަމަލާތައް ހުއްޓާލައިފިނަމަ، އެ ޖަމާއަތުންވެސް "ސަމާލުކަމާއެކު" ހަމަލާބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.
އިބްރާހީމް އަލް-މޫސަވީ ވަނީ ލުބުނާނުގެ ހައްގުގައި އީރާނުން ފިއްތުންތައް ކުރިމަތިކުރުވީތީ އެ ގައުމަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރުމާ އެއްވަރުގެ ކަމެއްގެ ގޮތުގައި އީރާނުން މިކަން ނުދެކޭނަމަ، ހަމަލާބަދަލުކުރުން ހުއްޓާލުމުގެ މި ފުރުސަތު ނުލިބުނީސް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނޭވާލާނެ ފުރުސަތެއް
ލުބުނާނުގެ މައްސަލައިގައި ކުރިއެރުމެއް ލިބެން އުޅޭކަމުގެ ފުރަތަމަ ނިޝާންތައް ފެނުނީ، ރައީސް އައޫން އާއި ބޮޑުވަޒީރު ނަތަންޔާހޫ ބުރާސްފަތި ދުވަހު ވާހަކަދައްކަވާނެ ކަމަށް ބުދަ ދުވަހުގެ ރޭ ޓްރަމްޕް ވިދާޅުވުމާ ގުޅިގެންނެވެ.
ބުދަ ދުވަހު ޓްރޫތު ސޯޝަލްގައި ޓްރަމްޕް ވިދާޅުވީ، އިޒްރޭލާއި ލުބުނާނާ ދެމެދު "ނޭވާލާނެ ކުޑަ ފުރުސަތެއް" ހޯދައިދޭން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިއީ 1993 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ދެ ގައުމުގެ ސަފީރުން ވޮޝިންޓަނުގައި ބޭއްވި ބައްދަލުވުމަށް އިޝާރާތްކުރައްވައި އޭނާ ދެއްކެވި ވާހަކަފުޅެކެވެ.
ނަމަވެސް، ބުރާސްފަތި ދުވަހު ނަތަންޔާހޫއާ ސީދާ ފޯނުން ވާހަކަދެއްކެވުމަށް އެމެރިކާއިން އެދުނު އެދުމަށް ރައީސް އައޫން އިންކާރު ކުރެއްވި ކަމަށް ރަސްމީ މަސްދަރަކުން އޭ.އެފް.ޕީ އަށް މައުލޫމާތު ދީފައިވެއެވެ.
އޭގެ ބަދަލުގައި، ރައީސް އައޫންގެ އޮފީހުން ކަށަވަރުކޮށްދިން ގޮތުގައި، އެމެރިކާގެ ރައީސާ ފޯނުން ވާހަކަދައްކަވައި، އިޒްރޭލާއެކު ހަމަލާބަދަލުކުރުން ހުއްޓާލުމަށް ޓްރަމްޕް ކުރެއްވި "މަސައްކަތްޕުޅުތަކަށް" އައޫން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަށް ޓްރަމްޕް ކުރެއްވި އިއުލާނަށް މަރުހަބާ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ހިޒްބުالله އާއި އިޒްރޭލާ ދެމެދު ހަނގުރާމަ ފެށުނު ފުރަތަމަ ދުވަހުން ފެށިގެން ލުބުނާނުން އެދެމުންދިޔަ މުހިންމު ކަމެއް ކަމަށެވެ. އަދި މިކަމުގައި ޔޫރަޕްގެ ގައުމުތަކާއި އަރަބި ގައުމުތަކުން ވެދިން އެހީތެރިކަމަށް ވެސް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސާ އުރްސުލާ ވޮން ޑަަ ލޭޔަން ވަނީ ހަމަލާބަދަލުކުރުން ހުއްޓާލުމަކީ ލިބުނު "ބޮޑު ހިތްހަމަޖެހުމެއް" ކަމަށް ވިދާޅުވެ އެކަމަށް ތައުރީފު ކުރައްވާފައެވެ.
ނަމަވެސް، ޓްރަމްޕްގެ މި އިއުލާނާ ހަމައަށްވެސް އެ ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދިޔައީ ބަދަލުކުރެވެމުންނެވެ.
ލުބުނާނުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު ބުނީ، ދެކުނުގެ ލިޓާނީ ކޯރުގެ މަތިން އޮންނަ ގަސްމިޔާ ފާލަން އިޒްރޭލުގެ ހަމަލާތަކުގައި ހަލާކުކޮށްލުމާ ގުޅިގެން، އެ ސަރަހައްދު ގައުމުގެ އެހެން ބައިތަކާ ވަކިވެފައިވާ ކަމަށެވެ.
އިޒްރޭލުގެ އަސްކަރިއްޔާއިން ބުރާސްފަތި ދުވަހު އަނެއްކާވެސް ވަނީ، ބޯޑަރުގެ އުތުރުން ގާތްގަނޑަކަށް 40 ކިލޯމީޓަރު (25 މޭލު) ދުރުގައި އޮންނަ ޒަހްރާނީ ކޯރާ ހަމައަށް، ލުބުނާނުގެ ދެކުނުގެ މުޅި ސަރަހައްދު ހުސްކުރުމަށް އާންމުންނަށް އަންގާފައެވެ.
މިދަނޑިވަޅުގައި، ލުބުނާނުގެ ދައުލަތުގެ ނޫސް އެޖެންސީ (އެން.އެން.އޭ) އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބޯޑަރާ 5 ކިލޯމީޓަރު ދުރުގައި އޮންނަ ބިންތު ޖުބައިލް ކިޔާ ރަށުގައި ހިޒްބުاللهގެ ހަނގުރާމަވެރިންނާއި އިޒްރޭލު ސިފައިންނާ ދެމެދު ދަނީ ވަރުގަދަ ކުރިމަތިލުންތަކެއް ހިނގަމުންނެވެ.
ވައިޓް ހައުސްއިން ބުނެފައިވާ ގޮތުގައި، މިދިޔަ ހަފުތާ ބަންދުގައި އީރާނާއެކު ބޭއްވި ފުރަތަމަ ބުރުގެ މަޝްވަރާތަކުން އެއްބަސްވުމަކަށް ނާދެވުމުން، ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ދެވަނަ ބުރުގެ މަޝްވަރާތައް ބޭއްވުމާ މެދު ދަނީ ވާހަކަދެކެވެމުންނެވެ.
ނަމަވެސް، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލަކު ފާހަގަކުރެއްވި ގޮތުގައި، އިޒްރޭލާއި ހިޒްބުالله އާ ދެމެދު ލުބުނާނުގައި ހިނގަމުންދާ ހަމަލާބަދަލުކުރުންތައް ހުއްޓާލުމަކީ ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރެވޭ މަޝްވަރާތަކުގެ ބައެއް ނޫނެވެ.







