އިޒްރޭލުން ބެއިރޫތަށް ވަރުގަދަ ހަމަލާތަކެއް ދީފި
ހިޒްބުالله އިން އިޒްރޭލަށް 100 އަށްވުރެ ގިނަ ރޮކެޓް ފޮނުވާލުމާ ގުޅިގެން އިޒްރޭލުން ބެއިރޫތަށް ދިން ހަމަލާތަކުގެ ސަބަބުން މުޅި ސިޓީގެ ތެރޭގައި ގޮވުންތަކުގެ ބާރު އަޑުފަށްގަނޑު ވަނީ ގުގުމާލާފައި.

ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް، 2026 ވަނަ އަހަރުގެ މާރިޗު މަހުގެ 11 ވީ ބުދަ ދުވަހު އިޒްރޭލުން ވަރުގަދަ ހަމަލާއެއް ދީފި. | ރޮއިޓާސް
ލުބުނާނުގެ ހިޒްބުالله ޖަމާއަތުން އިޒްރޭލުގެ އުތުރުގެ ސަރަހައްދުތަކަށް ގިނަ އަދަދެއްގެ ރޮކެޓް ހަމަލާތަކެއް ފޮނުވާލުމާ ގުޅިގެން، ބަދަލުހިފުމުގެ ގޮތުން ބުދަ ދުވަހުގެ ރޭ ދަންވަރު އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގެ ސަބަބުން ބެއިރޫތުގެ އުޑުމަތި ރަތްކުލައިގެ އަލިގަދަ ފްލޭޝްތަކުން ދިއްލިގެން ދިޔައިރު، އެ ސަރަހައްދުގެ ބައެއް އިމާރާތްތަކުގައި ވަނީ އަލިފާން ރޯވެފައެވެ.
އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ފެށުމުގައި، އީރާނުގެ އެންމެ މަތީ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އޭގެ ބަދަލުހިފުމަށް މާރިޗު މަހުގެ 2 ވަނަ ދުވަހު ހިޒްބުالله އިން ހަމަލާދޭން ފެށުމުން، އިޒްރޭލުން ވަނީ އީރާނުގެ މަދަދުލިބޭ އެ ޖަމާއަތާ ދެކޮޅަށް ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ފަށާފައެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ލުބުނާނުން 600 އަށްވުރެ ގިނަ މީހުން މަރުވެ، 800,000 އަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ދޫކޮށް ރަށްވެހިކަން ގެއްލިފައެވެ.
ބުދަ ދުވަހުގެ ރޭ ހިޒްބުالله އިން ބުނެފައިވަނީ، މިއީ ކުރިއަށް އޮތް "ސިލްސިލާ އޮޕަރޭޝަންތަކެއްގެ" ބައެއްގެ ގޮތުން އިޒްރޭލުގެ އުތުރަށް ފޮނުވާލި އެތައް ދަހަ ރޮކެޓް ހަމަލާތަކެއް ކަމަށެވެ. މިއީ ކުރިއަށް އޮތްތަނުގައި އިތުރު ހަމަލާތަކެއް އަތުވެދާނެ ކަމުގެ އިޝާރާތެކެވެ. ލުބުނާނުގެ ސަލާމަތީ މަސްދަރުތަކުން ރޮއިޓާސް ނިއުސް އެޖެންސީއަށް މައުލޫމާތު ދީފައިވާ ގޮތުގައި، އިޒްރޭލަށް 100 އަށްވުރެ ގިނަ ރޮކެޓް ވަނީ ފޮނުވާލާފައެވެ.
އިޒްރޭލުގެ ދިފާއީ ދާއިރާގެ އިސް އޮފިޝަލަކު ބުނީ، މިއީ އީރާނާއި ހިޒްބުالله ގުޅިގެން ދިން މިސައިލް ހަމަލާއެއް ކަމަށާއި، މިއީ ހަނގުރާމަ ފެށުނު ފަހުން އިޒްރޭލާއި ދެކޮޅަށް ދިން މިފަދަ ފުރަތަމަ ކޯޑިނޭޓެޑް ނުވަތަ ގުޅިފައިވާ ހަމަލާ ކަމަށެވެ.
ގެދޮރު ގެއްލިފައިވާ ލުބުނާނުގެ ރައްޔިތުންނަށް "ދަތި ހާލަތެއް"
ލުބުނާނުން ފޮނުވާލި ރޮކެޓްތައް އިޒްރޭލުގެ މިސައިލް ޑިފެންސް ސިސްޓަމުން ހުއްޓުވުމަށް މަސައްކަތް ކުރަމުންދިޔައިރު، އިޒްރޭލުގެ ނާޒަރެތު ސިޓީގެ އުތުރުން އުޑުމަތީގައި އެތައް ގޮވުންތަކެއްގެ އަލި ފެންނަން ހުއްޓެވެ. މީގެ ތެރެއިން ބައެއް ރޮކެޓްތައް ބިމަށް ވެއްޓޭ މަންޒަރު ވެސް ވަނީ ފެނިފައެވެ.
އިޒްރޭލުގެ އެމްބިއުލާންސް ސާވިސްއިން ބުނި ގޮތުގައި، މި ރޮކެޓް ހަމަލާތަކުގެ ސަބަބުން ދެ މީހަކަށް ވަނީ ކުދިކުދި އަނިޔާތައް ލިބިފައެވެ.
ހިޒްބުاللهގެ ހަމަލާއަށް ފަހު ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އިޒްރޭލުން ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކަށް ހަމަލާދޭން ފެށިއިރު، މުޅި ސިޓީގެ ތެރޭގައި ގޮވުންތަކުގެ ބާރު އަޑުފަށްގަނޑު ވަނީ ގުގުމާލާފައެވެ.
ރޮއިޓާސްގެ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ބައިރޫތުގެ އުޑުމަތި ވަނީ ބޯ ދުމުން ފޮރުވިފައެވެ. ބޮން އެޅި ބައެއް ތަންތަނުގައި ރޭގަނޑު ދަންވަރު ވަންދެން އޮރެންޖު ކުލައިގެ އަލިފާންގަނޑުތައް ފެންނަން ހުއްޓެވެ.
ވޭތުވެދިޔަ ހަފުތާގައި އިޒްރޭލުގެ އަސްކަރިއްޔާއިން ތަކުރާރުކޮށް ބެއިރޫތުގެ ދެކުނުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް އެ ސަރަހައްދު ދޫކޮށް ދިއުމަށް އަމުރުކޮށްފައިވާއިރު، މީގެ ސަބަބުން ސަރުކާރުގެ ހިޔާވަހިތަކަށް ނުކަތާވަރަށް މީހުން ޖަމާވެ، ބޮޑު ކާރިސާއެއް ވަނީ އުފެދިފައެވެ.
ނޯވޭޖިއަން ރެފިއުޖީ ކައުންސިލްގެ ލުބުނާނު ޑިރެކްޓަރު މައުރީން ފިލިޕޯން ވިދާޅުވި ގޮތުގައި، ގެދޮރު ގެއްލިފައިވާ 800,000 މީހުންގެ ތެރެއިން ސަރުކާރުގެ ހިޔާވަހިތަކުން ޖާގަ ލިބިފައިވަނީ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ވެސް މަދު ބަޔަކަށެވެ. އަދި އެތަންތަނުގައި ވެސް މީހުން ދިރިއުޅެމުންދަނީ "އިންތިހާއަށް ދަތި ހާލަތެއްގައި" ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހިޔާވަހިތަކުގައި ފެންވަރާނެ ތަންތަނާއި އެކަށީގެންވާ ފާޚާނާ ނެތްއިރު، އެއް ކޮޓަރިއެއްގައި އެތައް އާއިލާއެއް ދިރިއުޅެން ޖެހިފައިވާ ކަމަށާއި، ގައިންގަޔަށް އަރާ ބަލިތައް ފެތުރިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ރޮއިޓާސްއަށް ކިޔައިދިނެވެ.
ދެކުނުގެ ސަރަހައްދުތަކުގެ ބައެއް ރައްޔިތުން ރޮއިޓާސްއަށް ބުނި ގޮތުގައި، އިޒްރޭލުން އެ ސަރަހައްދުތައް ހުސްކުރުމަށް އަމުރުކުރި ނަމަވެސް، ދާނެ އެހެން ތަނެއް ނެތުމުން ބޮން އެޅުން މެދުކަނޑާލާ ވަގުތުތަކުގައި އެނބުރި ގެއަށް ދިއުން ނޫން ގޮތެއް އެމީހުންނަކަށް ނެތެވެ.
ބުދަ ދުވަހުގެ ރޭ ހަމަލާތައް ފެށުމަށްފަހު، އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފައިވަނީ ހިޒްބުالله އާ ދެކޮޅަށް "ވަރަށް އަވަހަށް ވަރުގަދަ ބާރެއްގެ ބޭނުންކުރާނެ" ކަމަށާއި، ރައްޔިތުން ވަގުތުން އެ ސަރަހައްދުތަކުން ފޭބުމަށެވެ.
ލުބުނާނުގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، މާރިޗު މަހުގެ 2 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ލުބުނާނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 634 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި 91 ކުޑަކުދިން ވެސް ހިމެނެއެވެ.
މަސްދަރު: ރޮއިޓާސް






