ގޮނޑި ގެއްލޭ އިސްލާޙުގެ އަޑުއެހުން: 13 މަހަށް ފަހު ސުޕްރީމް ކޯޓުގައި އަނެއްކާވެސް ކުރިއަށް!
ޕާޓީ ބަދަލުކުރުމުން މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި 6 ވަނަ އިސްލާހު ބާތިލުކުރަން ވަކީލު އަލީ ހުސައިން ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން އަލުން ފަށައިފި. މި އިސްލާހަކީ ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާއި ރިޔާސީ ނިޒާމުގެ ސިފަތަކާ ހިލާފު ބަދަލެއް ކަމަށް މައްސަލަ ހުށަހެޅި ފަރާތާއި އެމްޑީޕީން ބުނާއިރު، ދައުލަތުން ވަނީ މިއީ ކޯޓަށް ބެލޭނެ މައްސަލައެއް ނޫން ކަމަށް ބުނެފައި. ހަތް ފަނޑިޔާރުންގެ ބެންޗަކުން ބައްލަވާ މި މައްސަލައިގައި ދައުލަތުން ބުނަނީ އިސްލާހު ގެނައުމުގައި ގާނޫނީ އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށް.


ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލަ | ރާއްޖެ އެމްވީ
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ޙާލަތްތައް ބަޔާންކޮށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމަށް ސުޕްރީމް ކޯޓަށް ހުށައެޅި މައްސަލައިގެ އަޑުއެހުމެއް ގިނަ ދުވަސްތަކަކަށް ފަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
މިއީ ކޮން މައްސަލައެއް؟
މި މައްސަލައަކީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާޙު ބާތިލުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ ހުށަހެޅުއްވީ ޤާނޫނީ ވަކީލު އަލީ ހުސައިންއެވެ.
ޤާނޫނުއަސާސީއަށް ގެނެސްފައިވާ 6 ވަނަ އިސްލާހުގައިވާ ގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވި މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުން، ނުވަތަ އަމިއްލަގޮތުން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ސޮއިކުރުން، ނުވަތަ މެންބަރަކު އަމިއްލައަށް ޕާޓީން ވަކިވުން ނުވަތަ ޕާޓީން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅިފައިވާ މި މައްސަލައިގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4، 8، 26، 75 އަދި 90 ވަނަ މާއްދާއާހިލާފަށް އަދި ގާނޫނުއަސާސީގެ އަސާސީ އޮނިގަނޑާވެސް ހިލާފަށް ކަމަށެވެ. އެހެންކަމުން މިއީ ދުސްތޫރީ ބާރުވެރިކަން ލިބިގެން ނުވާ ބާތިލު އިސްލާޙެއްކަމަށް ކަނޑައަޅުއްވައިދެއްވުމަށް ވަނީ އެދިފައެވެ.
މައްސަލަ ކުރިއަށް ގޮސްފައިވާ ގޮތް:
މި މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔައީ 2025 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. އޭރު މައިގަނޑު 4 ސަބަބެއްގެ މައްޗަށް ބިނާކޮށް އަލީ ހުސައިންގެ ފަރާތުން މި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ.
މީގެ އިތުރުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ކޯޓުން ނިންމުމުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ މަގާމުން ވަކިކުރުމާބެހޭ އެއްވެސް އިޖުރާއަތެއް ނުހިންގުމަށް އަމުރުކޮށްދީ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އޭރު އެދިފައި އޮތެވެ.
އެހެންނަމަވެސް ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށް އޮތް އަޑުއެހުން ފެށެން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ސަސްޕެންޑުކޮށް އޭރު ހިނގާދިޔަ ކަންތައްތަކާއެކު މިއަދާ ހަމައަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާފައެއް ނުވެއެވެ.
އެހެންކަމުން 14 އޭޕްރީލްވީ އަންގާރަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި އައު ބެންޗަކާއެކު މައްސަލަ ފަށައި، ދައުލަތުން ޖަވާބު ދިނުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ 7 ފަނޑިޔާރުންގެ ބެންޗުންނެވެ. އެގޮތުން މިހާރު ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދާއި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނާއި، ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމާއި، ފަނޑިޔާރު ޙުސައިން ޝަހީދާއި، ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ އިތުރުން ފަނޑިޔާރު މުޙައްމަދު ސަލީމެވެ.
ދައުލަތުން ބުނަނީ ކީކޭ؟
ބަންޑާރަނައިބުގެ އޮފީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ހަލީމް ވިދާޅުވީ، މި އިސްލާޙު ފާސްކުރުމަށް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާތީ މައްސަލަ ހުށަހެޅި ފަރާތުގެ އެ ސަބަބަކީ ހުއްޖަތެއްކަމަށް ބެލެވޭކަށް ނެތް ކަމަށެވެ.
ވަކީލު ވިދާޅުވީ، ޤާނޫނުއަސާސީގެ އެއް މާއްދާ އަދި އަނެއް މާއްދާ ތައާރުޒުވާކަމަށް ބުނެ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިދާނެކަމަށް ޤަބޫލު ނުކުރެވޭކަމަށެވެ. ދުސްތޫރީ މައްސަލައިގެ މާނަ ކުރުމުގެ ތެރެއަށް ފެތެނީ ޤާނޫނުއަސާސީއާ ތަޢާރުޟްވުމުގެ ސަބަބުން ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް، ނުވަތަ ޤަވާޢިދެއް، ނުވަތަ ޤަވާޢިދެއްގެ ބައެއް، ނުވަތަ ދައުލަތުގެ އިދާރާއަކުން ނެރުނު އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރި ކަމެއް ނުވަތަ ނިންމި ނިންމުމެއްކަމަށް ވަކީލު ވިދާޅުވިއެވެ. ނަމަވެސް މި ޙާލަތުގައި ހުށަހަޅާފައި މިވަނީ ޤާނޫނުގެ ބައެއް ނޫން ކަމަށާއި، މިހާރު ހުށަހެޅިފައިމިވަނީ ޤާނޫނުއަސާސީގެ އެއް މާއްދާ އަދި އަނެއް މާއްދާ ތައާރުޒުވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެއްކަމަށް ވަކީލު ވިދާޅުވިއެވެ.
ދައުލަތުގެ ވަކީލު ވަނީ މި މައްސަލައަކީ ސުޕްރީމް ކޯޓަށް ބެލުމުގެ އިޙްތިސާސް ލިބޭ މައްސަލައެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދިފައެވެ. އަދި މިއީ އެ ކޯޓަށް ބެލޭނެ މައްސަލައެއްކަމަށް ކަނޑައަޅާ ޙާލަތުގައިވެސް މިއީ ޤާނޫނުއަސާސީއާ ޚިލާފު އިސްލާޙެއްކަމަށް ކަނޑައެޅެން ނެތްކަމަށް ނިންމެވުމަށް ދައުލަތުން އެދިފައިވެއެވެ.
މައްސަލަ ހުށަހެޅި ފަރާތުން ބުނަނީ ކީކޭ؟
އަލީ ހުސައިންގެ ފަރާތުން ފާހަގަ ކުރެއްވި ގޮތުގައި މި އިސްލާޙު ފާސްކުރުމަށް ގާނޫނުއަސާސީގެ 12 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖުރާއަތުތައް ފުރިހަމަކޮށްފައިވާކަމަށް ދައުލަތުން ބުނި ނަމަވެސް، އެއް ދުވަހެއްގައި ގާނޫނުއަސާސީއަށް އިސްލާހު ހުށައަޅައި ހަމަ އެދުވަހު މަޖިލީހުގައި ހިންގަންޖެހޭ ތިން ކިޔުން ހިންގާ، އަދި އިސްލާހު ފާސްކޮށް 9 ގަޑިއިރުގެ ތެރޭގައި އެކަން ތަސްދީގުކުރުމަކީ ގާނޫނުއަސާސީގެ މަފްހޫމާ އެއްގޮތަށް ދިޔަ ކަމެއް ނޫނެވެ.
މީގެ އިތުރުން، ޤާނޫނުގެ މާނައިގައި ޤާނޫނުއަސާސީ ނުހިމެނޭނެ ގޮތެއް ނޯންނާނެކަމަށްވެސް މައްސަލަ ހުށަހެޅުއްވި ފަރާތުން ފާހަގަކޮށްފައިވެއެވެ.
ހަމައެއާއެކު، މިއީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު އިސްލާޙެއްކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ފާހަގަކޮށްފައިވެއެވެ. އެގޮތުން ގާނޫނުއަސާސީގެ އަސާސީ ސިފަތަކާއި އޮނިގަނޑަށް ބަދަލުގެނުވާ ”ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިންއާ“ ހިލާފު އިސްލާޙެއްކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، މި އިސްލާޙުގެ ސަބަބުން އަންނާނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތައް ކަމަށާއި، ރާއްޖޭގައި އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ދައުލަތުން ކުރިމަތިލާންޖެހޭ ފަދަ ޙާލަތްތައް އައިސްދާނެކަމަށް ވަކީލު ވިދާޅުވިއެވެ.
މި އިސްލާޙުގައި މެމްބަރަކު ސިޔާސީ ޕާޓީތަކުން ވަކި ކުރުމުން ގޮނޑި ގެއްލޭކަމަށް ބަޔާންކޮށްފައިވާއިރު، އެކަމުގެ އެއްވެސް ތަފްސީލެއްވެސް އެނގެން ނެތް ކަމަށާއި، މުތުލަޤަށް ސިޔާސީ ޕާޓީއަށް އެ ބާރު ދެވިފައިވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ. އެގޮތުން އިސްލާޙުގައި އޮތީ ޤާނޫނުގައިވާ ގޮތުގެ މަތިން ވަކި ކުރުން ކަމަށްވާއިރު، މި ޙާލަތުގައި އަމަލުކުރާނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށްކަމަށް ވަކީލު ވިދާޅުވިއެވެ. އަދި ސިޔާސީ ޕާޓީތަކުގެ ޤާނޫނު ބޮޑަށް ބިނާވަނީ ޕާޓީތަކުގެ އަސާސީ ޤަވާއިދާ ހިންގާ ޤަވާއިދަށް އަމަލުކޮށް، އެ ޕާޓީތަކަށް ބާރުތައް އޮންނަ ގޮތަށް ކަމަށްވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ޤާނޫނުއަސާސީގެ 90 ވަނަ މާއްދާގައި މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒަށްވެސް ނުފޫޒު ފޯރުވޭކަމަށް ވަކީލު ވިދާޅުވިއެވެ.
ވަކީލު ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނަށް ރުހުން ދިނުމާއި، މިނިވަން މުއައްސަސާތަކަށް މެމްބަރުން އައްޔަނުކުރުން ފަދަ އެތައް ކަމެއް މެމްބަރުންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނެ ކަމަށާއި، މި އިސްލާޙުގެ ސަބަބުން އެ ނިންމުންތަކަށް ނުފޫޒު ފޯރުވައި ކޮންޓްރޯލް ކުރުމުގެ ފުރުސަތު އެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށް އޮންނާނެ ކަމަށެވެ.
އޭގެ އިތުރުން، އެ ޤާނޫނަކީ ރިޔާސީ ނިޒާމު ގަޑުބަޑުވެގެންދާގޮތަށް އެކުލަވާލާފައިވާ ޤާނޫނެއްކަމަށްވެސް މައްސަލައިގައި ބުނެފައިވެއެވެ.
ޤާނޫނަށް ގެނެސްފައިވާ މި އިސްލާޙަށް އަމަލު ކުރެވެމުންދާ މުއްދަތުގައިވެސް މި އިސްލާޙަކީ މިހާރު މަޖިލީހަށް އިންތިޚާބުވެފައިވާ މެމްބަރުންގެ މައްޗަށް ރަޖުއީކޮށް ތަތުބީޤު ކުރެވޭނެ (ފަހުން ހަދާ ޤާނޫނެއް ކުރިން ހިނގި ކަމެއްގެ މައްޗަށް ހިންގޭގޮތަށް އޮތުން) އިސްލާޙެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށްވެސް އަލީ ހުސައިން ހުށަހެޅުއްވި މި މައްސަލައިގައި އެދިފައިވެއެވެ.
މައްސަލައަށް ތަދައްޚުލުވި އެމްޑީޕީން ބުނީ ކީކޭ؟
މި މައްސަލައިގައި އެމްޑީޕީންވެސް ތަދައްޚުލުވެފައިވާއިރު، އެމްޑީޕީގެ ފަރާތުން އެކަމާ ގުޅޭ ނުކުތާތައް ހުށަހެޅުއްވީ އެ ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރުއެވެ.
އަނަސް ވިދާޅުވީ، މި މައްސަލަ ހުށަހެޅި ފަރާތުން ސުޕްރީމް ކޯޓުގައި ދެއްކެވި ވާހަކަތަކަށް އެމްޑީޕީންވެސް ތާއީދު ކުރާ ކަމަށެވެ. މި އިސްލާޙަކީ ރައްޔިތުންގެ ބާރު ނިގުޅައިގަނެވިގެންދާ ފަދަ އިސްލާޙެއްކަމަށް އަނަސް ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފުވެސް ވާހަކަ ދައްކަވާފައިވެއެވެ. މައުރޫފް ވިދާޅުވީ، ދައުލަތުގެ ޖަވާބުގައި އެންޓި ޑިފެކްޝަންގެ ތާރީޚާއި އެ ޕޮލިސީތަކާމެދު ބަހުސްކޮށްފައިވާއިރު، ހަގީގަތުގައި ހުށަހެޅިފައި މިވާ މައްސަލައަކީ ޕޮލިސީތަކާ ގުޅޭ މައްސަލައެއް ނޫން ކަމަށާއި، މިއީ އެ އިސްލާޙު ބާތިލުކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
މައުރޫފް ވިދާޅުވީ، ދައުލަތުން ބުނާ ގޮތަށް ސީދާ "ޕްރިއެމްބަލް" (ދީބާޖާގައި) ލިޔެފައި ނެތް ނަމަވެސް، ރާއްޖޭގެ ޖުމްހޫރިއްޔަތާ ގުޅޭ ވާހަކަ އަދި ދައުލަތުގެ ސިފަތައް ޤާނޫނުއަސާސީގައި އެބައޮތް ކަމަށާއި، މި އިސްލާޙަކީ އެ ސިފަތަކާ ޚިލާފު އިސްލާޙެއް ކަމަށެވެ. އެގޮތުން ފުރަތަމަ ބާބުގައިވެސް ދައުލަތުގެ ސިފަތައް ސާފުކޮށް ބަޔާންކޮށްފައި އެބައޮތްކަން މައުރޫފް ފާހަގަ ކުރެއްވިއެވެ.






